އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު ނަސްރުﷲ އަހުމަދަކީ އިންޓަރނޭޝަނަލް ފުލްމެރެތަން އެންމެގިނައިން ދުވެފައިވާ ރާއްޖޭގެ އެތުލީޓެވެ.
އައްޑޫސިޓީގައި މިއަދު ފަށާ އީކުއޭޓަރ އައްޑޫސިޓީ އިންޓަރނޭޝަނަލް މެރެތަންގައި އޭނާ ދުވާނެއެވެ. މި މެރެތަންއަކީ އޭނާގެ 23 ވަނަ އިންޓަރނޭޝަނަލް މެރެތަންއެވެ. މިއީ އިންޓަރނޭޝަނަލް މެރެތަންއެއްގައި އޭނާ ރާއްޖޭގައި ދުވާ ދެވަނަ ފަހަރެވެ.
ނަސްރުﷲ މިހާތަނަށްވަނީ ރާއްޖޭގެ އިތުރަށް ރާއްޖެއިން ބޭރުގެ އެތައް ގައުމެއްގައި ދުވެފައެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ނޭޕާލް، ޖަޕާން، ސިންގަޕޫރު، ހޮންކޮންގް، މެލޭޝިއާ، ތުރުކީވިލާތް، ތައިލެންޑު، ދުބާއީފަދަ ގައުމުތައް ހިމެނެއެވެ. މީގެ ތެރެއިން ގިނަގައުމުތަކުގައި އޭނާ ވަނީ ހެޓްރިކްވެސް ހަދައިފައެވެ. މިގައުމުތަކުގެ ތެރެއިން ފުލެޓް ރޫޓުތައް ހިމެނޭ ގައުމުތައް ވަރަށްމަދެވެ.
ފުލެޓް ރޫޓަށް ބަލާއިރު މިހާތަނަށް އޭނާއަށް އެންމެ ކަމުދާ ރޫޓަކީ ޖަރުމަނުގެ ބާލިން ރޫޓެވެ. އޭނާ ދެވަނަ ދެނީ ދުބާއި ރޫޓަށެވެ. ތިންވަނަ ދެނީ އައްޑޫ ސިޓީ ރޫޓަށެވެ. "އައްޑޫ ސިޓީގައި މިއޮތީ ފްލެޓް ރޫޓެއް. ފުލެޓް ރޫޓުގައި ދުވަން ފަސޭހަވާނެ. މިއީ އަޅުގަނޑު މިހާތަނަށް ދިޔަ ގައުމުތަކަށްބަލާއިރު ތިންވަނައަށް އެންމެ ބެސްޓް ފުލެޓް ރޫޓު. އެއްވަނައަކީ ޖަރުމަން، ދެވަނައަކީ ދުބާއި،" ނަސްރު ބުންޏެވެ. އެހެންކަމުން އައްޑޫސިޓީގައި މެރެތަން ބާއްވާ ރޫޓަކީ ދުނިޔެއަށް މަޝްހޫރު ކުރެވިދާނެ ރޫޓެކެވެ. މިއަދު އައްޑޫގައި ބާއްވާ މެރެތަންއަކީ އެކަމުގެ ފެށުމަށްވެސް ވެދާނެއެވެ.
އެންމެފަހުން ނަސްރު ދުވެފައިވަނީ ދުބާއީގައި އިހަށްދުވަހު ނިމުނު ފުލްމެރެތަންގައެވެ. އެހެންވެ އައްޑޫގައި މިއަދު ފަށާ މެރެތަންއަށް އޭނާ ފިޓެއްނޫނެވެ. އޭނާ އާންމުކޮށް ދުވަނީ ފައިވް ކޭ އާއި، ޓެން ކޭ އާއި، ހަފް އަދި ފުލްމެރެތަންގައެވެ. "ދުބާއީ މެރެތަންއަށްފަހު އަދި ފިޓެއްނޫން އީކުއޭޓަރ އައްޑޫ އިންޓަރނޭޝަނަލް މެރެތަންގައި ދުވަން. އެކަމަކުވެސް މީގައި ބައިވެރި މިވަނީ މެރެތަންގެ ބައިވެރިންނާއި، އިންތިޒާމްކުރާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން. ދުވަން ފަށާއިރު ހާލަތު ރަނގަޅު ކަމަށްވާނަމަ ދުވާނީ ވަނައަކަށް،" ނަސްރު ބުންޏެވެ. ދިގު ދުވުމަކަށްފަހު ރިކަވާވާން ތިން ހަފްތާވަރު ހޭދަވާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާއަކީ ދުވުމުގެ އިތުރަށް ކޯޗެއްވެސް މެއެވެ. މިހާރުވެސް 28 މީހުންނަށް މުޅިން ހިލޭ އޭނާ ކޯޗުކޮށްދެއެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ 6 މީހަކުވެސް ހިމެނެއެވެ.
ނަސްރު ބުނީ މަސައްކަތްކުރަނީ މިދާއިރާއަށް އަބަދުވެސް އާ މީހުން ނެރެން ކަމަށެވެ. އެކަން ކުރެވޭނީ އެންމެން ގުޅިގެން ކަމަށްވެސް އޭނާ ބުންޏެވެ. "ހުރިހާ ކޯޗުންވެސް އެބަޖެހޭ ރާއްޖޭގައި ބާއްވާ މިފަދަ އިވެންޓުތަކުގައި އެމީހަކު ތަމްރީންކުރާ ކުދިން ބައިވެރިކުރުވަން. އަދި ރޭސް ނިންމުމަށްފަހު އެކުދިންގެ ޓައިމާމެދު ފާޑުކިޔުމުގެ ބަދަލުގައި ހިތްވަރުދީ ކުރިއަށްއޮތް ތަނަށް ކުދިން ތައްޔާރު ކުރުމަކީ ކުދިން މޯޓިވޭޓްވާނެ ކަމެއް. އެ ކުއްޖެއްގެ ކޯޗާއި އެހެން ކޯޗުންވެސް ޖެހެނޭ އެ ކުއްޖަކު ރޭސް ނިންމި ވަގުތަކަށް އިހުތިރާމްކޮށް ހިތްވަރުދޭން،" ނަސްރު ބުންޏެވެ.
ރާއްޖޭގައި ބާއްވާ މެރެތަންތަކުގެ ތެރެއިން އެންމެ ފުރިހަމަ އިންތިޒާމެއްގެ ދަށުން ބާއްވާފައިވަނީ ޓީއެފްޖީގެ ދުވުންތައް ކަމަށް ދުވުންތެރިންގެ ތެރެއިން ގިނަބަޔަކު ގަބޫލުކުރެއެވެ. އެހެންނަމަވެސް ޓީއެފްޖީގެ އެއްވެސް ދުވުމަކުން ނަރުސްﷲ އާއި އޭނާގެ ޓީމް ނުފެނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
އެސުވާލުގެ ޖަވާބުގައި ނަސްރުﷲ ބުނީ ޓީއެފްޖީގެ ދުވުންތަކަކީ ރަނގަޅު އިންތިޒާމެއްގެ ދަށުން ބާއްވާ އެއްޗެއްކަން އޭނާވެސް ގަބޫލުކުރާ ކަމަށެވެ. "އެހެންނަމަވެސް އޭގައި ބައިވެރިނުވަނީ އެ އިވެންޓް ތަކަކީ އެތުލެޓިކްސް އެސޯސިއޭޝަނުން އެޕްރޫވް ކޮށްފައިނުވާ އިވެންޓަށްވާތީ. އޭގައި ބައިވެރިވެގެން ރެކޯޑެއް ހެދިޔަސް އެޕްރޫވް ކޮށްފައި ނުވާތީ އެތުލެޓިކްސް އެސޯސިއޭޝަނުން ގަބޫލެއް ނުކުރޭ. އެހެންވެ ރިސްކެއް ނުނަގަންވެގެން ބައިވެރި ނުވަނީ. އެކަމަކު އެ އިވެންޓްތައް އެޕްރޫވް ކުރުމުން ބައިވެރިވާނަން އިރާދަކުރެއްވިއްޔާ" ނަސްރު ބުންޏެވެ.
ނަސްރުﷲ މިދާއިރާއަށްވަނީ ސިފައިންގެ ކުލަބުން ބޭއްވި އިންޓަރ ޔުނިޓް އެތުލެޓިކް މުބާރާތަކުން ތިންވަނަ ލިބުނު ހިސާބުންނެވެ. "އެހިސާބުން ފެށިގެން ޗީފްއޮފް ސްޓާފް ވަރަށް ބޮޑަށް ހިތްވަރު ދެއްވަން ފަށްޓަވައިފި މިދާއިރާއިން ކުރިއަށް ދިޔުމަށް. އެހީސާބުން ފަށައިގެން މިދަނީ މަސައްކަތްކުރަމުން. އެކަމަށްޓަކައި ޗީފަށާއި ސިފައިންގެ ކުލަބުގެ އިސްވެރިންނަށް ޝުކުރު ދަންނަވަން،" ނަސްރުﷲ ބުންޏެވެ. ނަސްރުﷲ ހުރީ އަދިވެސް ދޫކޮށްލާ ގޮތަކަށް ނޫނެވެ.