ބޭންކް އޮފް މޯލްޑިވްސް އިން ސްޕޯޓްސް ސްކޮލަރޝިޕް ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން މިއަދު ސްޕޯޓްސް ސްކޮލާޝިޕް ތައާރަފްކޮށްފި އެވެ.

މި ސްކޮލާޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ ތެރެއިން 3 އެތުލީޓަކަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމް.އޯ.ސީ) އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސްކޮލަރޝިޕް އަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ " ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި އެކިއެކި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅިގެން ބީއެމްއެލް އިން ދަނީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުން. މޮޅު އެތުލީޓުންނަށް ރާއްޖޭގައި އާއި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ކާމިޔާބީ ހާސިލްކޮށްދިނުމުގެ ބޭނުމުގައި މިއަދު ސްޕޯޓްސް ސްކޮލާޝިޕް އިއުލާން ކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ކޮންމެ މަހެއްގައިވެސް ބޭންކުން ތައާރަފްކުރަމުންދާ ހަރަކާތްތަކަކީ މުޖުތަމައަށް އެހީތެރިވުމަށާއި ރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށް ކުރެވޭ މުހިންމު އިންވެސްޓެއްވެސްމެ."

ސްޕޯޓްސް ސްކޮލާޝިޕް އަށް ހުށަހެޅުމާ ގުޅޭ ތަފްސީލު ފަހުގެ ތާރީހެއްގައި ހާމަކުރެވޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.