މާތް ﷲ ވާގިފުޅާއި ދަަރުމަވަންތަވެެރިކަމާއެކު ދިވެހިރާއްޖެ އިސްލާމްވީ ހިޖުރައިން 500 ގެ ތެރޭގައި އައްޑޫ މީދޫއަށް ވަޑައިގެންނެވި ތަބްރޭޒީ ބޭކަލުންތަކެއްގެ އަތްޕުޅު މައްޗަށެވެ. މިދެންނެވި ތަބްރޭޒީންނަކީ ޢަޤީދާގެ ގޮތުން އަޝްޢަރީ ބޭކަލުންނެވެ. އެބޭކަލުންގެ އަތްޕުޅު މައްޗަށް އިސްލާމްވީހައި މީހުން ތިބީ ޢަޝްޢަރީ ޢަޤީދާގެ މަތީގައެވެ. އޭގެފަހުން ރަސްމީކޮށް ދިވެހިރާއްޖޭގެ ރަސްގެފާނު މަހާކަލަމިންޖާ، މުޙައްމަދު ރަސްގެފާނު އިސްލާމްވެ ވަޑައިގަތީ ބަރްބަރީން ވަޑައިގެންނެވި އަބުލް ބަރަކާތުގެ އަތްޕުޅު މައްޗަށެވެ. އަބުލް ބަރަކާތަކީ އަޝްޢަރީއެކެވެ. އަދި މުޙައްމަދު ރަސްގެފާނު ވެވަޑައިގަތީ އަޝްޢަރީއަކަށެވެ. އެއަށްފަހު ރަސްގެފާނުންގެ އަމުރުފުޅަށް ހިޖުރައިން 548 ގައި މުޅި ދިވެހި ރާއްޖެ ރަސްމީކޮށް އިސްލާމް ވީއެވެ. ހިޖުރައިން 745 ގައި މަޣުރިބު ކަރައިން ރާއްޖެ ވަޑައިގެން ރާއްޖޭގެ ފަނޑިޔާރުކަން ކުރަށްވައި، ރާއްޖޭގައި އިޞްލާޙީ ކަންތައްތަކެއް ކުރެއްވި އިބްނި ބަޠޫޠާއަކީ ވެސް އަޝްޢަރީއެކެވެ. އާދެ، އެންމެހައި ދިވެހިންނަކީ އަޝްޢަރީންނެވެ. އޭރުން ފެށިގެން ދިވެހި ރާއްޖެއަށް އެހާރާއި މިހާރުގައި ވަޑައިގެންނެވިހައި ޢިލްމުވެރިންނަކީ އަދި ޝައިޚުންނަކީ އަޝްޢަރީންނެވެ. އެއީ މައްކާއިން ކިޔެވިކަމުގައި ވިއަސް ޙަޟްރަމައުތުން ވިއަސް ޢަދަނުން ވިއަސް އަޒްހަރުން ވިއަސް އަސޭކަރައިން ވިއަސް ޢަލީގަޅުން ވިއަސް ދެއުބަންދުން ވިއަސް ލަކްނޫއިން ވިއަޔަސް ގުޖުރާތުން ވިއަސް ނުވަތަ ގާލީން ވިއަސް ރާއްޖޭއަށް ވަޑައިގެންފައިވާ އެންމެހައި ޢިލްމުވެރިންނަކީ ޢަޝްޢަރީ ޢަޤީދާގެމަތީ ޤާއިމުވެ ތިއްބެވި ބޭކަލުންނެވެ.
ޙަޟުރަމައުތުންނާއި މައްކާއިން ކިޔަވައި ވިދާޅުވެގެން ރާއްޖެއަށް ފުރަތަމަ ވަޑައިގަތީ ޝައިޚުލް އިސްލާމު މުޙައްމަދު ޖަމާލުއްދީން، ވާދޫ ދަންނަކަލޭގެފާނެވެ. އޭނާއަކީ ޢަޤީދާގެ ގޮތުން އަޝްޢަރީއެކެވެ. ފިޤްހީ ގޮތުން ޝާފިޢީއެކެވެ. ޤިރާއަތުގެ ގޮތުން ޙަފްޞީއެވެ. އެބަހީ ކިޔަވައި ވިދާޅުވަނީ މަޝްހޫރު ދިހަ ޤިރާއަތުގެ ތެރެއިން ޙަފްޞު ޤިރާއަތަށެވެ. އޭނާގެ އަތްމައްޗަށް ވަރަށްގިނަ ދިވެހިންދަރިވަރުވެ ޢިލްމުވެރިންނަށާއި ފަނޑިޔާރުން އުފެދުނެވެ. މިއެންމެންނަކީ މިބުނެވުނު ތިން މަޛްހަަބަށް އުޅުއްވި ބޭކަލުންނެވެ. ވާދޫ ދަންނަކަލޭގެފާނަށްފަހު ދެން ރާއްޖޭގައި މަޝްހޫރު އެދުރަކަށް ހުންނެވީ މީދޫ ބަހާއުއްދީން ދޮންބެއްޔާއެވެ. އޭނާއަކީ އަޝްޢަރީއެކެވެ. އޭނާގެ ދަރިވަރުންނަކީ އަޝްޢަރީންނެވެ. ޝައިޚު ޙުސައިން ޞަލާޙުއްދީނަކީ އަޝްޢަރީއެކެވެ. މިޞުރުން އެހާރާއި މިހާރު ވަޑައިގެންނެވި އެންމެހައި އުސްތާޛުންނާއި ޝައިޚުންނަކީ އަޝްޢަރީންނެވެ. ޝައިޚު ޢަބްދުއްރަޙްމާނަކީ އަޝްޢަރީއެކެވެ. އަޅުގަނޑުގެ ބޮޑުބޭބެ ޝައިޚު ޙުސައިން ރަހާއަކީ އަޝްޢަރީއެކެވެ. މަޝްހޫރު އައްޑޫ ދޮންމަނިކާއި އިބްރާހީމް ލުޠްފީއާއި ނައިބު ތުއްތޫއާއި ޙަސަން ތާޖުއްދީނާއި ޢުމަރު ޢީސާއާއި ޢަބްދުލް ޤައްޔޫމު ސީދީއާއި ޢަލީ ޙުސައިން ދީދީއާއި މުޙައްމަދު ޖަމީލާއި މުޙައްމަދު ސަޢީދާއި އިބްރާހީމް ޝިހާބާއި އަޙްމަދު ޝާޠިރާއި ޖަލާލުއްދީނާއި މޫސާ ފަތުޙީއާއި އިބްރާހީމް ރުޝްދީއާއި މިއެންމެހައި ބޭފުޅުންނަކީ އަޝްޢަރީންނެވެ. އަދި ދަންނަވަންތޯއެވެ. 1970 ގެ މެދުތެރެއާ ޖެހެންދެން ރާއްޖެއަށް އިސްލާމީ ތަޢުލީމު ޙާޞިލު ކުރަށްވައިގެން ވަޑައިގެންނެވި ކޮންމެ ބޭފުޅަކު ހުންނެވީ އަޝްޢަރީ، ޝާފިޢީ، ޙަފްޞީއެއްގެ ގޮތުގައެވެ. ދެން 70ގެ ފަހުކޮޅުން ފެށިގެން މަދީނާއިން ކިޔަވައިގެން ޢަޝްޢަރީ ޢަޤީދާ ފާސިދު ކަމުގައި ދަޢުވާކުރާ ބަޔަކު އަންނަން ފަށައިފިއެވެ. ޝާފިޢީ މަޛްހަބާ ޙަންބަލީ މަޛްހަބާ މަސްހުނިކޮށް ﷲ އަށް ގުނަވަން ސާބިތުކޮށް އެޢަޤީދާ ފަތުރަން ފަށައިފިއެވެ. އެހެންނަމަވެސް މިބޭފުޅުންގެ ތެރޭންވެސް ވަރަށް ގިނަ ބޭފުޅުންނަކީ އަޝްޢަރީންނެވެ.
މިދެންނެވި ބާޠިލް ޢަޤީދާ އަޅުގަނޑުމެންގެ ތެރޭގައި ފަތުރަން އުޅުމުގެ ސަބަބުން ޤައުމުގައި ހަމަނުޖެހުން ނަގާލެވި ފިތުނަފަސާދައަށް މަގުފަހިވާން ފަށައިފިއެވެ. ސްކޫލުތަކުގެ ކުޑަކުޑަ ކުދިންވެސް މީސްމީހުން ކާފަރުކުރަން ފަށައިފިއެވެ. ދަންނަވަންތޯއެެވެ. އަޅުގަނޑުމެންނަކީ އަޝްޢަރީންނެވެ. އަޝްޢަރީންނަކީ أَهْلُ السُّنَّةِ وَالْجَمَاعَةِ ގެ މީހުންނެވެ. އަޝްޢަރީންނަކީ ސަލަފީންނެވެ. އަޝްޢަރީންނަކީ ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައިވާ الْفِرْقَةُ النَّاجِيَةُ (ސަލާމަތްވަނިވި ޖަމާޢަތު)ގެތެރޭގައި ހިމެނޭމީހުންނެވެ. އަޅުގަނޑުމެން ޤުރުއާނާއިޙަދީޘު ދެނެގަންނަނީ ސަލަފުއްޞާލުޙުންގެ ތެރެއިން ފުރަތަމަ ޤަރުނުން ފެށިގެން ފަހަކާ ޖެހެންދެން ވަޑައިގެންނެވި ބޮޑެތި އެންމެހައި އިމާމުންގެ އަރިހުންނެވެ. ލާމަޛްހަބު ފަތުރަމުންދާ ފަހު ޒަމާނުގެ ތެދިން އިމާމުންނާއި މީހުން ކާފަރުކުރަމުންދާ މިޒަމާނުގެ ދެތިން ޝައިޚުންނަކަށް ދީނީ ފަތުވާ ހޯދުމުގައި އަޅުގަނޑުމެން ބަރޯސާ ކުރާކަށް ނުޖެހެއެވެ. އަޅުގަނޑުމެން ދީން އުނގެނެނީ، އަދި ތަބާވަނީ ހަތަރު މަޛްހަބުގެ ހަތަރު އިމާމުންނާއި އެމަޛްހަބުތަކުގެ އިމާމުންނާއި އެނޫން ބޭކަލުންގެ ކިބައިންނެވެ. އަޅުގަނޑުމެން އެއްވެސް ބަޔަކު ކާފަރު ނުކުރަމެވެ. ޝަހާދަތް ކިޔައިފި ކޮންމެ މީހަކީ އިސްލާމެކެވެ. ޚަވާރިޖުންނާއި ޝިޔަޢީންނާއި ޖަހްމީންނާއި މުޢުތަޒިލާއިންނާއި ޞޫފީންނާއި ދެއުބަންދީންނާއި ބަރެއުލީންނާއި ޖަމާޢަތީންނާއި އިޚްވާނީންނާއި ޣައިރު މުޤައްލިދުންނާއި މިނޫނަސް ތަފާތު ގޮތްތަކާއި ޢަޤީދާތައް ޤަބޫލުކުރާ މުސްލިމުން އެންމެންނަކީ މުސްލިމުންނެވެ. އެއިން އެއްވެސް ބަޔަކު ކާފަރު ނުކުރަމެވެ. މިއެންމެންގެ ތެރޭގައި އިޖްތިހާދީ ކުށް އެބަހުއްޓެވެ. އެއަށް އަޅުގަނޑުމެން އިޢުތިރާފުވަމެވެ.
ދެން އަޅުގަނޑުތޯއެވެ؟ ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. އަޅުގަނޑަކީ ސުއްނީ މުސްލިމެކެވެ. ބިދުޢަތީއެއް ނޫނެވެ. ޝާފިޢީއެކެވެ. މަސްހުނި ޙަންބަލީއެއް ނޫނެވެ. އަޝްޢަރީއެކެވެ. ތައިމީ، ވައްހާބީއެއް ނޫނެވެ. އަޅުގަނޑު ޤުރުއާން ކިޔަވަނީ ޙަފްޞު މަޛްހަބަށެވެ. އެބަހީ ޙަފްޞު ޤިރާއަތަށެވެ. އަޅުގަނޑު ފިޤްހީ މައްސަލަތައް ބަލަނީ ޝާފިޢީ މަޛްހަބާ އެއްގޮތަށް އިމާމު ނަވަވީ ދެއްވާ ފަތުވާއަށެވެ. އަޅުގަނޑު ޢަޤީދާގެ މައްސަލަތަކުގައި ޚާއްޞަކޮށް ޤުރުއާނާއި ޙަދީޘުގައި ހުރި ﷲ އަށް ނިސްބަތްވެފައިވާ ބައެއް ލަފުޒަތަކުގެ މާނަކުރަނީ ތިންވަނަ ޤަރުނުން ފެށިފެށިގެން މިއަދާހަމައަށް ސުއްނަތު ވަލްޖަމާޢަތުގެ ބޮޑެތި އިމާމުން ތައުވީލު ކުރެއްވި މަންހަޖުގެ މަތީގައި އިމާމު ނަވަވީއާއި އިމާމު އިބްނި ޙަޖަރު ބުރަވެ ވަޑައިގަންނަވާ ގޮތަށެވެ.
الحمدلله ربالعالمين! އަޅުގަނޑުވެސް ތަބާ ވަނީ ތިޔަވިދާޅުވާ ގޮތްތަކަށެވެ. ޝުކުރިއްޔާ ޙުސައިން ރަޝީދު!