އޯޝަން ލައިބްރަރީގެ ނަމުގައި ރައީސް ނަޝީދުގެ ބެއްލެވުމުގެ ދަށުން ކުތުބުޚާނާއެއް ހުޅުވައިފި

އޯޝަން ޕަބްލިޝަރސްގެ ފަރާތުން މާލޭގެ ޗާނދަނީ މަގުގައި ކުޑަ ކުތުބުޚާނާއެއް ހުޅުވައިފިއެވެ. ޗާނދަނީމަގުގެ މަޖީދީ މަގުން ދެކުނު ފަޅީގައި ހުންނަ ސައުތު ޝައިންގެ އެއްވަނަ ބުރީގައި ގާއިމުކޮށްފައިވާ މި ކުތުބުޚާނާ ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު ހެނދުނު 9.00 އިން ރޭގަނޑު 10.00 އަށެވެ. ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ މެންދުރު ފަހު 2.00 އިން ރޭގަނޑު 10.00 އަށެވެ.

މި ކުތުބުޚާނާއަކީ ބޭނުން ކޮންމެ މީހަކު ވަދެ ފޮތް ކިޔައިލާން އިނދެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ތަނެކެވެ. މިހާރުވެސް ބައެއް ތާރީޚީ ފޮތާއި އިހުގެ ފޮތާއި ވާހަކަ ފޮތް ކިޔައިލެވޭން އެބަހުއްޓެވެ.

އޯޝަން ލައިބްރަރީއަކީ އޯޝަން ޕަބްލިޝަރސްގެ ފަރާތުން ހިންގާ ކުތުބުޚާނާއެކެވެ. މި މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. އޯޝަން ޕަބްލިޝަރސްގެ ފަރާތުން މިހައިތަނަށް ވަނީ ތިން ފޮތެއް ޗާޕުކޮށްގެން ނެރެފައެވެ. ފުރަތަމަ ފޮތަކީ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވި "ދެ ރަދުން" މި ފޮތެވެ. ދެވަނަ އަށް ނެރުނީ ރައީސް ނަޝީދުގެ ކޮއްކޮ އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު ލިޔުއްވައިފައިވާ "ދިވެހި ލަފުޒުގެ ކިއްސަރު" މި ފޮތެވެ. ތިން ވަނައަށް ނެރުނީ އިހަށްރޭ ނެރުނު "މަޖުބޫރުވި ބަދަލު" މި ފޮތެވެ. މި ފޮތް ލިޔުއްވައިފައި ވަނީ ޢާއިޝަތު ވަޙީދެވެ.

އޯޝަން ޕަބްލިޝަރސް ގެ ފަރާތުން ނެރުނު "ދެ ރަދުން" ފިޔަވައި އަނެއް ދެ ފޮތަކީ އަތުން ހަން ޖަހައިގެން ނެރެފައިވާ ދެ ފޮތެވެ. އެނގިފައިވާ ގޮތުގައި މި ހުރިހައި މަސައްކަތެއް ކުރަމުން ދަނީ ރައީސް ނަޝީދުގެ ބެއްލެވުމުގެ ދަށުންނެވެ. މައިގަނޑު ގޮތެއްގައި އެ މަނިކުފާނު ކުރައްވާ މަސައްކަތެއްގެ ގޮތުގައެވެ.

އޯޝަން ޕަބްލިޝަރސްގެ މަސައްކަތެއްގެ ގޮތުގައި ހަތަރު ކަމެއް ވަނީ ފާހަގަކޮށްފައެވެ. އެއް މަސައްކަތަކީ ފޮތް ޝާއިއުކުރުމެވެ. ފޮތް ލިޔާ މީހުން ލިޔެފައި ހުށަހެޅީމާ ވިކޭ އެއްޗަކުން ކަމިޝަން ލިބޭ ގޮތަށް ފޮތުގެ ލޭއައުޓު ހަދައި ޗާޕުކޮށް ވިއްކުމުގެ ހުރިހައި މަސައްކަތެއް ކުރާނީ އޯޝަން ޕަބްލިޝަރސް އިންނެވެ.

ދެވަނަ ކަމަކީ ތާރީޚީ ދިރާސާ ކުރުމެވެ. ރާއްޖެއާއި އިންޑިއާ ކަނޑުގެ ގައުމުތަކުގެ ގުޅުމުގެ މައްޗަށް ދިރާސާކޮށް ލިޔުމާއި ފޮތް ޝާއިއު ކުރުމަކީ މިބައިގައި ހިމެނޭ ކަމެކެވެ.

ތިންވަނަ ކަމަކީ ބަހަވީ ދިރާސާ ކުރުމެވެ. މި ބައިގައި އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު ވަރަށް މުހިއްމު ދައުރެއް އަދާކުރައްވައެވެ. އޭނާ ލިޔުއްވައި ޝާއިއުކުރެއްވި ފޮތަކީ މި މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހަތަރުވަނަ ކަމަކީ ތާރީޚީ ލިޔުމާއި ތަކެތި ހޯދައި ރައްކާތެރިކުރުމާއި ބެލެހެއްޓުމުގެ މަސައްކަތެވެ.

މި މަސައްކަތްތަކުގެ އިތުރަށް ކުރެހުންތެރިކަން ކުރިއެރުވުމަކީވެސް އޯޝަން ޕަބްލިޝަރސްއިން ކުރަމުން ގެންދާ ޚާއްސަ މަސައްކަތެކެވެ.

އޯޝަން ލައިބްރަރީން މައުލޫމާތު ދެއްވި ގޮތުގައި މި ކުތުބުޚާނާއަށް ފޮތް ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ އާއްމުކޮށް ހުޅުވައިލާފައެވެ. އަދި ވިއްކާ ގޮތަށްވެސް ފޮތް ބަހައްޓައިދެއެވެ.

އެނގިފައިވާ ގޮތުގައި މިހާރުވެސް ރައީސް ނަޝީދު ގެންދަވަނީ ބަހަވީ ދިރާސާއެއް ކުރުމަށް ބަޔަކާ ހަވާލު ކުރައްވައިގެން ފޮތެއްގެ މަސައްކަތް ކުރައްވަމުންނެވެ. އަދި ތާރީޚީ ދިރާސާތައް އަމިއްލަފުޅަށްވެސް ކުރައްވަމުން އެބަގެންދަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.