ﷲ ވޮޑިގެންވުމަކަށް ތަނެއް، ޒަމާނެއް، މަކާނެއް ބޭނުންވެ ވޮޑިގެން ނުވެއެވެ. އެއިލާހުއީ ދިރިދެމިވޮޑިގެންވާ އިލާހެވެ. ތަނާއި ޒަމާނާއި މަކާން އުފެއްދެވުމުގެ ކުރިން އެއިލާހު ވޮޑިގެން ވެއެވެ. މިއެއްޗެއްސަކީ އެއިލާހުގެ މަޚްލޫޤުންނެވެ. ޢަރުޝިއާއި ކުރުސިއަކީ އެއިލާހުގެ މަޚްލޫޤުންނެވެ. އެއިލާހަށް މިއިން އެއްވެސް އެއްޗަކަށް ބޭނުންވެ ވޮޑިގެނެއް ނުވެއެވެ. އެއިލާހު ވޮޑިގެންވާކަށް ވަކިތަނެއް ނުވެއެވެ. އެއިލާހުގެ ޢިލްމުވަނީ ފެތުރިގެން، އެންމެހައި މަޚްލޫޤުން ވަށާލައިގެންނެވެ. އެއިލާހު ހުރިހާކަމެއް ދެނެވޮޑިގެން ވެއެވެ. އިމާމު މުސްލިމާއި ތިރްމިޛީއާއި އެނޫން ބޭކަލުން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ކީރިތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ތިމަންމެންނަށް ނިދާއިރު ކިޔާނެ ދުޢާއެއް ދަސްކޮށް ދެއްވިއެވެ. އޭގައިއޮތް އެއް ޢިބާރަތަކީ: أَنْتَ الْأَوَّلُ فَلَيْسَ قَبْلَكَ شَيْءٌ وَأَنْتَ الْآخِرُ فَلَيْسَ بَعْدَكَ شَيْءٌ وَالظَّاهِرُ فَلَيْسَ فَوْقَكَ شَيْءٌ (މާނައީ: ތިޔަ އިލާހުއީ ފުރަތަމަ އެވެ. ތިޔަ އިލާހުގެ ކުރިއަކުން އެއްޗެއް ނުވެއެވެ. ތިޔަ އިލާހުއީ އެންމެ ފަހެވެ. ތިޔަ އިލާހުގެ ފަހަކުން އެއްޗެއް ނުވެއެވެ. ތިޔަ އިލާހުއީ ފާޅުވެ ވޮޑިގެންވާ އިލާހެވެ. ތިޔައިލާހަށް ވުރެން މަތިވެރި އެއްޗެއް ނުވެއެވެ.)
މިހާރަކަށް އައިސް ބައެއް މީހުން ދެކެނީ ﷲ ވޮޑިގެންވަނީ އުޑުގައި ކަމަށެވެ. އިށީނދެ ވޮޑިގެންވަނީ ޢަރުޝީގައެވެ. ކޮންމެރެއަކު އެއްވަނަ އުޑަށް ފައިބައިވޮޑިގަންނަވާ ކަމަށެވެ. މިއީ އިލާހުގެ ޒާތުފުޅަށް މުސްތަޙީލު ކަމެކެވެ. އިމާމު ނަވަވީ އަލްމިންހާޖުގެ 5/190 ގައި ވިދާޅުވެފައި ވެއެވެ. قَالَ الْقَاضِي عِيَاضٌ: لَا خِلَافَ بَيْنَ الْمُسْلِمِينَ قَاطِبَةً فَقِيهُهُمْ وَمُحَدِّثُهُمْ وَمُتَكَلِّمُهُمْ وَنُظَّارُهُمْ وَمُقَلِّدُهُمْ أَنَّ الظَّوَاهِرَ الْوَارِدَةَ بِذِكْرِ اللَّهِ تَعَالَى فِي السَّمَاءِ كَقَوْلِهِ تَعَالَى: أَأَمِنْتُمْ مَنْ فِي السَّمَاءِ أَنْ يَخْسِفَ بِكُمُ الْأَرْضَ وَنَحْوِهِ لَيْسَتْ عَلَى ظَاهِرِهَا ، بَلْ مُتَأَوَّلَةٌ عِنْدَ جَمِيعِهِمْ ، فَمَنْ قَالَ بِإِثْبَاتِ جِهَةِ فَوْقُ مِنْ غَيْرِ تَحْدِيدٍ وَلَا تَكْيِيفٍ مِنَ الْمُحَدِّثِينَ وَالْفُقَهَاءِ وَالْمُتَكَلِّمِينَ تَأَوَّلَ : فِي السَّمَاءِ، أَيْ : عَلَى السَّمَاءِ، وَمَنْ قَالَ مِنْ دَهْمَاءِ النُّظَّارِ وَالْمُتَكَلِّمِينَ وَأَصْحَابِ التَّنْزِيهِ بِنَفْيِ الْحَدِّ وَاسْتِحَالَةِ الْجِهَةِ فِي حَقِّهِ سُبْحَانَهُ وَتَعَالَى تَأَوَّلُوهَا تَأْوِيلَاتٍ بِحَسَبِ مُقْتَضَاهَا މާނައީ: މާލިކީ މަޛްހަބުގެ މަޝްހޫރު އިމާމެއް ކަމުގައިވާ ޤާޟީ ޢިޔާޟު (ދިރިއުޅުއްވީ ހިޖުރައިން 476-544 ގައި) ވިދާޅުވެފައި ވެއެވެ. މާތް ﷲ ވަޙީ ކުރަށްވާފައިވާ ބައެއް އާޔަތްތަކުން އެއިލާހު އުޑުގައި ވޮޑިގެންވާ ކަމަށް ދޭހަވާ އާޔަތްތަކުގެ ބޭރުފުށުގެ މާނަ މުރާދުވެގެން ނުވާކަމާމެދު މުސްލިމު ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނުވެއެވެ. އޭގެތެރޭން އެއް އާޔަތަކީ މުލްކު ސޫރަތުގެ 15 ވަނަ އާޔަތެވެ. އޭގައި ﷲ ވަޙީ ކުރަށްވާފައި ވެއެވެ. أَأَمِنتُم مَّن فِي السَّمَاءِ أَن يَخْسِفَ بِكُمُ الْأَرْضَ(މާނައީ: ނިކަން ވިސްނާށެވެ. އުޑުގައި އެއިލާހުގެ ރަސްކަންފުޅު ހިނގަމުންދާ، މަތިވެރިވެގެންވާ އިލާހު ތިޔަބައި މީހުންނާއިގެން ބިންގަނޑު ގެންބެވުމަށް އިރާދަކުރަށްވަފާނެ ކަމާމެދު ތިޔަބައިމީހުން ޖެހިލުން ވުމެއްވެސް ނެތީހެއްޔެވެ؟) ޢިލްމުވެރިން ވިދާޅުވަނީ މިފަދަ ތަންތާގައި އޭގެ ބޭރުފުށުގެ މުރާދު ނޯންނަ ކަމަށެވެ. އެއީ ފިޤުހުވެރިން ކަމުގައިވިއަސް މުޙައްދިޡުން ކަމުގައި ވިއަސް ޢިލްމުލް ކަލާމުގެ ދަންނަބޭކަލުން ކަމުގައި ވިއަސް އަހުލުއްރައުޔު ކަމުގައި ވިއަސް އަދި ޢާއްމު ޢިލްމުވެރިން ކަމުގައިވިއަސް ވެހެވެ. އަދި ކިއެއްހެއްޔެވެ؟ އެއެންމެން ދެކޭގޮތުގައި އެތަންތާގައި ކުރެވޭނީ ތައުވީލެވެ. ދަންނާށެވެ! ޙަދީޘު ޢިލްމުވެރިންނާއި ފިޤުހުވެރިންނާއި މުތަކައްލިމީންގެ ތެރެއިން ﷲ އަށް ފަރާތް ސާބިތުވާކުރަށްވާ ބޭކަލުންވެސް ދެކެވަޑައިގަންނަވަނީ ވަކިތަނެއް، ވަކިގޮތެއް ކަނޑައެޅުމެއްނެތި، ވަކި ސިފައެއްނެތި އުޑަށްވުރެން މަތިވެރިވެ ވޮޑިގެންވާ ކަމަށެވެ. އަދި މުތަކައްލިމީންނާއި ފަލްސަފާވެރިންނާއި އެނޫން ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ވަކި ތަނެއް ކަނޑައެޅުމާއި ވަކި ފަރާތެއްގައި ވޮޑިގެން ވުމަކީ މަތިވެރި މާތް ﷲގެ ޙައްޤުގައި މުސްތަޙީލު ކަމެކެވެ. އެހެންކަމުން އެބޭކަލުން ކޮންމެ އާޔަތެއްގައި ވެސް އެތަނަކާ ގުޅޭގޮތަކަށް އެތަނެއްގައި ތައުވީލު ކުރަށްވަނީއެވެ.
ދަންނަވަންތޯއެވެ؟ مَنْ فِي السَّمَاءِގެ ލަފްޒީ މާނައަކީ އުޑުގައި ދިރިއުޅުއްވާ އިލާހެވެ. ﷲގެ ޒާތުފުޅާމެދު މިގޮތަށް މާނަކުރުން ޞައްޙަ ނުވާނެއެވެ. އިމާމު ޤުރުޠުބީ ޢިލްމުވެރިންގެ އަރިހުން مَنْ فِي السَّمَاءِގެ ތަފާތު މާނަ އޮންނަ ކަމަށް ބަޔާންކުރަށްވަމުން ވިދާޅުވަނީ އެކަލޭގެފާނު ބުރަވެ ވަޑަގަންނަވަނީ خَالِقُ مَنْ فِي السَّمَاءِ (މާނައީ: އުޑުގައިވާ މަޚްލޫޤުން އުފެއްދި އިލާހު) ކަމަށެވެ. ބައެއް ބޭކަލުންގެ ނަޒަރުގައި ޤުދުރަތާއި ރަސްކަންފުޅާއި ޢަރުޝިއާ އެނޫނަސް ތަފާތު މާނަ ވާކަމަށެވެ. ބައެއް ބޭކަލުންގެ އަރިހުގައި އެއީ ޖިބްރިލުގެފާނު ކަމަށެވެ. މިހެނީ އުޑުން ފޮނުއްވާ ޢަޛާބާ ޙަވާލުވެ ވަޑައިގެންވަނީ އެކަލޭގެފާނެވެ.
އާދެ، ﷲއީ ފެށުމެއްނެތި އިސްވެ ވޮޑިގެންވާ، ނިމުމެއްނެތި ދެމިވޮޑިގެންވާ، މަޚްލޫޤުތަކުންނަށް ވުރެން މަތިވެރިވެ ވޮޑިގެންވާ އިލާހެވެ. އެއިލާހުގެ ޒާތުފުޅަށް ބަދަލުވުމެއް ނަގުލުމެއް ނުވެއެވެ. އެއިލާހަށް ވަކި ފަރާތެއް ވަކި ދިމާއެއް ނުވެއެވެ. ހިިނގުމެއް، ދުވުމެއް، އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމެއް އެއިލާހަށް ބޭނުންވެ ވޮޑިގެނެއް ނުވެއެވެ. ޢާލަމްތައް ހެއްދެވުމަށްފަހު، އެއިލާހުގެ މަޚްލޫޤުންނަށް ދިމާއާއި ފަރާތް ލެއްވިއެވެ. އެއިލާހުއީ ފަރާތާއި ދިމާއިން ހުސްދުރުވެ ވޮޑިގެންވާ ހުރިހާތަކެއްޗަށް ވުރެން މަތިވެތިވެވޮޑިގެންވާ މާތް ﷲ އެވެ.