
ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތަކުގެ ސަބަބުން، އެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ އެތައް ޙައްޤުތަކެއް އިތުރަށް ކަށަވަރުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ބައިނަލްއަޤްވަމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައި ދެއްވި ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ ދަޢުލަތް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި، ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުޞަތު ކުރިއަށްވުރެ ބޮޑަށް ތަނަވަސްވެފައިވާ ކަމަށެވެ. އަދި ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންނަށް ބާރުތައް ދިނުމުގައި މިންތީގެ ތަފާތުތައް އެއްފަރާތްކޮށް، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށާއި އަންހެނުން ބާރުވެރިކުރުމަށް، ޤާނޫނުތަކަށް މިހާރު ވެސް ގިނަ ބަދަލުތަކެއް ގެންނަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި މިފަހުގެ ތާރީޚުގައި ރާއްޖޭގައި އެޅުނު އެންމެ މުހިންމު ފިޔަވަޅަކީ، ލޯކަލް ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤްޞަދުގައި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތައްކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެހެން ޤައުމުތަކެކޭ އެއްފަދައިން ތިމާވެށީގެ މައްސަލަތަކާއި ޓެރަރިޒަމްފަދަ މައްސަލަތަކަކީ ރާއްޖޭގެ ޑިމޮކްރަސީއަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއް ކަމަށާއި މިފަދަ ކޮންމެ ކަމަކުން ރާއްޖެ ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، މުޅި ދަޢުލަތް ހިމެނޭހެން އަދި ފަރުދީ، ޖަމާޢީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ، ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ.