ކުރިނބީ ބަނދަރު ހެދުން 42.9 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފި

ހދ. ކުރިނބީ ބަނދަރު ހެދުން 42.9 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު ސޮއެ ކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫއުގައި 4389 ކިއުބިކް މީޓަރުގެ ބަނދަރު ފުން ކުރުމާއި، ބަނދަރަށް އިތުރުކުރެވޭ ބައިގެގޮތުގައި 30172 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން ހިމެނެއެވެ. އަދި 2040 ކިއުބިކް މީޓަރުގެ ބަނދަރަށް ވަންނަ ނެރު ފުން ކުރުމާއި 295 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށިޖެހުން ހިމެނެއެވެ.

މީގެ އިތުރުން 70 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 314 މީޓަރުގެ ސްކޯރިން އެޕްރޮން ޖެހުމާއި 314 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 10 މޫރިން ބޮއި ހަރުކުރުން އަދި 2 ނެވިގޭޝަން ލައިޓް ހަރުކުރުން މި މަޝްރޫއުގެ ދަށުން ހިމެނެއެވެ.

މި މަޝްރޫއުގައި ރޭމްޕެއް ހެދުމާއި، 16 މަގުބައްތި ހަރުކޮށް، ބަނދަރާ އިންވެގެން 1556.61 އަކަ މީޓަރުގެ ޕޭވްމަންޓު ވެސް ވަނީ ހިމަނާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.