ހދ. ނޮޅިވަރަންފަރުގައި ރައްކާތެރި ސާފު ބޯފެނުގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ހުސެއިން ރަޝީދު ޙަސަން އާއި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދެވެ.
ފެނަކަ ކޯޕަރޭޝަނުން އެރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް ނިންމާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.
އެ ކޯޕަރޭޝަނުން ބުނީ އެރަށުގައި ގާއިމު ކޮށްފައިވާ 45 ޓަނުގެ ދެ ޕްލާންޓުން ދުވާލަކު 90 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ކަމަށެވެ. އަދި މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ބެހެއްޓިފައިވާ ކަމަށެވެ.
މީގެ އިތުރުން 16.7 ކިލޯމީޓަރު ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
މި ޚިދުމަތަކީ ނޮޅިވަރަންފަރުގެ ރައްޔިތުން ވަރަށް ބޮޑަށް އުއްމީދުކުރަމުން އައި އަދި ގިނަ ދުވަސްތަކެއް މާޒީވެފައިވާ ޚިދުމަތެކެވެ. އެހެންކަމުން ފެނަކައިން މި ޚިދުމަތް އެރަށުގެ ރައްޔިތުންނަށް ދޭން ފެށުމުން ރައްޔިތުންނަށް ދިމާވެފައިވާ ތަޣައްޔަރުވެފައިވާ ލޮނު ފެން ބޭނުންކުރުމަށް ވަނީ ނިމުން އައިސްފައެވެ.
މި މަޝްރޫއު ހިންގާފައި ވަނީ ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީ އާއި ސަރުކާރާއި ޔޫއެންޑީޕީ ގެ އެހީތެރިކަމާއެކުގައެވެ. އަދި އަމަލީ މަސައްކަތް ކުރީ އެންވަޔަރަންމަންޓް މިނިސްޓްރީން ކެނޭޑިއަން ކްރިސްޓަލައިން ވޯޓަރ އިންޑިއާ ލިމިޓެޑް އާ ހަވާލުކޮށްގެންނެވެ.
ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއަކީ 36.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.