
މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ތުއްތުކުދިން ގަޔަށް ވިލިމާލެ ހޮސްޕިޓަލުން ދެވަނަ ފަހަރަށްނުޖަހާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން މިހެން ބުނީ ވިލިމާލޭ ހޮސްޕިޓަލުން މުއްދަތުހަމަވެފައިވާ ވެކްސިންތަކެއް ތުއްތުކުދިންތަކެއްގެ ގަޔަށް މިއަދުޖަހާފައިވާކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީއެވެ.
އައިޖީއެމްއެޗުން ބުނީ މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ވިލިމާލޭ ހޮސްޕިޓަލުގައި ތުއްތުކުދިން ގަޔަށް ޖަހާފައިވާ ކަމަށް ބުނެ ދައުރުވަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ އެެފަދަ މައްސަލައެއް ވިލިމާލޭ ހޮސްޕިޓަލުގައި ދިމާވެފައިވަނީ މި އަހަރުގެ މެއި މަހު ކަމަށާއި އެ މައްސަލަ ހޮސްޕިޓަލުގެ ސަމާލުކަމަށް އައުމާއި އެކު އެއީ ހިނގާފައިވާ ކަމެއްކަން ބަޔާންކޮށް އެ ހޮސްޕިޓަލުން ނޫސް ބަޔާނެއް ވެސް ނެރެފައިވާނެ ކަމަށެވެ.
އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ހޮސްޕިޓަލުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ.) އިން އޭރު ތަޙުޤީޤުކޮށް މި މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރެ ނުވާނެކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.
މީގެ އިތުރުން އެ މައްސަލައާއި ގުޅުން ހުރި ތުއްތުކުދިންގެ ބެލެނިވެރިންނަށް މައުލޫމާތު ހިއްސާ ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.