މުސްލިމު ވެރިންނާއި މުޅި އިސްލާމީ އުއްމަތް ދަނީ ދީނުން ބޭރުކުރަމުން

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ!

މުސްލިމުންނަކީ ކޮބާ؟

އިސްލާމީ ނަޒަރަކުން ބަލާއިރު މުސްލިމަކީ ތިމާގެ ހިތުން ތެދުކޮށް ޤަބޫލުކޮށް ޝަހާދަތުގެ ދެކަލިމަ ކިޔައިއުޅޭ ކޮންމެ މީހެކެވެ. އޭރުން އޭނާ އިސްލާމްވީއެވެ. އެއާ އިންކާރު ކުރެވޭނެ ފަރާތެއް ދެނެއް ނުހުންނާނެއެވެ. މީހާގެހިތް އެނގިވޮޑިގެންވާނީ ހަމައެކަނި ﷲއަށެވެ. އެކަމުގެ ޙުކުމް ކުރަށްވާހުށީ މަޙްޝަރު މައިދާނުގައެވެ. އެމީހާއަކީ ކޮންމެޖަމާޢަތެއްގައި ކޮންމެ މަޛްހަބެއްގައިއުޅޭ މީހަކު ކަމުގައިވިއަސް ޝަހާދަތުގެމަތީ ދެމިހުރިހާހިނދަކު އެމީހަކުއިސްލާމްދީނުން ބޭރުނުވާނެއެވެ. ކަނޑައެޅިގެން ﷲ އަށް ޝަރީކު ނުކުރާހައި ހިނދަކު އެމީހާކުރާ ޢަމަލެއް ކޮންމެ ގޮތަކަށް ހުރިކަމުގައި ވިއަސް އެއަކީ އެމީހާ ދީނުން ބޭރުކުރާނެ ކަމެއް ނޫނެވެ. މަޝްހޫރު ޙަދީޘެއްގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައި ވެއެވެ. مَنْ قَالَ لَا إِلَهَ إِلَّا اللَّهُ دَخَلَ الْجَنَّةَ وَإِنْ زَنَى وَإِنْ سَرَقَ މާނައީ: ދަންނާށެވެ! ހިތުން ތެދުކޮށް ޤަބޫލުކޮށް ތިމާގެ ދުލުން ޝަހާދަތުގެ ތެކަލިމަ ކިޔައިފި މީހަކީ ސުވަރުގެ ވަންނާނެ މީހެކެވެ. އޭނާ ޒިނޭ ކުރިކަމުގައި ވިއަސް އަދި ވައްކަން ކުރި ކަމުގައި ވިއަސް ވެހެވެ.

ހަރުކަށި ފިކުރުގެ މުސްލިމުން

މިއަދު ދުނިޔެ ދެކެމުންދާ އެންމެ ބޮޑު ނުރައްކަލަކީ މުސްލިމުންގެ ނަމުގައި ހަރުކަށި ބަޔަކު ނިކުމެ މުސްލިމުންނާއި ޣައިރު މުސްލިމުން މަރަމުން އެބައިމީހުން މަރަން ޙުކުމް ކުރަމުން ދިއުމެވެ. މިބައިމީހުން ދެކޭގޮތުގައި އެމީހުން ނޫނީ ދުނިޔޭގައި މުސްލިމުންނެއް ނޫޅެއެވެ. ދެންތިބީ ހުސް ކާފަރުންނެވެ. އިސްލާމީ ޤައުމުތަކުގެ ވެރިންނަކީ ޝައިޠާނުންނެވެ. ވެރިންނަށް ތަބާވާ މީހުންނާއި އެބައިމީހުންނާ އިދިކޮޅަށް ހަނގުރާމައަށް ނުނިކުންނަ މީހުންނަކީވެސް ސީދާ ކާފަރުންނެވެ. މިޖަމާޢަތުގެ މީހުން ދުނިޔޭގެ އެތަންމިތާ ޖިހާދުގެ ނަމުގައި ހަނގުރާމަ ކުރަމުން އެބަދެއެވެ. އަނެއްބަޔަކު ތަންދޮރު ނުދަންނަ ޒުވާނުންގެ ސިކުނޑި ދޮންނަމުން، ނުވަތަ ޑުރަގާ މަސްތުވާ ތަކެއްޗަށް ދެވިހިފާފައިތިބި ކުދިންގެ ބޮލަށްވަދެ، އެއުރެންނަށް ހެއުމަގު ދެއްކުމުގެ ނަމުގައި އެއުރެން ޖިހާދަށް ތައްޔާރު ކުރަމުން އެބަދެއެވެ. ސުވާލަކީ މިއީ ކޮން ބައެއްތޯއެވެ؟ އެއްބަޔަކު ދެކެނީ މިއީ ފަހުޒަމާނުގެ ޚަވާރިޖުން ކަމުގައެވެ. އަނެއްބަޔަކު ނަންދެނީ ޑޮޓުގެ ނަމުންނެވެ. އަނެއްބަޔަކު ސަލަފީންގެ ނަމުންނެވެ. ނުވަތަ ސުޕަރ ސަލަފީންގެ ނަމުންނެވެ. އަނެއްބަޔަކު ވައްހާބީންގެ ނަމުންނެވެ. އަދި އަނެެއްބަޔަކު ނަންދެނީ އައިއެސްގެ ނަމުންނެވެ. ކޮންމެއަކަސް ޤަބޫލު ކުރަންޖެހޭ ޙަޤީޤަތަކީ މިއީ މިއަދު ދުނިޔެއަށް ކުރިމަތިވެފައި އޮތް ވަރަށްބޮޑު ނުރައްކަލެއް ކަމެވެ.

ހަރުކަށި ފިކުރު ރާއްޖޭގައި ވަރަށް ހަލުއިކޮށް ފެތުރެމުން ދިއުން

ރާއްޖޭގައި މީލާދީން ހަތްދިހައިގެ މެދުތެރެއިން ފެށިގެން ސަލަފީންގެ ޙަރަކާތައް ތަޢާރުފުވާން ފަށައިފިއެވެ. ސަލަފީންނާއި އަޝްޢަރީންގެ މެދުގައި ކުދިކުދި ޚިލާފުއުފެދި ނޫސްމަޖައްލާތަކުގައި ޖަދަލުކުރެވެން ފެށުނެވެ. މަޑުމަޑުން އައިސް ސަލަފީންގެ ތެރެއިން ސުޕަރ ސަލަފީންނާއި ޑޮޓުން އުފެދުނެވެ. އެއުރެންގެ ބާރުތައް ސަލަފީންގެ މައްޗަށް ވެރިވާންފެށިއެވެ. މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ ކުދިންވެސް މީގެތެރެއަށް ވަދެ މުޅިން އައުވައްތަރެއްގެ ރޫޙާނީ ހަކަތަކެއް ލިބިފައިވާ ބަޔަކަށް މީގެތެރެއިން އެއްބަޔަކު ވެއްޖެއެވެ. މިގޮތުން މިއެންމެންގެ ތެރޭގައި ގިނަ ޙަރަކާތްތަކެއް ހިންގަމުންދާން ފަށައިފިއެވެ. އަޝްޢަރީން ފިޔަވައެވެ. އެއުރެންގެ ކުރީގެ ޝައިޚުންތައް ނިޔާވެ ދިއުމަށްފަހު އެމީހުންގެ ޙަރަކާތް މުޅިން ހިނދުނީއެވެ. ނަމަވެސް ސަލަފީ އެންމެހައި ގްރޫޕުތައް ދިޔައީ އެއްބަޔަކު އަނެއްބަޔަކަށް ވާދައަށް ޙަރަކާތްތެރި ވަމުންނެވެ. މިއަދު ސްކޫލުތަކުގެ ސިލަބަހަށްވެސް މިބައިމީހުންގެ ޢަޤީދާގެ އަސަރު ކޮށްފައިވާ ވާހަކަ ހިތާމައާއެކު ބުނެލަންޖެހެއެެވެ. މަތީ ގްރޭޑުތަކުގެ ސިލަބަހުގައި މިބައިމީހުންގެ ޢަޤީދާ ބޭނުންކޮށްފައި އެބަހުއްޓެވެ. އިސްލާމީ ޢަޤީދާ ތިންބަޔަކަށް ބެހިފައިވާ ވާހަކައާއި ﷲ އުޑުގައި ވޮޑިގެންވާ ކަމާއި ޢަރުޝީގައި އިންނަވާ ކަމާއި އަލްވަލާ ވަލްބަރާއާއި މިފަދަ އެތަކެއް ވާހަކައެއް ސިލަބަހަށް ވަދެ، ދަރިވަރުންގެ ހިތަށް ވާޞިލުވެއްޖެއެވެ. ރާއްޖޭގައި ފިޤުހީގޮތުން ޒަމާނުއްސުރެން އޮންނަނީ ޝާފިޢީ މަޛްހަަބުކަމަށް ވީހިނދު ފިޤުހީ ބައެއް ނާދިރު ޟަޢީފު މައްސަލަތައް ދަށު ގްރޭޑުތަކުގެ ސިލަބަހަށް ވައްދާފައި އެބަހުއްޓެވެ. ހުއްދަނެތް މީހުން އިމާމުވެ ހުކުރު ކުރުމާއި، ހުކުރުކުރުމަށް ހުއްދަދީފައިނުވާ މިސްކިތަކުގައްޔާއި އަމިއްލައަމިއްލަ ގޭގައި މިބައިމީހުން ހުކުރު ކުރަމުން އެބަދެއެވެ. މިބައިމީހުންގެ ފިކުރާ ޚިލާފު ޝައިޚަކު މިބައިމީހުންގެ ޢަޤީދާއާ ޚިލާފަތް ޤުރުއާނުގެ އާޔަތެއް ނުވަތަ ޙަދީޘެއް މާނަކޮށްފިނަމަ، މިގުރޫޕުގެ މީހުން ޖަމާޢަތް ޖަމާޢަތަށް ނިކުމެ އެފަދަ ޝައިޚުންނާ އިދިކޮޅަށް ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވައި އެޝައިޚުންގެ ބޮލުގައި ކާފިރުކުރަމުގެ ސިއްކަ ޖަހަމުން ދަނީއެވެ. އަދި އެންމެ ބޮޑު ނުރައްކަލަކީ ބައިނަލް އަޤްވާމީ ޓެރެރިޒަމް ޖަމާޢަތްތަކާ މިބައިމީހުންނާ ގުޅިފައިއޮންނަ ޚަބަރު ލިބެމުން ދާތީއެވެ. އެއީ ތެދެއްކަމުގައި ވާނަމަ ނުރައްކާ އިންތިހާއަށް ބޮޑެވެ. މުސްލިމު ދުނިޔޭގެ ކޮންމެ ތަނެއްގައި ވިއަސް ދާޚިލީ ހަނގުރާމައެއް ހިނގާނަމަ، ބައިމިލިޔަން ހަމަނުވާ ދިވެހި ރާއްޖެއިން، ދިވެހި ހަނގުރާމަވެރިން ބައިވެރިނުވާ ތަނެއްނެތެވެ. މިފެންވަރަށް ޤައުމުގެ ޙާލަތު ދިއުމަކީ ޤައުމާއި ދީންދެކެ ހެޔޮއެދޭ ކޮންމެ މީހަކު ކަރުނައަޅައި ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި މިއީ ބައިނަލްއަޤްވާމީ ދުނިޔެއިން ރާއްޖެއަށް ކަޅިނާޅައި ނޯންނާނެ ކަމެއްކަން ކަށަވަރެވެ.

ކޮންމެއަކަސް މިމަޟްމޫނުގައި އަޅުގަނޑު ޤަޞްދު ކުރަނީ މިބުނެވުނު ހަރުކަށިފިކުރުގެ ފެށުން އުފަންވީ ކޮން ގޮތަކަށްތޯ ތާރީޚީ ގޮތުން ކުރުގޮތަކަށް ބަޔާންކޮށްލަ ދެވޭތޯ ބެލުމަށެވެ.

އަހުލު ސުއްނަތު ވަލްޖަމާޢަތަކީ ކޮބާ؟

އިސްލާމް ދީނުގެ ކުރީކޮޅުގައި ޢަޤީދާގެ ގޮތުން ބައިބައިވެ، މުސްލިމުންގެ ތެރެއަކު ވަކި ޖަމާޢަތްތަކެއް ނޯވެއެވެ. އޭރު މުސްލިމުން ނިސްބަތް ކުރެވެނީ މީހާ އިސްލާމްވީ ދުވަސްވަރަށް ބަލައިގެންނެވެ. ނުވަތަ ހަނގުރާމަތަކުގައި ބައިވެރިގޮތަށް ބަލައިގެންނެވެ. މިސާލަކަށް ބަދްރީންނާއި ޠުލަޤާއިންނެވެ. ނުވަތަ މުހާޖިރުންނާއި އަންޞާރުންނެވެ. މިގޮތުން ފިކުރާއި ޢަޤީދާގެ މައްސަލަތައް އުފެދުމާ ގުޅިގެން ފަހަކަށް އައިސް ޢާއްމު މުސްލިމުންނަށް އަހުލު ސުއްނަތު ވަލް ޖަމާޢަތުގެ ނަމުން ނަންދެވުނެވެ. މިސާލަކަށް މިވެނި މީހަކީ ސުއްނީ މުސްލިމެކެވެ. އެވެނި މީހަކީ ޝިޔަޢީ މުސްލިމެކެވެ. މިވެނި މީހަކީ މުޢުތަޒިލީއެކެވެ.

އަހުލު ސުއްނަތު ވަލްޖަމާޢަތަކީ އިސްލާމީ ތާރީޚުގެ ހުރިހައި ދުވަސްވަރެއްގައި އޮތް ދީނީ، އިސްލާމީ އެންމެ ބޮޑު ޖަމާޢަތެވެ. މިނަން ނިސްބަތްވަނީ މުސްލިމުންގެ މަދު ބަޔަކު ފިޔަވައި، އަޣުލަބިއްޔަތު މުސްލިމުންނަށެވެ. އެބައިމީހުން އެނގެނީ އެއުރެންގެ ޢިލްމުވެރިންގެ ޒަރީޢާއިންނެވެ. އެބޭކަލުން އެންމެން ޖަމާވެފައިވަނީ ނަބަވީ ސުއްނަތުގެ މަންހަޖަށެވެ. މުސްލިމު ހަތަރު ޚަލީފާއިންގެ މަގަށެވެ. އަދި އެބައިމީހުން ދެމިތިބީ ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލުންނާއި އެބޭކަލުންނަށް ތަބީވި ތާބިޢީންނާއި ތާބިޢީންގެ ދަރިވަރުން ކަމުގައިވި ތަބުޢުއްތާބިޢީންގެ އުޞޫލުތަކާއި ގޮތްތަކުގެ މަތީގައެވެ. ހަމައެއާއެކު ސުއްނީންނަކީ ޙަދީޘުގެ އަހުލުވެރިންނާއި ރައުޔުގެ އަހުލުވެރިންގެ ތެރެއިން އިތުބާރުހިފޭ އެންމެހައި ފިޤުހުވެރިންގެ ރައުޔާއި މަންހަޖާއި އުޞޫލުތަކުގައި ހިފަހައްޓައިގެން އެއުރެންގެ މަގުތަކާއި، ގުޅިފައިވާ ސަނަދު ނަގުލު ކުރުމުގައި އެހައިރުން ފެށިގެން މިއަދާ ހަމައަށް ދެމިތިބި މީހުންނެވެ.

ސުއްނީ މިބަސް އުފެދުނީ ކޮން އިރަކު؟

މިނަމަކީ އިސްލާމީ ތާރީޚުގެ ކުރީކޮޅުގައި އުއްމަތަށް ތަޢާރުފު ވެފައި އޮތް އިޞްޠިލާޙެއް ނޫނެވެ. އޭރަކު މުސްލިމުންގެ މެދުގައި ބައިބައިތަކާއި ޖަމާޢަތް ޖަމާޢަތް އުފެދިފައި ނެތެވެ. އެހެނަސް މިނަން ފާޅުވާންފެށީ މުސްލިމުންގެ ޖަމާޢަތް ރޫޅި ތަފާތު ބައިބަޔަކަށް ވަކިވެ ނަންނަން އުފެދި ކޮންމެ ބަޔަކުވެސް އެބަކު ނިސްބަތްވާ ޖަމާޢަތުގެ ނަމުން ތިމާމެންނަށް ގޮވާން ފެށުމުންނެވެ. ފުރަތަމަ ކޮޅު އަހުލު ސުއްނާގެ މިލަޤަބުން ގޮވަން ފެށީ އޭރުގައި ތިއްބެވި ޢިލްމުވެރިންނަށެވެ. އަޞްޙާބު ބޭކަލުންގެ ތެރެއިން އަރާތިއްބެވި ޢިލްމުވެރިންނަށާއި އެބޭކަލުންނަށް ތަބާވި ބޭކަލުންނަށާއި އެބޭކަލުންގެ މަގުގައި ހިނގަމުންދިޔަ ބަޔަކަށެވެ.

ރިވާޔަތްތަކުގެ ސަނަދަށް ބޭނުން ޖެހުނު ސަބަބު

އިސްލާމް ދީނުގެ ކުރީކޮޅުގައި މުސްލިމުންގެ މެދުގައި ބަހުގެ އިތުބާރުއޮތްލެއް ބޮޑުކަމުން ރިވާޔަތެއް ހޯދުމުގައި އެރިިވާޔަތް ރިވާކުރީ ކޮންބައަކުތޯބަލައި އޭގެ ސަނަދު ދެނެގަތުމަކަށް ބޭނުންވެފައި ނޯވެއެވެ. ޞަޙީޙު މުސްލިމުގެ މުޤައްދިމާގައި އިމާމު އިބްނި ސީރީންގެ ކިބައިން އިމާމު މުސްލިމު މިވާހަކަ ގެންނަވާފައި ވެއެވެ. "އިސްލާމީ ތާރީޚުގައި ބޮޑު ފިތުނައިން މަޝްހޫރު ވެފައިވާ، ތިންވަނަ ޚަލީފާ ޝަހީދުވެ ވަޑައިގަތް ޙާދިޡާގެ ފިތުނަ އުފެދުމާ ހަމައަކަށް ބަޔަކު ޙަދީޘާއި ރިވާޔަތްތަކުގެ ސަނަދު އަހައި ބަޔާންކޮށެއް ނޫޅެއެވެ. ދެންފަހެ ފިތުނަ އުފެދުމުން ދެން ޢިލްމުވެރިންނަށް ގޮވަންފެށީ ތިޔަބައިމީހުންގެ ޢިލްމުވެރިންނެވެ. ނުވަތަ އެބައިމީހުންގެ ޢިލްމުވެރިންނެވެ. މިގޮތުން ކީރިތި ރަސޫލާގެ ސުއްނަތް ހޯދައި ބަލާހިނދު އެބަޔަކު ބަލައިގަންނަނީ އެބައަކު ޤަބޫލުކުރާ ޢިލްމުވެރިންގެ ޙަދީޘެވެ. އެއުރެން ތިމާމެންގެ ޢިލްމުވެރިންނަށް ގޮވައިހަދަނީ ޙަދީޘުގެ އަހުލުވެރިންގެ ނަމުންނެވެ. އަނެއްކޮޅުގެ މީހުންނަކީ ބިދުޢަވެރިންކަމަށް ބަލައި އެބައިމީހުންގެ ކިބައިން ޙަދީޘާއި ރިވާޔަތްތައް ބަލައިނުގަނެއެވެ. އެހެންކަމުން ނަބަވީ އިރްޝާދުގެ މަތީގައި ތިއްބަވައިގެން ނަބަވީ މަންހަޖުމަތީ ޤާއިމުވެ ތިއްބެވި ޞަޙާބީންނާއި ވަކިން ޚާއްޞަކޮށް އެބޭކަލުންގެ ތެރެއިންވެސް އިމާމުވެރި ބޭކަލުންނާއި އިޙްސާންތެރިކަމާއެކު އެބޭކަލުންނަށްތަބާވެ އެބޭކަލުންގެ މަގު އިޚްތިޔާކުރަށްވަމުން ވަޑައިގެންނެވި އިމާމުވެރި ބޭކަލުންނާއި ޢިލްމުވެރި ބޭކަލުންނަކީ އަހުލު ސުއްނަތު ވަލްޖަމާޢަތެވެ. ނުވަތަ ސުއްނީ ޖަމާޢަތެވެ. މިގޮތުން ނަބަވީ މަންހަޖުގެ ދަށުން މިބޭކަލުން ޢާއްމު ދީނީ ޢިލްމުތައް ނަގުލުކޮށް އޭގެ މައްޗަށް ބުރަވެތިއްބައިވެގެން ޢިލްމު ތަފްޞީލު ކުރެއްވުމާއެކު އިސްލާމީ ޝަރީޢާގެ އުޞޫލާ އެއްގޮތަށް އިސްތިންބާޠު ކުރަށްވަން ފެއްޓެވިއެވެ. މިސަބަބާހުރެ ސަނަދުތަކުގެ އަލީގައި ރިވާޔަތްތައް ބަޔާންކުރެވެން ފެށުނެވެ.

ތާރީޚާއެކު ދީނީ އިޞްޠިލާޙުތަކަށް ބަދަލު އައުން

އިސްލާމީ ތާރީޚުގައި ބައެއް އިސްޠިލާޙުތަކަކީ، ޢިލްމު ކުރިއަރަމުން ދިޔަހެން ބަދަލުވަމުން ދިޔަ އެއްޗެއްސެވެ. މިސާލަކަށް ޤާރީ މިބަހެވެ. އަޞްޙާބު ބޭކަލުންނާއި ތާބިޢީންގެ ދުވަސްވަރު ޤުރުއާނުންގެ ޢިލްމުވެރިންނަށާއި ދީނީ ޢިލްމުވެރިންނަށް ކިޔަމުން ދިޔައީ ޤާރީންނެވެ. އެއަށްފަހު ޢިލްމުވެރިންނާއި ފިޤުހުވެރިންނެވެ. އިމާމު އިބްނި ޚަލްދޫން ވިދާޅުވެފައިވާ ފަދައިން އިސްލާމީ ފިޤުހު އެމައިދާނުގައި ފުރިހަމަވެ އިސްތިންބާޠު ކުރުމުގެ މައިދާން ހަމައަކަށް އެޅުމުން ދަންނަބޭކަލުންނަށް ޤާރީންގެ ބަދަލުގައި ފިޤުހުވެރިންނާއި ޢިލްމުވެރިންގެ ނަމުން ނަންދެވޭން ފެށުނެވެ. މިގޮތުން ޞަޙާބާއިންގެ ޢިލްމު ތާބިޢީންގެ އަތްޕުޅު މައްޗަށް އައިސް އެބޭކަލުންގެ ފަރާތްޕުޅުން އެއަށްފަހުން ވަޑައިގެންނެވި އިމާމުވެރި ބޭކަލުން ލިބިގަންނަވަން ފެއްޓެވިއެވެ. ދުވަސްކޮޅެއްފަހުން ފިޤުހުގެ މައިދާން ދެކަފިއަކަށް ފެޅި، ފިޤުހު ދެބަޔަކަށް ބެހުނެވެ. އެއްބަަޔަކީ ޢިރާޤުގައި އުފެދުނު އަހުލުއް ރައުޔުގެ މަގެވެ. އަނެއް ބަޔަކީ ޙިޖާޒު ކަރައިގައި އުފެދުނު އަހުލުލް ޙަދީޘުގެ މަގެވެ. އިމާމު އަބޫ ޙަނީފާއާއި އެކަލޭގެފާނުންގެ މަދްރަސާއަށް ނިސްބަތްވި ބޭކަލުން އިޚްތިޔާރު ކުރެއްވީ އަހުލުއްރައުޔުގެ މަގެވެ. އިމާމު މާލިކާއި އިމާމުޝާފިޢީއާއި މިބޭކަލުންގެ މަދްރަސާއަށް ނިސްބަތްވި ބޭކަލުން އިޚްރިޔާރުކުރެއްވީ އަހުލުލް ޙަދީޘުގެ މަގެވެ.

އަހުލުލް އަސަރު އުފެދުނު ގޮތް

އަދިވެސް އިބްނި ޚުލްދޫނާއި އެނޫން ބައެއް މުއައްރިޚުން ވިދާޅުވެފައި ވެއެވެ. ހިޖުރައިން ދެވަނަ ޤަރުނުގެ ފަހުކޮޅުން ފެށިގެން ސަލަފުގެ ޖަމާޢަތެއްގެ މީހުން ނައްޞުތަކުގެ ލަފުޒީ މާނައަށާއި ބޭރުފުށަށް ބުރަވެ ބައެއް މުތަޝާބިހު ނައްޞުތަކުގެ ބޭރުފުށަށް ސަމާލުކަން ދޭން ފެށިއެވެ. ވަކިން ޚާއްޞަކޮށް ﷲ އަށް ނިސްބަތްވެފައި ހުރި ބައެއް ބަސްބަސް މާނަކުރުމުގައި ހައްދުން ނެއްޓި ދިއުމުގެ ސަބަބުން ތަޖްސީމުގެ (އެބަހީ ﷲ އަށް ހަށިގަނޑެއް ސާބިތު ކުރުމުގެ) އަނދަވަޅުގަނޑަކަށް އެއުރެން ވެއްޓުނެވެ. މިއާއިދިކޮޅަށް މުޢުތަޒިލީންނާއި ޖަހުމީންގެ ނަމުން ޖަމާޢަތް އުފެދުނެވެ. މުޢުތަޒިލީން ﷲ އަށް ހަށިގަނޑު ސާބިތުކުރުމާ އިންކާރު ކުރިއެވެ. އަދި އެކަމުން ﷲގެ ޒާތުފުޅު ހުސްޠާހިރު ކުރުމުގެ ގޮތުން އެބައިމީހުންވެސް ޢިލްމީ މައިދާނަށް ނިކުމެ އެމަގުން ހައްދުފަހަނަޅައި ދިޔައެވެ. އޭގެ ނަތީޖާއަކަށް އައީ ﷲ އަށް ސާބިތު ސިފަފުޅުތަކާ ވެސް މުޢުތަޒިލީން އިންކާރު ކުރުމެވެ. އެހެންނަމަވެސް އަހުލުއް ސުއްނާގެ ޖަމާޢަތެއްގެ މީހުން އިހުގެ ޢިލްމުވެރިިންގެ މަންހަޖު ދޫނުކޮށް އެމަންހަޖުގައި ހިފެހެއްޓިއެވެ. މިޖަމާޢަތުގެ މީހުން އިޚްތިޔާރުކުރީ އިމާމު މާލިކާއި ޝާފިޢީއާއި އެނޫނަސް އަހުލުލް ޙަދީޘުގެ މަންހަޖެވެ. މިޖަމާޢަތުގައި އިސްވެ ތިއްބެވީ އިމާމު ސުފްޔާނުއް ޡައުރީއާއި އަޙްމަދާއި އިމާމު ދާއޫދު ޘާހިރީއާއި މިފަދަ ބޭކަލުންނެވެ. މިޖަމާޢަތުގެ ބޭކަލުން ވިދާޅުވަނީ، [ كُلُّ مَا وَصَفَ اللَّهُ بِهِ مِنْ نَفْسِهِ فِى كِتَابِهِ فَتَفْسِيرُهُ تِلاَوَتُهُ وَالسُّكُوتُ عَلَيْهِ ] (މާނައީ: ކީރިތި ﷲ އެއިލާހުގެ ކަލާމްފުޅުގައި އެއިލާހުގެ ޒާތުފުޅުގެ ސިފުފުޅު ބަޔާން ކުރަށްވާފައި އޮތްއޮތުމުން، އޭގެ ތަފްސީރު ކުރުމަކީ ހަމައެކަނި އެތަން ކިޔަވާލުމެވެ. އެއާމެދު ވަކިއެއްޗެއް ނުބުނެ ހަނުހުރުމެވެ.) އެހެންކަމުން އެބޭކަލުންގެ އުޞޫލަކީ [ قِرَائَتُهُ تَفْسِيرُهُ لَيْسَ ِلأَحَدٍ أَنْ يُفَسِّرَهُ بِالْعَرَبِيَّةِ أَوْ بِالْفَارِسِيَّةِ ] މިއެވެ. (މާނައީ: އެތަންތަން ތަފްސީރުކުރުމަކީ އެތަންތަން ކިޔަވާލުމެވެ. ޢަރަބި ބަހަކުންވިއަސް، ފާރިސީ ބަހަކުންވިއަސް މާނަކުރުމަކީ އެކަކަށް ވެސް ލިބިގެންވާ ޙައްޤެއް ނޫނެވެ.) މިރައުޔަށް ނަންދެވުނީ އަހުލުލް އަޡަރެވެ. އެބަހީ އަހުލުލް ޙަދީޘުގެ ޢިލްމުވެރިންގެ ތެރެއިން ޖަމާޢަތެކެވެ. ފަހަކަށް އައިސް ބައެއް މީހުން މިއަށް ޙަންބަލީންނޭވެސް ކިޔަންފެށިވެ. އެއީ ޤުރުއާނުގެ މައްސަލާގައި އިމާމު އަޙްމަދު ވެވަޑައިގަތް ޤުރުބާނީގެ ބޮޑުކަމުން އެފިކުރުގެ ޖަމާޢަތް އެކަލޭގެފާނަށް ނިސްބަތް ކުރެވުނީއެވެ.

ޙައްޤުގެ މަގުގައި އިލްމުލް ކަލާމުގެ ޖަމާޢަތެއް ނިކުތުން

އަދިވެސް އިބްނި ޚަލްދޫން ވިދާޅުވެފައި ވެއެވެ. އެއަށްފަހު ސަލަފުގެ ދުވަސްވަރުގެ ފަހުކޮޅުގައި (އެބަހީ އެންމެހެޔޮ ތިންޤަރުނުގެ ތެރެއިން ތިންވަނަޤަރުނުގެ ތެރޭގައި) އަހުލުއް ސުއްނާގެ އެހެން ޖަމާޢަތެއް މުޢުތަޒިލީންނާއި މުތަޝާބިހީންގެ ބިދުޢަތަކާ އިދިކޮޅަށް، މިބައިމީހުންގެ ޝައްކުތައް ދިފާޢުކޮށް ޢިލްމުލް ކަލާމުގެ މަންހަޖާ އެއްގޮތަށް، ނަގްލީ ދަލީލުތަކާއި ބުއްދީގެ ދަލީލުތަކުގެ އަލީގައި ފޮތްތަކާއި ބަހުސުތައް ލިޔަން ފެށިއެވެ. މިޖަމާޢަތުގައި އިސްވެ އުޅުއްވީ ހިޖުރައިން 260 ގައި އުފަންވެ ވަޑައިގެންނެވި އަބޫ ޙަސަން އަލްޢަޝްޢަރީއާއި ހިޖުރައިން 247 ގައި އުފަންވެ ވަޑައިގެންނެވި އަބޫ މަންޞޫރު އަލްމާތުރީދީއާއި މިދެބޭކަލުންނެވެ. މިދެބޭކަލުންނަކީ ފަހަކަށް އައިސް ޢަޤީދާގެ މައިދާނުގައި އަހުލު ސުއްނަތުގެ ވަލްޖަމާޢަތުގެ އެންމެ އިސް ދެއިމާމުންނެވެ. އެއީ އަހުލު ސުއްނާ ބޮޑަށް މަޝްހޫރުވި މިބޭކަލުންގެ މިންނެތް މަސައްކަތާ ގުޅިގެން ކަމަށްވާތީއެވެ. ބަޔާންވެދިޔަ ތިން ޖަމާޢަތަކީވެސް ދީނުގެ އެއްއުޞޫލަކަށް ތަބާވާ ނަމަވެސް ފަރުޢީ ކުދިކުދި ބައެއް މައްސަލަތަކުގައި ޚިލާފު ވެފައިވާ ތިންޖަމާޢަތެވެ. މިބޭކަލުންގެ މެދުގައި ޚިލާފު އޮތްކަމުގައި ވިއަސް މިބޭކަލުން އެއްބަޔަކު އަނެއް ބަޔަކަށް މަގުފުރެދިއްޖެ ކަމަށް ތުހުމަތުކޮށް އަނެއްޖަމާޢަތަށް ބަދުބަސް ބުނެ ނުހަދައެވެ. ތިން ޖަމާޢަތްވެސް ހިނގަމުން ދިޔައީ އެއް އުޞޫލަކާއި އެއް މަންހަޖެއްގެ ދަށުންނެވެ. އެހެންކަމުން މިބުނެވުނު އަހުލުއް ސުއްނަތު ވަލްޖަމާޢާ ވެގެންދިޔައީ، ޢަޤީދާގެގޮތުން ބޮޑެތި ތަފާތުތަކެއްހުރި ޖަމާޢަތްތައް ކަމުގައިވާ ޚަވާރިޖުންނާއި މުޢުތަޒިލީންނާއި ޖަހަމީންނާއި ޝިޔަޢީންގެ އެކިއެކި ބައިތަކާ އިދިކޮޅަށް އިސްލާމީ ޞައްޙަ ޢަޤީދާ ޙިމާޔަތް ކުރަން ނިކުތް ޖަމާޢަތް ކަމުގައެވެ. އަދި އަހުލުއް ސުއްނާގެ ޢިލްމުވެރިން ދެކޭގޮތުގައި ބަޔާންވެދިޔަ އިދިކޮޅު ޖަމާޢަތްތަކުގެ މެދުގައި ބިދުޢަވެރި ޢަޤީދާތައް ހުރިކަމުގައި ވިއަސް އެބައިމީހުންނަކީ ކާފިރުންނެއް ނޫނެވެ. އެކަމަކު އެބައިމީހުންވަނީ އަހުލުއް ސުއްނަތު ވަލް ޖަމާޢަތުން ބޭރުވެގެންނެވެ. އެހެން ޢިބާރަތަކުން ބުނާނަމަ އެބައިމީހުންނީ ސުއްނީ މުސްލިމުންނެއް ނޫނެވެ.

އަޣުލަބިއްޔަތު މުސްލިމުން

މިދެންނެވި ތިންވަނަ ޤަރުނުން ފެށިގެން މުސްލިމުންގެ ތެރޭގައި އަޣުލަބިއްޔަތު އޮތް ޖަމާޢަތަކީ އަދި އިސްލާމީ ޝަރުޢީ ޢިލްމުގެ ބޮޑެތި ޢިލްމުވެރިން ތިއްބެވީ އަހުލު ސުއްނަތު ވަލްޖަމާޢަތުގެ ތިން ބާގައިގެ ތެރޭގައެވެ. ވަކިން ޚާއްޞަކޮށް އަޝްޢަރީ ޖަމާޢަތުގައެވެ. އެހެންނަމަވެސް އެނޫން ޖަމާޢަތްތަކުގައިވެސް ޢިލްމުގެ އަހުލުވެރިން މަދުން ނަމަވެސް ތިއްބެވިއެވެ.

ސުއްނީ ޢަޤީދާގެ ޖަމާޢަތްތައް

ވުމާއެކު ޢަޤީދާގެ ގޮތުން އަހުލުއް ސުއްނަތު ވަލް ޖަމާޢަތުގައި ހިމެނެނީ:

  • ޙަންބަލީން. (ނުވަތަ އަހުލުލް ޙަދީޘް)
  • އަޝްޢަރީން.
  • މާތުރީދީން.

ސުއްނީ ފިޤުހީ މަޛްހަބުތައް

ފިޤުހު ޢިލްމު ތަރައްޤީ ވަމުން އައިސް ތަފާތު ބޮޑެތި އިމާމުންގެ މަދްރަސާތައް އުފެދި، އެމަދްރަސާތަކުތެރެއިން އެއްބަޔަކު ދިރެމުން އަނެއްބަޔަކު ހުލިވަމުން އައިސް އެންމެފަހުން ދެމިއޮތީ މަޝްހޫރު ހަތަރު މަޛްހަބެވެ. މިހަތަރު މަޛްހަބުގެ އެންމެހައި އިމާމުންނާއި ޢިލްމުވެރިންނަކީ އަހުލުއް ސުއްނަތު ވަލްޖަމާޢަތަށް ނިސްބަތްވާ ބޭކަލުންނެވެ. މިއިން ކޮންމެ މަޛްހަބެއްގައި ލައްކައިން، ހާހުން ގުނާލެވޭ ޢިލްމުވެރިން ތިއްބެވިއެވެ. މިމަޛްހަބުތަކުގެ ތެރެއިން:

  • ޙަނަފީ މަޛްހަބު: މިމަޛްބަހުގެ ގިނައިމާމުން ނިސްބަތް ވަނީ މާތުރީދީއަށެވެ. އަނެއްބައި އިމާމުން އަޝްޢަރީއަށެވެ.
  • މާލިކީ މަޛްހަބު: މި މަޛްބަހުގެ އެންމެހައި އިމާމުން ނިސްބަތް ވަނީ އަޝްޢަރީއަށެވެ.
  • ޝާފިޢީ މަޛްހަބު: މި މަޛްބަހުގެ އެންމެހައި އިމާމުން ނިސްބަތް ވަނީ އަޝްޢަރީއަށެވެ.
  • ޙަންބަލީ މަޛްހަބު: މި މަޛްބަހުގެ ބައެއް އިމާމުން ނިސްބަތް ވަނީ އަހުލުލް ޙަދީޘަށެވެ. އަނެއްބައި އިމާމުން ނިސްބަތްވަނީ އަޝްޢަރީއަށެވެ.

އަހުލު ސުއްނާއަށް މަޝްހޫރު ވެގެންވާ އިމާމުން

ތަފާތު ދީނީ ފަންނު ތަކުގައި ބޮޑެތި އިމާމުން ތިއްބެވިއެވެ. މިބޭކަލުންގެ ތެރޭގައިވެސް މަޝްހޫރު ބޭކަލުން ތިއްބެވިއެވެ. މިއެންމެހައި ތައުވީލު ކުރެއްވުމަށް ބުރަވެ ވަޑައިގަންނަވާ ބޭކަލުންނެވެ. ނުވަތަ އެބޭކަލުންނީ ބޭކަލުންނަކީ އަޝްޢަރީންނެވެ.

  • ޙަދީޘު ޢިލްމުވެރިންގެ ތެރެއިން:

އިމާމު ޢަބްދުﷲ އިބްނި މުބާރަކާއި ބުޚާރީއާއި މުސްލިމާއި ތިރްމިޛީއާއި އަބޫ ދާއޫދާއި ނަސާއީއާއި ބައިހަޤީއާއި އިބްނި ޙިއްބާނާއި ޤާޟީ ޢިޔާޟާއި ބަޣަވީއާއި ނަވަވީއާއި އިބްނި ޙަޖަރާއި ޢައިނީއާއި ސުޔޫޠީއާއި ޛަހަބީއާއި ސުބުކީއާއި އެނޫން ބޭކަލުންނެވެ.

  • ތަފްސީރު ޢިލްމުވެރިންގެ ތެރެއިން:

އިމާމު އިބްނި ޖަރީރާއި ޤުރުޠުބީއާއި ބަޣާވީއާއި ބައިޟާވީއާއި އިބްނިކަޡީރާއި އެނޫން ބޭކަލުންނެވެ.

  • ފަލްސަފާ ޢިލްމުވެރިންގެ ތެރެއިން:

އިމާމު ޣަޒާލީއާއި ރާޒީއާއި އިބްނި ރުޝްދާއި މާވަރުދީއާއި އިބްނިސީނާއާއި އެނޫން ބޭކަލުންނެވެ.

  • ޢަޤީދާގެ ޢިލްމުވެރިންގެ ތެރެއިން:

އިމާމު އަބުލް ޙަސަން އަލްއަޝްޢަރީއާއި އަބޫ މަންޞޫރު މާތުރީދީއާއި ޠަޙާވީއާއި ނަސަފީއާއި އެނޫން ބޭކަލުންނެވެ.

އެންމެހައި ޒަމާނެއްގައި ޢާއްމުކޮށް ތިއްބެވި ޢިލްމުވެރިިންނަކީ އަޝްޢަރީން

ބަޔާންވެދިޔަ ބޭކަލުންގެ ތެރެއިން އަޝްޢަރީ މަންހަޖު އުފެދުމަށް ފަހު އުޅުއްވި އެންމެހައި ޢިލްމުވެރިން ނިސްބަތްވަނީ އަޝްޢަރީއަށެވެ. އިމާމު ޢައިނީ ފަދަ ބައެއް ބޭކަލުން ފިޔަވައެވެ. އެކަލޭގެފާނަކީ މާތުރީދީއެކެވެ. (މާތުރީދީއާއި އަޝްޢަރީއަކީ ދެނަމެއް ކިއުނު ކަމުގައިވިއަސް އެއް ޖަމާޢަތެކެވެ.) އިސްލާމީ އެކިއެކި ފަންނުތަކަށް ބަލާއިރު އެފަންނުތަކުގެ އެންމެހައި ޢިލްމުވެރިން ނިސްބަތްވެފައި ވަނީވެސް ޢަޤީދާގެ ގޮތުން އަޝްޢަރީއަށެވެ. ތަފްސީރުޢިލްމަށް ބަލާނަމަ އިމާމު ފަޚުރުއްދީނު ރާޒީއާއި ޤުރުޠުބީއާއި ބައިޟާވީއާއި އިބްނި ޖަރީރާއި އިބްނިކަޡީރާއި އެނޫންބޭކަލުންނެވެ. މުޙައްދިޡުންނަށް ބަލާއިރު އިމާމު ޤާޟީ ޢިޔާޟާއި ނަވަވީއާއި މާވަރްދީއާއި ބަޣުދާދީއާއި އިބްނި ޙަޖަރާއި އެނޫން ބޭކަލުންނެވެ. ފިޤުހުވެރިންނަށް ބަލާއިރު ޙަންބަލީމަޛްހަބުގެ މަދުޢިލްމުވެރިން ކޮޅެއްފިޔަވައި ހަތަރުމަޛްހަބުގެ އެންމެހައި އިމާމުންނާއި ޢިލްމުވެރިންނަކީ އަޝްޢަރީންނެވެ. ގިނަ މުތަކައްލިމީންނާއި ފަލްސަފާ ވެރިންނަކީ މުޢުތަޒިލީންނެވެ. އަދި އޭގެތެރޭން ބައެއް ބޭކަލުންނަކީ އަޝްޢަރީންނެވެ.

ޚުލާޞާކޮށް ބުނާނަމަ ތިިންވަނަ ޤަރުނުން ފެށިގެން މިއަދާ ހަމައަށް ވަޑައިގެންނެވި އެންމެހައި ޢިލްމުވެރިންނަކީ އަޝްޢަރީންނާއި މާތުރީދީންނެވެ. އެއީ މަދު ޙަންބަލީންކޮޅެއް ފިޔަވައެވެ. މިއާ ޚިލާފަށް ޢިލްމުވެރިިންގެ ތެރޭގައި ދެންތިއްބެވީ ޚަވާރިޖުންނާއި މުޢުތަޒިލީންނާއި މުޝައްބިހީންނާއި ޖަހަމީންނާއި ޝިޔަޢީންނެވެ. މިބުނެވުނު މީހުންނަކީވެސް ސުއްނަތު ވަލްޖަމާޢަތުގައި ނުހިމެނު ކަމުގައި ވިއަސް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުސްލިމުންނެވެ. މިސާލަކަށް އިމާމު ޒަމަޚްޝަރީއަކީ މަޝްހޫރު މުފައްސިރެކެވެ. ނަމަވެސް އެކަލޭގެފާނުންގެ ފިކުރުހުރީ މުޢުތަޒިލީންނާ ގުޅިފައެވެ. ދުނިޔޭގެ ޑޮކްޓަރުންގެ ބައްޕަގެ ލަޤަބުން ލަޤަބު ލިބިވަޑައިގެންފައިވާ އިމާމު އިބްނި ސީނާއަކީ މުޢުތަޒިލީއެކެވެ. އިސްލާމީ ދުނިޔޭގެ މަޝްހޫރު ވެރިންނަށް ބަލާއިރު ޚަލީފާ ޢުމްރު އިބްނި ޢަބްދުލް ޢަޒީޒަކީ ތައުވީލު ކުރެއްވި ބޭކަލެކެވެ. ޚަލީފާ ހާރޫއްނުއް ރަޝީދަކީ އަޝްޢަރީއެކެވެ. އޭނާގެ ދަރިކަލުން ޚަލީފާ މައުމޫނަކީ މުޢުތަޒިލީއެކެވެ. ޢުޡްމާނީ ޚަލީފާއެއް ކަމުގައިވާ މުޙައްމަދު އަލްފާތިޙުއާއި ޞަލާޙުއްދީން އައްޔޫބަކީ އަޝްޢަރީންނެވެ.

މިއަދުގެ އިސްލާމީ ދުނިޔޭގައި ދީނީ ޔުނިވަރސިޓީތައް ބިނާވެފައިވަނީ އަޝްޢަރީ، މާތުރީދީ އަޤީދާގެ މަތީގައެވެ. މިސުރުގެ އަޒްހަރާއި އެނޫން ޔުނިވަރސިޓީތަކާއި މަޢުހަދުތަކެވެ. ޓިއުނީސިޔާގައި ޒައިތޫނާ ޔުނިވަރސިޓީއެވެ. މޮރޯކޯގައި ޤަރަވީން ޔުނިވަރސިޓީއާއި އޭގެ ގޮފިތަކާއި މަޢުހަދުތަކެވެެ. ޖޯޑަނާއި ސީރިޔާއާއި ފަލަސްޠީނުގެ ޔުނިވަރސިޓީތަކާއި ތުރުކީ ވިލާތުގެ އިސްލާމީ އިންސްޓިއުޓުތަކާއި އިންޑޮސިޔާއާއި މެލޭސިއާގެ އެންމެހައި ޔުނިވަރސިޓީތަކާއި އިންޑިޔާއާއި ޕާކިސްތާނާއި އަފްޣާނިސްތާނާއި ބަނގްލާދޭޝްގެ ދީނީ އެންމެހައި އިދާރާތަކާއި ޗެޗްނިޔާއާއި އެނޫންވެސް ރަޝިޔާއާއި ޔޫއެސްއެސްއާރުގެ މުސްލިމު ޖަމާޢަތްތަކުގެ ދީނީ އިދާރާތަކާއި މިއެންމެހައި ތަންތަނަކީ އަޝްޢަރީ ޢަޤީދާގެ މައްޗަށް ބިނާވެފައިވާ އިދާރާ ތަކެވެ. ޔޫރަޕްގެ އެންމެމަތީ ޢިލްމުވެރިންގެ ޖަމާޢަތުގައި ހިމެނެނީ މުޅިންހެން އަޝްޢަރީންނެވެ. އޮސްޓްރެލިޔާގެ އިސްލާމީ ފަތުވާ ކޮމެޓީގެ މެންބަރުންނަކީ އަޝްޢަރީންނެވެ. މިއަދުގެ އިސްލާމީ މުފައްކިރުންގެ ތެރެއިން އަޒުހަރުގެ ޝައިޚާއި ރައީސާއި މިޞްރުގެ މުފްތީންނާއި ތުރުކީގެ މުފްތީއާއި ޝައިޚު ޣަޒާލީއާއި ޝައިޚު ބޫޠީއާއި ޑރ. ޤަރުޟާވީއާއި އެނޫނަސް ދުނިޔޭގެ ބޮޑެތި ޢިލްމުވެރިންނަކީ އަޝްޢަރީންނެވެ. ސަޢުދީ ޢަރަބިޔާގެ ބޮޑެތި ގިނަ ޢިލްމުވެރިންނަކީ ތަޖްސީމީންނެވެ. (އެބޭފުޅުންގެ ބަހުރުވައިންނަމަ ސުއްނީންނެވެ.) އޭގެތެރެއިން ބައެއް ބޭފުޅުންނަކީ އަޝްޢަރީންނެވެ. ޝިޔާ ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުންނަކީ މުޢުތަޒިލީންނެވެ. އަނެއްބައި ބޭފުޅުންނަކީ އަޝްޢަރީންނެވެ. ދެއުބަންދީ އިދާރާތަކާއި ބަރްލަވީ އިދާރާތަކެއްގެ އެންމެހައި ޢިލްމުވެރިންނަކީ އަޝްޢަރީ، މާތުރީދީންނެވެ. ދިވެހި ރާއްޖެއަށް ބަލާއިރު އިހުގެ އެންމެހަައި ޢިލްމުވެރިންނަކީ އަޝްޢަރީންނެވެ. ވާދޫ ދަންނަ ކަލޭގެފާނާއި އެކަލޭގެފާނުންގެ އަތްޕުޅު މައްޗަށް ދަރިވަރުވެ ހިނގަމުންދިޔަ އެންމެހައި ޢިލްމުވެރިންނަކީ އަޝްޢަރީންނެވެ. މިހާރަކަށް އައިސް މަދީނާ ޔުނިވަރސިޓީއިން ދަރިވަރުވެގެން ވަޑައިގަތް ބައެއް ބޭފުޅުންނަކީ ތަޖްސީމީއިންނެވެ. އަނެއްބައި ބޭފުޅުންނަކީ އަޝްޢަރީންނެވެ. މިޞްރާއި ދުނިޔޭގެ އެހެން ޤައުމުތަކުން ވަޑައިގެން ތިއްބެވި ޢިލްމުވެރިންނަކީ ޢަޝްޢަރީންނެވެ. ކުރުގޮތަކަށް ބުނާނަމަ މިހާރު ދުނިޔޭގައި އުޅެމުންދާ 1.7 ބިލިޔަން މުސްލިމުންގެ ތެރެއިން %95 މީހުންނަކީ އަޝްޢަރީންނެވެ.

އަޝްޢަރީ ޢަޤީދާއަކީ ކޮބާ!

ރާއްޖެ އިސްލާމް ވީއްސުރެން ފެށިގެން ރާއްޖޭގައި ޢަޤީދާއެއްގެ ގޮތުގައި ހިނގަމުން އައީ ސުއްނަތް ޖަމާޢަތުގެ އަހުލުވެރިންގެ ތެރެއިން އަޝްޢަރީ ޢަޤީދާއެވެ. މިޢަޤީދާގެ އުޞޫލަކީ ﷲގެ ސިފަފުޅުގެ ގޮތުން ޤުރުއާނާއި ކީރިތި ރަސޫލާގެ ޙަދީޘުތަކުގައި ވާރިދުވެފައިވާ ބައެއް ސިފަފުޅުތަކުގެ މާނަކުރުމުގައި ތައުވީލު ކުރުމެވެ. އެބަހީ އެފަދަ ބަސްބަހަކީ ޢަރަބިން ޙަޤީޤީ މާނައާއި މަޖާޒީ މާނައާއި ދެމާނާގައި ޢާއްމުކޮށް ބޭނުންކުރަމުން އައިސްފައިވާ ބަސްތަކަކަށް ވާތީވެ ﷲ އަށް ނިސްބަތްކޮށް އެފަދަ ބަހެއް ޤުރުއާނުގައި ނުވަތަ ރަސޫލާގެ ޙަދީޘުގައި އަތުވެއްޖެނަމަ ﷲއާއި މަޚްލޫޤަކާ އެއްފަދަ ނުވާނޭ ގޮތަކަށް އެފަދަ ބަހެއްގެ މާނަ ކުރުމުގައި ތައުވީލު ކުރުމެވެ. އެހެން ޢިބާރަތަކުން ބުނާނަމަ އެބަހަކަށް ޢަރަބި ބަހުގައި ބޭނުންވަމުން އަންނަ މަޖާޒީ މާނަތަކުގެ ތެރެއިން އެޢިބާރަތަކާ ގުޅޭ މާނައެއް އެބަހަކަށް ބޭނުން ކުރުމެވެ. މިސާލަކަށް އަލް މުއުމިނޫނަ ސޫރަތުގެ 88 ވަނަ އާޔަތުގައިވާ ﷲގެ ވަޙީބަސްފުޅެވެ. [ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ ] މާނައީ: އެންމެހައި ތަކެއްޗެއްގެ ފުރިހަމަ މިލްކުވެރިކަން ވަނީ އެއިލާހުގެ ޤުދުރަތުގައެވެ.

މަތީގައި ބަޔާންވެދިޔަ އާޔަތަށް ބަލާއިރު، އާޔަތުގައި އޮތް [ يَد ] ގެ ޙަޤީޤީ އަދި ލަފްޒީ މާނައަކީ އަތެވެ. އެހެންނަމަވެސް ﷲ އަށް ނިސްބަތްކޮށް އަތުގެ މާނަ ނުކުރެވޭނެތީ އެންމެހައި މުފައްސިރުން އޭގެ މާނަކުރަށްވާފައި ވަނީ ޤުދުރަތުގެ މާނާގައެވެ. އިންސާނުން މޮށެއުޅޭ ހުރިހާ ބަހަކުން ވެސް މިބަސް ތަފާތު މާނާގައި ބޭނުން ކުރެވެއެވެ. އޭގެ ތެރޭގައި ފުރިހަަމަ އިޚްތިޔާރާއި ބާރުގެދަށުގައި ވުމާއި އެހީއާއި މަދަދާއި ވާގިވެރިވުމާއި މިނޫނަސް ތަފާތު މާނާގައި މިބަސް ބޭނުން ކުރެވެއެވެ. ޢަރަބި ބަހުގައިވެސް މިބަސް ތަފާތު މާނާގައި ބޭނުން ކުރެވެއެވެ. އިބްނި ޙަޖަރު ފަތުޙުލް ބާރީގައި ވިދާޅުވެފައި ވަނީ ޢަރަބިބަހުގައި "ޔަދު"ގެ 25 މާނަ އޮންނަ ކަމަށެވެ. ހަމައެއާއެކު ދިވެހި ބަހުގައި އަތް ތަފާތު މާނާގައި ބޭނުން ކުރެވެއެވެ. މިސާލަކަށް ބުނާނަމަ "އަހަރެންގެ އަތެއް ތިކަމުގައި ނުވެއެވެ." މިޢިބާރާތުގައި އަތުގެ މާނައަކީ އެހީއާއި ބެލެހެއްޓުމެވެ. ނުވަތަ ނުފޫޒެވެ. މިއުޞޫލުގެ ދަށުން އިމާމު ތިރްމިޛީ މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޢައްބާސްގެ އަރިހުން ރިވާކުރަށްވާފައިވާ ޙަދީޘުފުޅެއްގައި އައިސްފައިވެއެވެ. [ يَدُ اللَّهِ مَعَ الْجَمَاعَةِ ] (މާނައީ: މުސްލިމުންގެ މިޖަމާޢަތާއެކު ﷲގެ ރަޙްމަތާއި ރައްކައުތެރިކަން ވެއެވެ.) މިތާގައި އިބްނި ޢައްބާސްގެ އަރިހުގައި "ޔަދު"ގެ މުރާދަކީ ރަޙްމަތާއި ރައްކައުތެރިކަމެވެ. މިނޫންވެސް މިފަދަ މިސާލުތައް ބައިވަރެވެ.

ކީރިތި ޤުރުއާނުގައި [ يَد ] (އަތް) މިބަސް ﷲއަށް ނިސްބަތް ވެގެންވާ އެއްވެސް ތަނެއްގައި އެއީ ތަންތަނުގައި ހިފައި، ބީހުމުގެ ވަސީލަތަކަށް ބޭނުންކުރާ އަތުގެ މާނާގައި އައިސްފައިވާ "ޔަދެއް" ނޫންކަން ހަނދުމަ ނަތްތާލައިގެން ނުވާނެއެވެ. މިހެނީ މަތިވެރި މާތް ﷲ އަށް އެއްޗެއް ހިއްޕަވައި، ބީހި ވޮޑިގަތުމަކަށް އަތަކަށް ބޭނުންވެ ވޮޑިގެނެއް ނުވެއެވެ. ހަމައެހެންމެ ހިންގަވައި ވޮޑިގަތުމަކަށް ފަޔަކަށާއި ބައްލަވައި ވޮޑިގަތުމަކަށް ލޮލަކަށް ބޭނުންވެ ވޮޑިގެނެއް ނުވެއެވެ. އާދެ، މާތް ﷲއީ އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނެތް އިލާހެވެ. މާއްދީ އެއްޗެއް ކަމުގައިވާ ހަށިގަނޑަކަށް އެއިލާހު ބޭނުންވެ ވޮޑިގެނެއް ނުވެއެވެ. އެހެންކަމުން ހަށިގަނޑަކަށް ބޭނުންވާ އެންމެހައި ސިފަތަކުންނާއި ގުނަވަންތަކުން ﷲ ވަނީ ހުސްދުރުވެ ވޮޑިގެންނެވެ. މިގޮތުން ކެއުމާއި ބުއިމާއި ނިދުމާއި ނިދިޖެހުމާއި ޣާފިލުވުމާއި ވަރުބަލިވުމާއި ލޮޑުވުމާއި އަރާމަށް ބޭނުންވުމާއި މިނޫނަސް މިބާވަތުގެ މަޚްލޫޤުންގެ ހަށިގަނޑަކާ ގުޅިފައިވާ އެއްވެސް ސިފަތަކަކީ އެއިލާހަށް މުސްތަޙީލުވެގެންވާ ސިފަތަކެވެ. ހަމައެހެންމެ އެއިލާހުގެ ޤުދްރަތަކަށް ކަންކަން ކުރެއްވުމަކަށް އަތާއިފަޔާއި ބޮލާއިލޮލާއި ހިތާއި ކަންފަތާއި މިނޫނަސް ހަށިގަނޑުގެ އެއްވެސް ގުނަވަނަކަށް ބޭނުންވެގެނެއް ނުވެއެވެ. ކަމެއްކުރަށްވަން އެއިލާހު އިރާދަކުރަށްވައި، "ވާށޭ" އެންގެވުމުން ވަގުތުން އެކަމެއް ވެގެންދަނީއެވެ.

ކޮންމެއަކަސް މާތް ﷲ ކީރިތި ޤުރުއާނުގައި އިންސާނުންނާ މުޚާޠަބު ކުރަށްވާހިނދު އަދި ކީރިތި ރަސޫލާގެ ބަސްފުޅުތައް އަންނަހިނދު ޢަރަބިބަހުގައި ޢަރަބިން ބޭނުންކުރަމުން އަންނަ ބަހުރުވައިން އެއުރެންނަށް ފަސޭހައަކަށް މިފަދަ ބަސްތައް ބޭނުން ވެފައި އެބަހުއްޓެވެ. މިގޮތުން ޤުރުއާނުގައި ނުވަތަ ޙަދީޘުގައި މިބާވަތުގެ ލަފުޒެއް ﷲ އަށް ނިސްބަތްކޮށް ބޭނުންކުރެވޭހިނދު އެލަފުޒެއް ނުވަތަ އެކަލިމައެއް ދެނެގަތުމުގައި ސަލަފުއް ޞާލިޙުންގެ މެދުގައި ބޭނުންކުރެވެމުން އައިސްފައިވަނީ ދެގޮތެކެވެ. އެއްގޮތަކީ ތަފްވީޟުގެ މަގެވެ. އަނެއް ގޮތަކީ ތައުވީލުގެ މަގެވެ.

އިމާމު ނަވަވީ އެކަލޭގެފާނުންގެ ފޮތް "އަލްމިންހާޖު" ގައި މިފަދަ ކަލިމަތަށް ﷲ އަށް ނިސްބަތްވުމާ މެދު ވިދާޅުވެފައި ވެއެވެ. [ اِعْلَمْ أَنَّ لأَهْلِ الْعِلْم فِي أَحَادِيثِ الصِّفَاتِ وَآيَاتِ الصِّفَاتِ قَوْلَيْنِ أَحَدُهُمَا: وَهُوَ مَذْهَبُ مُعْظَمِ السَّلَفِ أَوْ كُلُّهُمْ أَنَّهُ لاَ يُتَكَلَّمُ فِي مَعْنَاهَا بَلْ يَقُولُونَ يَجِب عَلَيْنَا أَنْ نُؤْمِنَ بِهَا وَنَعْتَقِدَ لَهَا مَعْنًى يَلِيقُ بِجَلاَلِ اللَّهِ تَعَالَى وَعَظَمَتِهِ مَعَ اِعْتِقَادِنَا الْجَازِمِ أَنَّ اللَّه تَعَالَى لَيْسَ كَمِثْلِهِ شَيْء وَأَنَّهُ مُنَزَّهٌ عَنَ التَّجَسُّمِ وَاْلانْتِقَالِ وَالتَّحَيُّزِ فِي جِهَةٍ وَعَنْ سَائِرِ صِفَاتِ الْمَخْلُوقِ ..... ] (މާނައީ: ދަންނާށެވެ! ﷲގެ ސިފަފުޅުތަކާ ބެހޭގޮތުން ފެންނާންހުރި އާޔަތްތަކާއި ޙަދީޘުތަކަށް ބަހުސު ކުރެއްވުމުގައި ދީނުގެ ދަންނަބޭކަލުންގެ މެދުގައި އޮތީ މައިގަނޑު ދެބަސްފުޅެކެވެ. އެއް ބަސްފުޅަކީ ސަލަފުގެ ގިނަ ދަންނަބޭކަލުންގެ ބަސްފުޅެވެ. އެބޭކަލުން ވިދާޅުވާ ގޮތުން މޮޅު ގޮތަކީ އެފަދަ ސިފަފުޅަކާ ބެހޭގޮތުން ބަސްބުނެ ނުހެދުމެވެ. އެބޭކަލުން ވިދާޅުވާގޮތުގައި، ތިމަންމެންނަށް އޮތް ގޮތަކީ އެތާގައި އޮތް ލަފުޒު ޤަބޫލުކޮށް އޭގެ މާނަކުރުމެއްނެތި އެއަށް އީމާންވުމެވެ. އަދި ތިމަންމެންގެ މައްޗަށް އޮތް ވާޖިބަކީ، ކަނޑައެޅިގެން މަތިވެރި މާތް ﷲގެ ޝާނާ އެކަށޭނަ މާނައެއް އޭގައި އޮތްކަން ޤަބޫލުކޮށް އެކަމުގެ މައްޗަށް އިޢުތިޤާދު ކުރުމެވެ. މިހެނީ ޔަޤީން ކުރަންޖެހެނީ ﷲ އާ އެއްފަދަ، އެއްވައްތަރު އެއްވެސް އެއްޗެއް ނުވާ ކަމަށެވެ. އަދި ﷲ އަށް މާއްދީ ހަށިގަނޑެއް ވުމާއި އެއްތަނުން އަނެއް ތަނަށް، އެއް ޙާލަތުން އަނެއް ޙާލަަތަށް ނަގުލުވެ ބަދަލުވުމާއި، އެއިލާހަށްވަކިފަރާތެއް ވަކިތަނެއް ޚާއްޞަވުމާއި މިނޫނަސް މަޚްލޫޤުންނަށް ބޭނުންވެގެންވާ ޙާދިޡު އެންމެހައި ސިފަތަކުން އެއިލާހު ހުސްދުރުވެ ވޮޑިގެންވާކަން ކަށަވަރުކޮށް ޔަޤީން ކުރުމެވެ. މިބަސްފުޅަކީ އިހާއިފަހުގެ ޢިލްމުވެރިންގެ ތެރެއިން ތަޙްޤީޤުކުރެއްވި އިމާމުވެރި ބޭކަލުން އިޚްތިޔާރު ކުރެއްވި ބަސްފުޅެވެ. އަދި އަހުރެން ދެކޭގޮތުގައި އެންމެ ރައްކައުތެރި ގޮތަކީވެސް މިއީއެވެ.  ދެވަނަ ބަސްފުޅަކީ ޢިލްމުވެރިންގެ ތެރެއިން ގިނަ މުތަކައްލިމީންނާއި ބައެއް މުޙައްދިޘުންގެ ބަސްފުޅެވެ. އެބޭކަލުން ވިދާޅުވަނީ ﷲ އަށް ނިސްބަތްކޮށް މިފަދަބަހެއް އައިސްފައި އޮތް ތަނެއްގައި އެމަޤާމަކާ ގުޅޭގޮތަކަށް ޢަރަބިން ބޭނުން ކުރަމުން އަންނަ މަޖާޒީ މާނަތަކުގެ ތެރެއިން މާނައެއްކޮށް އެބަހުގެ ތައުވީލުކުރުމެވެ. އެހެނަސް ދަންނަންޖެހޭނެ ކަމަކީ މިއީއަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނޭ ކަމެއް ނޫންކަމެވެ. އަދިކިއެއްތަ؟ މިގޮތަށް އެތަންތަން ތައުވީލު ކުރަންވާނީ ޢަރަބި ބަހާއި ބަހުގެ އުޞޫލުތަކާއި އެކަމުގެ ތަފާތު ޢިލްމުތައް ދެނެވަޑައިގެން ތިއްބެވި ޢިލްމީ މައިދާނުގައި ހުނަރުވެރިވެ ވަޑައިގެން ތިއްބެވި ބޮޑެތި ޢިލްމުވެރިންނެވެ.)

ނަވަވީގެ މިބަސްފުޅުގެ ޚުލާޞާއަކީ ﷲ އަށް ނިސްބަތްކޮށް މަޚްލޫޤުގެ ސިފަތަކުގެ ތެރެއިން ސިފައެއް ބޭނުންކުރެވި އައިސްފައި ހުރިނަމަ ޢިލްމުވެރިންގެ މެދުގައި އޮތީ ދެރައުޔެކެވެ. އެއްރައުޔަކީ ތައުޙީދު ޢިލްމުގެ އިސްޠިލާޙުގައި އެއިގެ ލަފުޒުގެ މާނަތައް އެނގި ހާމަވެގެންވާޙާލު، މުރާދަކީ އެއީ ނޫންކަމަށް ޔަޤީންކޮށް، އޭގެމުރާދު ބޮޑަށް ދެނެވޮޑިގެންވަނީ ﷲކަމަށްދެކި، އިތުރަށް އޭގެއަޑި ހޯދަންނޫޅެ، އެއްވެސް މާނައެއް ކުރުމަކާނުލައި ﷲއަށް ވަކީލުކޮށް ދޫކޮށްލުމެވެ. އެބަހީ އެބަހުގެ މާނައާމެދު ތަފްވީޟު ކޮށްލުމެވެ. މިގޮތަށް ތަފްވީޟު ކުރަންޖެހެނީ ހަމައެކަނި ޤުރުއާނާއި ސުއްނަތުގައިވާ މުތަޝާބިހު އާޔަތްތަކާއި އެފަދަ ރިވާޔަތްތަކުގައެވެ. އެބަހުގެ ލަފުޒީމާނަ ކުރުމަށް މަސައްކަތް ކުރުމަކާނުލައި ﷲއަށް ބަރޯސާކޮށްލައިގެން، އެތާގައި ލަފުޒުއައިސްފައި އޮތްގޮތް ޤަބޫލު ކުރުމެވެ. ތަފްވީޟަކީ މިއީއެވެ. އަނެއް ރައުޔަކީ އެފަދަ ބަސްތަކަކީ މަޚްލޫޤުންގެ ސިފަތަކަށް ވެފައި އެސިފަތަކަކީ ﷲ އަށް ނިސްބަތްކުރުން އެކަށީގެން ނުވާ ޙާދިޡު ސިފަތަކަށް ވާހިނދު އެބަސްތަކުގެ ލަފުޒީ މާނައަށް ރުޖޫޢުވުމެއްނެތި އެބަސް ބޭނުންކުރެވިފައިވާ މަޖާޒީ މާނަތަކުގެ ތެރެއިން އެތަނަކާ ގާތް މާނައެއްކޮށް އެމާނަ ﷲ އަށް ނިސްބަތް ކުރުމެވެ. އެހެންގޮތަކަށް ބުނާނަމަ މަޖާޒީ މާނައަކުން އެބަސް ތައުވީލު ކޮށްލުމެވެ. މިމަންހަޖަށް ކިޔަނީ އަޝްޢަރީ މަންހަޖެވެ. އެއީ އިމާމު އަބުލް ޙަސަން އަލްއަޝްޢަރީއަށް މިމަންހަޖު ނިސްބަތްވާތީއެވެ. އަދި މާތުރީދީ މަންހަޖަކީވެސް މިއީއެވެ.

ސަލަފުއްޞާލުންގެ ދުވަސްވަރު ތިިންވަނަ ޤަރުނުން ފެށިގެން ސުއްނީންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިނގަމުންއައީ (ޢަޤީދާގެ ގޮތުން ބަލާއިރު) ބަޔާންވެދިޔަ ސުއްނީ ތިން ޖަމާޢަތެވެ. އޭގެ ތެރެއިންވެސް މަދު ޙަންބަލީ ބޭކަލުންތަކެއް ފިޔަވައި ތަފާތު ފަންނު ތަކުގެ މުސްލިމު ޢިލްމުވެރިންގެ ތެރެއިން އަރާތިއްބެވި އެންމެހައިޢިލްމުވެރިންނަކީ ތައުވީލު ކުރެއްވި ބޭކަލުންނެވެ. އެބަހީ އަޝްޢަރީންނެވެ. ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންގެ ތެރެއިންވެސް ބޮޑެތި ގިނަ ބޭކަލުން ތިއްބެވީ އަޝްޢަރީ ޢަޤީދާގެ މަތީގައެވެ. މިސާލަކަށް އިމާމު އިބްނި ޤުދާމާއި ޢަބްދުލް ޤާދިރު ޖީލާނީއެވެ. ޚުދް އިމާމު އަބޫ ޙަސަން އަލްޢަޝްޢަރީއަކީ ފިޤުހީގޮތުން ބަލާއިރު ޙަންބަލީއެކެވެ. އެކިއެކި ފަންނުތަކަށް ބަލާއިރު އެންމެހައި ފިޤުހު ވެރިންނާއި ގިނަމުޙައްދިޘުންނާއި ގިނަމުފައްސިރުންނާއި ބަހުގެ ގިނަ ޢިލްމުވެރިންނާ ގިނަ މުއައްރިޚުންނާއި އެންމެހައި އުޞޫލީންނާއި ތަޞައްވުފުގެ އަހުލުވެރިންނާއި ޤާރީވެރިންނަކީ އަޝްޢަރީންނެވެ. ގިނަ ފަސްލަފާ ވެރިންނަކީ އަޝްޢަރީންނެވެ. ބަހުގެ އެންމެހައި ޢިލްމުވެރިންނަކީ އަޝްޢަރީންނެވެ. ޒާހިރީ ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުންނަކީ އަޝްޢަރީންނެވެ. އާދެ، އިސްލާމީ ތަފާތު ފަންނުގެ ޢިލްމުވެރިންގެ ތެރޭގައި އިހަކާ ޖެހެންދެން މިނޫންބަޔަކު ދުނިޔޭގައި އުޅުއްވާފައި ނެތެވެ.

މިއަދުގެ ސަލަފީން

އާދެ، ސަލަފުއް ޞާލިޙުންގެ ދުވަސްވަރުން ފެށިގެން އަށްވަނަ ޤަރުނާ ޖެހެންދެން ސުއްނީ މުސްލިމުންއައީ ޤުރުއާނާއި ޙަދީޘުގައި ﷲ އަށް ނިސްބަތްވެފައިވާ ލަފުޒުތައް މާނަ ކުރުމުގައި ބަޔާންވެދިޔަ ދެގޮތުގެ ތެެެެެެރެއިން ކޮންމެވެސް އެއްގޮތަކަށް މާނަކޮށް އެއަށް ތަބާވަމުންނެވެ. ފެށުނީއްސުރެން މުސްލިމުން އައީ ތަފްވީޟާއި ތައުވީލުގެ މަގު އިޚްތިޔާރުކޮށްގެން، މިދެމަންހަޖުގެ މަތީ އެބައިމީހުންގެ މަގު ކަޑައްތު ކުރަމުންނެވެ. ޝައްކެއް ވަސްވާހެއް ނެތްގޮތުގައި [ أَهْلُ السُّنَّةِ وَالْجَمَاعَة ] ގެ މުސްލިމުން ހިނގަމުންއައީ މިދެމަންހަޖުގެ މަތީގައެވެ.

އައް ސަލަފުއް ޞާލިޙުންގެ މަންހަޖު ފޫވައްޓާލުން

ސަލަފުއްޞާލިޙުން ފެށިގެން އަހުލު ސުއްނަތު ވަލްޖަމާޢަތުގެ ޢިލްމުވެރިން މިދެމަންހަޖުގެ މަތީ ދެމިތިބެ، ހިނގަމުން އަންނަނިކޮށް އެންމެ ފުރަތަމަ މިދެމަންހަޖު ފޫވައްޓާލެއްވީ، އަށްވަނަ ޤަރުނުގައި އުޅުއްވި ބޭކަލަކު ކަމުގައިވާ އިމާމު އިބްނި ތައިމިޔާއެވެ. އެކަލޭގެފާނު މުސްލިމު އުއްމަތުގެ ތެރެއަށް އިސްލާމީ އައު ޢަޤީދާއެއް ތަޢާރުފުކޮށް ދެއްވިއެވެ. މި އައު ޢަޤީދާއަށްފަހު ޚުދު އެކަލޭގެފާނަށާއި އެކަލޭގެފާނަށް ތަބާވީ ބަޔަކަށް މެނުވީ ސުއްނަތު ވަލްޖަމާޢަތުގެ ނަން ޙައްޤުނުވާ ކަމަށާއި މުސްލިމު "ތައިމީން" ނޫން މީހުންނަކީ ސުއްނަތު ވަލްޖަމާޢަތުގެ ޢަޤީދާއިން ބޭރުވެފައިތިބި، ބާޠިލް ބިދުޢަވެރި ޖަމާޢަތްތަަކެއް ކަމުގައި ކަނޑައެޅުއްވިއެވެ. އިމާމު އިބްނި ތައިމިޔާއަކީ ވަރަށްބޮޑު ފަލްސަފާވެރިއަކަށް ވީތީ ސަލަފުންގެ ދެމަންހަޖު ދޫކޮށްލައްވައި އެކަލޭގެފާނު އިޚްތިޔާރުކުރެއްވި މިއައުގޮތަކީ ސަލަފުންގެ މަންހަޖުކަމުގައި ދަޢުވާ ކުރަށްވަން ފެއްޓެވިއެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި ﷲ އަށް ނިސްބަތްކޮށް ބަޔާންވެދިޔަ ކަހަލަ ލަފުޒެއް ޤުރުއާނާއި ޙަދީޘުގައި އަތުވެއްޖެނަމަ އެލަފުޒެއްގެ މާނަ އެނގެން ޖެހެއެވެ. އެހެންކަމުން އެބަހެއްގެ މާނަ ތަފްވީޟު ކޮށްގެން ނުވާނެއެވެ. ތަފްވީޟު ކުރަންޏާ ތަފްވީޟު ކުރެވޭނީ އޭގެ ބާވަަތާއި ވައްތަރެވެ. މާނައެއް ނޫނެވެ. މިސާލަކަށް އަތޭ ބުނާނަމަ އަތަކީ އެނގޭއެއްޗެކެވެ. އެހެންނަމަވެސް ﷲއާ އެއްވެސް އެއްޗަކާ އެއްފަދަވެގެން ނުވާތީ އެއީ ކޮންކަހަލަ އަތެއްކަން ތިމަންމެންނަކަށް ބުނަން ނޭގޭނެއެވެ. އެހެންކަމުން އެކަލޭގެފާނު ވިދާޅުވަނީ މިފަދަ ބަހެއްގެ ޙަޤީޤީ މާނަ ދޫކޮށް ތައުވީލުވެސް ކޮށްގެން ނުވާނެއެވެ. އެނައްޞެއް ﷲ އެންގެވިގޮތަށް ނުވަތަ ރަސޫލާ ބަޔާންކުރެއްވި ގޮތަށް އެލަފުޒެއްގެ ޙަޤީޤީ މާނައިން އެއްކިބާ ވުމެއްނެތި، ﷲގެ ޝާނާ ޚިލާފު ނުވާގޮތަށް އޭގެ ލަފުޒީ މާނަ ކުރާނީއެވެ. އިބްނި ތައިމިޔާ އުފަންކުރެއްވި މި އައު މަންހަޖު ޚުދް އިބްނި ތައިމިޔާގެ ގިނަ ދަރިވަރުންވެސް ޤަބޫލު ނުކުރިއެވެ. އިމާމު އިބްނި ޤައްޔިމު ފިޔަވައެވެ. މިބޭކަލުންގެ ވާހަކަފުޅަށް ބަލާއިރު ތައުވީލު ކުރުމާ އިންކާރު ކުރެއްވި ކަމުގައި ވިއަސް މިބޭކަލުންވެސް އެކުރަށްވަނީ ހަމަ ތައުވީލެވެ. ޔަދުގެ މާނައަކީ އަތް ކަމާއި އެއީ ކޮންކަހަލަ އަތެއްކަން ނޭގެއޭ ބުނުމުން އެވަދެވުނީ ތައުވީލުގެ ތެރެެއަށެވެ.

މިބޭފުޅުން ދެކެވަޑައިގަންނަވާ ގޮތަކީ ﷲ އަށް ދެ "އަތް" ވާކަމަށާއި ދެއަތަކީވެސް ކަނާތް ކަމަށެވެ. މޫނާއި ދެލޮލާއި ދެކަންފަތް ވާކަމަށެވެ. ދެފަޔާއި ފައިދަނޑި ވާކަމަށެވެ. އެއީ ﷲ އެއިލާހަށް ނިސްބަތް ކުރަށްވައި މިފަދަ ބަސްބަސް ވަޙީ ކުރަށްވާފައި ވާތީއެވެ. މިގޮތުން އަތަށް ބަލާނަމަ [ يَدُ اللَّهِ ] (ﷲގެ އަތް) އާއި އެނޫންނަސް [ يَدُ ] ބޭނުން ކުރަށްވައިގެން ޢިބާރާތްތައް އައިސްފައި އެބަހުއްޓެވެ. އަދި މިބޭފުޅުން ވިދާޅުވަނީ ﷲއަށް އަތް ވާކަމަށް ޤަބޫލުކުރަންޖެހެނީ އޭގެ ޙަޤީޤީ މާނާގައި ކަމަށެވެ. އެހެނަސް އެއަތުގެ ސިފައެއް ތިމަންމެންނަކަށް ނޭގޭ ކަމަށެވެ. މީގެ ޖަވާބުގައި އަޅުގަނޑުމެން ބުނަނީ ތައުވީލު ކުރުމާ އިންކާރު ކުރަށްވާއިރު ތިޔަކުރަށްވަނީ ތައުވީލު ކަމަށާއި، ﷲ އަށް އަތްވާކަމަށް ޤަބޫލު ކޮށްގެން ނުވާނޭ ކަމަށާއި އޭރުން ﷲއާ މަޚްލޫޤުންނާ އެއްފަދަވަނީ ކަމަށެވެ. ޝޫރާ ސޫރަތުގެ 11 ވަނަ އާޔަތުގައި ﷲ ވަޙީ ކުރަށްވާފައިވާ ފަދައިންނެވެ. لَيْسَ كَمِثْلِهِ شَيْءٌ (މާނައީ: އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ.) އަދި ﷲ އަށް އަތް ނިސްބަތްވުމާއި އެނޫނަސް މިފަދަ ބަސްތައް ނިސްބަތްވާ ވުމުގެ މިސާލަކީ، ﷲގެ ގެކޮޅު، ނުވަތަ ﷲގެ ރޫޙު، މިބަސްތައް ﷲ އަށް ނިސްބަތް ކުރެވޭ ފަދައިން ކުރެވޭ ނިސްބަތެކެވެ. ﷲގެ ގެކޮޅު ކިޔަނީއަކީ ކަޢުބަތު ﷲ ގެފުޅުގައި، ނުވަތަ މިސްކިތުގައި ﷲ ދިރިއުޅުއްވާތީއެއް ނޫނެވެ. އެތަން މާތް ކުރުމުގެ ގޮތުން ﷲއަށް ނިސްބަތް ކުރެވެނީއެވެ. ނޫންނަމަ ﷲ އަށް ތަޖްސީމު (ހަށިގަނޑު) އާއި ތަޝްބީހު (މަޚްލޫޤުންނާ އެއްފަދަ ކުރުން) ސާބިތު ކުރެވެނީއެވެ. މިއީ ﷲ އަށް މުސްތަޙީލު ކަމެކެވެ. މިކަމުގެ ނަތީޖާއަކީ މިބުނެވުނު ތަޖްސީމާއި ތަޝްބީހަށް ތާއީދު ކުރާ މީހުން އެނޫންމީހުން ކާފަރުކޮށް ބިދުޢަވެރި ކުރަންފެށުމެވެ. މިހިސާބުން އިބްނި ތައިމިޔާއާއި އެކަލޭގެފާނަށް ތާއިދު ކުރަށްވާ ބޭފުޅުން އެނޫން މީހުން ކާފިރު ކުރަން ފެށިއެވެ. އަދި އަހުލުއް ސުއްނާއަކީ ހަމައެކަނި މިބޭފުޅުން ކަމުގައި ދަޢުވާކުރަށްވަން ފެއްޓެވިއެވެ. އަދު އަހުލުއް ސުއްނާ ވަލްޖަމާޢާ މިނަން އާބައެއްގެ ނަމުން ވުޖޫދަށްއައެވެ. ހަމައެހެންމެ އައްސަލަފުއް ޞާލިޙުންނަކީވެސް މިމީހުން ކަމުގައި ދަޢުވާ ކުރަންފެށުނެއެވެ. މިކަން ފެށުނީ ހިޖުރައިން އަށްވަނަ ޤަރުނުގެ ތެރޭގައެވެ. އިބްނި ތައިމިޔާގެ މިދަޢުވާއިން ނެރެވޭ ނަތީޖާއަކީ ހިޖުރައިން އަށްވަނަ ޤަރުނާ  ޖެހެންދެން އަހުލުއްސުއްނާ ކިޔާ ބަޔަކު ނޫޅޭ ކަމެވެ. އެހެނަސް މިއީ ކަނޑައެޅިގެން ބާޠިލް ދޮގު ދަޢުވާއެކެވެ.

އިމާމު އިބްނި ތައިމިޔާގެ މަންހަޖަކީ ޤުރުއާނާއި ސުއްނަތުގައި ﷲއަށް ނިސްބަތްވެ އައިސްފައިވާ ލަފުޒުތަކުގެ ތައުވީލު ކުރުމެއްނެތި ހަމައެކަނި އޭގެޙަޤީޤީ މާނާގައި އެބަސް ބޭނުން ކުރުމެވެ. މަޖާޒީ މާނައަކާ ހަމައަށް ނުދިއުމެވެ. މިސާލަކަށް އެކަލޭގެފާނުންގެ މަޖްމޫޢުލް ފަތާވާގެ 5/94 ގައި ﷲ އަށް ދެލޯ ވާކަމަށް އެކަލޭގެފާނު މިފަދައިން ވިދާޅުވެފައި ވެއެވެ. وَأَنَّ لَهُ عَيْنَيْنِ بِلَا كَيْفٍ كَمَا قَالَ تَجْرِي بِأَعْيُنِنَا މާނައީ: ޝައްކެއްނެތި އެއިލާހަށް ދެލޯ ވެއެވެ. އެއީ އޭގެ ވައްތަރު ބަޔާންކުރުމެއް ނެތިއެވެ. މިސާލަކަށް (ޤަމަރު ސޫރަތުގެ 14 ވަނަ އާޔަތުގައިވާ) ﷲގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. [ تَجْرِي بِأَعْيُنِنَا ] (މިބަސްފުޅުގެ ލަފްޒީ މާނައަކީ: ނޫޙުގެފާނުންގެ ނައުކޮޅު އެވަގުތު ދުވަމުން ދިޔައީ ﷲގެ ލޯތަކުގެ ތެއިންނެވެ.)

މިތާގައި އިބްނި ތައިމިޔާ އަށާއި އެކަލޭގެފާނުންގެ ބައިވެރިންނަށް ހަތަރު ސުވާލެއް ދަންނަވާލަން އަޅުގަނޑު ބޭނުން ވެއެވެ. (ހ) ފުރަތަމަ ސުވާލަކީ ﷲ އަށް ދެލޯ ވާކަމަށް ވިދާޅުވެ ގެންނެވީ (عَيْنٌ) ލޮލުގެ ގިނަ ބަހެވެ. އެހެންކަމަށް ވާނަމަ ދެލޮލުގެ ޢަދަދު ކަނޑައެޅުއްވީ ކޮން ދަލީލަކުންތޯއެވެ؟ (ށ) ދެވަނަ ސުވާލަކީ ނޫޙުގެފާނުންގެ ނައުކޮޅު ދުވަމުން ދިޔައީ ﷲގެ ލޮލުތެރޭގައި ކަމަށް ޤަބޫލު ކުރަށްވަނީތޯއެވެ؟ ނޫންނަމަ އެބަހުގެ ތައުވީލު ކުރަށްވަނީ ކިހިނަކުންތޯއެވެ؟ (ނ) ތިންވަނަ ސުވާލަކީ [ تَجْرِي بِأَعْيُنِنَا ] އާއި މިފަދަ އެނޫން ތަންތާގައި ލޮލުގެ ޙަޤީޤީ މާނަކުރާނެ ގޮތަކީ ކޮބައިތޯއެވެ؟ އެހެންނާ ޞަޙާބާއިން ފެށިގެން ޤުރުއާނުގެ އެންމެހައި މުފައްސިރުން މިތާގައި (عَيْنٌ) ލޮލުގެ މާނަ ކުރަށްވާފައި ވަނީ ބެއްލެވުމާއި ރައްކައުތެރި ކަމުގެ މާނާގައެވެ. އަދިވެސް ނޫޙުގެފާނުންގެ ނައުކޮޅާ ބެހޭގޮތުން ހޫދު ސޫރަތުގެ 11 ވަނަ އާޔަތުގައި ﷲ ވަޙީ ކުރަށްވާފައި ވެއެވެ. وَاصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا (މާނައީ: އޭ ނޫޙުއެވެ! އަހުރެންގެ ރައްކައުތެރިކަމާއެކު އަހުރެންގެ ބެއްލެވުމުގެ ދަށުން ނައު ބަންނަމުން ގެންދާށެވެ.) ކީރިތި ރަސޫލާއާ މުޚާޠަބުކޮށް ޠޫރު ސޫރަތުގެ 48 ވަނަ އާޔަތުގައި ﷲ ވަޙީ ކުރަށްވާފައި ވެއެވެ. وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا މާނައީ: އޭ ރަސޫލާއެވެ! ކަލޭގެވެރި އިލާހުގެ އަމުރުފުޅަށް ޢަމަލު ކުރުމުގައި ކެތްތެރިވާށެވެ. ދަންނާށެވެ! ކަލޭ ތިޔަވަނީ އަހުރެންގެ ރައްކައުތެރި ކަމުގެ ދަށުގައެވެ. (މިއެންމެހައި ތަންތާގައި ޞަޙާބާއިން ފެށިގެން އެންމެހައި މުފައްސިރުން ލޯތަކުގެ މާނަ ކުރަށްވާފައި ވަނީ ރައްކައުތެރިކަމާއި ބެއްލެވުމުގެ މާނާގައެވެ.) (ރ) ހަތަރުވަނަ ސުވާލަކީ ﷲ އަށް ދެލޯ ވާކަމުގެ ކަނޑައެޅުއްވީ ކޮން އުޞޫލަކުންތޯއެވެ؟ މިހެނީ ކީރިތި ޤުރުއާނުގައި ﷲ އަށް (عَيْنٌ) ލޯ ނިސްބަތް ކޮށް އައިސްފައިވާ ހިނދު ބައެއް ފަހަރު އައިސްފައިވަނީ ދެލޮލުގެ ވާހަކައެވެ. އަނެއް ބައިފަހަރު ލޯތަކުގެ ވާހަކައެވެ. އެބަހީ ތިންލޯ ނުވަތަ އެއަށްވުރެން ގިނަ ލޮލެވެ. އަނެއް ބައިފަހަރު އެއް ލޮލުގެ ވާހަކައެވެ. ޠާހާ ސޫރަތުގެ 39 ވަނަ އާޔަތުގައި ﷲ ވަޙީކުރަށްވާފައިވާ ފަދައިންނެވެ. وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَىٰ عَيْنِي (މާނައީ: އޭ މޫސާއެވެ! އަހުރެންގެ ފަރާތުން ކަލެއަށް ލޯބި ލެއްވީމެވެ. އެއީ އަހުރެންގެ ބެއްލެވުމުގެ ދަށުން ކަލޭ ތަރުބިޔަތުލިބި ބޮޑުވުމަށެވެ.) މިމައްސަލާގައި އަޅުގަނޑަށް ޔަޤީނުން ބުނަން އެނގޭ އެއްޗަކީ، ﷲގެ އަމުރުފުޅަށް މޫސާގެ މަންމާފުޅު އެކަލޭގެފާނު ފޮށްޓަކަށް ލައްވަވައި ކަނޑަށް ދޫކޮށްލެއްވުމުން އެކަލޭގެފާނު ދިރިއުޅުއްވީއަކީ ﷲގެ ލޮލުގެ ތެރެއަކު ނޫންކަމެވެ. އެކަލޭގެފާނަށް ﷲ ފިރުޢައުނުގެ ގަނޑުވަރުން ޢިނާޔަތް ލިބިވަޑައިގަތުމަށް އިރާދަކުރެއްވީއެވެ. އަދި މަންމާފުޅުގެ އަރިހުން ގާތުން ކިރުފޮދު ބެއްލެވުމުގެ މަގު ފަހިކޮށް ދެއްވީއެވެ. މިހުރިހާ ކަމަކަށް ﷲ ވަޙީކުރަށްވަނީ وَلِتُصْنَعَ عَلَىٰ عَيْنِيއެވެ.

މާތް ﷲ  އެއިލާހުގެ ޒާތުފުޅަށް ގުނަވަނެއް ވާކަމެއް އަންގަވާފައި ނުވޭ

މާތް ﷲ ވެސް އަދި އެއިލާހުގެ ރަސޫލާވެސް ﷲގެ ޒާތުފުޅަށް ގުނަނެއް ވާކަމުގައި އަންގަވައި އެކަން ސާބިތު ކުރަށްވާފައި ނުވެއެެވެ. އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވާހިނދު އެއިލާހު މަޚްލޫޤުންގެ ގުނަން އެއިލާހަށް ސާބިތު ކުރަށްވާނީވެސް ކިހިނަކުން ހެއްޔެވެ؟ ޤުރުއާނުގެ އެއްވެސް ތަނެއްގައި ﷲ އެއިލާހަށް އަތެއް ނުވަތަ ލޮލެއް ނުވަތަ ފައެއް ނުވަތަ މޫނެއް އަދި އެނޫންވެސް ގުނަވަނެއް ވާކަމަކަށް އަންގަވާފައި ނުވެއެވެ. މިއީ ހަމައެކަނި ތަޖްސީމީންގެ (މިއަދުގެ ސަލަފީންގެ) އުނި ސިކުނޑިތަކަށް ވަދެފައިވާ ވަހުމެކެވެ. މިބޭފުޅުން ދަލީލަކަށް ނަންގަވަނީ ޤުރުއާނުގައި ބޭނުންކުރެވިފައިވާ ބައެއް ޢިބާރަތްތަކެވެ. އެތަންތާގައި ގުނަނުގެ ނަން އެއިލާހަށް ނިސްބަތްކޮށްފައި ވާވުމެވެ. މިއީ ޢަރަބި ބަހުރުވައިގައި މަޖާޒީގޮތުން އެފަދަ ޢިބާރާތްތައް އަންނަ ގޮތެވެ. މިސާލަކަށް ﷲގެ ވަޙީ ބަސްފުޅެވެ. وَلِتُصْنَعَ عَلَىٰ عَيْنِي އެވެ. (މާނައީ: އޭ މޫސާއެވެ! އަހުރެންގެ ފަރާތުން ކަލެއަށް ލޯބި ލެއްވީމެވެ. އެއީ އަހުރެންގެ ބެއްލެވުމުގެ ދަށުން ކަލޭ ތަރުބިޔަތުލިބި ބޮޑުވުމަށެވެ.) އަދި މިސާލަކަށް [ يَدُ اللَّهِ مَعَ الْجَمَاعَةِ ] އެވެ. (މާނައީ: މުސްލިމުންގެ މިޖަމާޢަތާއެކު ﷲގެ ރަޙްމަތާއި ރައްކައުތެރިކަން ވެއެވެ.) އަދި މިސާލަކަށް فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ  އެވެ. (މާނައީ: ތިޔަބައިމީހުން ނަމާދުގައި ކޮންމެ ފަރާތަކަށް ކުރިމަތިލީ ކަމުގައިވިއަސް އެފަރާތަަކަށް اﷲ ތަވައްޖުހުވެ ވޮޑިގެން ވެއެވެ.)

ބަޔާންވެދިޔަ ތަންތާގައި ﷲއަށް އަތެއްވާ ވާހަކައެއް ނުވަތަ މޫނެއްވާ ވާހަކައެއް ނުވަތަ ލޯވާ ވާހަކައެއް އަންގަވާފައެއް ނުވެއެވެ. އަދި ކިއެއްތޯއެވެ؟ މިއާޔަތްތަކުން މިގޮތަށް މާނަ ނަގާނަމަ ވަރަށް ނުރައްކައުތެރި ބަސްތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެއީ ﷲއަށް އަންނައުނު ބޭނުންފުޅުވެ ވޮޑިގެންވާ ވާކަމާއި އެއިލާހު ބަލިވާކަމާއި ބަލިން ފަސޭހަވާކަމާއި ބަނޑުހައިވުމާއި ފެންބޮވައިގަތުމަށް ބޭނުންވާ ކަމާއި މިފަދަ އެތައް ވާހަކައެކެވެ. އެއީ އެފަދަ ވާހަކަތައްވެސް ޢަރަބި ބަހުގެ މުޙާވަރީ ޢިބާރާތުން އެކަންކަން ﷲ އަށް ނިސްބަތް ވެފައިވާތީއެވެ. މިސާލަކަށް މުންޑާއި ގަމީހެވެ. މަޝްހޫރު ޤުދުސިއްޔަ ޙަދީޘެއްގައި އިމާމު ބުޚާރީއާއި މުސްލިމާއި ތިރްމިޛީ ރިވާކުރެއްވި ރިވާޔަތް މިފަދައިން އައިސްފައި ވެއެވެ. قَالَ اللَّهُ عَزَّ وَجَلَّ الْكِبْرِيَاءُ رِدَائِي وَالْعَظَمَةُ إِزَارِي (މާނައީ: މަތިވެރި މާތް ﷲ ވަޙީ ކުރަށްވައެވެ. އޭ މީސްތަކުންނޭވެ! ދަންނާށެވެ! ކިބުރިޔާ ވަންތަ ކަމަކީ އަހުރެންގެ ގަމީހެވެ. އަދި ޢިއްޒަތްވަންތަ ކަމަކީ އަހުރެންގެ މުންޑެވެ.) އަދިވެސް އިތުރު ސިފަތަކަކަށް ބަލައިލަމާ ހިނގާށެވެ. އިމާމު މުސްލިމު ރިވާކުރަށްވާފައި ވެއެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ عَزَّ وَجَلَّ يَقُولُ يَوْمَ الْقِيَامَةِ يَا ابْنَ آدَمَ مَرِضْتُ فَلَمْ تَعُدْنِي قَالَ يَا رَبِّ كَيْفَ أَعُودُكَ وَأَنْتَ رَبُّ الْعَالَمِينَ قَالَ أَمَا عَلِمْتَ أَنَّ عَبْدِي فُلَانًا مَرِضَ فَلَمْ تَعُدْهُ أَمَا عَلِمْتَ أَنَّكَ لَوْ عُدْتَهُ لَوَجَدْتَنِي عِنْدَهُ يَا ابْنَ آدَمَ اسْتَطْعَمْتُكَ فَلَمْ تُطْعِمْنِي قَالَ يَا رَبِّ وَكَيْفَ أُطْعِمُكَ وَأَنْتَ رَبُّ الْعَالَمِينَ قَالَ أَمَا عَلِمْتَ أَنَّهُ اسْتَطْعَمَكَ عَبْدِي فُلَانٌ فَلَمْ تُطْعِمْهُ أَمَا عَلِمْتَ أَنَّكَ لَوْ أَطْعَمْتَهُ لَوَجَدْتَ ذَلِكَ عِنْدِي يَا ابْنَ آدَمَ اسْتَسْقَيْتُكَ فَلَمْ تَسْقِنِي قَالَ يَا رَبِّ كَيْفَ أَسْقِيكَ وَأَنْتَ رَبُّ الْعَالَمِينَ قَالَ اسْتَسْقَاكَ عَبْدِي فُلَانٌ فَلَمْ تَسْقِهِ أَمَا إِنَّكَ لَوْ سَقَيْتَهُ وَجَدْتَ ذَلِكَ عِنْدِي މާނައީ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. (ޤުދުސިއްޔަ ޙަދީޘެއްގައި) މަތިވެރި މާތް ﷲ ވަޙީކުރަށްވާފައި ވެއެވެ. ޤިޔާމަތް ދުވަހުން ﷲގެ އަޅާއާ އެއިލާހު މުޚާޠަބު ކުރަށްވައި ވަޙީކުރަށްވާނެތެވެ. އޭ އާދަމުގެ ދަރިޔާއެވެ! އަހަރެން ބަލިވީމެވެ. ކަލޭ އަހަންނަކަށް ޒިޔާރަތް ނުކުރަމުއެވެ. އޭނާ ދަންނަވާނެތެވެ. އޭ އަޅުގެވެރި ރަސްކަލާކޮ! އަޅަށް ތިޔައިލާހުގެ ޙަޟުރަތަށް ޒިޔާރަތް ކުރެވޭނީ ކިހިނަކުންތޯއެވެ؟ ތިޔައީ ޢާލަމުތަކުގެވެރި އިލާހެވެ. އެއިލާހު ވަޙީކުރަށްވާނެތެވެ. އަހަރެންގެ މިވެނި އަޅަކު ބަލިވެ އޮތްކަން ކަލެއަށް ނޭގެނީހެއްޔެވެ؟ ކަލޭ އޭނާއަށް ޒިޔާރަތް ނުކުރަމުއެވެ. އަޅެ ކަލެއަށް އެނގޭހެއްޔެވެ؟ ކަލޭ އޭނާއަށް ޒިޔާރަތް ކުރިނަމަ އޭނާގެ ގާތުން ކަލެއަށް އަހަރެން ފެނުނީހެވެ. (އެބަހީ އަހަރެންގެ ޙަޟުރަތުން ދީލަތިވެ ވޮޑިގެން އެކަމުގެ އުޖޫރައާއި ޡާވާބު ކަލެއަށް ދެއްވީމުހެވެ.) އޭ އާދަމުގެ ދަރިޔާއެވެ! އަހަރެން ކަލޭގެ ކިބައިން ކާއެއްޗެއްސަށް އެދުނީމެވެ. ކަލޭ އަހަންނަކަށް ކާކަށް ނުދެމުއެވެ. އޭނާ ދަންނަވާނެތެވެ. އޭ އަޅުގެވެރި ރަސްކަލާކޮ! އަޅަށް ތިޔައިލާހުގެ ޙަޟުރަތަށް ކާއެއްޗެހި އެރުވޭނީ ކިހިނަކުންތޯއެވެ؟ ތިޔައީ ޢާލަމުތަކުގެވެރި އިލާހެވެ. އެއިލާހު ވަޙީކުރަށްވާނެތެވެ. އަހަރެންގެ މިވެނި އަޅަކު ކަލޭގެ ކިބައިން ކާންއެދުނުކަން ކަލެއަށް ނޭގެނީހެއްޔެވެ؟ ބަލަ ކަލޭ އޭނާއަށް ކާންދިންނަމަ އޭނާގެ ގާތުން ކަލެއަށް އަހަރެން ފެނުނީހެވެ. (އެބަހީ އަހަރެންގެ ޙަޟުރަތުން ދީލަތިވެ ވޮޑިގެން އެކަމުގެ އުޖޫރައާއިޡާވާބު ކަލެއަށް ދެއްވީމުހެވެ.) އޭ އާދަމުގެ ދަރިޔާއެވެ! އަހަރެން ކަލޭގެކިބައިން ބޯފެނަށްއެދުނީމެވެ. ކަލޭއަހަންނަކަށް ބޯފެނެއް ނުދެމުއެވެ. އޭނާ ދަންނަވާނެތެވެ. އޭ އަޅުގެވެރި ރަސްކަލާކޮ! އަޅަށް ތިޔައިލާހުގެ ޙަޟުރަތަށް ބޯފެން އެރުވޭނީ ކިހިނަކުންތޯއެވެ؟ ތިޔައީ ޢާލަމުތަކުގެވެރި އިލާހެވެ. އެއިލާހު ވަޙީކުރަށްވާނެތެވެ. އަހަރެންގެ މިވެނިއަޅަކު ކަލޭގެ ކިބައިން ބޯފެނަށް އެދުނު ނޫންހެއްޔެވެ؟ އަޅެ ކަލެއަށް އެނގޭހެއްޔެވެ؟ އޭނާއަށް ކަލޭ ބޯފެންދިންނަމަ އޭނާގެ ގާތުން ކަލެއަށް އަހަރެން ފެނުނީހެވެ. (އެބަހީ އަހަރެންގެ ޙަޟުރަތުން ދީލަތިވެ ވޮޑިގެން އެކަމުގެ އުޖޫރައާއި ޡާވާބު ކަލެއަށް ދެއްވީހެވެ.)

ކަން މިހެން އޮތްހިނދު ﷲ އަށް ގުނަންތައް ސާބިތުކުރާ ތަޖްސީމީ ސަލަފީންނަށް އަޅުގަނޑު ދަންނަވާނީ ﷲއަށް މޫނާއި އަތާއި ލޮލާއި އެނޫން ގުނަވަންތައް ސާބިތުކުރަށްވާނަމަ (حَاشَا لِلَّهِ) އެއިލާހަށް އަންނައުނަށް ބޭނުންވެ ވޮޑިގެން ވާކަމާއި ބަނޑުހައިވުމާއި ފެންބޮވައިގަތުމާއި މިފަދަކަންކަން ވެސް ސާބިތު ކުރަށްވާށެވެ. އެހެނަސް ތިޔަބޭފުޅުންވެސް މިކަންކަން ސާބިތު ނުކުރަށްވާއިރު އެހެން ގުނަންތަކެއްވެސް ސާބިތެއް ނުކުރެވޭނެއެވެ.

އަޝްޢަރީންނާމެދު އިބްނި ތައިމިޔާގެ ހިތްޕުޅުގައި އޮތް ޙަސަދަވެރިކަން

އިބްނި ތައިމިޔާއަކީ މުޢުތަޒިލީންނާ އިދިކޮޅަށް މަސައްކަތް ކުރެއްވި ބޭކަލެއް ކަމުގައި ވިއަސް އެކަލޭގެފާނު އެންމެ ބޮޑަށް މަސައްކަތްކުރެއްވީ އަހުލުސުއްނަތުގެ ވަލްޖަމާޢަތާ އިދިކޮޅަށެވެ. އަޝްޢަރީންނާ އިދިކޮޅަށެވެ. މިގޮތުން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ:

1- އަހުލު ސުއްނަތު ވަލްޖަމާޢަތް އެބޭކަލެއްގެ މިންނެއް މަސައްކަތްޕުޅުން އެބޭކަލަކަށް ނިސްބަތްވި އިމާމު އަބޫ ޙަސަން އަޝްޢަރީ އެޖަމާޢަތުން ބޭރު ކުރަށްވައި ތިމާއަށް އެޖަމާޢަތް ނިސްބަތްވާ ކަަމަށް ދަޢުވާ ކުރެއްވުމެވެ. ހިޖުރައިން ތިންވަނަ ޤަރުނުން ފެށިގެން ހިނގަމުން އައި ސުއްނަތް ޖަމާޢަތް އަށްވަނަ ޤަރުނުގެ ބޭކަލަކަށް ނިސްބަތްވާނެ ގޮތެއްވެސް ވިސްނާދެއްވަން އެބަޖެހެއެވެ.

2- އެއަށްފަހު ސަލަފުގެ އެންމެހައި މުސްލިމުން ސަލަފީ މަންހަޖުން ބޭރުކުރަށްވައި ހަރުކަށި މިމީހުންނަށް މިޖަމާޢަތް ނިސްބަތް ކުރެއްވުމެވެ. އައްސަލަފުއް ޞާލިޙުންނަކީ ފުރަތަމަ ޤަރުނުތަކުގައި އުޅުއްވި ބޭކަލުންނަށް ވީހިނދު އެނަން ސަލަފީންގެ ނަމުން ހިޖުރައިން 8 ވަނަ ޤަރުނުގެ ބޭކަލަކަށް ނުވަތަ ހިޖުރައިން 13 ވަނަ ޤަރުނުގައި އުޅުނު ބަޔަކަށް ނިސްބަތްވާނެ ގޮތެއްވެސް ވިސްނައިދޭން އެބަޖެހެއެވެ.

3- ﷲ އަށް ތަޖްސީމާއި ތަޝްބީހާއި ނުވަތަ ހަށިގަނޑަކާއި މަޚްލޫޤުންނާއި އެއްފަދަވުން ސާބިތުކުރެއްވުމެވެ.

4- އިބްނި ތައިމިޔާގެ އައު މަންހަޖު ވެގެންދިޔައީ އެކަލޭގެފާނަށް އެނގިވަޑައި ނުގަތް ކަމުގައިވިއަސް ޔަހޫދީންގެ ބާޠިލް ޢަޤީދާއަށް ތަބާވާ ފަލްސަފާއަކަށެވެ.

5- އިބްނިތައިމިޔާގެ މިސަލަފީ މަންހަޖުގެ ޙަޤީޤަތާމެދު ރަނގަޅަށް ވިސްނައި ފިކުރުކޮށްފިނަމަ އެކަލޭގެފާނަށް ބައިޢަތު ހިއްޕެވުނީ ޔަހޫދީންގެ ތަޖްސީމީ ޖަމާޢަތަށެވެ. އާދެ، ކުރުކޮށް ބުނާނަމަ އިބްނި ތައިމިޔާއިން ފެށިގެން މުސްލިމުންގެ ޖަމާޢަތެއްގެ ބަޔަކު ނުސީދާކޮށް އިންސާނީ އުނި ހަށިގަނޑެއް ﷲ އަށް ވާކަމުގެ ދަޢުވާ އުފަންކުރިއެވެ. މިތާގައި އުނިހަށިގަނޑޭ އަޅުގަނޑު ދެންނެވި ސަބަބަކީ އެބޭފުޅުން ދެކޭގޮތުގައި ﷲއަށް ދެލޮލާއި ދެކަންފަތާއި ދުލާއި މޫނާއި ނިތް ވެއެވެ. ނަމަވެސް ބޮލެއްވާކަމަށް އެބޭފުޅުން އެއްބަސްވެ ވަޑައި ނުގަންނަވައެވެ.

6- މިދަޢުވާއަށްފަހު މިބޭކަލުން ކަނޑައެޅުއްވީ އިބްނި ތައިމިޔާގެ މިބާޠިލް ޢަޤީދާ ޤަބޫލު ނުކުރާ މީހުންނީ ކާފިރުން ކަމުގައެވެ.

7- އިބްނި ތައިމިޔާގެ މިބާޠިލް ޢަޤީދާއާ އިދިކޮޅަށް އޭރުގައި ދުނިޔޭގައި ތިއްބެވިހައި ޢިލްމުވެރިން ނިކުމެވަޑައިގަތުމުގެ ނަތީޖާއަކަށްވީ، އެކަލޭގެފާނަށްފަހުން މިޖަމާޢަތް ކޮންމެވެސް ވަރަކަށް ދެމިއޮތުމަށްފަހު މުޅިން ހުލިވެ، ހުސްވެ ނެތިގެން ދިއުމެވެ.

8- ނަމަވެސް އިބްނި ތައިމިޔާއަށް ފަހު އިސްލާމީ ދުނިޔޭގައި އިބްނި ތައިމިޔާގެ މިތަޝްބީހީ މަންހަޖަށް އަލަށް ދިރުން ދެއްވީ އޭގެ 4 ޤަރުނުފަހުން، ހިޖުރައިން 13 ވަނަ ޤަރުނުގައި ނަޖުދު ކަރައަށް ވަޑައިގެންނެވި އައްޝައިޚު މުޙައްމަދު އިބްނި ޢަބްދުލް ވައްހާބެވެ. ސަލަފީ ވައްހާބީ ފިކުރުގެ ބާނީއަކީ މިބުނެވުނު އިބްނު ޢަބްދުލް ވައްހާބެވެ.

 އިމާމު އިބްނި ތައިމިޔާއާއި އޭނާގެ ދަރިވަރު އިމާމު އިބްނުލް ޤައްޔިމުއާއި އެކަލޭގެެފާނަށް ފަހުން ޝައިޚު މުޙައްމަދު އިބްނި ޢަބްދުލް ވައްހާބާއި މިބޭކަލުންނަށް ތަބާވި ފަހުގެ ވައްހާބީން އައީ މިބޭކަލުންގެ (އައު) ސަލަފީ ޢަޤީދާއާ ޚިލާފުވާ މީހުން ކާފިރުކުރަމުން އެބައިމީހުންނީ މައްކާގެ މުޝްރިކުންނަށް ވުރެންވެސް ކުފުރުގެ ގޮތުން ނުބައި ބައެއް ކަމުގައި ބަޔާން ކުރަމުން އިހާއި ފަހުގެ މުސްލިމު ޖީލުގެ ޢަޤީދާ ފާސިދު ކަމަށް ދަޢުވާ ކުރަމުންނެވެ. (މިވާހަކަ ފަހުން ދަންނަވާނަމެވެ.)

ތަފްވީޟާއި ތައުވީލު

ކުރީގައި އަޅުގަނޑު ދެންނެވި ފަދަދައިން ﷲ އަށް ނިސްބަތްވެގެން ޤުރުއާނާއި ޙަދީޘުގައި އައިސްފައިހުރި ބަސްތައް މާނަކުރުމުގައި އެންމެފުރަތަމަ ދެޤަރުނުގެ ގިނަ ޢިލްމުވެރިިން އިޚްތިޔާރު ކުރެއްވީ ތަފްވީޟެެވެ. ބައެއް ބޭކަލުން ތައުވީލު ކުރަށްވަމުން ގެންދެވިއެވެ. ދެން ތިންވަނަ ޤަރުނުން ފެށިގެން ޢިލްމުތައް ކުރިއެރިއެރީނުން ތަފާތު ފަންނުތައް އުފެދި ޢިލްމު ފުޅާވެ، ޢަރަބިނޫން މީހުންނަށް ޢަރަބި ބަހުން ވާހަކަ ދައްކަން ދިމާވެ، ޢަރަބި ނުދަންނަ މީހުންނަށް ޤުރުއާނާއި ޙަދީޘު އޮޅުން ފިލުވައި ދިނުމުގެ ގޮތުން ތަފާތު ބަސްބަހުން ޤުރުއާނާއި ޙަދީޘުގެ ތަރުޖަމާ ކުރަންޖެހުމުގެ ނަތީޖާއަކަށްވީ މިބުނެވުނު ބަސްތައް ތަފްވީޟު ކޮށްގެން ފަރުޖެހެން ނެތުމެވެ. އެސަބަބާހުރެ ޢިލްމުވެރިންނަށް ތައުވީލުގެ މަގު އިޚްތިޔާރު ކުރަންޖެހުނެވެ. އަދި މިއީ އަކީ އާކަމެއްވެސް ނޫނެވެ. ޢަރަބި ބަހަކީ އިންތިހާއަށް ތަނަވަސް ފުޅާ ބަހަކަށް ވީހިނދު އެބަހުގައި އެކައްޗަކަށްކިޔާ އެތަކެއް ބަހެއްހުރި ފަދައިން އެއް ބަހެއްގައި އެތަކެއް މާނަ ހުރެ އެހުރިހާ މާނައެއް ޢަރަބިން އައީ އެތަންތާގައި ބޭނުން ކުރަމުންނެވެ. ހަމައެފަދައިން ބަހުގެ ޙަޤީޤީ މާނައާއި މަޖާޒީ މާނައާއި ކިނާޔަތާއި މިބައިބައި ޢަރަބިބަހުގައި އޮތުމާއި މިހުނަރުތަކުގެ ފުރިހަމަ ބޭނުން ޢަރަބިން ކުރަމުން އައުމުގެ ސަބަބުން ﷲގެ ކަލާމްފުޅާއި ކީރިތި ރަސޫލާގެ ޙަދީޘުފުޅުތަކުގައި މިނިވަން ކަމާއެކު މިދެންނެވި އަދަބިއްޔާތަށް ޚާއްޞަ މަޤާމެއް ދެއްވާފައި އޮތެވެ. މިގޮތުން ކީރިތި ޤުރުއާނުގައި ލަފުޒަތުގެ ޙަޤީޤީ މާނައަށް ވުރެން މަޖާޒީ މާނަ ބޭނުންކުރެވުނު ލެއް މަދެއް ނޫނެވެ. މިކަމުގެ މިސާލަކަށް ބަލައިލަމާ ހިނގާށެވެ. އިސްރާ ސޫރަތުގެ 29ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރަށްވާފައިވާ ބަސްފުޅަކަށެވެ. وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ الْبَسْطِ (މާނައީ: ދަންނާށެވެ! ކަލޭ ތިމާގެ ކަނދުރާއާ އެއްކޮށް ތިމާގެއަތް ކަސްތަޅު ނާޅުވާށެވެ. އަދި ހަމައެހެންމެ ތިމާގެއަތް މުޅިން ފަތުރައިނުލާށެވެ.) ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ. މާތް ﷲގެ މިވަޙީ ބަސްފުޅަކުން އަޅުގަނޑުމެންގެ އަތް ކަނދުރާއާ އެއްކޮށް ބަނުމަށާއި އަތް ދޫކޮލާފަ ބެހެއްޓުން މަނައެއް ނުކުރަށްވައެވެ. މިތާގައި ﷲގެ ވަޙީބަސްފުޅުގެ މުރާދަކީ، ﷲ އަޅުގަނޑުމެންނަށް ނަހީ ކުރަށްވާފައިވާ ބޮޑު ދެކަމަކުން އަޅުގަނޑުމެން ދުރުހެލިވެގަތުމެވެ. އެއީ ބަޚީލުވެ ދަހިވުމާއި އިސްރާފު ކުރުމެވެ. މިދެކަމުގައިހުރި ސުންޕާކަން ބޮޑުކަމުން އެދެކަމުން އަޅުގަނޑުމެން ދުރުހެލިވެ ތިބުމަށް އިރްޝާދު ދެއްވައި އެކަމަށް އިންޛާރު ދެއްވީއެވެ. ޙަޤީޤަތުގައި މިދެޢިބާރަތަކީ އޭރުގެ ޢަރަބިން މިދެކަމަށް ބޭނުން ކުރަމުން އަންނަ ޢިބާރަތަކަށް ވީހިނދު މާތް ﷲ އެޢިބާރަތުން އަޅުގަނޑުމެންނާ މުޚާޠަބު ކުރެއްވީއެވެ. އާދެ، މިޢިބާރާތް މިގޮތަށް ބަޔާންކުރުމަކީ ތައުވީލު ކުރުމެވެ. އަޝްޢަރީން ޤުރުއާނާއި ޙަދީޘުގައި ހުރި ބައެއް ބަސްތައް ތައުވީލު ކުރީ މިއުޞޫލުގެ ދަށުންނެވެ.

ސަލަފީ ވައްހާބީ ޢަޤީދާ އުފަންވުން

އިބްނި ތައިމިޔާއަށް ފަހުވެސް އަޝްޢަރީ ޢަޤީދާގެ މަތީ މުސްލިމު ޢިލްމުވެރިން ދެމިތިއްބައި ދެވަނަ ފަހަރަށް އިބްނި ތައިމިޔާ ގެންނެވި ބާޠިލް ޢަޤީދާ އަލުން ދިރިގެން އައުމުގެ ސަބަބަކަށްވީ މީލާދީން 1703 ގައި ނަޖުދު ކަރައަށް އުފަންވެ ވަޑައިގެން، 1791 ގައި އަވަހާރަވި އައްޝައިޚު މުޙައްމަދު އިބްނި ޢަބްދުލް ވައްހާބެވެ.

ޝައިޚު މުޙައްމަދަކީ އިބްނި ތައިމިޔާ ފަދައިން ފިޤުހީގޮތުން ޙަންބަލީ މަޛްހަބަށް ތަޤްލީދު ކުުރަށްވާ ބޭކަލެކެވެ. ޢަޤީދާގެ ގޮތުން ހުންނެވީ އިބްނި ތައިމިޔާ ގެންނެވި ތަޖްސީމީ ޢަޤީދާގެ މަތީގައެވެ. އޭގެ ނަތީޖާއަކަށްވީ އޭރުގެ ދުނިޔޭގައި އޮތް އިސްލާމީ ދައުލަތް ކަމުގައިވާ ޢުޡްމާނީ ދައުލަތް ވައްޓާލުމުގެ މަސައްކަތް ފެއްޓިފައި އޮތްހިނދު މިބުނެވުނު ތައުޙީދުގެ އައު ޢަޤީދާ ސިޔާސީ މައިދާނުގައި މަސައްކަތް ކުރަން ފެށުމެވެ. ބާޠިލް ޢަޤީދާ ނަތްތާލުމުގެ ނަމުގައި އޭރު ޢަރަބިކަރައިގައި ހުރި ކުދިކުދި މުސްލިމު ޖަމާޢަތްތަކާ އިދިކޮޅަށް އެބައިމީހުން މަސައްކަތް ފެށުމެވެ. އެއުރެންނަކީ ކާފަރުން ކަމުގައި ބުނެ ކުފުރާ އިދިކޮޅަށް ރަށްތައް ފަތަޙަކުރަން ފެށުނެވެ. ޢަރަބި ޖަޒީރާގެ ރަށްރަށަށް އަރައި އެރަށްރަށުގައި ޝަހާދަތުގެ ދެކަލިމަ ކިޔަކިޔައިގެންތިބި އަންހެން ފިރިހެން ކުދިބޮޑު އެންމެން މިމީހުންގެ އައު ދީނަށް ވެއްދެވުމާއި އެކަން ޤަބޫލުނުކުރާ އެންމެން ޤަަތުލުކޮށް އެމީހުންގެ މުދަލާއި އަނބިދަރީން ޣަނީމަތުގެ މުދަލަށް ހަދަމުން ދިޔައެވެ.

މުޙައްމަދު އިބްނި ޢަބްދުލް ވައްހާބުގެ ޢާއިލާވެސް އޭނާއާ އިދިކޮޅުވުމުން އޭނާ ގުޅިވަޑައިގަތީ އޭރު ނަޖުދު ކަރައިގެ ތިއްބެވި ސަޢޫދީ ސިޔާސީ ބޭފުޅުންނާއެވެ. ދެންމިބޭފުޅުން އިޞްލާޙީ ފިޔަވަޅުގެ ނަމުގައި ހަނގުރާމަ ފެއްޓެވިއެވެ. އޭރު ޢަރަބި ޖަޒީގައި ތިބީ މުޅިިންހެން ސުއްނީ މުސްލިމުންނެވެ. އަޝްޢަރީ ޢަޤީދާގެ މީހުންނުވެ. ފިޤުހީގޮތުން މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީންނެވެ. ތަޤްވާއާއި ޒުހުދުގެ މައިދާނުގައި، ޢަމަލީގޮތުން މިބައިމީހުންގެ ތެރޭގައިއޮތީ ޞޫފީ ޙަރަކާތެވެ. ޚުދު މުޙައްމަދު އިބްނި ޢަބްދުލް ވައްހާބުގެ ބޭބެ ސުލައިމާނާއި އޭނާގެ ބައްޕަ ޢަބްދުލް ވައްހާބާއި ދެބޭފުޅުންނަކީ އެޒަމާނުގެ ނަޖުދު ކަަރައިގައި ތިއްބެވި މަޝްހޫރު އަޝްޢަރީ ދެޢާލިމުންނެވެ.

ޝައިޚު މުޙައްމަދު އިބްނި ޢަބްދުލް ވައްހާބުގެ ދީނީ އިރުޝާދުގެ ދަށުން ޢަރަބި ޖަޒީރާގެ ރަށްތަކަށް ހަމަލާދޭން ފެށުނެވެ. އޭނާގެ ދަޢުވާއަކީ މިބައިމީހުންގެ ތެރޭގައި ބިދުޢަތަކާއި ޚުރާފާތްތައް ހުރުމާއި ޒިޔާރަތް ތަކަށް ގޮސް ހެދުމާއި އެތަންތަނަށް ގޮސް ޒިޔާރަތަކަށް ބޮސްދީ ދުޢާކޮށް ހެދުމާއި މިކަންތައްތަކަކީ ޝިރުކު ކަމާއި މިފަދަ ކަންތައް ކުރާ ބަޔަކީ މިމީހުންގެ ނަޒަރުގައި މުރުތައްދު ވެފައިވާ ކާފަރުންކަމަށް ވީހިނދު ތިމަންމެން ވައްހާބީންނަކީ އިޞްލާހަށް މަސައްކަތްކުރަން އައި ބަޔަކަށްވުމުން މިބައިމީހުންނާ އިދިކޮޅަށް ހަގުރާމަކުރުމީ ތިމަންމެންގެ މައްޗަށް ލާޒިމުވާ ކަމެއް ކަމުގައި ދެކި އެކިއެކި ރަށްރަށަށް ރޭގަނޑު ދަންވަރު އަރައި އެރަށްތައް ލޫޓުވަން ފެށުނެވެ. (އިތުރު ތަފްޞީލު މިކަމާބެހޭ ތާރީޚީ ފޮތްތަކުން ފެންނާނެއެވެެެެެެ.)

މުޙައްމަދު އިބްނި ޢަބްދުލް ވައްހާބާއި އޭނާގެ ދަރިވަރުންގެ ކަންކަން އިބްނި ތައިމިޔާއަށް ވުރެން މާބޮޑަށް ހަރުކަށި ވެފައި، އެއުރެންގެ ތަކްފީރީ މަންހަޖު މާބޮޑަށް ނުރައްކާ ވިއެވެ. ކޮންމެއަކަސް އަޝްޢަރީންނަކީ ބިިދުޢަވެރި ކުފުރުގެ އަހުލުވެރިންކަމުގައި ދެކިގެން އެރަށްތަކަށް ވެރިވަމުން ދާންފެށިއެވެ. އެންމެފަހުން މިހާރު މިކިޔާ ސަލަފިއްޔަތު ނުވަތަ ވައްހާބިއްޔަތު ޢަރަބި ޖަޒީރާގެ ބޮޑު ބައެއްގައި ފެތުރުނެވެ. އެންމެހައި ފިޤުހީ މަޛްހަބުތައް އުވާލައި ހަމައެކަނި ޙަންބަލީ މަޛްހަބުގެ ބިމަކަށް ޢަރަަބި ޖަޒީރާ ކަނޑައެޅުނެވެ. އެމީހުންގެ ތެރޭގައި ޙަންބަލީ މަޛްހަބުވެސް އޮންނަނީ ނަމެއްގައެވެ. ފަތުވާ ދެވެނީ މިބައިމީހުންގެ ހަރުކަށި އުޞޫލާ އެއްގޮތަށެވެ.

ވޮޑިގަތުމަށް ވަކި ތަނެއް ޚާއްޞަވެފައި ނުވޭ

ﷲ ވޮޑިގަތުމަށް ވަކި ތަނެއް ޚާއްޞަވެފައި ނުވެއެވެ. ތަނާއި މަކާނާއި ޒަމާނާއި ވަގުތަކީ އެއިލާހު އުފެއްދެވި އެއިލާހުގެ މަޚްލޫޤުންނެވެ. އެއިލާހަކަށް މަކާނެއް، ޒަމާނެއް ބޭނުންވެ ވޮޑިގެން ނުވެއެވެ. ޒަމާނަކީ އިރާއި ބިމާއި ތަރިތަކަށް ކަނޑައެޅިފައިވާ އެއްޗަކަށްވީހިނދު އެއިލާހު މިތަކެތީން ހުސްދުރުވެ، ފުދިވޮގެން ވެއެވެ. އެއިލާހުގެ ޢިލްމުވަނީ މިހުރިހާ ތަކެއްޗެއް ވަށާލައިގެންނެވެ. ކަން މިހެން އޮތްއިރު އިމާމު އިބްނި ތައިމިޔާ ﷲ ވޮޑިގެންވާ ތަން އެބަ ބަޔާން ކުރަށްވައެވެ. އެކަލޭގެފާނުން ވިދާޅުވާ ގޮތުގައި ﷲ ވޮޑިގެންވަނީ އުޑުގައެވެ. އަނެއްތަނެއްގައި ވިދާޅުވެފައިވަނީ އެއިލާހު އިށީނދެވޮޑިގެންވަނީ ޢަރުޝީގައެވެ. އެކަލާގެފާނުންގެ މަޖްމޫޢުލް ފަތާވާގެ 5/48 ވަނަ ޞަފްޙާގައި ﷲ އިސްތަވާވެ ވޮޑިގަތުމަކީ ކޮބައިކަން ހާމަކުރަށްވަމުން މިފަދައިން ވިދާޅުވެފައި ވެއެވެ. ޠާހާ ސޫރަތުގެ 5 ވަނަ އާޔަތުގައި ﷲ ވަޙީ ކުރަށްވާފައިވެއެވެ. الرَّحْمَنُ عَلَى الْعَرْشِ اسْتَوَى (މާނައީ: އެއީ އިންތިހާއަށް އޯގާވަންތަ އިލާހެވެ. އެއިލާހު ޢަރްޝީގެ މައްޗަށް ބާރުވެ ވޮޑިގެން ވެއެވެ.) (އިސްތަވާގެ ލަފްޒީ މާނައަކީ މީހަކު ތަނެއްގައި އިށީނުމެވެ. ނުވަތަ ޤަރާރު ވުމެވެ.) މިއާޔަތުގެ މާނަ ކުރަށްވަމުން އިބްނި ތައިމިޔާ ވިދާޅުވެފައި ވެއެވެ. وَأَنَّ الِاسْتِوَاءَ عَلَى الْعَرْشِ دَلَّ عَلَى أَنَّ اللَّهَ بِنَفْسِهِ فَوْقَ الْعَرْشِ (އެބަހީ، މިއާޔަތުގައި ﷲ ޢަރުޝީގައި އިށީނދެ ވޮޑިގެން ވާކަމަށް އޮތުމުން ދަލީލުކޮށްދެނީ ﷲގެ ޒާތުފުޅު ޢަރުޝީގައި ވޮޑިގެންވާ ކަމެވެ.) އަދިވެސް އެފޮތުގެ 5/187 ގައި ވިދާޅުވެފައި ވެއެވެ. لِأَنَّ اللَّهَ مُسْتَوٍ عَلَى الْعَرْشِ الَّذِي هُوَ فَوْقَ السَّمَوَاتِ فَلَوْلَا أَنَّ اللَّهَ عَلَى الْعَرْشِ لَمْ يَرْفَعُوا أَيْدِيَهُمْ نَحْوَ الْعَرْشِ މާނައީ: މިހެނީ ﷲ ވޮޑިގެންވަނީ ޢަރުޝީގައެވެ. އެއީ އެންމެހައި އުޑުތަކުގެ މަތީހުރި ތަނެކެވެ. މާތް ﷲ އިށީނދެ ވޮޑިގެންވަނީ ހަތް އުޑުތަކުގެ މަތީގައި ހުރި ޢަރުޝި މަތީގައެވެ. ދަންނާށެވެ! ﷲ ޢަރުޝިމަަތީ ވޮޑިގެން ނެތްނަމަހީ މީސްތަކުން ދުޢާ ދެންނެވުމަށް ޢަރުޝިއާ ދިމާއަށް އަތް އުފުލާކަށް ނުޖެހުނީހެވެ.

ދުޢާކުރުމުގައި އަޅާ އުޑާ ދިމާއަށް އަތްއުފުލާ ސަބަބު

މިތާގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މުސްލިމުން ޤިބުލައަށް ކުރިމަތިލަނީއަކީ ﷲ ގެ ޙަޟުރަތަަށް ކުރިމަތި ލާކަށެއް ނޫނެވެ. އަދި ދުޢާ ކުރުމުގައި މައްޗަށް އަތް އުފުލަނީއަކީ ﷲއާ ދިމާއަށް އެމީހުންގެ އަތް އުފުލާކަށެއް ވެސް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އެބައިމީހުން ކުރިމަތިލަނީ އަލްބަޤަރާ ސޫރަތުގެ 115 ވަނަ އާޔަތުގައި އަންނަ ފަދައިން އެއިލާހުގެ ޙުކުމްފުޅަށެވެ. فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ  (މާނައީ: ތިޔަބައިމީހުން ނަމާދުގައި ކޮންމެ ފަރާތަކަށް ކުރިމަތިލީ ކަމުގައި ވިއަސް އެފަރާތަަކަށް ﷲ ތަވައްޖުހުވެ ވޮޑިގެން ވެއެވެ.) އިމާމު ނަވަވީ ޞަޙީޙު މުސްލިމުގެ ޝަރަޙަ އަލްމިންހާޖުގެ 5/190 ގައި މިފަދައިން ވިދާޅުވެފައި ވެއެވެ. وَهُوَ الَّذِي إِذَا دَعَاهُ الدَّاعِي اسْتَقْبَلَ السَّمَاءَ كَمَا إِذَا صَلَّى الْمُصَلِّي اسْتَقْبَلَ الْكَعْبَةَ، وَلَيْسَ ذَلِكَ؛ لِأَنَّهُ مُنْحَصِرٌ فِي السَّمَاءِ كَمَا أَنَّهُ لَيْسَ مُنْحَصِرًا فِي جِهَةِ الْكَعْبَةِ، بَلْ ذَلِكَ لِأَنَّ السَّمَاءَ قِبْلَةُ الدَّاعِينَ، كَمَا أَنَّ الْكَعْبَةَ قِبْلَةُ الْمُصَلِّينَ (މާނައީ:އަޅާ އެއިލާހަށް ދުޢާކުރާހިނދު ކުރިމަތިލަނީ އުޑަށެވެ. އެއީ އަޅާ ނަމާދު ކުރާއިރު ކަޢުބާއަށް ކުރިމަތިލާ ފަދައިންނެވެ. އޭގެ މާނައަކީ އެއިލާހު ހަމައެކަނި އުޑުގައި ވޮޑިގެންވާތީއަކީ އެއްނޫނެވެ. ހަމައެހެންމެ އެއިލާހު ވޮޑިގަތުމުގައި ކަޢުބާއާ ވީފަރާތަށް ޚާއްޞަވެފައިވާތީ އެއްވެސް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ މީގެ ސަބަބަކީ ނަމާދުކުރާ މީހުންގެ ޤިބުލައަކީ ގެފުޅު ކަމަށްވީ ފަދައިން ދުޢާކުރާމީހުންގެ ޤިބުލައަކީ އުޑުކަމަށް ވާތީއެވެ.) އިމާމު ޣަޒާލީ އެކަލޭގެފާނުންގެ އިޙްޔާ ޢުލޫމިއްދީންގެ 1/107 ގައި މިފަދައިން ވިދާޅުވެފައި ވެއެވެ. فَأَمَّا رَفْعُ اْلأَيْدِي عِنْدَ السُّؤَالِ وَالدُّعَاءِ إِلَى جِهَةِ السَّمَاءِ فَهُوَ ِلأَنَّهَا قِبْلَةُ الدُّعَاءِ މާނައީ: ދަންނާށެވެ! ކަންކަމަށް އެދޭ މީހާއާއި ދުޢާ ދަންނަވާ މީހާ ތިމާގެ ދެއަތް މައްޗަށް އުފުލަނީ އުޑަކީ ދުޢާގެ ޤިބުލަކަމުގައި ވާތީއެވެ.

ކުރިންވެސް ބުނި ފަދައިން ޤުރުއާނާއި ޙަދީޘުގައި މަޖާޒުގެ ބަސްތައް ގިނަގުނަވެފައި ވީހިނދު ޚާއްޞަކޮށް ޤުރުއާން ވަރަށްގިނަ ތަންތާގައި ﷲއަށް ނިސްބަތްކުރަށްވައި މަޖާޒުގެ ބަސްތައް ބަޔާންކޮށްފައި އެބަހުއްޓެވެ. މިސާލަކަށް ﷲގެ ވަޖުހުފުޅެވެ. ވަޖުހުގެ މާނައަކީ މޫނެވެ. އެހެންނަމަވެސް ޤުރުއާނުގައި މުޅިންހެން ﷲ އަށް ނިސްބަތްކޮށް ވަޖުހު އައިސްފައިވަނީ ﷲގެ ޒާތުފުޅުގެ މާނާގައެވެ. އެތަންތާގައި އިބްނި ތައިމިޔާއާއި އެޖަމާޢަތުގެ ބޭފުޅުން މާނަކުރަށްވަނީ ﷲގެ މޫނުފުޅުގެ މާނާގައެވެ. ދެން މިގޮތަށް މާނަކުރެވިދާނެތޯ ބަލަމާ ހިނގާށެވެ. ރަޙްމާން ސޫރަތުގައި މާތް ﷲ ވަޙީ ކުރަށްވާފައި ވެއެވެ. كُلُّ مَنْ عَلَيْهَا فَانٍ ‎﴿٢٦﴾‏ وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ ‎﴿٢٧﴾މާނައީ: މިބިންމަތީގައިވާ އެންމެހައި ތަކެއްޗަކީ ފަނާވެދަނިވި ތަކެއްޗެވެ. ދަންނާށެވެ! ހަލާކުނުވެ ދެމިހުންނާނީ ކީރިތިވަންތަ، ދީލަތިވަންތަ މާތްވެގެންވާ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ މޫނުފުޅު އެކަންޏެވެ. އަދިވެސް ޤަޞަޞް ސޫރަަތުގެ 88 ވަނަ އާޔަތުގައި ﷲ ވަޙީ ކުރަށްވާފައި ވެއެވެ. كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ މާނައީ: އެދުވަހު އެއިލާހުގެ މޫނުފުޅު މެނުވީ، އެހެން ހުރިހާ ތަކެއްޗެއް ފަނާވެ ނެތިދާހުށްޓެވެ. މިއެވެ. މި ދެއާޔަތުގައި ވަޖުގެ މާނައީ ހަމައެކަނި ﷲގެ މޫނު ކަމުގައި ދެކި އެމާނަ ކުރުމުން ނިކުންނަ ނަތީޖާއަކީ އަޅުގަނޑުމެންގެ އީމާންކަމުގެ ރުކުންތައް ފުރިހަމަ ނުވުމެވެ. ސަބަބަކީ އޭރުން އެބުނެވެނީ (މަޢާޛަ ﷲ!) ދުނިޔެ ނެތިގެން ދާހިނދު ﷲގެ މޫނުފުޅު ފިޔަވައި އެމީހުން ބުނާގޮތުންނަމަ އެއިލާހުގެ ޒާތުފުޅުގެ އެންމެހައި ގުނަވަންތަކާއި ބައިތަކެއްވެސް ނެތިގެން ހިނގައިދާނެެއެވެ. އެހެންކަމުން ބަޔާންވެދިޔަ ދެއާޔަތުގައި ވެސް އަދި އެނޫން ތަންތާގައިވެސް ވަޖުހުގެމާނަ އެންމެހައި ޢިލްމުވެރިން ކުރަށްވާފައިވަނީ ޒާތުފުޅުގެ މާނާގަައެވެ. އެބަހީ ޤިޔާމަތްވާހިނދު ނެތިފަނާނުވެ ދެމިހުންނާނީ ﷲގެ ޒާތުފުޅު އެކަންޏެވެ.

ކޮންމެއަކަސް އެންމެ ބޮޑަށް ޙައިރާންވާންޖެހޭ ކަމަކީ މިފިކުރުގެ އެންމެން ތިމާމެންެގެ ފިކުރު ކުރިއެރުވުމުގެ ގޮތުން ދުނިޔޭގައި ތިބިހައި މުސްލިމުންނަކީ ކާފަރުން ކަމުގައި ދެކި އެގޮތަށް ފަތުވާ ދެމުންދާތީއެވެ. މީގެ ދެތިން މިސާލެއް ހާމަކޮށްލާނަމެވެ.

(1) އިމާމު އިބްނި ތައިމިޔާގެ އެންމެ އިސް ދަރިވަރު ކަމުގައިވާ، އިމާމު އިބްނި ޤައްޔިމު އެކަލޭގެފާނުންގެ "ނޫނިއްޔާ" ކިއުނު ޅެން ފޮތެއްގެ 303 ވަނަ ޞަފްޙާގައި ލިއުއްވާފައިވާ ބައިތެއްގައި މުޝްރިކުންނާއި ސުންނީންގެ މިސާލު ޖައްސަވަމުން ވިދާޅުވެފައި ވެއެވެ.

އިބްނި ޤައްޔިމު މިވާހަކަ ގެންނަވާފައިވަނީ އެފޮތުގެ فصل: في مثل المشرك والمعطل الكفران މިބާގުގައެވެ. މާނައީ: މިއީ މުޝްރިކުންނާއި ތައުވީލުކުރާ ކާފިރުންގެ (އެބަހީ އަޝްޢަރީންގެ) މިސާލު ބަޔާންވެގެންވާ ބާބެވެ. ދެން އޭގައި އިބްނި ޤައްޔިމު ވިދާޅުވި ޅެންބައިތުގައި މިފަދައިން ގެންނަވާފައި ވެއެވެ.

والمشركون أخف في كفرانهم ... وكلاهما من شيعة الشيطان

إن المعطل بالعـــداوة قــــــائم ... في قالب التنــزيه للــرحــــمن

މާނައީ: ހަމަކަށަވަރުން އަޝްޢަރީންނާއި ޖަހްމީންނަށް ވުރެން ކުފުރުގެ ގޮތުން މުޝްރިކުން ލުއިވެގެން ވެއެވެ. އަދި މިދެޖަމާޢަތަކީ ވެސް ޝައިޠާނާގެ ޖަމާޢަތެވެ. ދަންނާށެވެ. މުޢައްޠަލާއިންނަކީ އެބަހީ ﷲގެ ބައެއް ސިފަފުޅުތައް ތައުވީލުކުރާ ސުއްނީންނަކީ (ތިމަންމެން) ސަލަފީންނާ ފާޅުވެގެންތިބި ޢަދާވާތްތެރިންނެވެ. މިހެނީ ރަޙްމާންވަންތަ އިލާހު ހުސްޠާހިރު ކުރުމާ އެބައިމީހުން އިންކާރު ކުރެއެެވެ.

އެހެން ބަސްފުޅެއްގައި އައިސްވައިވެއެވެ. إن المعطل بالعداوة معلن، والمشركون أخف فى الكفران މާނައީ: ހަމަކަށަވަރުން ތައުވީލު ކުރާ މީހުން ދަނީ ތިމަންމެންނަށް ފާޅުގައި ޢަދާވާތްތެރިކަން ހާމަކުރަމުންނެވެ. ދަންނާށެވެ! އަޝްޢަރީންނަށް ވުރެން (އެބަހީ އަހުލު ސުއްނަތު ވަލްޖަމާޢަތުގެ މުސްލިމުންނަށް ވުރެން) ކުފުރުގެގޮތުން މައްކާގެ މުޝްރިކުން ލުއިވެގެން ވެއެވެ.

(2) ސަޢުދީ ޢަރަބިޔާގެ މަޝްހޫރު ޢިލްމުވެރިޔަކު ކަމުގައިވާ ޝައިޚު ޞާލިޙު ފައުޒާން އޭނާގެ ފޮތް "އަލްއިރްޝާދު"ގެ 144 ވަނަ ޞަފްޙާގައި ވިދާޅުވެފައި ވެއެވެ. وإنما ينكرها المبتدعة من الجهمية والمعتزلة والأشاعرة، الذين ساروا على منهج مشركي قريش މާނައީ: ޝައްކެއްނެތި ﷲގެ ސިފަފުޅުތައް ތައުވީލުކޮށް އޭގެ ޙަޤީޤީމާނައާ އިންކާރުކުރަނީ ޖަހުމީންނާއި މުޢުތަޒިލީންނާއި އަޝްޢަރީ ބިދުޢަވެރިންނެވެ. އެބައިމީހުން ހިނގަމުންދަނީ ޤުރައިޝު ވަންހައިގެ މުޝްރިކުންގެ މަންހަޖުގެ މަތީގައެވެ.

އަދިވެސް ޝައިޚު ފައުޒާން މިފޮތުގެ 137 ވަނަ ޞަފްޙާގައި ވިދާޅުވެފައި ވެއެވެ. ونصوص الصفات من المُحكم لا من المتشابه يقرؤها المسلمون ويتدارسونها، ويفهمون معناها ولا ينكرون منها شيئاً وإنما ينكرها المبتدعة من الجهمية والمعتزلة والأشاعرة، الذين ساروا على منهج مشركي قريش الذين يكفرون بالرحمن ويلحدون في أسماء الله މާނައީ: ﷲގެ ސިފަފުޅުތައް އައިސްފައިވާ ބަސްފުޅުތަކަކީ މުޙްކަމު ބަސްފުޅުތަކެވެ. އެބަހީ އެއީ ޔަޤީނީ ބަސްފުޅުތަކެވެ. އެއީއަކީ މުތަޝާބިހު (މާނަސާފުނުވާ) ބަސްފުޅުތަކެއް ނޫނެވެ. (ތިމަންމެން) މުސްލިމުންނަށް އޮތީ އެތަންތަން ކިޔާލުމާއި ލަފުޒީ މާނަކޮށްލުމާއި މާނައަށް ވިސްނުމެވެ. އެއިން އެއްވެސް ކަމަކާ މުސްލިމުން (އެބަހީ ތިމަންމެން) އިންކާރެއް ނުކުރަމެވެ. ދަންނާށެވެ. މިބުނެވުނުގޮތާ އިންކާރުކުރާ ބަޔަކީ ޖަހުމީންނާއި މުޢުތަޒިލީންނާއި އަޝްޢަރީންނެވެ. މިބައިމީހުންނަކީ ޤުރައިޝުގެ މުޝްރިކުންގެ މަންހަޖަށް ތަބާވަމުން އަންނަ މީހުންނެވެ. އެބައިމީހުން ﷲގެ އިސްމުފުޅުތަކަށް ޝިރުކުކުރާ ޙާލު ރަޙްމާންވަންތަ އިލާހަށް ކުފުރުވެރި ވަމުން ދަނީއެވެ.

ވައްހާބީ ޢަޤީދާގެ ނުރައްކައުތެރިކަން

މިބުނެވުނު ތައިމީ، ވައްހާބީ ޢަޤީދާގެ އަހުލުވެރިންގެ އެންމެބޮޑު ނުރައްކަލަކީ މިމީހުން ޤަބޫލުކުރާ ގޮތުގައި މިނޫން މީހުންނަކީ ކާފިރުންނެވެ. ޤަތުލު ޙައްޤުވެގެންވާ މީހުންނެވެ. މީގެތެރެއިން ބައެއް މީހުންދަނީ ދީނުގެބޮޑެތި އިމާމުވެރި ބޭކަލުންގެ އިސްތަށިފުޅުގައި ކުފުރުގެ އިލްޒާމު އަޅުވަމުންނެވެ. އިމާމު ޣަޒާލީއާއި ބައިހަޤީއާއި ޤާޟީ ޢިޔާޟާއި އިމާމު ނަވަވީއާއި އިބްނި ޙަޖަރު ފަދަ ބޮޑެތި އިމާމުންނަކީ މިމީހުންގެ ބަހުގައިނަމަ ކާފިރުންނެވެ. ހަމައެކަނި ތިމާމެންނަކީ އަހުލު ސުއްނަތު ވަލްޖަމާޢަތުގެ އަހުލުވެރިން ކަމުގައި ދެކިގެން އެކަމަށް ދަޢުވާ ކުރަމުންނެވެ. އަދި "އައްސަލަފުއް ޞާލިޙުން"ގެ މިނަންފުޅު ހަމައެކަނި ތިމާމެންނަށް ނިސްބަތް ކޮށްގެން ތިމާމެން ނޫން މީހުންނަކީ ބިދުޢަވެރިން ކަމުގައި ނުވަތަ ޢަޤީދާ ފާސިދު މީހުން ކަމުގައި ނުވަތަ މައްކާގެ މުޝްރިކުންނަށް ވުރެންވެސް ޝިރުކުގެ ގޮތުން ނުބައިކަންބޮޑު ބައެއް ކަމުގައި ހާމަކޮށް ފަތުވާ ދެމުންނެވެ.

އަދުގެ ސަލަފީންގެ ޢަޤީދާއަކީ ސަލަފުއް ޞާލިހުންގެ ޢަޤީދާއެއް ނޫން.

އަޅުގަނޑު ކުރީން ބަޔާންކުރި ފަދައިން ﷲގެ ސިފަފުޅުތަކާ ބެހޭގޮތުން ސަލަފުންގެ ގިނަ ޢިލްމުވެރިންގެ ޢަޤީދާއަކީ ތަފްވީޟެވެ. އޭގެ މާނަނުކޮށް އެއޮތްގޮތަށް ދޫކޮށްލުމެވެ. އަލްއިމާމު ސުފްޔާނު އިބްނި ޢުޔައިނާގެ ބަސްފުޅު އިމާމު ބައިހަޤީ ޞައްޙަ ސަނަދުން ނަގުލު ކުރަށްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. [ كُلُّ مَا وَصَفَ اللَّهُ بِهِ مِنْ نَفْسِهِ فِى كِتَابِهِ فَتَفْسِيرُهُ تِلاَوَتُهُ وَالسُّكُوتُ عَلَيْهِ ] އެހެން ރިވާޔަތެއްގައި މިފަދައިން އައިސްފައި ވެއެވެ. [ قِرَائَتُهُ تَفْسِيرُهُ لَيْسَ ِلأَحَدٍ أَنْ يُفَسِّرَهُ بِالْعَرَبِيَّةِ أَوْ بِالْفَارِسِيَّةِ ] (މާނައީ: ކީރިތި ﷲ އެއިލާހުގެ ކަލާމްފުޅުގައި އެއިލާހުގެ ޒާތުފުޅުގެ ސިފުފުޅު ބަޔާން ކުރަށްވާފައި އޮތްއޮތުމުން، އޭގެ ތަފްސީރު ކުރުމަކީ ހަމައެކަނި އެތަން ކިޔަވާލުމެވެ. އެއާމެދު ވަކިއެއްޗެއް ނުބުނެ ހަނުހުރުމެވެ. އަނެއް ރިވާޔަތުގައި އަންނަނީ، އެތަންތަން ކިޔެވުމަކީ އޭގެ ތަފްސީރުކުރުމެވެ. އޭގެ މާނަ ޢަރަބި ބަހުން ކުރުމަކީ ނުވަތަ ފާރިސީ ބަހުން ކުރުމަކީ އެކަކަށްވެސް އޮތް ޙައްޤެއް ނޫނެވެ.)

މިބެނުވުނު ގޮތަށް އެފަދަ ބަސްބަސް ކިޔާލުމަކީ ސަލަފުންގެ ގިނަ ބޭކަލުން ދެކެވަޑައިގަތް ގޮތެވެ. ނަމަވެސް ސަލަފުންގެ ތެރޭގައިވެސް ތައުވީލަށް ބުރަވެ ވަޑައިގަތް ބޭކަލުން ތިއްބެވިއެވެ. އެބޭކަލުން ގެންދެވީ މިފަދަ ތަންތަން ތައުވީލު ކުރަށްވަމުންނެވެ. އެބަހީ އެބަހެއްގެ ތަފާތު މާނަތައް ބެއްލެވުމަށްފަހު އެތަނަކާ ގުޅޭ މާނައެއް ކުރަށްވަމުންނެވެ. މިސާލަކަށް: ޠޫރު ސޫރަތުގެ 48 ވަނަ އާޔަތުގައި އޮތް މާތް ﷲގެ މިވަޙީ ބަސްފުޅެވެ. وَاصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا (މާނައީ: އޭ ރަސޫލާއެވެ! ކަލޭގެވެރި އިލާހުގެ އަމުރުފުޅަށް ޢަމަލު ކުރުމުގައި ކެތްތެރިވާށެވެ. ދަންނާށެވެ! ކަލޭ ތިޔަވަނީ އަހުރެންގެ ރައްކައުތެރި ކަމުގެ ދަށުގައެވެ.) މިއާޔަތާއި މިފަދަ އެނޫން ތަންތާގައި ޞަޙާބާއިން ފެށިގެން އެންމެހައި މުފައްސިރުން ލޮލުގެ މާނަ ކުރަށްވާފައިވަނީ ރައްކައުތެރިކަމާއި ބެއްލެވުމުގެ މާނާގައެވެ. އެއިން އެއްވެސް ބޭކަލަކު އެލަފުޒު ތަފްވީޟު ކުރަށްވާކަށް ނޫޅުއްވައެވެ. މިހެނީ އެގޮތަށް ޢަރަބިން މިފަދަ ބަސްތައް ބޭނުން ކުރާތީއެވެ. މިސާލަކަށް މިމޭރުމުން ދިވެހި ޢިބާރަތެއްވެސް ހާމަކޮށްލާނަމެވެ. "ތިޔަ ޙާދިޡާ ހިނގާފައިވަނީ އަހުރެންގެ ލޯމަތިންނެވެ." މިތާގައި ލޮލުގެ ތެރެއަށް ނުވަތަ ލޮލުގެ މައްޗަށް ޙާދިޡާ ވަން ވާހަކައެއް މުރާދެއް ނޫނެވެ. އޭގެ މުރާދަކީ އެމީހާގެ ޙާޟިރުގައި ކަމެވެ.

މާތް ﷲ އަޅުގަނޑުމެންނަށް އެންމެންނަށް ހެއުމަގު ދައްކަވާނދޭވެ! އަދި ތަކްފީރީ ނުބައިމަގުން ރައްކައުކުރަށްވާނދޭވެ! މުސްލިމުން އެންމެންނަކީ އަޚުންކަމުގައި ލައްވާނދޭވެ! އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.