
ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގޭ ދޮށުގައި ފުލުހުން މިއަދުވެސް ފޯރި މަރަމުން އެބަދެއެވެ.
ފުލުހުން އެންދެރިމާގޭ ދޮށުގައި ފޯރި މަރަމުން އަންނައިރު ފުލުހުން ވަނީ ދެދުވަސް ކުރިން އެގަޔަށްވަދެ ބަލައި ފާސްވެސް ކޮށްފައެވެ. ނަމަވެސް ފަހުން އެގެ ބަލައި ފާސްކުރަން ވަނީ އެގޭގެ ވެރިފަރާތުން ހުރަސް އަޅައިފައެވެ.
ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އަލުން އަނބުރައި ޖަލަށް ގެންދިޔުމަށް ފަހު ފުލުހުން އެންދެރިމާގެ ބަލައި ފާސްކުރަން އުޅުނު ނަމަވެސް ފުލުހުން އެގޭދޮށުގައި މިހާރު ފޯރިމަރަމުން ދަނީ ކީއްވެގެންކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ. ރިޝްވަތު ދެއްވަން އުޅުއްވުމާއި ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން އުޅުއްވާ ކަމުގެ ތުހުމަތުގައި ފާރިޝް ދެވަނަ ފަހަރަށް ހައްޔަރު ކުރެވުނުއިރު ފުލުހުން މީގެކުރިން ވަނީ ފާރިޝް ދިރިއުޅުއްވާ ގެވެސް ބަލައި ފާސްކޮށްފައެވެ.
އެންދެރިމާގޭ ދޮށޫގައި ދެ ފުލުހުން މިހާރުވެސް ތިބިއިރު ރައީސް މައުމޫންއާ ސަރުކާރުގެ ބަޔެއް އިސްވެރިންނާ ދެމެދު ދަނީ ޓްވީޓުން ރައްދު ދެއްވަމުންނެވެ.