
ގދ. ރަތަފަންދޫ ރައްޔިތުންނަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމުގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ބުނީ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން މިހާރުވަނީ ތައްޔާރުވެފައި ކަމަށާއި މަސައްކަތް ފެށުމަށް ތައްޔާރުވުމަށް އިއްޔެ ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖަހާ، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލާ، 6،600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމަށް ވަނީ ނިންމާފައެވެ.
ގާތްގަޑަކަށް 1،385 މީހުންގެ އާބާދީއެއް އޮންނަ ރަތަފަންދޫއަކީ ހުޅަނގު މޫސުމުގައި ރަށް ގިރުމާއި ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި އުދަ އެރުމުގެ މައްސަލަ ބޮޑު ރަށެކެވެ. އަދި އެރަށުގެ ރައްޔިތުން އެކަން ތަހައްމަލު ކުރަމުންދާތާ ގިނަ އަހަރުތަކެއް ވެސް ވަނީ ވެފައެވެ.
އެހެންކަމުން އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ މިދަތިކަމަށް ވީހާވެސް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މިއީ 27،8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.