الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ!
ރީތި ހެދުން ލައި ޒީނަތްތެރިވުން
ހެދުމަކީ ޒީނަތެކެވެ. ޒީނަތްތެރި ކަމެކެވެ. ޚާއްޞަކޮށް ނަމާދުގެ ޙާލަތުގައެވެ. ހެދުން ލައިއުޅެނީ ތިމާގެ ޢައުރަ ނިވާކުރުމަށެވެ. ތިމާ ރީތިވެ ޒީނަތްތެރިވުމަށެވެ. ރީތި ހެދުން ލައި ޒީނަތްތެރިވުމަކީ ވަކިން ޚާއްޞަކޮށް ހުކުރުނަމާދާއި ޢީދު ނަމާދުގައި ސުއްނަތްވެގެންވާ ކަމެކެވެ. ހެދުން ބަހައްޓަންވާނީ އަބަދުމެ ސާފުޠާހިކޮށެވެ. ހުވަނދުލައި މީރުވަސް ދުއްވާފައެވެ. ހެދުން އިސްތިރިކޮށް ރޫތައް ފިލުވާފައެވެ. ޒަމާނާއެއްގޮތަށް ރީތިކޮށެވެ. ރީތި ކުލަކުލައިގެ ހެދުން ލުމަކީ ތިމާގެ ނަފްސަށާއި އަނެކުންގެ ހިތްތަކަށްވެސް އުފާވެރިކަން ލިއްބައިދޭނެ ކަމެކެވެ. ނަމަވެސް ހުކުރާއި ޢީދުފަދަ ދީނީ އިޖްތިމާތަކުގައި ހުދުކުލައިގެ ހެދުން ބޭނުންކުރުން ސުއްނަތް ވެގެން ވެއެވެ. އިމާމު ޝާފިޢީ އާއި ތިރްމިޛީ ރިވާކުރަށްވާފައި ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައި ވެއެވެ. الْبَسُوا الْبَيَاضَ فَإِنَّهَا خَيْرُ ثِيَابِكُمْ މާނައީ: ތިޔަބައިމީހުން ހުދުހެދުން ލައިއުޅޭށެވެ. މިހެނީ އެންމެ ރިވެތި އެންމެ ޠާހިރު ހެދުމަކީ އެއީއެވެ. ހެދުމަކީ ތިމާ ރީތިވުމާއި ޒީނަތްތެރިވުމުގެ ވަސީލަތަކަށް ވީކަމުގައި ވިއަސް ހެދުމުގެ ސަބަބުން ތިމާ ބޮޑާވެގަނެ ކަންދައްކައިގެން ނުވާނެއެވެ. ހެދުން ލުމުގައި އިސްރާފު ކޮށްގެން ނުވާނެއެވެ.
ތަނބިކަށްޓަށް ވުރެން ތިރިއަށް ހެދުން ތިރިކުރުން
ހެދުން ލާއިރު ބޮޑާވެގަތުމާއި ބޮޑާކަން ދެއްކުމާއި، ހެދުމުގެ ޒަރީޢާއިން ތިމާއަށް ތިމާ ފެނުމާއި މިކަންތައް ތަކަކީ ހުއްދަވެގެންވާ ކަންތައްތަކެއް ނޫނެވެ. މަތީގައި ބުނެވުނު ސިފަތަކާއެކު ތަނބިކައްޓަށް ވުރެން ތިމާގެ ހެދުން ތިރިކުރުމީ ރަނގަޅު ކަމެއް ނޫނެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައި ވެއެވެ. مَا أَسْفَلَ مِنْ الْكَعْبَيْنِ مِنْ الْإِزَارِ فَفِي النَّارِ މާނައީ: ތިމާގެ ދެތަނބިކަށްޓަށް ވުރެން ހެދުމުން ތިރިއަށްދާ ބައެއް ވާހުށީ ނަރަކައިގައެވެ. (މިޙަދީޘު އިމާމު މަލިކާއި ޝާފިޢީއާއި އަޙްމަދާއި ބުޚާރީއާއި ތިރްމިޛީ ރިވާކުރަށްވާފައި ވެއެވެ.)
އެހެން ޙަދީޘެއްގައި އިމާމު މުސްލިމާއި އެނޫން ބޭކަލުން މާތް ﷲ ރުއްސުންލެއްވި އަބޫ ޛައްރު އަލްޣިފާރީގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ قَالَ فَقَرَأَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثَلاَثَ مِرَارًا قَالَ أَبُو ذَرٍّ خَابُوا وَخَسِرُوا مَنْ هُمْ يَا رَسُولَ اللَّهِ قَالَ الْمُسْبِلُ وَالْمَنَّانُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ މާނައީ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. ޤިޔާމަތް ދުވަހު މާތް ﷲ އެބަޔަކާ ބަސްވަޙީ ނުކުރަށްވާނެ، އަދި އެބަޔަކަށް އެއިލާހުގެ ރަޙްމަތުގެ ބެއްލެވުމަކުން ބައްލަވައި ވޮޑިގެންނުވާނެ، އަދި އެބައެއްގެ ފާފަފުއްސަވައި، ޠާހިރު ނުކުރަށްވާނެ ތިން ބާވަތެއްގެ ބަޔަކު ވެއެވެ. މިބައިމީހުންނަށް ޤިޔާމަތް ދުވަހުން ހުރީ ވޭންދެނިވި ޢަޛާބެވެ. މިފަދައިން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ތިންފަހަރުމަތިން ޙަދީޘުކުރަށްވައި ބަސްފުޅު ތަކުރާރު ކުރެއްވިއެވެ. ރާވީ އަބޫ ޛައްރު ވިދާޅުވަނީ، އެހިނދު ތިމަން ދެންނެވީމެއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިޔައީ ގެއްލިހަލާކުވެ ނެތިގޮސްފައިވާ ބައަކުތާއެވެ. ފަހެ އެއީ ކޮން ބައެއްތޯ ވިދާޅުވެ ދެއްވަފާނަންތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. އެއީ: ހެދުން ތިރިކޮށްލައިގެން އުޅޭ މީހާއާއި މީހަކަށް އެއްޗެއްދީފައި ކަލަގޮވާ މީހާއާއި ވިޔާފާރިކުރުމުގައި ދޮގުހުވައިކޮށް ވިޔަފާރި ކޮށްއުޅޭ މީހާއެވެ.
ޙަދީޘުގައި މަނާކުރެވުނު ތިންކަންތައް
ބަޔާންވެދިޔަ ދެވަނަ ޙަދީޘުގައި ހާމަކުރަށްވާފައި އެވަނީ މުސްލިމުން އެކަންކަން ކުރުން މަނާކުރަށްވާފައިވާ، އަދި އެކަންކަން ކުރުމުން އިންތިހާއަށް ގެއްލުން ބޮޑުވެގެންވާ ތިިންކަމެކެވެ. އެއްކަމަކީ ކަލަގޮވުމެވެ. ﷲގެ އަޅަކަށް ތިމާގެ ފަރާތުން އެހީތެރިކަން ދިނުމަށްފަހު ދެން އެކަމުގެ ކަލަގޮވައި ހެދުމެވެ. އެއިން ސާބިތުވަނީ އެކަމަކީ ﷲގެ ޙަޟުރަތުގައި އިންތިހާއަށް ރުހިވޮޑިގެން ނުވާކަމެއް ކަމެވެ. ދެވަނަ ކަމަކީ ވިޔަފާރި ކުރުމުގައި މަކަރު ހެދުމާއި ވިޔަފާރިކުރުމަށް އަންނަމީހުން އޮޅުވާލުމުގެ ގޮތުން އެމުދަލުގައި ނެތްސިފަ ބަޔާންކޮށް އެއާމެދު ދޮގުހުވައިކޮށް އުޅުމެވެ. މިއީ މީހާގެ އީމާންތެރިކަން ފުނޑުފުނޑުކޮށްލާނެ ނުބައިވެގެންވާ ޢަމަލެކެވެ. އަނެއް ކަމަކީ ތިމާގެ ހެދުން ތިރިއަށް ވައްޓާލާފައި ބޭއްވުމެވެ. މިބަހުގެ މާނައަކީ ކޮބައިތޯ ބަލާއިރު، ފުރަތަމަ ޙަދީޘުން އޭގެ މާނަ އެބަދޭހަވެއެވެ. އެހެނަސް ފުރަތަމަ ޙަދީޘުން ދެވަނަ ޙަދީޘުގެ މާނަ ދޭހަކޮށް ދިނުމުގައި ވެސް ކޮންމެވެސް މިންވަރެއްގެ އޮޅުމެއް އެބައަރައެވެ. އެއީ ތިމާގެ ހެދުން ތިރިއަށް ދިއުމުގައި ދެތަނބިކަށްޓަށް ވުރެން ހެދުމުން ތިރިއަށްދާ ދިއުމެވެ. އަދި އެތިރިއަށްދާ ބައެއް ވާހުށީ ނަރަކައިގައިކަން ވެސް ދޭހަވެއެވެ. އެހެނަސް މިތާގައި އެހެން އިތުރު ސުވާލެއް އެބަ އުފެދެއެވެ. އެއީ ހެދުން ތަނބިކަށްޓަށް ވުރެން ތިރިވުމުން ހެދުމުގެ އެބައިގައި އަލިފާން ހިފާނެ ވާހަކައެވެ. އެހެނީ މީހަކު ގޯސްކަމެއް ކުރުމުން އެމީހާގެ ހެދުމުގައި އަލިފާން ހެފުމުގައި އަލިފާން ހިފާނެވާހަކައިގެ މުރާދު ދެނެގަންނަން އެބަޖެހެއެވެ. މިކަމުން ދޭހަވަނީ ހެދުން ތިރިކުރުމުގެ މައްސަލާގައި ބަޔާންވެގެން އެވަނީ އޭގައި އިތުރު އެހެން ސިފަތަކެއް އެކުލެވިގެންވާ ހެދުމެއްގެ ވާހަކަ ކަމެވެ. އެސިފަތަކަކީ ހެދުންލާ މީހާ ފިރިހެނަކަށް ވުމާއި ހެދުން ލައިގެން ބޮޑާވުމާއި އެތަނެއްގެ ޢާއްމު މީހުންގެ އާދަކާދައާއި ޚިލާފު ވާގޮތަށް ހެދުން ލުމެވެ. އޭރުން އެކަމަކީ ﷲގެ ޙަޟުރަތުގައި ދޮގު ހުވައިކުރުމާއި ކަލަގޮވުން ފަދަ ބޮޑުވެގެންވާ ނުބައިކަމަކަށް ވެގެން ދެއެވެ.
ތަނބިކަށްޓަށް ވުރެން ހެދުން ތިރިކުރުން މަނާވުމުގެ ޙިކުމަތް
ހެދުން ތިރިކުރުމުގެ މައްސަލައާމެދު ތަފްޞީލީ ނަޒަރަކުން ބަލާއިރު، މިކަން ބަޔާންވެގެން މިވަނީ ކުރީގައިވެސް ބުނެވުނުފަދައިން ބޮޑުވެގެންވާނުބައި ދެކަމަކާއެކުގައެވެ. އެފެންވަރުގެ ވަޢީދުގެ ބަސްފުޅާއެކުވެސް މެއެވެ. ޝައްކެއްނެތި މީހަކު ތިމާގެ ހެދުން ތިރިކޮށްގެން ތިމާގެ ހަށިގަނޑު ނިވާކުރަންވާ ހިސާބަށް ވުރެން އިތުރަށް ހަށިގަނޑު ފޮރުވާލައިގެން އުޅުމަކީ ނުބައިކަމަކަށް ވެދާނެކަމަށް ސަލާމަތް ބުއްދި ޤަބޫލު ނުކުރެއެވެ. ވީއިރު ޙަދީޘުގައި ވިދާޅުވެފައިވާ ބަހުގެ މުރާދަކީ ކޮބައިކަން އިތުރަށް ދެނެގަންނަން ޖެހެއެވެ. މިގޮތުން ކަމާގުޅޭ އިތުރުއެހެން ޙަދީޘުތަކަށްބަލައި ވިސްނާލާއިރު ހެދުންތިރިކުރުން ގޯސްކަމަކަށްވަނީ އޭގައި ގޯސްސިފަތަކެއް އެކުލެވޭނަމައެވެ. އެކަން އަންހެނުންނަށް މަނާނުކުރެވި ފިރިހެނުންނަށް މަނާވާންޖެހޭ ސަބަބެއް އޮންނަން އެބަޖެހެވެ. އެހެންކަމުން އެބާބުގެ އެންމެހައި ޙަދީޘުތަކުގެ އަލީގައި، ހެދުން ތިރިކުރުން މަނާވެގެންވާ ޙަދީޘުގައި އެކަން މަނާވުމުގެ ޝަރުޠުތަކާއި ސިފަތައް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ތިރީގައި ބަޔާންވެގެން މިވަނީއެވެ. އެސިފަތަކެވެ.
- ހެދުން ލާމީހާ ފިރިހެނަކަށް ވުން.
- ތަނބިކަށްޓަށް ވުރެން ތިރިއަށް ހެދުން ގޮސް ތިމާގެ ފައިތިލަމަތިން ތިރިއަށް ފައިބާފައި އޮތުން.
- ލާހެދުމަކީ މަތިން ތިރިއަށް ހުންނަ އެއްޗަކަށް ވުން. (އެހެންކަމުން އިސްޓާކީން ފަދަ ތިރިން މައްޗަށް ލައިއުޅޭ ތަކެތި މިކަމުގެ ތެރޭ ނުހިމެނޭނެއެވެ.)
- ހެދުން ލައިގެންހުރެ އެކަމަށްޓަކައި ތިމާގެ ހިތުގައި ބޮޑާކަން އުފެދިފައި އޮތުން.
- ތިމާ ދިރިއުޅޭ މުޖުތަމަޢެއްގައި އޮންނަ އާދަކާދައާ ޚިލާފުވާގޮތަށް އެހެދުމެއް އެޅުން.
ބަޔާންވެދިޔަ ދެވަނަ ޙަދީޘުގެ ޝަރަޙާގައި އިމާމުނަވަވީ އަންނަނިވި ނުގުތާތައް ބަޔާން ކުރަށްވާފައި ވެއެވެ.
- މިތާގައި މުންޑުގެ މުރާދަކީ އުނަގަޑުން ތިރިއަށް އަންނަ، ނުވަތަ ލާ ކޮންމެ ހެދުމެކެވެ. ނުވަތަ އުނަގަނޑުން ތިރިއަށް އޮންނަ ގޮތަށް ލައިގެންއުޅޭ ޖުއްބާއާއި ކުރުތާފަދަ ގަމީހެވެ.
- ލާ ކޮންމެ އެއްޗެއް ބޮޑާ ކަމާއެކު ލުން.
- ތިމާގެ ތަނބިކަށްޓަށް ވުރެން ހެދުން ތިރިކުރުން.
- މިސިފަތައް އެކުލެވޭ ގޮތަށް ހެދުންލުން ޙަރާމްވެގެން ވުން.
ތަނބިކަށްޓަށް ވުރެން ތިރިވުމަކީ ކޮބާ؟
- ފަތުޙުލްބާރީގައި އިމާމު އިބްނި ޙަޖަރު ވިދާޅުވަނީ ޙަޤީޤަތުގައި މަނާވެގެންވާ ބަސްފުޅުގައި ތަނބިކަށި ނުހިމެނޭ ކަމަށާއި އެހެންކަމުން ތަނބިކަށި ފޮރުވިފައި ހުރުމަކީ މަނާކަމެއް ނޫން ކަމަށެވެ. އެކަލޭގެފާނު ވިދާޅުވާ ގޮތުގައި މަނާވެގެން ވަނީ ތަނބިކަށީގެ އެންމެ ތިރީބަޔަށް ވުރެން ތިރިއަށް އެބަހީ ފައިތިލައިގެ މައްޗަށް ހެދުން ވެއްޓިފައި އޮންނަ ގޮތަށް ހުރުމެވެ.
ޙަދީޘުގެ ބައެއް ބަސްބަހުގެ މުރާދު
އިމާމު ނަވަވީ މިކަމާގުޅޭ މުސްލިމުގެ ބައެއް ޙަދީޘުތަކުގައި އައިސްފައިވާ ބައެއް ބަސްބަސް މާނަ ކުރަށްވަމުން ވިދާޅުވެފައި ވެއެވެ.
وَأَمَّا قَوْلُه صَلَّى اللَّه عَلَيْهِ وَسَلَّمَ ﭽالْمُسْبِلُ إِزَارَهُﭼ فَمَعْنَاهُ الْمُرْخِي لَهُ ، الْجَارُّ طَرَفَهُ خُيَلاَءَ. كَمَا جَاءَ مُفَسَّرًا فِي الْحَدِيثِ اْلآخَرِ: ﭽلاَ يَنْظُرُ اللَّهُ إِلَى مَنْ يَجُرُّ ثَوْبَهُ خُيَلاَءَﭼ وَالْخُيَلاَءُ الْكِبْرُ. މާނައީ: ޙަދީޘުގައި މިއޮތް ބަސްފުޅު: މުންޑު ތިރިއަށް ޖެއްސުން، މިބަސްފުޅުގެ މުރާދަކީ ހެދުން ފައިތިލައިގެ މައްޗަށް ވެއްޓިފައި އޮންނަގޮތަށް ދޫކޮށްލާފައި ބޭއްވުމެވެ. އަދި ބޮޑާކަމާއެކު މުންޑުގެ ދެފަރާތް ފައިތިލައިގެ މައްޗަށް ވައްޓާލާފައި އޮތުމެވެ. މިވާހަކަ އިތުރު ތަފްޞީލު އަންނަނިވި ޙަދީޘުފުޅުން ދޭހަކޮށްދެއެވެ. އޭގައި ވަނީ ބޮޑާކަމާއެކު ތިމާގެ ހެދުން ތިރިއަށް ވައްޓާލާފައި ބާއްވާ މީހާއަށް ޤިޔާމަތް ދުވަހުން ރަޙްމަތުގެ ބެއްލެވުމަކުން ﷲ ބައްލަވައި ވޮޑިގެން ނުވާނެ ކަމަށެވެ. ޝައްކެއްނެތި މިތާގައި މިއޮތް ޚުޔަލާގެ މާނައަކީ ބޮޑާކަމެވެ.
ދެން ނަވަވީ ވިދާޅުވަނީ: وَهَذَا التَّقْيِيدُ بِالْجَرِّ خُيَلاَءُ يُخَصِّصُ عُمُومُ الْمُسْبِلِ إِزَارَهُ وَيَدُلُّ عَلَى أَنَّ الْمُرَادَ بِالْوَعِيدِ مَنْ جَرَّهُ خُيَلاَءَ. މިގޮތުން މީހާގެ ހެދުން ތިރިއަށް ވައްޓާލާފައި ބޭއްވުމުގައި ވަކި ޚާއްޞަ ސިފައެއް ޤައިދު ކުރުމެއްނެތި، ޢާއްމު މުޠްލަޤު މާނާގައި މުޠްލަޤުކޮށް އައިސްފައިހުރި ޙަދީޘުތަކުގެ މާނަކުރުމުގައި، ޤައިދާއެކު ސިފަބަޔާންވެގެން އައިސްފައިހުރި އެފަދަ ޙަދީޘުތަކުގެ އެހީގައި ދެވައްތަރުޙަދީޘުތައް އެއްގޮތް ކޮށްލައިގެން މާނަ ބަޔާން ކުރުމަކީ މުޠްލަޤުކޮށް އޮންނަ ޙަދީޘުތަކުގެ މުރާދެވެ. އެހެންކަމުން މުންޑު ދެމުމުގެ ޚާއްޞަ ސިފައަކީ ބޮޑާކަމާއެކު ބިންމަތީގައި މުންޑު ދެމުމެވެ. ވުމާއެކު ވަޢީދުގެ ބަސްފުޅު އައިސްފައިވަނީ ބޮޑާކަމާއެކު ތިމާގެ މުންޑު (ބިންމަތީގައި) ދަމައިގެންދާ މީހާއަށެވެ.
وَقَدْ رَخَّصَ النَّبِيُّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِي ذَلِكَ لِأَبِي بَكْرٍ الصِّدِّيق رَضِيَ اللَّهُ عَنْهُ ، وَقَالَ: ﭽلَسْتَ مِنْهُمْﭼ إِذْ كَانَ جَرَّهُ لِغَيْرِ الْخُيَلاَءِ. މާނައީ: އެހެންކަމުން ކީރިތި ރަސޫލާ ވަނީ މިގޮތަށް ބިންމަތީ ދެމޭ މިންވަރަށް ހެދުން ތިރިކުރެއްވިއަސް މައްސަލައެއް ނެތްކަމުގައި އަބޫ ބަކުރުގެފާނުންގެ އަރިހު ވިދާޅުވެ އެކަލޭގެފާނަށް އެކަން ހުއްދަކުރަށްވާފައެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ކީރިތި ރަސޫލާ ޙަދީޘު ކުރަށްވާފައިވަނީ "ކަލޭގެފާނަކީ އެމީހުންގެތެރޭންވާ ބޭކަލެއް ނޫންކަމަށެވެ." މިހެނީ އެކަލޭގެފާނުން ހެދުންކޮޅު ތިރިކުރަށްވައިގެން ބިންމަތީ ދަންމަވަނީއަކީ ބޮޑާކަމާ އެކުގައެއް ނޫނެވެ.
- އަދިވެސް ނަވަވީ އިމާމު ވިދާޅުވެފައި ވެއެވެ. وَقَالَ اْلإِمَامُ أَبُو جَعْفَرٍ مُحَمَّدُ بْن جَرِيرٍ الطَّبَرِيّ وَغَيْرُهُ: وَذَكَرَ إِسْبَالُ اْلإِزَارِ وَحْدَهُ لِأَنَّهُ كَانَ عَامَّةَ لِبَاسِهِمْ، وَحُكْمُ غَيْرِهِ مِنَ الْقَمِيصِ وَغَيْرِهِ حُكْمُهُ. قُلْتُ: وَقَدْ جَاءَ ذَلِكَ مُبَيَّنًا مَنْصُوصًا عَلَيْهِ مِنْ كَلاَمِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ رِوَايَةِ سَالِمِ بْنِ عَبْدِ اللَّهِ عَنْ أَبِيهِ رَضِيَ اللَّهُ عَنْهُمْ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ ﭽاْلإِسْبَالُ فِي اْلإِزَارِ وَالْقَمِيصِ وَالْعِمَامَةِ مَنْ جَرَّ شَيْئًا خُيَلاَءَ لَمْ يَنْظُرُ اللَّهُ تَعَالَى إِلَيْهِ يَوْمَ الْقِيَامَةِﭼ رَوَاهُ أَبُو دَاوُدَ وَالنَّسَائِيُّ وَابْن مَاجَةَ بِإِسْنَادٍ حَسَنٍ މާނައީ: އިމާމު ޠަބަރީއާއި އެނޫންވެސް ބޭކަލުން ބަޔާންކުރަށްވާފައި ވެއެވެ. މިޙަދީޘުގައި ހަމައެކަނި މުންޑުގެ ވާހަކަ އައިސްފައި އޮތީ އެއީ ޢާއްމުކޮށް އެއިރުގައި ލައިއުޅޭ ހެދުން ކަމުގައިވާތީއެވެ. އެހެންކަމުން ފިރިހެނުން ލައިއުޅޭ ހުރިހާ ހެދުމެއް މީގެ ޙުކުމާ އެއްގޮތްވާނެއެވެ. ދެން ނަވަވީ ވިދާޅުވެފައިވެއެވެ. އަހުރެން ދެކޭގޮތުގައި އިމާމު ޠަބަރީގެ މިވާހަކަފުޅަށް ތާއީދުކުރާ ޙަދީޘެއް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެއަރިހުން މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު ޢުމަރު ރިވާކުރަށްވާފައި ވެއެވެ. އެކަލޭގެފާނުންގެ މިރިވާޔަތުން ވަރަށް ސާފު، ޞަރީޙަކޮށް މިމައްސަލަ ހާމަވާން އެބައޮތެވެ. އޭގައިއެކަލޭގެފާނު ޙަދީޘު ކުރަށްވާފައި ވެއެވެ. ބޮޑާކަމާއެކު ތިމާގެ މުންޑާއި ޖުއްބާއާއި ފަގުޑި ދޫކޮށްލައިގެން އެއިން އެއްޗެއް ބިންމަތީ ދަމައިގެންދާ މީހަކަށް ޤިޔާމަތްދުވަހުން މާތްﷲ ބައްލަވައިވޮޑިގެނެއް ނުވާނެއެވެ. (މިރިވާޔަތް އަބޫދާއޫދާއި ނަސާއީއާއި އިބްނުމާޖާވަނީ ރިވާކުރަށްވާފައެވެ. އަދި އެއީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމަށް ނަވަވީ ވިދާޅުވެފައި ވެއެވެ.)
ބޮޑާކަމެއްނެތި ހެދުން ތިރިކުރުމުގެ ޙުކުމް
މިމައްސަލާގައި ދީނުގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވަނީ ބޮޑާކަމެއް ނެތް ކަމުގައި ވިއަސް، ތަނބި ކަށްޓަށް ވުރެން، ތިރިއަށް ފިރިހެނާގެ ހެދުން ބޭއްވުމަކީ ޙަރާމްވެގެންވާ ކަމެއް ކަމަށެވެ. އެބޭކަލުންގެ ދަލީލަކީ ޢާއްމުކޮށް، މުޠުލަޤުކޮށް، ޤައިދަކާ ނުލައި އައިސްފައި ހުރި ޙަދީޘުތަކެވެ. ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔަކީ ފުރަތަމަ ބަޔާންވެދިޔަ ރައުޔެވެ. އެހެންކަމުން ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ ފިރިހެނާއަށް އެގޮތަށް ހެދުން ތިރިއަށް ޖެއްސުން ޙަރާމްވެގެން ވަނީ މުޤައްޔަދު ޙަދީޘުތަކުގައި އައިސްފައިވާ ގޮތަށް ބޮޑާކަން އޮންނަ ނަމައެވެ. އެހެންކަމުން ބޮޑާ ކަމެއް އެމީހާގެ ހިތުގައި ނެތި، ހެދުން ތިރިވެފައި އޮތްނަމަ ޖުމްހޫރުން ވިދާޅުވަނީ އެއީ ހުއްދަ ކަމެއް ކަމަށެވެ. އެކަމަކު ޢާއްމު ޙަދީޘުތަކަށް ބަލައިގެން އެބޭކަލުން ވިދާޅުވަނީ ބޮޑާކަމެއް ނެތި ހެދުން ތިރިކުރާމީހާ ޢުޛުރެއްނެތި ތިރިކުރިކުރާނަމަ އެކަން މަކްރޫހަ ވާނެ ކަމަށެވެ. ވަކިން ޚާއްޞަކޮށް ނަމާދުގައި އެކަން ބޮޑަށް މަކްރޫހަވާނޭ ކަމަށެވެ.
އަޅުގަނޑު ދެކޭގޮތުގައި ހުރިހާ ޙަދީޘެއް ގުޅުވައިލެވެނީ ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔާ އެއްގޮތަށެވެ. އެއީ ހެދުން ތިރިކުރުމުގެ މުރާދަކީ، މީހަކު ބޮޑާކަމާއެކު ތިރިކޮށްލައިގެން ބިންމަތީ ދަމަމުން ދާކަމުގައި ވާނަމަ ޙަރާމްކަމެއް ކަމަށާއި ބޮޑާކަމެއް ނެތްޙާލު، ޢުޛުރަކާހުރެ ތިމާގެ ހެދުން ބިންމަތީ ދެމޭމިންވަރަށް އޮންނަހިނދު އެކަން މަކްރޫހަވެސް ނުވާނެ ކަަމަށާއި ޢުޛުރަކާ ނުލައި ބިންމަތީ ދެމޭވަރަށް ތިރިކުރާއިރު ބޮޑާކަމެއް ނެތްނަމަވެސް އެއީ މަކްރޫހަ ކަމެއް ކަމަށެވެ.
މާތް ﷲ ރުއްސުންލެއްވި އިބްނި ޢުމަރުގެ ކިބައިން ހަތަރު މަޛްހަބުގެ ހަތަރު އިމާމުންނާއި ޞައްޙަ ހަ ފޮތުގެ އިމާމުން ނެރުއްވާފައިވާ ޙަދީޘެއްގައި ވެއެވެ. ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައި ވެއެވެ. مَنْ جَرَّ ثَوْبَهُ مِنْ الْخُيَلَاءِ لَمْ يَنْظُرْ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ މާނައީ: ބޮޑާ ކަމާއެކު ތިމާގެ ހެދުން ބިންމަތީ ދެމޭވަރަށް ތިރިކުރާ މީހާއަށް ޤިޔާމަތް ދުވަހުން ރަޙްމަތުގެ ނަޒަރަކުން މާތް ﷲ ބައްލަވައި ވޮޑިގެން ނުވާނެއެވެ.
އަދިވެސް އިމާމު މާލިކާއި ޝާފިޢީއާއި އަހްމަދާއި ބުޚާރީއާއި މުސްލިމާއި އެނޫން ބޭކަލުން ނެރުއްވާފައިވާ ޙަދީޘެއްގައި ވެއެވެ. عَنْ مُحَمَّدٍ ابْنُ زِيَادٍ قَالَ سَمِعْتُ أَبَا هُرَيْرَةَ وَرَأَى رَجُلًا يَجُرُّ إِزَارَهُ فَجَعَلَ يَضْرِبُ الْأَرْضَ بِرِجْلِهِ وَهُوَ أَمِيرٌ عَلَى الْبَحْرَيْنِ وَهُوَ يَقُولُ جَاءَ الْأَمِيرُ جَاءَ الْأَمِيرُ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ لَا يَنْظُرُ إِلَى مَنْ يَجُرُّ إِزَارَهُ بَطَرًا މާނައީ: މާތް ﷲ ރަޙްމަތްލެއްވި މުޙައްމަދު އިބްނި ޒިޔާދުގެ ކިބައިން ރިވާވެގެން ވެއެވެ. އެއްދުވަހަކު މީހަކު ބިންމަތީ ގުންފައި ޖަހަމުން ތިމާގެ ހެދުން ބިންމަތީ ދަމަމުން ތެޅެމުން ފޮޅެމުން އަންނަތަން މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާއަށް ފެނިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. (އޭރު އެކަލޭގެފާނަކީ ބަޙުރައިނިގެ އަމީރެވެ. އަދި މިމީހާ ބުނަމުން އައީއަމީރު ވަޑައިގެންފިއެވެ. އަމީރު ވަޑައިގެންފިއެވެ.) އޭރު މިމީހާގެ މުންޑު އޮތީ ބިންމަތީ ކޭއްތިކޭއްތިއެވެ. ދެން މިމީހާއަށް ބައްލަވާފައި އަބޫ ހުރައިރާ ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރަށްވާފައި ވެއެވެ. ބޮޑާ ކަމާއެކު ތިމާގެ މުންޑު ބިމާ ހަމައަށް ތިރިކޮށްގެން ބިންމަތީ ދަމަމުން ދާމީހާއަށް މާތް ﷲ އެއިލާހުގެ ރަޙްމަތުގެ ނަޒަރަކުން ބައްލަވައި ވޮޑިގެން ނުވާނެކަން ކަށަވަރެވެ. މިއެވެ.
ހެދުން ތިރިކުރުމުގެ އަސްލަކީ ބޮޑާ ކަމެވެ.
އިމާމު ޠަބަރީ ވިދާޅުވެފައި ވަނީ މިޙަދީޘުތަކުގައި "މުންޑޭ" އޮތް ކަމުގައި ވިޔަސް އެބަސްފުޅުގެ މުރާދަކީ ލައިގެން، އަނދެގެން އުޅޭ ކޮންމެ ބާވަތެއްގެ ހެދުމެއް ކަމަށެވެ. އެއިން އެއްވެސް ބާވަތެއް އެތަނެއްގެ ޢާއްމު އާދަކާދައާ ޚިލާފަށް ބޮޑާ ކަމާއެކު ތިރިކުރާނަމަ އެކަން ޙަރާމްވާނެ ކަމަށެވެ. އިމާމު އިބްނި ޢަޤީލު ވިދާޅުވެފައި ވެއެވެ. لَا يَنْبَغِي الْخُرُوجُ عَنْ عَادَاتِ النَّاسِ إِلَّا فِي الْحَرَامِ لِتَرْكِهِ عَلَيْهِ السَّلَامُ بِنَاءَ الْكَعْبَةِ މާނައީ: ޙަރާމްކަމެއްގައި މެނުވީ މީސްތަކުންގެ އާދަކާދައިން ބޭރުވުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މިކަމުގެމިސާލަކީ ޚުދުކީރިތިރަސޫލާ ކަޢުބާ ބިނާ ކުރެއްވުމާމެދު ޤުރައިޝުންގެ ބިނާއާ ޚިލާފުވާތީ އަސްލު ބިންގަލުގެ މައްޗަށް ކަޢުބާ ބިނާކުރެއްވުމުން އެއްކިބާވެ ވަޑައިގެން ކުރީގައި ހުރިގޮތަށް ދޫކޮށްލައްވާފައި ބެހެއްޓެވުމެެވެ. (މިވާހަކަ ގެންނަވާފައި ވަނީ އިމާމު އައްރުޙައިބާނީ އެކަލޭގެފާނުންގެ ފޮތް "މަޠާލިބު"ގެ 1/851 ގައެވެ. އަދި އިމާމު އިބްނުލް މުފްލިޙު އެކަލޭގެފާނުންގެ ފޮތް "އަލްފުރޫޢު" ގެ 3/192 ގައެވެ.)
މުންޑު ތިރިކުރުމުގެ ޙުކުމް
މިޙަދީޘުގެ ދަށުގައި ނަވަވީ ލިއުއްވާފައި ވެއެވެ. فَالْمُسْتَحَبُّ نِصْفُ السَّاقَيْنِ، وَالْجَائِزُ بِلَا كَرَاهَةٍ مَا تَحْتَهُ إِلَى الْكَعْبَيْنِ، فَمَا نَزَلَ عَنِ الْكَعْبَيْنِ فَهُوَ مَمْنُوعٌ. فَإِنْ كَانَ لِلْخُيَلَاءِ فَهُوَ مَمْنُوعٌ مَنْعَ تَحْرِيمٍ، وَإِلَّا فَمَنْعُ تَنْزِيهٍ. وَأَمَّا الْأَحَادِيثُ الْمُطْلَقَةُ بِأَنَّ مَا تَحْتَ الْكَعْبَيْنِ فِي النَّارِ فَالْمُرَادُ بِهَا مَا كَانَ لِلْخُيَلَاءِ، لِأَنَّهُ مُطْلَقٌ، فَوَجَبَ حَمْلُهُ عَلَى الْمُقَيَّدِ. وَاللَّهُ أَعْلَمُ. قَالَ الْقَاضِي: قَالَ الْعُلَمَاءُ وَبِالْجُمْلَةِ يُكْرَهُ كُلُّ مَا زَادَ عَلَى الْحَاجَةِ وَالْمُعْتَادِ فِي اللِّبَاسِ مِنَ الطُّولِ وَالسَّعَةِ. وَاللَّهُ أَعْلَمُ. މާނައީ: މުސްތަޙައްބުގޮތަކީ ތިމާގެ މުންޑު މެދު ކަށިމައްޗާ ހަމައަށް ބޭއްވުމެވެ. އަދި ތަނބި ކަށީގެ ތިރިން ފިޔަވަޅު ނުވަތަ ފައިތިލަ މައްޗާ ހަަމައަށް (އެބަހީ ތަނބިކަށީގެ ތިރިއާ ހަމައަށް) ބޭއްވުމަކީ މަކްރޫހަ ކަމެއްނެތި ހުއްދަ ވެގެންވާ ކަމެކެވެ. މަނާވެގެންވަނީ ތަނބި ކަށްޓަށް ވުރެން ތިރިިއަށް ދޫކޮށްފައި އޮންނަ އޮތުމެވެ. މިގޮތުން ބޮޑާ ކަމާއެކު ތިރިކުރާނަމަ އެކަން މަނާވެގެން ވަނީ މަކްރޫހަ ތަޙްރީމީއެއްގެ ގޮތުގައެވެ. ބޮޑާ ކަމެއް ނެތްނަމަ މަނާވެގެންވަނީ މަކްރޫހަ ތަންޒީހީއެއްގެ ގޮތުގައެވެ. ކޮންމެއަކަސް ތަނބިކަށިން ތިރިއަށް އައިސްފައި އޮންނަ އޮތުމަކީ ނަރަކައިގެ ބައެއްކަމުގައި ބައެއް ޙަދީޘުތަކުގައި އޮަންނަ އޮތުމާމެދު ޤައިދެއް ނެތި މުޠްލަޤުކޮށް އައިސްފައިހުރި ޙަދީޘުތަކުގެ މުރާދަކީ ޤައިދު ކުރުމެވެ. އެއީ ބޮޑާ ކަމާއެކު ތިރިކުރުމުގެ މާނައެވެ. މިހެނީ އެޙަދީޘުތައް މުޠްލަޤުކޮށް އައިސްފައި އޮތް ހިނދު ޤައިދުކޮށްފައިހުރި ޙަދީޘުތަކުން މުޠްލަޤު ޙަދީޘުތައް ޤައިދުކުރުން ލާޒިމުވާތީއެވެ. އެއަށްފަހު ނަވަވީ ޤާޟީ ޢިޔާޟުގެ މިބަސްފުޅު ނަގުލު ކުރަށްވާފައި ވެއެވެ. "ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކުރުގޮތަކަށް ބުނާނަމަ ބުނެވޭނީ ހެދުން ލުމުގައި ބޭނުމަށްވުރެން އިތުރުވާ ކޮންމެ އިތުރުވުމަކީ މަކްރޫހަ ކަމެއް ކަމަށެވެ. އަދި އެތަނެއްގައި އޮންނަ އާދަކާދައަކާ ޚިލާފަށް ހެދުމުގައި ދިގުވާ ކޮންމެ ދިގުވުމަކާއި ފުޅާވާ ކޮންމެ ފުޅާވުމެއް މަކްރޫހަވާނެ ކަމަށެވެ." (وَاللَّهُ أَعْلَمُ)
ހަރުވާޅާއި ފަޓުލޫނު ބުރިކޮށްލައިގެން ލުމާއި ޢާއްމު އާދަކާދައާ ޚިލާފުވުމަކީ މަނާކަމެކެވެ.
ހަރުވާޅަކީ އިރުމަތީ އޭޝިޔާގައި ބޯދާ ޒަމާނުއްސުރެން ތަޢާރުފުވެ ހިނގަމުން އައި އެއްޗެކެވެ. ބުނެވޭގޮތުން ފަޓްލޫނަކީ ހަރުވާޅަށް ގެނެވެނު ބަދަލެކެވެ. މިއީ ޒަމާނުއްސުރެން މީސްތަކުން ލައި އުޅުނު އެއްޗެއް ކަމުގައި ވިއަސް ދިވެހިން ފަޓުލޫނު ލާންފެށީ މީގެ ފަސްދޮޅަހަކަށް އަހަރުން ފެށިގެންނެވެ. އެހެނަސް މިއީއަކީ ޢަރިބިން ލައިއުޅުނު އެއްޗެއް ނޫނެވެ. އަދި ޢަރަބި ކަރައިގެ މީހުން ލައިއުޅުނު އެއްޗެއްވެސް ނޫނެވެ. ކީރިތި ރަސޫލާގެ ޒަމާނުގައިވެސް ޢަރަބިން ހަރުވާޅެއް ބޭނުމެއް ނުކުރެއެވެ. ކީރިތި ރަސޫލާގެ އަތްޕުޅުގައި ހަރުވާޅުކޮޅެއް އޮތްވާހަކަ ޢާއިޝަތުގެފާނުންގެ ރިވާޔަތަކުން ފެންނާން އޮވެއެވެ. އެހެނަސް އެކަލޭގެފާނު ހަރުވާޅުކޮޅު ތުރު ނުކުރަށްވައެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މެދު ކަށިމައްޗާ ހަމައަށް، ހެދުން ޖައްސާފައި ބެހެއްޓުމަށް އައިސްފައި ވަނީ ހަމައެކަނި މުންޑެވެ. ނުވަތަ މުންޑާއި އެއްފަދަ ޖުއްބާފަދަ ހެދުމެވެ. އެހެން ހެދުމެއްގައި އެޙުކުމް ޝާމިލުވެފައި ނުވެއެވެ.
ހެދުން ތިރިކޮށްފައި ބެހެއްޓުން މަނާވެގެންވާ އަޞްލު ސަބަބަކީ ބޮޑާކަން ފާޅުކުރުން ކަމަށް ވާއިރު ބައެއް މީހުން ދެއްކުމުގެ ގޮތުންނާއި އަނެކުންނާއި ތަފާތު ކުރުމުގެ ގޮތުން ޢާއްމު މީހުން އޮނުފޭރާން ލައިއުޅޭ އުޞޫލާ ޚިލާފަށް ތިމާގެހެދުން ބިންމަތީގައި ދެމެމުންދާގޮތަށް ތިރިކޮށްލައިގެން އުޅޭއުޅުމަކީ ދެއްކުމާއި ބޮޑާކަން އެކުލެވޭކަމެއް ކަމުގައިވާތީ ދީނުގައި އެކަން މަނާކުރެވުނީއެވެ. އެހެންނާ ހެދުން ކުރުވުމާއި ދިގުވުމަކީ އޭގެ ޒާތުގައި މަނާކަމެއް ކަމަކަށް ވީނަމަހީ އަންހެނުންނަށް ވެސް އެކަން މަނާވީހެވެ. މިގޮތުން އަންހެނުންނަށް ވެސް ޢާއްމު ޢާދައާޚިލާފަށް ހައްދުން ނެއްޓޭވަރަށް ހެދުން ދިގުކުރުންވަނީ މަނާވެގެންނެވެ. އެއީ އެކަނބަލުންވެސް އެކަން އެގޮތަށް ކުރާނީ ދެއްކުމާއި ބޮޑާވުން ކަމަށްވާތީއެވެ. އެހެންކަމުން ފަޓުލޫނުފަދަ ތަކެތި ޢާއްމު އާދަކާދަޔާ ޚިލާފަށް ބުރިކޮށްލައިގެން އުޅުމަކީ މިޙަދީޘުތަކުގެ ދަށުން މުސްތަޙައްބު ވެގެންވާ ކަމެއްކަމުގައި ނުބެލެވޭނެއެވެ. އަދިކިއެއްހެއްޔެވެ؟ މުސްތަޙައްބު ވެގެންވަނީ އާދަކާދައާ ޚިލާފުވާތީ ފަޓްލޫނު ކުރުނުކުރުމެވެ. އެހެނަސް ކުރީގައި ބަޔާންވެ ދިޔަފަދައިން ފައިތިލަމަތިން ތިރިއަށްދާ ވަރަށް ވައްޓާލައިގެން ނުވާނެއެވެ. ކުރީގައި ބަޔާންވެދިޔަ އިމާމު ޤާޟީޢިޔާޟުގެ ބަސްފުޅުގައި ވާފަދައިންނެވެ. "ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކުރުގޮތަކަށް ބުނާނަމަ ބުނެވޭނީ ހެދުން ލުމުގައި ބޭނުމަށްވުރެން އިތުރުވާ ކޮންމެ އިތުރުވުމަކީ މަކްރޫހަ ކަމެއް ކަމަށެވެ. އަދި އެތަނެއްގެ އޮންނަ އާދަކާދައަކާ ޚިލާފަށް ހެދުމުގައި ދިގުވާ ކޮންމެ ދިގުވުމަކާއި ފުޅާވާ ކޮންމެ ފުޅާވުމެއް މަކްރޫހަވާނެ ކަމަށެވެ." މިއެވެ. އަދިވެސް އިމާމު އިބްނި ޢަޤީލުގެ އަރިހުން މިއަށް ތާއީދުކުރާ ބަސްފުޅެއްވެސް ކުރީގައި ބަޔާންކޮށްފީމެވެ. އޭގައިވަނީ: لَا يَنْبَغِي الْخُرُوجُ عَنْ عَادَاتِ النَّاسِ إِلَّا فِي الْحَرَامِ لِتَرْكِهِ عَلَيْهِ السَّلَامُ بِنَاءَ الْكَعْبَةِ މާނައީ: ޙަރާމްކަމެއްގައި މެނުވީ މީސްތަކުންގެ އާދަކާދައިން ބޭރުވުމަކީ ރަނގަޅުގޮތެއް ނޫނެވެ. މިކަމުގެމިސާލަކީ ޚުދު ކީރިތިރަސޫލާ ކަޢުބާ ބިނާ ކުރެއްވުމާމެދު ޤުރައިޝުންގެ ބިނާއާ ޚިލާފުވާތީ އަސްލު ބިންގަލާ އެއްގޮތް ނުވިކަމުގައި ވިއަސް ޤުރައިޝުންގެ ޢަމަލާ އެއްގޮތަށް ދޫކޮށްލައްވާފައި ބެހެއްޓެވުމެެވެ.
އިމާމު އިބްނި ޙަޖަރުވެސް މިމޭރުމުން އަލްފަތުޙުގެ 10/274 ވަނަ ޞަފްޙާގައި ވިދާޅުވެފައި ވެއެވެ. وَالَّذِي يَظْهَرُ أَنَّ مَنْ أَطَالَهَا حَتَّى خَرَجَ عَنِ الْعَادَةِ كَمَا يَفْعَلُهُ بَعْضُ الْحِجَازِيِّينَ دَخَلَ فِي ذَلِكَ. قَالَ شَيْخُنَا فِي "شَرْحِ التِّرْمِذِيِّ" مَا مَسَّ الْأَرْضَ مِنْهَا خُيَلَاءَ لَا شَكَّ فِي تَحْرِيمِهِ. قَالَ : وَلَوْ قِيلَ بِتَحْرِيمِ مَا زَادَ عَلَى الْمُعْتَادِ لَمْ يَكُنْ بَعِيدًا، وَلَكِنْ حَدَثَ لِلنَّاسِ اصْطِلَاحٌ بِتَطْوِيلِهَا، وَصَارَ لِكُلِّ نَوْعٍ مِنَ النَّاسِ شِعَارٌ يُعْرَفُونَ بِهِ، وَمَهْمَا كَانَ مِنْ ذَلِكَ عَلَى سَبِيلِ الْخُيَلَاءِ فَلَا شَكَّ فِي تَحْرِيمِهِ، وَمَا كَانَ عَلَى طَرِيقِ الْعَادَةِ فَلَا تَحْرِيمَ فِيهِ مَا لَمْ يَصِلْ إِلَى جَرِّ الذَّيْلِ الْمَمْنُوعِ. وَنَقَلَ عِيَاضٌ عَنِ الْعُلَمَاءِ كَرَاهَةَ كُلِّ مَا زَادَ عَلَى الْعَادَةِ وَعَلَى الْمُعْتَادِ فِي اللِّبَاسِ مِنَ الطُّولِ وَالسَّعَةِ. މާނައީ: އަހުރެން ދެކޭ ގޮތުގައި މިތާގައި ދިގުކުރުމުގެ މުރާދަކީ ޢާއްމު މީސްތަކުންގެ އާދަކާދައިގައި ދިގުކުރާ މިންވަރަށް ވުރެން ދިގު ކުރުމެވެ. މިމައްސަލާގައި ޙިޖާޒުކަރައިގެ މީހުން މިއާމެދު ކަންކުރަމުންދާ ފަދައިންނެވެ. އަހަރެމެންގެ ޝައިޚު ތިރްމިޛީގެ ޝަރަޙާގައި ވިދާޅުވެފައި ވެއެވެ. (މިއީ އިމާމު އިބްނި ރަޖަބު އަލްޙަންބަލީއެވެ.) ބޮޑާކަމާއެކު ބިންމަތީގައި ކޭއްތޭ މިންވަރަށް ތިރިކުރުމަކީ ޝައްކެއްނެތް ގޮތުގައި އެކަން ޙަރާމް ވެގެންވާ ކަމެކެވެ. ދެން މިއީ ޙަރާމް ކަމެއްކަމުގައި ބަލާނަމަވެސް ލަފާކުރެވެނީ އާދަކާދައަށް ވުރެން ބޮޑަށް ހެދުން ދިގު ކުރުމެވެ. އެހެނަސް މިހާރަކަށް އައިސް މީސްތަކުންގެ ތެރޭގައި އުފެދިފައިވާ އިޞްޠިލާހަކީ ދިގުވުމެވެ. އެގޮތުން ކޮންމެ ބައެއްގެ ތެރޭގައި މިއޮންނަނީ އެބައިމީހުން އެއަށް ދެނެފަރިތަ ވެފައިވާ މޮޓޯއެކެވެ. ވުމާއެކު ކޮންމެގޮތަކަށް ބެލެވުނު ކަމުގައި ވިއަސް ބޮޑާކަމާއެކު ތިރިކުރެވޭނަމަ ކަނޑައެޅިގެން އެއީ ޙަަރާމްވެގެންވާ ކަމެކެވެ. އެހެނަސް އެބައެއްގެ ތެރޭގައި އޮންނަ އާދަކަދައިގެ މިންވަރެއް އޮވެއްޖެއްޔާ އެމިންވަރަށް ތިރިކުރުން ޙަރާމެއް ނުވާނެއެވެ. އެއީ ކަނޑައެޅިގެން ބިންމަތީގައި ހެދުން ދެމިގެންދާ ނިގުލެއްހެން ދިގުނުކުރާނަމައެވެ. މިގޮތުން ދަންނަބޭކަލުންގެ އަރިހުން އިމާމު ޢިޔާޟު ނަގުލު ކުރަށްވާފައި ވާގޮތުގައި ތަނެއްގެ އާދަކާދައަށް ވުރެން ދިގުކުރެވޭ މިންވަރު މަކްރޫހަ ވާނެއެވެ. އަދި ހެދުން އެޅުމުގައި އާދަކާދައާ ޚިލާފަށް ދިގުވާ ކޮންމެ ދިގުވުމަކާއި ފުޅާކުރެވޭ ކޮންމެ ފުޅާކުރުމެއްވެސް މަކްރޫހަ ވާނެއެވެ. މިއެވެ. ދެން އިބްނި ޙަޖަރު ވިދާޅުވަނީ މިމައްސަލަ ފަހުން އަހުރެން އިތުރަށް ތަފްޞީލު ލިޔާނަމެވެ. މިއެވެ.
ސުއްނަތް އަދާކުރުމުގެ ގޮތުން ފަޓްލޫނު ބުރިކުރަންޖެހޭނެބާ!
މި މައްސަލައިގެ ޚުލާޞާއެއްގެ ގޮތުގައި ބުނެވޭނީ އަޅުގަނޑުމެން މިހާރަކަށް އައިސް ޢާއްމުކޮށް ލައި މިއުޅެނީ ފަޓުލޫނު ކަމުގައިވާހިނދު، އަދި ފަޓުލޫނު ލައިއުޅޭ ކޮންމެ ޤައުމެއްގައިވެސް މީސްތަކުން ފަޓުލޫނު ލައިއުޅޭ ޢާއްމު މިންގަނޑެއް އޮންނަހިނދު އަދި މިއާދަކާދައަކީ ފައިތިލައިގެ މައްޗާ ހަމައަށް ކަމުގައިވާހިނދު މިއީއަކީ ޢިލްމުވެރިން ވިދާޅުވާ ފަދައިިން ޙަދީޘުގައި މަނާކުރަށްވާފައިވާ ޙުކުމުގެ ތެރެއަށް ވަންނާނެ ކަމަކަށް ނުވާތީވެ ސުއްނަތް އަދާކުރުމުގެ ނަމުގައި ކޮންމެހެން ތިމާލައިގެންހުރި ފަޓްލޫނު ބުރިކޮށްލައިގެން ފަޓްލޫނުގެ ރީތިކަން ނަތްތާލާކަށް ނުޖެހޭނެއެވެ. އަދި ފަޓްލޫނު ލާއިރު ފައިތިލަ މައްޗާހަމައަށް ފަޓްލޫނު އޮތުމަކީ މަކްރޫހަ ކަމެއްނެތް ހުއްދަވެގެންވާ ކަމެކެވެ. އަދި އެޤައުމެއްގެ އާދައަކަށް ފައިތިލައިގެ ތިރިއަށް، ފުންނާބުގެ ކޮޅާ ހަމައަށް ފަޓުލޫނު ތިރިވެފައި އޮތް ކަމުގައި ވިއަސް އެއީ އެންމެންގެ ޢާދައަކަށް ވާނަމަ އަދި ބޮޑާ ކަމަކަށް އެކަން ނުވާހައިހިނދަކު އެއީ މަތީގައި ބަޔާންވެދިޔަ ޢިލްމުވެރިންގެ ބަސްފުޅާ އެއްގޮތަށް މަކްރޫހަ ކަމަކަށް ނުވާނެއެވެ. އެހެނަސް ބިންމަތީގައި ދެމޭ މިންވަރަށް ފަޓުލޫނު ދިގުކޮށްލައިގެން އުޅުމަކީ ޢާއްމު އުޞޫލުގެ ދަށުން މަނާގެ ތެރެއަށް ވަންނާނެ ކަމެކެވެ. ކަންމިހެން އޮތްހިނދު، ފަޓުލޫނު ލައިއުޅޭމީހުން ކޮންމެހެން ފަޓުލޫނުބުރިކޮށްލައިގެން، ފަޓުލޫނު ޝޯޓުބުރިއަކަށް ހަދައިގެން ޢާއްމު މީސްތަކުންނާ ތަފާތުކޮށްލައިގެން އުޅުމީ އެންމެ ޞައްޙަ ގޮތެއް ނޫނެވެ. އޭރުން އެކަން ވެގެންދާނީ އެހެން މީހުންނާ ތަފާތުކުރުމުގެ ސަބަބުން ދެއްކުމަށް ކުރެވޭ ކަމަކަށެވެ. އަދި މިގޮތް ވާނީ ޢިލްމުވެރިންގެ ބަސްފުޅުގައިވާ ފަދައިން ޙަރާމްވެގެންވާ ކަމަކަށެވެ.
ބަހުސުގެ ޚުލާޞާ
މުންޑުފަދަ އެއްޗެހި ލައިއަނދެ އުޅުމުގެ ޙުކުމް
ޢިލްމުވެރިިންގެ އެންމެހައި ބަސްފުޅުތަކާއި ޙަދީޘުތަކަށް ނަޒަރު ހިންގާލުމުން މައްސަލައިގެ ޚުލާޞާއެއްގެ ގޮތުން އަޅުގަނޑަށް ބުނެވެނީ މުންޑާއި ޖުއްބާފަދަ އެއްޗެހި ލައިއުޅުމުގައި އަންނަނިވި ގޮތްތައް އެކުލެވިގެންވާ ކަަމަށެވެ.
- ކަށިމަތީގެ މެދާ ހަމައަށް ބެހެއްޓުން. މިއީ އައުލާވެގެންވާ މުސްތަޙައްބު ގޮތެވެ.
- ފައިތިލައިގެ ތަނބިކަށީގެ ތިރިއާ ހަމައަށް ބެހެއްޓުން. މިއީ ބޮޑާކަމެއްނެތްނަމަ ހުއްދަ ގޮތެކެވެ. ބޮޑާކަމެއް ހިމެނޭނަމަ މަކްރޫހަ ތަޙްރީމީއެކެވެ.
- ފައިތިލައިގެ ފުއްނާބާ ހަމައަށް ހުރުން. މިއީ ބޮޑާކަމެއް ހުރިނަމަ ޙަރާމްވެގެންވާ ކަމެކެވެ. ބޮޑާ ކަމެއް ނެތަސް މަކްރޫހަ ތަންޒިހީއެކެވެ.
- ހެދުން ބިމުގައި ދެމޭވަރަށް އޮތުން. މިއީ ބޮޑާކަމެއް އޮންނަމަ ޙަރާމް ކަމެކެވެ. ބޮޑާކަމެއް ނެތްނަމަ މަކްރޫހަ ތަޙްރީމީއެކެވެ.
ފަޓްލޫނާއި ހަރުވާޅު ފަދަ އެއްޗެހި ލައި އުޅުމުގެ ޙުކުމް
ފަޓުލޫނަކީ ޢާއްމުކޮށް މިހާރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ލައިއުޅޭ އެއްޗަކަށް ވެފައި، ޢާއްމުކޮށް މީސްތަކުން ފަޓްލޫނު ލައިއުޅެނީ ފައިތިލައިގެ މައްޗާ ހަމައަށް ކަމަށްވާތީ މުންޑާއި ފަޓްލޫނާ ދެމެދު ޙުކުމުގައި ތަފާތު އަންނަގޮތް އެބަވެއެވެ. އެއީ:
- ކަށިމަތީގެ މެދާ ހަމައަށް ބުރިކޮށްގެން ލުން. މިއީ ޢާއްމުންގެ ޢަމަލުތަކާ ޚިލާފު ކަމަކަށް ވެފައި، އަދި ފަޓްލޫނު ބުރިކޮށްލުމުން ފަޓްލޫނަކަށް ނުވެފައި، އެންމެންނާ ތަފާތުކޮށް ހުރުމުން އޭގައި ރިޔާކާރީވަދެފާނެތީ، މިކަމަކީ މަކްރޫހަވެގެންވާ ކަމެކެވެ. އާދެ، މަކްރޫހަ ތަޙްރީމީއެކެވެ.
- ދެތަނބިކަށްޓަށް ވުރެން މައްޗަށް ފަޓުލޫނު ބަހައްޓާފައި ހުރުން. މިއީ ހުއްދަވެގެންވާ ކަމެކެވެ. ނަމަވެސް ޢާއްމު މީސްތަކުންގެ ޢަމަލާ ތަފާތުވާތީ މޮޅުގޮތަކީ އެގޮތް އިޚްތިޔާރު ނުކުރުމެވެ.
- ދެތަނބިކަށި ފޮރުވިފައި ހުންނަ މިންވަރަށް ފައިތިލައިގެ މައްޗާ ހަމައަށް ބަހައްޓާފައި ހުރުން. އަޅުގަނޑު ދަންނަވާނީ ފަޓްލޫނު ލުމުގައި، އައުލާ އަދި އެންމެ މޮޅު ގޮތަކީ މިއީ ކަމަށެވެ.
- ބިމުގައި ނުކޭއްތޭ މިންވަރަށް ފުންނާބު ފޮރުވޭގޮތަށް ބެހެއްޓުން. މީގައި ބޮޑާކަމެއް އޮންނަނަމަ އެކަން ޙަރާމް ވާނެއެވެ. އަދި ބޮޑާ ކަމެއްނެތްނަމަ އެއީ މަކްރޫހަ ތަންޒީހީއެކެވެ.
- ބިމުގައި ފަޓްލޫނު ކޭއްތޭ މިންވަރަށް އޮތުން. ނުވަތަ ފައިތިލައިގެ ދަށަށް ފަޓްލޫނުގެ ކޮޅު ވަދެފައި އޮތުން. މިއީ ބޮޑާކަމެއް އޮތްނަމަ ޙަރާމް ވެގެންވާ ކަމެކެވެ. ނޫންނަމަ މަކްރޫހަ ތަޙްރީމީއެކެވެ.
އަންހެނުންނާއި ފިރިހެނުންގެ ތަފާތު
ޤާޟީ ޢިޔާޟު ވިދާޅުވެފައި ވަނީ ހެދުން ލުމުގައި މިއޮތް ޙުކުމަކީ ހަމައެކަނި ފިރިހެނުންނަށް އޮތް ޙުކުމެއްކަމަށާއި އަންހެނުން މިކަމުން އިސްތިސްނާ ވެފައިވާ ކަމަށެވެ. އަދި މިއީ ދީނުގެ އެހާރާއި މިހާރުގެ ޢިލްމުވެރިިން އިޖްމާޢު ވެފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ކަށިމަތީގެ މެދާހަމައަށް އަންހެނާގެ ހެދުން ބެހެއްޓުން ހުއްދައެއް ނުވާނެއެވެ. އެއީ ފައިތިލައާއެކު އޭނާ ފައިވެސް ޢައުރައިގެ ތެރޭގައި ހިމެނޭތީއެވެ. އަދި ސުއްނަތް ގޮތަކީ އަންހެނާ އޭނާގެ ފުންނާބު ފޮރުވޭ މިންވަރަށް ހެދުން ދިގުކޮށްލާފައި ބެހެއްޓުމެވެ. ނަމަވެސް ބިމުގައި ކޭއްތޭ މިންވަރަށް ބެހެއްޓުމުގައި އެންމެހައި ޢިލްމުވެރިން ވިދާޅުވަނީ ކައިވަތެއްހައި މިންވަރު ދިގުކުރެވިދާނެ ކަަމަށާއި ދެކައިވަތަށް ދިގުކޮށްފައި ބޭއްވުން މަކްރޫހަވާނޭ ކަަމަށެވެ. (وَاللَّهُ أَعْلَمُ)