ގެވެށި އަނިޔާގެ 40 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ހުށަހެޅި

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 40 މައްސަލަ ޖޫން މަހު މިނިސްޓްރީއަށް ހުށަހެޅި ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 22 މައްސަލަތައް ކަމަށެވެ.

އެގޮތުން މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ނަފްސާނީ އަނިޔާކުރުން/އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 8 މައްސަލައާއި ޖިންސީ ހާނިއްކަ ކުރުމުގެ 4 މައްސަލައާއި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންތައްތަކުގެ 3 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. އަދި  ގަދަކަމުން ޖިންސީ ގޯނާކުރުމުގެ މައްސަލައަކާއި މުދާ ހިފެހެއްޓުމާއި/މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާއި ހިފެހެއްޓުމުގެ އަމަލުގެ މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 26 މައްސަލައެއް ޖޫން މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 13 މައްސަލައާއި ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 11 މައްސަލަ އަދި ހަޟާނާތުގެ 2 މައްސަލަ ހިމެނޭ ކަމަށް ވެސް ބުންޏެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 20 މައްސަލަ ވެސް ޖޫން މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ. އެގޮތުން މި ބާވަތުގެ މައްސަލަތަކުގެ ގޮތުގައި އަމިއްލަ ނަފުސަށް ގެއްލުންދިނުމުގެ 11 މައްސަލަ، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 8 މައްސަލަ އަދި އަމިއްލައަށް މަރުވާން ހިޔާލުއައުމުގެ 1 މައްސަލަ ހުށަހެޅިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.