
ސަލާމަތީ ޚިދުމަތްތަކުން ކާރިސާތަކާއި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުއްޖެއެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިއަހަރުގެ އިންޑޯ ޕެސިފިކް އެންވަޔަރަންމަންޓަލް ސެކިއުރިޓީ ފޯރަމް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކާރިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.
މިގޮތުން އިނގިރޭސިވިލާތައް ކުރިމަތިވެފައިވާ ހޫނުގަދަވުމުގެ މައްސަލަ އާއި އެމެރިކާއަށް ދިމާވަމުން އަންނަ ހޫނުގަދަވުމުގެ މައްސަލައިގެ ސަބަބުން ޖަންގަލިތަކުގައި ރޯވުމުގެ މައްސަލަ ފާހަގަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ރާއްޖޭގައި ވެސް އިތުރަށް އަންނަނީ ގޯސްވަމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިކޮންފަރެންސްގެ މުހިއްމުކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަލާމަތީ ޚިދުމަތްތަކުން ކާރިސާތަކާއި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބެންޖެހޭ ކަމަށާއި، އެކަމަށް އިތުރަށް ސަމާލުކަންދޭން ޖެހޭ ކަމަށެވެ. އަދި މި ފޯރަމްގައި ތަޖުރިބާތައް ހިއްސާކުރެވި އުފެއްދުންތެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދޭނެކަަމަށް އުއްމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި މިފޯރަމް ބާއްވަނީ، އެމެރިކާ ސަރުކާރާއި އިންޑޯ ޕެސިފިކް ކޮމާންޑުން ގުޅިގެނެވެ. މިއީ ކޯވިޑް 19އަށް ފަހުގައި، އިންޑޯ ޕެސިފިކް އެންވަޔަރަންމަންޓަލް ސެކިއުރިޓީ ފޯރަމް މިގޮތަށް ބާއްވާ ފުރަތަމަ ފަހަރެވެ.