
ކޮންމެ ހާލަތެއްގައި ވެސް އަދާލަތު ޕާޓީއާއި އެޕާޓީގެ ލީޑަރޝިޕް ދެމިއޮންނާނީ އަދުލުވެރިކަން މަތީގައިކަމަށް އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް މިފަދައިން ވިދާޅުވީ ބަންގްލަދޭޝްގެ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތު ކުރެވޭމީހުން ހައްޔަރުކުރަން ފެށުމުންނެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިވިޔަސް އަދި ސަރުކާރުގައި ހިއްސާވިޔަސް އެ އަސާސް ހިފަހައްޓާނެކަމަށެވެ.
އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރުކުރުމަށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފަށައި މިހައިތަނަށް ތިން މީހުން ހައްޔަރުކޮށްފައިވާއިރު، އެމީހުން ހައްޔަރުކުރުން ލަސްވުމުން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބަދުﷲ އަށް ވަނީ އަމާޒުވެފައެވެ.
އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެމެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ވެސް ހައްޔަރުކޮށްފައިވެއެވެ.