
ވިލިމާލޭގެ ކޮމިއުނިޓީ ގާޑަން އިން ދޫކޮށްފައިވާ ގޮޅިތަކުގެ ކުލި 500 ރުފިޔާއަށް ކުޑަކޮށްފިއެވެ.
މިގޮތަށް ނިންމީ މާލޭ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 60 ވަނަ ޖަލްސާގައެވެ. މި ޖަލްސާގައި، އެ ގާޑެންގެ ގޮޅިތަކުން ކުރިން ނަގަމުން އައި އެއްހާސް ރުފިޔާ ފަސް ސަތޭކަ ރުފިޔާއަށް ކުޑަކުރުމަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ ކައުންސަލަރު އިބްރާހިމް ޝުޖާއުއެވެ. ޝުޖާއުގެ މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސެލަރު މުހައްމަދު ސައިފް ފާތިހުއެވެ.
މި ހުށަހެޅުން ޝުޖާއު ހުށަހެޅުއްވިގޮތަށް ފާސްވީ ބައްދަލުވުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާގުންނެވެ.
މާލޭ ސިޓީ ކައުންސިލުން، ވިލިމާލޭ ކޮމިއުނިޓީ ގާޑެން ގާއިމުކޮށްފައިވަނީ އެކި ބާވަތުގެ ތަރުކާރީ އާއި މާމެލާމެލީގެ ގަސް އިންދައިގެން ވިޔަފާރި ކުރެވޭގޮތަށެވެ.
މި އަހަރުގެ މާރޗްމަހު ހުޅުވި އެ ކޮމިއުނިޓީ ގާޑަން އިން 30 ފަރާތަކަށް ވަނީ ގޮޅި ދޫކޮށްފައެވެ.