ރާއްޖެ އައި ދެ މީހުން އަތުން 2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ގދ. ގެ ފަޅުރަށެއްގައި ވަޅުލާފައިހުރި މަސްތުވާތަކެތި: ފޮޓޯ ޕޮލިސް

ވައިގެމަގުން އިތިއޯޕިއާއިން ރާއްޖެއައި ދެ މީހެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނީ މި ދެ މީހުން ވެސް މަސްތުވާތަކެތި އެތެރެކުރަން އުޅެފައިވަނީ ދިރުވާލައިގެން ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ކަމަށެވެ.

މިއީ އުމުރުން 41 އަހަރުގެ އިނގިރޭސިވިލާތުގެ ދެ ފިރިހެނުން ކަމަށާއި އެމީހުން ރާއްޖެ އައި މިދިޔަ ޖޫން މަހުގެ ޖޫން ގައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ. އަދި މި ދެ ފަސިންޖަރުންގެ ޢަމަލުތައް ހުރިގޮތުން، އެމީހުންގެ ހަށިގަނޑުގެ އެތެރޭގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން، ކަސްޓަމްސްއިން ވަނީ މި ދެ ފަސިންޖަރުންގެ ހަށިގަނޑު ސްކޭންކޮށްފައި ކަމަށް ވެސް ބުނެއެވެ.

މި ފަސިންޖަރުންގެ އެތެރެހަށިން "ފޮރިން ބޮޑީސް" ފެނިފައިވާއިރު، މިފޮރިން ބޮޑީސްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ "ކޮކެއިން" (Cocaine) ރައްކާކޮށްފައިވާ ކަމަށް ވަނީ ޝައްކުކުރެވިފައި ކަމަށާއި މި ދެ ފަސިންޖަރުންގެ އެތެރެހަށިން "ފޮރިން ބޮޑީސް" ގެ ގޮތުގައި ޖުމްލަ 220 ބުލެޓް ނަގާފައިވާ ކަމަށް ވެސް ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތީގެ ޖުމްލަ ބަރުދަނުގައި ޕެކިންގއާއެކު 2.328 ކިލޯގްރާމް ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 8,100,000.00 (އަށް މިލިއަން އެއްލައްކަ) ރުފިޔާއަށް އަރާ ކަމަށެވެ.

މިމައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.