ފަތުރުވެރިކަމުގެ ޞިނާޢަތުގެ ކުރިއެރުވުމަށް ކުރާ މަސައްކަތުގައި، ބައިވެރިވެ ސަރުކާރުން ކުރިއަށް ދާނީ މިޞިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަޑު އަހައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ، ޞިނާޢަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ދިވެހިރާއްޖެ މިއަދު ދަމަހައްޓަމުން އަންނަ މަޤާމުގައި މިއޮތީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރެއްވި ބޭފުޅުންގެ ވަރުގަދަ ޢަޒުމާއި ކުރެއްވި ބުރަ މަސައްކަތުން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަމާޒެއް އޮވެ، ހުރަސްތައް ގިރާކުރައްވަމުން، އެބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއާ، މިއަދު މި ދާއިރާގައި ތިއްބެވި ބޭފުޅުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތުގެ ސަބަބުން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑް-19ގެ ޚަބަރު ލިބުމާއި އެކު އެންމެ ފުރަތަމަ އެމަނިކުފާނު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި މަޓީގެ ބޭފުޅުން ހިމެނޭނެ ކަމަށާއި ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ނިންމި ނިންމުމަކީ ވަރަށް ދަތި އުނދަގޫ ނިންމުމެއް ކަމަށެވެ.
އޭގެ ފަހުން ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލި އިރު އެކަމާއި ވެސް ދެކޮޅު ވިސްނުމުގެ ބައެއް ބޭފުޅުން ތިއްބެވި ކަމަށާއި އެހެންނަމަވެސް އެދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ އިޤުތިޞާދު އިޢާދަވަމުން މިތިބި ހިސާބަށް އާދެވިފައި މިތިބީ އެނިންމުމުގެ ސަބަބުން ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބާނީންނަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވި ކުރީގެ ރައީސުންނަށް މަޓީގެ ފަރާތުން ދޭ އެވޯޑު ހަވާލުކޮށްދެއްވާފައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް އުފައްދަވައި އަދި އެ ޞިނާޢަތު ކުރިއަރުވައި ހިންގެވުމުގައި މިހާރުވެސް ދެމިތިއްބެވި ބޭފުޅުންނަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފަތުރުވެރިކަމުގެ ޞިނާޢަތަށް 50 އަހަރު ފުރުމާއި ގުޅުވައިގެން މަޓީން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑް ހަފްލާ ބާއްވާފައިވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ޓޫރިސްޓް ރިޒޯޓު ކުރުނބާ މޯލްޑިވްސްގައެވެ.