ކުޑަގިރީގެ ކަރަންޓު ނެޓްވޯކް ގާއިމްކޮށް ނިމި ލައިޓިންގ ޓެސްޓުކޮށްފި

ފޮޓޯ: ސްޓެލްކޯ

މާލެ ކައިރީގައި ތަރައްގީ ކުރަމުން އަންނަ ޕިކްނިކް އައިލެންޑް، ކުޑަގިރީގެ ކަރަންޓު ނެޓްވޯކް ގާއިމްކޮށް ނިމިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ އެރަށުގެ ކަރަންޓުގެ ނެޓްވޯކް ގާއިމްކޮށް ނިމި، މަގުބައްތީގެ ގޮތުގައި ގާރޑެން ލައިޓްތަކެއް އެ ކުންފުނިން ހަރުކޮށް ދިއްލާލާފައިވާ ކަމަށެވެ. އަދި އެ ރަށުގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް ވެސް މިހާރު ހަދާނިމިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

އެ ކުންފުނިން އިތުރަށް ބުނީ އެ ރަށަށް ޒިޔާރަތްކުރާ ފަތާތްތަކަށް ކެފޭއެއްގެ ޚިދުމަތް ދިނުމަށްޓަކައި، އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅާއި އެއްގޮތައް ކުޑަގިރި ޕިކްނިކް އައިލެންޑް މި ޖުލައި 26 ގައި ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނީ ކަނޑައަޅާފައިވާ ދުވަހަށް ކުޑަގިރި ހުޅުވުމަށްޓަކައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ރެޔާއި ދުވާލު މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެ މަަސައްކަތްތައް ކުރިއަށްދާގޮތް ނައިބު ރައީސް ފައިސަލް ނަސީމްއާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވަރަށްގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

އެގޮތުން މި މަހުގެ 14 ވަނަ ދުވަހު ނައިބް ރައީސް ފައިސަލް އާއި، މެނޭޖިންގ ޑިރެކްޓަރ ޝަރީފް ކުޑަގިރިއަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.