ޢީދު ފާހަގަކުރުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ރައްޔިތުންނާ އެއްހަމައެއްގައި ދަރަވަންދޫގަ

ފޮޓޯ: ރައީސް އޮފީސް

ޢީދު ފާހަގަކުރުންފަދަ ހަރަކާތްތަކުގައި ގައުމުތަކުގެ ރައީސުންނާއި ނައިބު ރައީސުން ރައްޔިތުންނާ އެއްހަމައެއްގައި ނުވަތަ ރައްޔިތުންނާއެކު އުޅުއްވާތަން ފެންނަނީ ވަރަށްމަދު ފަހަރެއްގައެވެ.

ރާއްޖޭގައި ވެސް މިކަން މިފަހަކާ ޖެހެންދެން އޮތީ އެ މޭރުމުންނެވެ. ނަމަވެސް ޒަމާނާއި އެއްގޮތަށް ކަންކަން ބަދަލުވަމުން އައިސް އެކި ގައުމުތަކުގައި ޚާއްސަކޮށް ރާއްޖޭގެ ވެރިކަން ކުރައްވާ ރައީސުންނާއި ނައިބު ރައީސުން، ރައްޔިތުންނާއެކު ކުޅިވަރު ކުޅުއްވާ އުޅުއްވާތަން މަދުންނަމަވެސް އަންނަނީ ފެންނަމުންނެވެ.

އެގޮތުން ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިހާރުގެންދަވަނީ ބ. ދަރަވަންދޫ ގައި މިއަހަރު ފާހަގަކުރާ ޢީދު ހަރަކާތްތަކުގައި ޢާންމުރައްޔިތުންނާއެކު ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ފޮޓޯ: ރައީސް އޮފީސް

އަބަދު ވެސް ހިތްތިރި، މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ނައިބު ރައީސް ފައިސަލް ގެ އެ މިޒާޖު އިތުރަށް ފާހަގަކުރެވެނީ ދަރަވަންދޫ ގައި މިއަހަރު ކުރިއަށް ގެންދާ "މަގޭ ޢީދު" ހަރަކާތުގައެވެ.

އެރަށުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ރައްޔިތުންނާ ބައްދަލުކުރައްވާ ޢީދު ތަޙުނިޔާ ވިދާޅުވެ، ޢީދު ސަލާން ކުރައްވާފައެވެ.

މީގެއިތުރުން ޢީދު ކުލަ ޖެހުން ކުރިއަށްގެންދިޔައިރު، އެހަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މިއަދު ހެނދުނު ކުޅުނު މަންޑި މެޗެއްގައި ވެސް ނައިބު ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަހަރުގެ ޢީދު ފާހަގަކުރުމަށް ދަރަވަންދުއަށް ދިޔަ ރަށުން ބޭރުގެ މީހުންގެ ޓީމަކާއި ރަށުން ހޮވައިލެވުނު ޓީމަކާއި ދެމެދު ކުޅުނު މި މަންޑި މެޗުގައި ނައިބު ރައީސް ކުޅުއްވީ ރަށުން ބޭރުމީހުންގެ ޓީމަށެވެ.

ފޮޓޯ: ރައީސް އޮފީސް

ދަރަވަންދޫ ގައި "މަގޭ ޢީދު" ފާހަގަކުރަމުންދާއިރު، އެންމެ ގިނަބައެއްގެ ލޯތައް ހުއްޓިފައިވާ އެއްހަރަކާތަކީ މަލިކުގެ ސަޤާފީ ކުޅިވަރު ހުށައަޅައިދޭ ގްރޫޕެއް ވެސް އެރަށަށް އައިސްފައި ވުމެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މަލިކުގެ މި ގްރޫޕާ ވެސް ބައްދަލުކުރައްވާ ޢީދުގެ ތަހުނިޔާ ވިދާޅުވެ، ހާލު އަހުވާލު ބައްލަވާލައްވާފައެވެ.

ފޮޓޯ: ރައީސް އޮފީސް

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރަވަންދޫ ގައި އިތުރަށް ކުރިއަށްގެންދާ ބައެއް ހަރަކާތްތަކުގައި ވެސް ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.