ޓަގެއްގެ ކަފުގައި އޮތް ބާޖެއް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި

މާލެއިން ފުރައިގެން އިންޑިއާގެ ޓުޓްކޮރިންއަށް ދަތުރުކުރަމުންދަނިކޮށް ޓަގެއްގެ ކަފުގައި އޮތް ބާޖެއްގެ ވަޔަރުކަނޑައިގެން ގޮސް އޮޔާދާކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން މި ބާޖުގެ ވަޔަރު ކަނޑައިގެން ގޮސްފައިވަނީ، ނ. މާފަރުގެ އިރުން 117 ނޯޓިކަލް މޭލު ބޭރުގައި އޮއްވާ ކަމަށެވެ.  އަދި މި ބާޖު އޮޔާ ގެންދަނީ އެ ސަރަހައްދުން އިރަށް ކަމަށް ވެސް ބުނެއެވެ.

މި ބާޖުގެ ދިގުމިނުގައި 87.84 މީޓަރު އަދި ފުޅާމިނުގައި 24.40 މީޓަރު ހުންނާނެ ކަމަށާއި މި ބާޖުގެ ސްޓަރބޯޑް ސައިޑްގައި ފެހި ލައިޓެއް އަދި ޕޯޓް ސައިޑްގައި ރަތް ލައިޓެއް ހުންނާނެ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށްމަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ އެ ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށާއި ޚާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން މި ބާޖާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބައްލަވައިދެއްވުމަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި މި ބާޖާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށް ވެސް ވަނީ އެދިފައެވެ. އަދި ފެކްސް ކުރައްވާނަމަ ކުރައްވާނީ 3391665 ނަމްބަރަށް ކަމަށް ވެސް ބުނެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.