ގއ. ކޮނޑޭގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއިގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާ މަޝްވަރާ ކުރައްވައިފިއެވެ.
އެރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވާ ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުގައި ކޮނޑޭ ކައުންސިލުގެ މެންބަރުން ވަނީ ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި އެރަށުގައި ކުރިޔަށް ނުދާ މިންވަރަށް މި ސަރުކާރުން އެރަށުގެ ތަރައްޤީއަށް ކަންކަން ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަށްޓަކައި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.
ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީގެ ފަސް މަޝްރޫޢެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރުވެސް ހަތަރު މަޝްރޫޢުއެއްގެ މަސައްކަތް ކުރިޔަށްދާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމަށް ބޭނުންވާކަމާއި، ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކޮށް ލެބޯޓްރީގެ ޚިދުމަތްފަދަ ޚިދުމަތްތައް އިތުރުކޮށް ޚިދުމަތް ފުޅާކުރަން ބޭނުންވާކަން ކައުންސިލަރުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ސްކޫލަށް ހަތް ކްލާސްރޫމް ބޭނުންވާ ކަމަށާއި 50 ހައުސިންގ ޔުނިޓް އެރަށުގައި ތަރައްޤީކުރުމާއި އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެރަށާއި އެސަރަޙައްދުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.
ހަމަމިއާއެކު އެ ރަށަށް ވޮލީކޯޓެއްގެ މުހިންމުކަމާއި ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަމާބެހޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮނޑޭގެ ތަރައްޤީއަށް ކުރިޔަށްދާ އަދި ކުރިޔަށް ރޭވިފައިހުރި ބައެއް މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.
އެގޮތުން ކޮނޑޭ ސްކޫލްގެ ހަތަރު ކްލާސް ރޫމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާކަން ފާހަގަކުރައްވާ، ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި މިހާރުން މިހާރަށް ކުރެވެންހުރި ކަންކަން ބައްލަވައި މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ބުނެފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވުމާއި ތަރައްޤީގެ ކަންކަން ފަހިކޮށްދެއްވުމުގައި ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމުކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.