މިއީ ޙަޤީޤަތުގައިވެސް, އަސްލު ފޮޓޯއެކެވެ. މިއީ ދެކަނޑެކެވެ. މިފޮޓޯއާގުޅޭ ހެކިތަކަކީވެސް ޙަޤީޤަތެކެވެ. މިއީ އެލަސްކާ ކަނޑުއޮޅީގެ މެދެވެ. އެހިސާބުގައި ދެކަނޑު ގުޅޭ ރޮނގު ފާހަގަވާން އެއޮތީއެވެ. އެއްކަނޑަކީ ލޮނެވެ. އަނެއް ކަނޑަކީ ފެނެވެ. ފެނާއި ލޮނާ އެކެއް ނުވެއެވެ. ދެކަނޑުގެ ސަރަޙައްދު ވަކިކޮށްދެނީ ފެނާއި ލޮނު އެކުނުވާ ރޮނގުންނެވެ. އެއީ އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑެވެ.
ދެކަނޑު ބައްދަލުވާހިނދު, އެދެކަނޑުގެ ލޮނު ނުވަތަ ފެން އެކުނުވާކަން, މިއަދުގެ ސައިންސުންވަނީ ކަށަވަރުކޮށްދީފައެވެ. އެއީ ދެކަނޑުގެ ފިނިހޫނުމިނާއި ލޮނުކަމާ އަދި ތެތްކަން ތަފާތު ވާތީއެވެ. އެޓްލާންޓިކް ކަނޑުގެ ފެނަށް ބަލާއިރު, ޖިބްރޯލްޓާރ ކަނޑުއޮޅިން ލާފައި, މެޑިޓަރޭނިއަން ކަނޑުގެ ފެން އެޓްލާންޓިކް ކަނޑުގެ ފެނުގެ ތެރެޔަށް ވަންނައިރު, 1000 މީޓަރުގެ ފުންމިނުގައި އެތައް ސަތޭކަ ކިލޯމީޓަރަކަށް ފެތުރިގެން ދެއެވެ. އެކަމަކު, މެޑީޓަރޭނިއަން ކަނޑުގެ ފެނުގައި ހުންނަ އޭގެ އަމިއްލަ ފިނިހޫނު މިނާއި އަމިއްލަ ތެތްކަމާ އަދި ވަކިމިނެއްގައި ހުންނަ އަމިއްލަ ލޮނުގެ އަސަރާ އެކުގައެވެ. މެޑިޓަރޭނިއަން ކަނޑުގެ ފެންގަނޑަށް ދައުރުވެވޭނީ އެ ފުންމިނުގައި ވަކި ސަރަޙައްދަށެވެ. ކިތަންމެ ރާޅުބޮޑަސް, ކިތަންމެ އޮއެ ގަދަޔަސް ވަކިހިސާބަކުން ރޮނގެއް ދަމާލެވި, ދެކަނޑުގެ ފެން އެކުނުވެ ހިފެހެއްޓެއެވެ. ކީރިތި ޤުރުއާނުގެ ފުރުޤާން ސޫރަތުގެ 53 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
وَهُوَ ٱلَّذِى مَرَجَ ٱلْبَحْرَيْنِ هَـٰذَا عَذْبٌ فُرَاتٌ وَهَـٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخاً وَحِجْراً مَّحْجُوراً
"އަދި, އެކަލާނގެއީ, ދެކަނޑު އެއްކުރެއްވި (އެބަހީ, ކޯރުފެނާއި ކަނޑުގެ ލޮނުގަނޑު އެކުއެކުގައި ހިނގާގޮތަށް ލެއްވި) ރަސްކަލާނގެއެވެ. މިއީ މީރުކަންބޮޑު, މީރު ފެނެވެ. އަދި, މިއީ ލޮނުކަން ގަދަ ލޮނު ފެނެވެ. އަދި, އެކަލާނގެ އެ ދެކަނޑު ދެމެދުގައި, ހުރަހެއްލައްވައި, އަދި އެދެމެދު, މަނާކުރަނިވި ފަރުދާއެއް ލެއްވިއެވެ."
އަދި ހަމައެފަދައިން, ކީރިތި ޤުރުއާނުގެ އައްރަޙްމާން ސޫރަތުގެ 19 އަދި 20 ވަނަ އާޔަތުގައި, ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވާފައި ވެއެވެ.
مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ ﴿١٩﴾ بَيْنَهُمَا بَرْزَخٌ لاَّ يَبْغِيَانِ ﴿٢٠﴾
"އެކަލާނގެ ދެ ކަނޑު (އެބަހީ : ކޯރާއި ކަނޑު) ހައްދަވައި ފޮނުއްވިއެވެ. އެ ދެކަނޑު ހިނގަމުންގޮސް ބައްދަލު ވެތެވެ. އެ ދެ ކަނޑު ދެމެދުގައި, ހުރަހެއް ވެއެވެ. އެ ދެ ކަނޑުވެސް, އެއްކަނޑު އަނެއްކަނޑުގެ މައްޗަކަށް އަރައެއް ނުގަނެތެވެ."
މިޒަމާނުގެ ސައިންސުން ކަށަވަރުކޮށްދޭ ގޮތުގައި, ސާފު ފެނާއި ލޮނުފެން ބައްދަލުވާ ކަނޑުއޮޅީގައި, ލޮނުފެނުގެ ދެކަނޑު ބައްދަލުވާ ކަނޑުއޮޅިތަކުގައި ކަންހިނގާގޮތާ ވަރަށް ތަފާތެވެ. މިޒަމާނުގެ ސައިންސުން ހޯދިފައިވާ ގޮތުގައި, ތެތްކަން ގަދަ ލޮނުފެނާއި ތެތްކަން ކުޑަ ފެނުގެ ބައްދަލުވުމުގައި ހުރަހެއް ނުވަތަ ފަށަލައެއް އުފެދެއެވެ. މިފަށަލާގައި, ލޮނުގެވެސް އަދި ފެނުގައިވެސް ލޮނުހިމެނޭ މިންވަރު ތަފާތު ވެއެވެ.
މިޒަމާނުގެ ސައިންސުން ހޯދާކަމަށްބުނާ ހުރިހައި ހެކިތަކަކާއި ޙާލަތްތަކަކީވެސް , މީގެ 1400 އަހަރުކުރިން, ﷲ ސުބްޙާނަހޫ ވަތަޢާލާ, ހަތްއުޑުމަތިން ބާވައިލެއްވި, އެކަލާނގެ ކަލާމްފުޅުގައި, ބަޔާންވެގެންވާ ކަންކަމެވެ. އަލަކަށް އެއްވެސް ކަމެއް ހޯދިފައެއް ނުވެއެވެ. ދުނިޔެއާއި ދުނިޔޭގައި ވާހައިކަމެއް ވަކި މަގަކުން ތަރުތީބުކުރައްވައި, އިންސާނާ ޙައިރާން ކުރުވަނިވި އެތައްކަމެއް, ﷲ ގެ ޔަދުޤުދުރަތްފުޅުން, އިންސާނާގެ ލޮލަށް ދައްކަވަމުން ގެންދަވަނީ, ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ކަލެއްކަމުގެ ހެކިތަކާ އެކުގައެވެ.
އުޑާއި ބިމުގައި އަދި ކަނޑާއި އެއްގަމުގައި, ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ ޢަޖައިބުތަކަކީ, އިންސާނާގެ ދުލުން ކުޅުހިކި, އެކަންކަމުގެ އަސްލަށް ރުޖޫޢަވުމުގެ މަގު, ކީރިތި ޤުރުއާނުން ސާބިތުވާންހުރި ކަންކަމެވެ.
ކޯރުފެން ކަނޑަށް ދަތުރު ކުރެއެވެ. އެލަސްކާގެ ކޮޕަރ ރިވަރ އަކީ, 286 މޭލު ދިގުމިނުގެ ކޯރެކެވެ. އެއްގަމަށް އޮހޭ ފެނާއެކު މިކޯރުގެ ފެންގަނޑު އެލަސްކާ ކަނޑާ ހަމަޔަށް ދަތުރު ކުރެއެވެ. އެލަސްކާ ކަނޑަށް އެޅޭ ކޯރު ފެނުގައި މަށްޓާއި ވެއްޔާއެކު ލޮއިގެ މަޢުދަން ހިމެނެއެވެ. އެލަސްކާ ކަނޑުގެ ބާރު އޮޔާއެކުވެ މަސްހުނިވެ, ސާފުވެގެންދާއިރު, އޭގެތެރެއިން ދަގަނޑުގެ މަޢުދަން އުފެދި ވަކިކޮށްދެއެވެ. އަދި އެއަށްފަހު, އެލަސްކާ ކަނޑުގެ އެކި ސަރަޙައްދުތަކަށް ދަގަނޑުގެ މި މަޢުދަން ބެހިގެންދެއެވެ. އެލަސްކާގެ ކޮޕަރ ރިވަރ އިން ފައިބާ ފެން ކަނޑާ ހަމަޔަށް އައިސް, ކުއްލިޔަކަށް, ކަނޑުގެ ލޮނުގަނޑާ އެކުނުވެ, ހިފަހައްޓާ ސަބަބަކީ އެއީއެވެ.
އޮޔާއި ވަޔާ އެކުވެފައިވާ ކަނޑުގެ ލޮނުގަނޑުގެ ކަޅުނޫކުލަ ގަދައެވެ. އެއީ ތެތްކަން ގަދަ ކަނޑުގައި ލޮނު ހުރީމައެވެ. އަދި ކޯރުން އޮހިގެން ކަނޑަށް އެޅިގެން އެއަންނަ ފެނުގެ ނޫކުލަ މަޑެވެ. އެއީ ކޯރުފެނުގެ ތެތްކަން ލޮނަށްވުރެ ކުޑަވީމައެވެ. އެކައްޗަކީ ރަހަ ގަދަ ލޮނު ފެނެވެ. އަނެކައްޗަކީ, ވެއްޔާ ލޮއިގެ މަޢުދަނުން މުއްސަނދިވެފައިވާ, ކޯރުގެ ފެންގަނޑެވެ. އެފެންގަނޑު އޮހިގެން ފެތުރިގެން އަންނަނީ އެލަސްކާ ކަނޑަށެވެ. މި ލިޔުމުގައި ބޭނުންކުރެވިފައިވާ އަސްލު ފޮޓޯ ނެގިފައިވަނީ 2007 ވަނައަހަރުއެވެ. އެލަސްކާ ކަނޑުގެ ލޮނުގައި ދަނގަޑުގެ މަޢުދަން ހިމެނޭ މިންވަރު ދެނެގަތުމަށް ދިރާސާތަކެއް ކުރަމުންގެންދިޔަ ޓީމަކުންނެވެ.
ވަރަށް ފައްކާ ލިއުމެއް. ޝުކުރިއްޔާ ފާރޫގު ބުލޫރިބަން