ނަމާދުން ސަލާންދިނުމުގެކުރިން ރައްކާތެރިކަމަށް އެދެންޖެހޭ ހަތަރު ކަމެއް

އިންސާނީ ޙަޔާތަކީ ބިރުވެރި އެތައްކަމެއްގެ މެދުތެރޭގައިވާ ކަމެކެވެ. ކަމުގެ ނުރައްކާތެރި ކަމާއި އެ ކަންކަމުގެ ޙަޤީޤަތް ހެޔޮގޮތުގައި ދެނެގަނެވިއްޖެ އެއްވެސް މީހަކު އޭނާގެ ޙަޔާތުގެ އެންމެ ހިނދުކޮޅެއް ވެސް اللهُ ނަހީކުރެއްވި ކަމެއްކުރުމުގައި ނަގައެއް ނުލާނެއެވެ.

އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. {إِذَا تَشَهَّدَ أَحَدُكُمْ فَلْيَسْتَعِذْ بِاللهِ مِنْ أَرْبَعٍ يَقُولُ: [اللهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ.]} (رَوَاهُ مُسْلِمٌ) މާނައީ :{ތިޔަބައި މީހުންކުރެ ކޮންމެ މީހަކު ވެސް އައްތަޙިއްޔާތު ކިޔައި އަވަދިވުމުން، (ސަލާންދިނުމުގެ ކުރިން) اللَّهُގެ ޙަޟުރަތުން ހަތަރު ކަމަކުން ރައްކައުތެރިކަމަށް އެދޭހުށި ކަމެވެ. މިފަދައިން ކިޔާށެވެ. [اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ.] އެބަހީ:[އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، މިއަޅާ ނަރަކައިން މުއްތިކޮށްދެއްވުން އެދިގެންނާއި، ޤަބުރުގެ ޢަޛާބުން މިންޖުކޮށްދެއްވުން އެދިގެންނާއި، ދިރިހުރުމާއި މަރުވުމުގެ ފިތުނަތަކުން (އެބަހީ: اللَّهُގެ ކޯފާއަށް ހުށަހެޅިގެން ހިގައިދާނެ އެންމެހައި ކަމަކުން) ސަލާމަތްކޮށްދެއްވުން އެދިގެންނާއި، އެއް ލޯ އަވަރުވެފައިވާ، ވައިރޯޅިއެއް ފަދައިން ބިންމަތީގައި ދަތުރުކުރާނޭ ދައްޖާލުގެ ފިތުނައިގެ ނުބައިކަމުން ރައްކައުތެރި ކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟުރަތުގައި މިއަޅާ އާދޭސް ދަންނަވަމެވެ.]}

ދައްޖާލުގެ ފިތުނައަކީ، އާދަމުގެފާނު ޚަލްޤުކުރެއްވީއްސުރެ ދުނިޔެ ޤިޔާމަތްވުމާ ހަމައަށް މީސްތަކުންނާ ކުރިމަތިވާނެ އެންމެ ބޮޑު ފިތުނަކަމަށާއި، އެންމެހައި ނަބިއްޔުން އެ ބޭކަލުންގެ ޤައުމުގެ މީސްތަކުންނަށް އެ ކަމާމެދު އިންޛާރު ދެއްވާފައިވާކަމަށް ޞައްޙަ ޙަދީޘުގައި އައިސްފައިވެއެވެ. އަލްއިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: {مَا بَيْنَ خَلْقِ آدَمَ إِلَى قِيَامِ السَّاعَةِ أَمْرٌ أَكْبَرُ مِنَ الدَّجَّالِ.} (رَوَاهُ مُسْلِمٌ) މާނައީ: ރަސޫލު اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {އާދަމުގެފާނު ޚަލްޤުކުރެއްވުމާއި، ޤިޔާމަތްވުމާ ދެމެދުގައި ދައްޖާލުގެ ފިތުނައަށްވުރެ ބޮޑު އެހެން އެއްކަމެއް ވެސް ނުވެއެވެ.}

އަލްއިމާމު މުސްލިމު ރިވާކުރެއްވި އެހެން ޙަދީޘެއްގައިވެއެވެ. قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: {مَا مِنْ نَبِيٍّ إِلَّا وَقَدْ أَنْذَرَ أُمَّتَهُ الْأَعْوَرَ الْكَذَّابَ، أَلَا إِنَّهُ أَعْوَرُ، وَإِنَّ رَبَّكُمْ لَيْسَ بِأَعْوَرَ، وَمَكْتُوبٌ بَيْنَ عَيْنَيْهِ ك ف ر.} މާނައީ: ރަސޫލު اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. {އެ ބޭކަލެއްގެ އުއްމަތުގެ މީސްތަކުންނަށް ލޯއަވަރު ދޮގުވެރިޔާގެ އިންޒާރު ނުކުރައްވާ އެއްވެސް ނަބީބޭކަލަކު ނުވެއެވެ.ދަންނާށެވެ! ހަމަކަށަވަރުން، އެ ކަލޭގެ (އެބަހީ: ދައްޖާލުގެ) ލޯ އަވަރުވާނެއެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އަވަރުކަމުން ހުސްޠާހިރުވެ ވޮޑިގެންވެއެވެ. އަދި ދައްޖާލުގެ ދެ ލޮލުގެ ދެމެދުގައި ކ.ފ.ރ. މި އަކުރުތައް ލިޔެވިފައި ވާހުއްޓެވެ.}

ދުނިޔޭގައި އެކި ދުވަސްވަރު މީސްތަކުންނަށް ކުރިމަތިވާ މުސީބާތްތަކާއި ފިތުނަވެރި ކަންކަމުގެތެރެއިން ދައްޖާލުގެ ފިތުނަވެރިކަން މިހާ ބޮޑު ކަމަކަށްވެ، އެންމެހައި ނަބިއްޔުން އެ ބޭކަލުންގެ އުއްމަތުގެ މީސްތަކުންނަށް ދައްޖާލުގެ ފިތުނައިން ބިރުވެތި ކުރައްވައި އިންޒާރު ދެއްވުމުގައިވާ ސަބަބު ކިތަންމެހައިވެސް ބޮޑެވެ. އެއީ އެ ކަލޭގެ ފާޅުވުމަށްފަހު، ވައިރޯޅިއެއް ދަތުރުކުރާ ފަދައިން ދަތުރުކޮށް، މައްކާއާއި މަދީނާ ފިޔަވައި އެއް ރަށުން އަނެއްރަށަށް އަރައި، މީސްތަކުން މަގުފުރައްދަމުން ދާހުއްޓެވެ. އެ ދުވަސްވަރު މީސްތަކުން ވާހުށީ ދުނިޔެއަށް ހެއްލި، އެންމެހައި ނުބައިކަމެއް ކުރުމުގައި ޣާފިލުވެ، اللهُ ހަނދުމަނެތިފައެވެ.

އެ ފަދަ ޙާލެއްގައި މީސްތަކުން ވަނިކޮށް ދައްޖާލު އެބައިމީހުންނާ ބައްދަލުކޮށް ބުނަމުންދާނީ، އެބައިމީހުންގެ ކަލާނގެއަކީ އެ ކަލޭގެ ކަމަށެވެ. އޭގެ ކުރިން ކަލާނގެ ކަމަށް ދަޢުވާކޮށް މީސްތަކުން މަގުފުރެއްދި އެހެން އެއްވެސް މީހަކަށް ދެއްވާފައި ނުވާފަދަ ބާރުތަކެއް ދައްޖާލަށް ލިބިފައިވާ ހުއްޓެވެ. މީސްތަކުންނަށް އޭނާއާއެކުގައިވާ [ސުވަރުގެ] އަކާއި [ނަރަކަ] ދައްކައި، އެ ކަލޭގެއަށް އީމާންވެއްޖެ މީހަކު [ސުވަރުގެ] އަށް ފޮނުވައި، އަދި އެ ކަލޭގެއަށް ކާފިރު ވެއްޖެ މީހަކު [ނަރަކަ] އަށް އެއްލައިލާ، މީސްތަކުން މަގުފުރައްދާ ހުއްޓެވެ. ޙަޤީޤަތުގައި އެ ކަލޭގެ ދައްކާ [ސުވަރުގެ] އަކީ ނަރަކައެވެ. އަދި އެ ކަލޭގެ ދައްކާ [ނަރަކަ] އަކީ ސުވަރުގެއެވެ. މީސްތަކުންގެ ޣާފިލުކަން ބޮޑުވެފައި ވުމާއެކު ދައްޖާލުގެ ގޮވައިލުމަށް ގިނަބަޔަކު ތަބާވެ އެ ކަލޭގެއަށް އީމާންވާ ހުއްޓެވެ. މި އެންމެހައި ސަބަބުތަކާހުރެ މުސްލިމުންގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ނަމާދުގައި ދައްޖާލުގެ ފިތުނަވެރިކަމުން ސަލާމަތް ކުރެއްވުން އެދި ދެންނެވުން ހިމެނިފައިވުމީ، ކަމުގެ ބޮޑުކަން ވަޒަންކުރެވޭ ކަމެކެވެ.

ޔާ اللهُ! އަޅަމެން މުސްލިމުން އީމާންކަމުގައި ސާބިތުކުރައްވައި، މިފަދަ އެންމެހައި ފިތުނަތަކުން އަޅަމެން ނަޖާކުރައްވައި ސަލާމަތް ކުރައްވާނދޭވެ. އާމީން!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.