
އެއްބަސްވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިންމާ ކުންފުނިތައް ބްލެކް ލިސްޓްކުރާނެ އުސޫލެއް އެކުލަވާލާފައިވާކަމަށް ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ އިނގުރައިދޫގެ ނަރުދަމާގެ މަޝްރޫއު ލަސްވާ މައްސަލައިގައި އެތައް ފަހަރަކު ވާހަކަ ދައްކައިގެންވެސް އެކަން ހައްލުވެފައި ނުވާކަމަށެވެ.
އެފަދަ ކުންފުނިތައް ބްލެކް ލިސްޓު ކުރެވޭނީ ޓެންޑަރ މަރުހަލާގައި ކަމަށާއި ރަނގަޅަށް ޕަރފޯމް ނުކޮށް އޮތް ބަޔަކަށް މަސައްކަތް ހަވާލުކުރުމާއި ނުކުރުމުގެ އިޚުތިޔާރު އޮންނަނީ ޓެންޑަރ މަރުހަލާގައިކަމަށެވެ.
އެހެންކަމުން އެފަދަ ކުންފުނިތައް ބްލެކްލިސްޓް ކުރާނެ ނިޒާމެއް ފިނޭންސް މިނިސްޓްރީން މިހާރު އެކުލަވާލާފައިވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކޮށްފައިވާ ބައެއް ކުންފުނިތަކުން، މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތު ފަހަނަ އަޅާދާއިރުވެސް ބައެއް މަޝްރޫޢުތައް ނުނިންމާ މައްސަލައަކީ ވަރަށް ކުރިންފެށިގެންވެސް ދިމާވާ މައްސަލައެކެވެ.