
ހެދިބޮޑުވުމުގައި ފެންނަ ލަސްކަން ޅަފަތުގައި ދެނެގަތުމަށް ބޭނުންވާ ޝާމިލް ވަޞީލަތެއް އުފެއްދުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެސްކީ ނަމަކަށް ކިޔާ ބަޔަކާއެވެ.
މި އެއްބަސްވުމުގެ ދަށުން އެލްކޭޖީން ފެށިގެން ގްރޭޑް ހަޔަކާ ދެމެދުގެ ދަރިވަރުންގެ ކިބައިން ފާހަގަކުރެވޭ އުނގެނުމުގައި ދިމާވާ ވަކިވަކި ދަތިތަކާއި ހެދިބޮޑުވުމުގައި ފެންނަ ލަސްކަން ޅަފަތުގައި ދެނެގަތުމަށްޓަކައި ބޭނުންވާ ޝާމިލް ވަޞީލަތެއް އުފައްދުމަށް ވަނީ ނިންމާފައެވެ.
މިއީ ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިޔުކޭޝަންގެ ހިލޭ އެހީ އާއެކު ކުރިއަށްގެންދާ "މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް" ގެ ދަށުން ޑިޕަރޓްމަންޓް އޮފް އިންކްލުސިވް އެޑިޔުކޭޝަނުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންސް އެގްޒެކެޓިވް އިބްރާހީމް ނައުޝާދެވެ. އެސްކީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް ކޯޑިނޭޓަރ ސޮފޫރާ ކައުސަރެވެ.