އަމީރާ ސުލްޠާނާގެ ނާރެސް - 1

މިވާހަކަޔަކީ، ހިނގާފައިވާ ޙަޤީޤީ ވާހަކައެކެވެ. ވާހަކައިގާ ޝާމިލްވާ މީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި، ޙާދިޘާއާ ގުޅިފައިވާ މީހުންގެ އަޞްލު ނަމާއި އަމިއްލަ މަޢުލޫމާތު ވާނީ ބަދަލުކޮށް ސިއްރު ކުރެވިފައެވެ. އަދި ބައެއް ޙާދިޘާތައް އުފައްދައި އިތުރުކުރެވިފައިވާނެއެވެ. ބަޔަކުމީހުންގެ އަމިއްލަ ދިރިއުޅުމާގުޅިފައިވާ މި ޙަޤީޤީ ވާހަކަތައް ލިޔެ ބަޔާންކުރުމުގައި، އިސްލާމްދީނުގެ މުއްސަނދި އަދި މަތިވެރި އަސާސްތަކާއި ހަމަތަކާ އަދި ޢަޤީދާގެ ސާފުޠާހިރުކަމާއި އެކަންކަމުގެ މަޢުނަވީ ތަޞައްވުރަށް އެއްވެސް އުނިކަމެއް ލިބޭނެގޮތަކަށް ވިސްނުމަކީ، ލިޔުންތެރިޔާ (ޖީން ސެސަން) ގެ މަޤްޞަދެއްނޫނެވެ.

ނަން ހާމަކުރުމަށް ޢުޛުރުވެރިވާ ޙާލު، މިފޮތް ލިޔުމަށް (ލިޔުންތެރިޔާއަށް) އެހީތެރިވި ގާތް އެކުވެރިންނަށް ޚާއްޞަ ޝުކުރެއް ރައްދުކުރަމެވެ. ވަރަށް ޚާއްޞަ، އަމީރާއެއްގެ ރިވެތި އަދި ޢިބްރަތުން ފުރިގެންވާ މިވާހަކަ ލިޔެ ހާމަކުރުމަށް އެހީތެރިވެދިނީތީއެވެ.

އިސްބަސް

1978 ވަނައަހަރުގެ ސެޕްޓެމްބަރމަހުގެ 7 ގައި، އަޅުގަނޑު ސުޢޫދީ ޢަރަބިއްޔާއަށް ދިޔައީ، ކުޑަދުވަސްކޮޅަކު އެޤައުމުގައި ދިރިއުޅެ، ވަޒީފާއެއް އަދާކުރުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް، ރަސްކަމެއްއޮތް ފަރުބަދަމަތީ އެޤައުމުގެ ވެރިރަށް ރިޔާޛުގައި 1991 ވަނައަހަރުގެ ނިޔަލަށް އަޅުގަނޑަށް ހުރެވުނެވެ. ކުޑަދުވަސްކޮޅެއްވަންދެން މަޑުކޮށްލަންދިޔަ މީހާ 12 އަހަރުވަންދެން ރިޔާޛުގައި ދިރިއުޅުނީމެވެ.

ސުލްޠާނާ އަލްސަޢުދާ އަޅުގަނޑާ ދިމާވަނީ 1983 ވަނައަހަރުގެ ތެރޭގައެވެ. އެއީ ރަސްމަތިފުށުގެ ޝާހީ އަމީރާ އެކެވެ. މި ޝާއްބަ އަންހެނާގެ މައްޗަށް ލަންބުވާލި، އަޅުގަނޑުގެ ހިތުގެ ވިންދާއި ސިކުނޑީގެ ނާރުތަކުގައި ހިފައިގެންދިޔަ ވަސްމީރުކަން، އެދުވަހުން ފެށިގެން އަދިވެސް ނުފިލައެވެ.

ކިންގް ފައިޞަލް ސްޕެޝަލިސްޓް ހޮސްޕިޓަލް އެންޑް ރިސާރޗް ސެންޓަރުގައި 4 އަހަރުވަންދެން އަޅުގަނޑު މަސައްކަތް ކުރީމެވެ. އެހިނގައިދިޔަ ދުވަސްތަކުގައި، ސުޢޫދީ ޢަރަބިއްޔާގެ ބޮޑު، ޝާހީޢާއިލާގެ ބައެއްބޭފުޅުންނާ އަޅުގަނޑާ ދިމާވެފައި ވެއެވެ. އަދި މުޅިދުވަސް ޚަރާބުވެ، ދުނިޔެމަތިން ފޫހިވެ މާޔޫސްވާފަދަ އެތައްވާހަކައެއް އަޑުއިވިފައި ވެއެވެ.  މިފަދަ ގިނައަޑުތައް ގުޅިފައި އޮންނަނީ ރަސްކަމުގެ ކޮއިލާއެވެ. އިޙްސާސްވަނީ، ރަސްކަމުގެ އާރާބާރު އަދި ޖާހާއި ޝާންޝަވްކަތުގައި ކަސްތޮޅުއެޅި އެންމެން ބަނދެވިގެން ހައްޔަރުވެފައިތިބޭ މަންޒަރެވެ. ރަސްކަމުގެ ކޮއިލުގެ ދުރު އެއްވެސްމީހަކަށް ނުފެނެއެވެ. ނޭފަތުކުރިން ފެންނަ ހިސާބަށްވުރެ ދުރުން، އެއިން އެއްވެސް މީހަކަށް އަލިކަމެއް ނުފެނެއެވެ.

އެހެންނަމަވެސް، އަމީރާ ސުލްޠާނާއަކީ، އަޅުގަނޑާދިމާވި ޝާހީޢާއިލާގެ އެހެން މެންބަރުންނާ ތަފާތު ބޭފުޅެކެވެ. އެއީ ވަރަށް ޅަބާޅަ ފަތްމިންޏެކެވެ. އިސްތަށިފުޅުގެ ދިހުންކުލަ އަރާ ކަޅުއިސްތަށިގަނޑު އޮންނަނީ ކޮނޑުމައްޗަށް ފެތުރި ތަރުތީބުވެފައެވެ. ކުރަނގި ލޮލެއްފަދަ ކަޅިރަވަ ތޫނު އަސަރުގަދަ ލޮލުން އުއްމީދީ އަލިކަމެއް ފައުޅުވެއެވެ. ހެދުންކޮޅަކީ އަގުބޮޑު، ނަލަ އަދި ޖަރީކުރެވިފައިވާ ހެދުންކޮޅެވެ. ލޮލުގައި އަޅައިގަންނަފަދަ އަގުބޮޑު ޖަވާހިރުން އަތްޕުޅާއި ކަރުފުޅާ އަދި ހަށިކޮޅު ޖަރީވެގެންވެއެވެ. ކައިރިންދާ އެންމެންގެ ކަޅިހުއްޓި، އެހެންދިމާއަކަށް އަނބުރައިލެވޭވަރަށްވުރެ ބޮޑަށް، އެއެންމެންގެ ސަމާލުކަން ސުލްޠާނާއާ ދިމާއަށް ހުއްޓެއެވެ. ޤުދުރަތީގޮތުން އެކަނބަލުންނަށް ލިބިވަޑައިގެންފައިވާ ޝާއްބަކަމުގެ އިތުރަށް، އަޅުގަނޑާދިމާވެފައިވާ އެހެން އަމީރާއިންނާ ތަފާތަށް، ސުލްޠާނާއަކީ، ހުޅުވިގެންވާ މިނިވަންވިސްނުންފުޅެއްގެ ތެރެއިން، ސުޢޫދީ ޢަރަބިއްޔާގެ އަންހެނުންގެ ދިރިއުޅުމުގެ ޙާލަތަށް، ބަދަލެއްގެންނަން ބޭނުންފުޅުވާ ބޭފުޅެއްކަން އެނގުމުން،  އަޅުގަނޑަށް ލިބުނީ ވަރަށްބޮޑު ޙައިރާން ކަމެކެވެ. އެކަމަނާއަކީ، ސުޢޫދީ މުއްސަނދި ރަސްކަމުގެ ކޮއިލުތެރޭގައި ހުރިހައިކަމެއް ފުރިހަމަވެގެން ބޮޑުފުޅުވި ބޭފުޅެކެވެ. ސުޢޫދީ އަންހެނުންގެ ދިރިއުޅުމުގެ ޙާލަތާއި އެބައިމީހުންގެ މައްސަލަތައް ދެނެގަތުމަށް މަސައްކަތްކުރައްވާނެ ފުރުޞަތު ލިބިވވަޑައިގެންފައެއް ނުވެއެވެ. އެކަމަނާގެ ވިސްނުމާއި ފިކުރުއޮތީ، ސުޢޫދީ އާދަކާދައިގެ ހަމަތަކާއި އުޞޫލުތަކުގެ ތެރޭގައި ތާށިވެފައެވެ.

އަޅުގަނޑާއި ސުލްޠާނާގެ ރަޙުމަތްތެރިކަން މަޑުމަޑުން ބަދަހިވަމުން ދިޔައެވެ. ފާހަގަކުރެވުނު އެއްކަމަކީ، އެކަމަނާއަކީ، ހިތްވަރުގަދަ އަދި އުއްމީދުންފުރިގެންވާ ޝަޚުޞިއްޔަތެއްކަމެވެ. އެކަމަނާގެ ނިންމެވުމާއި ބޭނުންފުޅުވާގޮތަކީ، ކެތްތެރިކަމުން ހިޔަނިއެޅިފައިވާ ކަމެއްކަމެވެ.  ބޮޑެތިމީހުންނަށްވީމާ، ވަރަށް އަވަހަށް ހިތުގައިޖެހި ކަންބޮޑުވާ ކަންތައްތައް ކުރިމަތިވާނެއެވެ.  އެފަދަ ޙާލަތްތައް ދެނެގަންނަން ވަރަށް ފަސޭހަ ވާނެއެވެ. ސުލްޠާނާއަށް ބަލާއިރު، އެކަމަނާއަށް ކުރެއްވޭނެ އެއްވެސްކަމެއް ނެތެވެ. އެހެނަސް، އެހެން އަންހެނުންގެ ނަޒަރުން ބަލާއިރު އެއީ އެކަމަނާއަށް ކެތްކުރަން އުނދަގޫ، އަޅައިލާން އަދި އެހީތެރިވާން ބޭނުންވާ ނާޒުކު ޙާލަތެކެވެ. އެހެން އަންހެނަކަށް ނުޙައްޤު އަނިޔާއެއްލިބޭކަން އެނގިވަޑައިގަންނަވާހިނދު، ސުލްޠާނާ އެކަމާ ކުރިމަތިލައްވައެވެ. އެއީ ކޮންމެ މީހެއްގެ ފަރާތުން އެކަމަނާގެ ނަފުސަށް  ނުރައްކަލެއް ކުރިމަތިވެވަޑައިގަތަސް ވަރިހަމަ ކުރައްވާފައެވެ.

ސުލްޠާނާ، އަޅުގަނޑުގާތު ވިދާޅުވެފައިވާގޮތުގައި، ސުޢޫދީ އަންހެނުންގެ ނިކަމެތި ޙާލަތު، ދުނިޔެއަށް އަންގައިދިނުމަށްޓަކައި އެކަމަނާ އެތައްފަހަރަކު އެތައްކަމެއް ރާއްވަވާފައި ވެއެވެ. އެހެންނަމަވެސް، ކޮންމެ ފަހަރަކުވެސް އެކަންކުރުމުގެ މިނިވަންކަން ގެއްލިގެންދަނީ، އެކަމަނާއާއި އެކަމަނާގެ ޢާއިލާއަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ ބޮޑުކަން އިޙްސާސްކުރެވިގެންނެވެ. އެކަމަނާގެ ބޭނުންފުޅު ޙަޤީޤަތަކަށް ހެދުމުގައި އެހީތެރިވެދޭން އަޅުގަނޑު އެއްބަސްވީމެވެ. އެކުގައި މަސައްކަތްކޮށް، ސުޢޫދީގެ އަންހެނުންނަށް ކުރިމަތިވާ ހިތްދަތި އަދި ޤަބޫލުކުރަން އުނދަގޫ އަނިޔާވެރި ޙާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތަށް ދެމީހުން އެއްބަސްވީމުއެވެ.

އެހެންވީމާ، އެކަމަނާގެ ނަން ސިއްރުކޮށް، އަމީރާ ސުލްޠާނާގެ އަޑަކީ އަޅުގަނޑުކަމުގައި ހެދީމެވެ. އަޅުގަނޑު ކުރިން ލިޔުނު ފޮތް "ޕްރިންސެސް" ގައި ސުލްޠާނާގެ ޙަޔާތްޕުޅު ފުރަތަމަ ފަހަރަށް ދުނިޔެއަށް ހާމަވެގެން ދިޔައެވެ. އެފޮތުގައި ޞުލްޠާނާ ސިފަކުރެވިގެންވާނީ، އަންހެނުންގެ އަގު ވަޒަންނުކުރާ، މަޢާފެއް ޙައްޤުނޫން ޖަމާޢަތެއްގައި ޖައްބާރު ފިރިހެނަކަށް ލިބުނު ބޭނުންނުވާ އަންހެންކުއްޖެއްގެ ގޮތުގައެވެ. ސުލްޠާނާ އެންމެ  ލޯބިފުޅުވާ ދައްތަ، ސާރާ ކައިވެނިކުރެވިގެންދިޔައީ، އެކަމަނާއަށްވުރެ މާދޮށީ، އެއްގޮތަކަށްވެސް ނުދަންނަ އަދި ލޯބިނުވާ މުސްކުޅިޔަކާއެވެ. ކައިވެނި ކުރެވިގެންދިޔަ ދުވަސްވަރު، ސާރާއަށް ކުރިމަތިލާންޖެހުނީ، ފިރިމީހާގެ އަނިޔާވެރި ވަޙުޝީ ޢަމަލުތަކާއެވެ. ސާރާ ދަންޖެހި އަމިއްލަޔަށް މަރުވާން ނިންމި ހިސާބުން، އެފިރިހެންމީހާގާތުން ވަރިވާން ބައްޕަގެ ހުއްދަ ލިބުނެވެ. އަދި ވަރިވެގެން، އަނބުރާ ގެޔަށް އައުމުގެ ފުރުޞަތު ތަނަވަސްވިއެވެ.

ސުލްޠާނާއަކީ ސުޢޫދީގައި އޭރު އޮތް ނާތަހުޒީބު ނިޒާމާ އިދިކޮޅު ވިސްނުމާއި ފިކުރުގެ މީހަކަށް ހެދީ، ހެދިބޮޑުވަމުން އައިދުވަސްވަރު، އެކަމަނާއަށް ކުރިމަތިވި، ހިތްދަތި ތަޖުރިބާތަކެވެ. އެކަމަނާގެ ޤައުމުގައި ޤާއިމްވެފައި އޮތް ނިޒާމުން، އެކަމަނާގެ ނަފުސު އޭގެ އެންމެ އަނިޔާވެރިގޮތުގައި އެކަމަނާއަށް ދަސްކޮށްދިނީ، ހަލާކާއި ގެއްލުންފިޔަވައި އެހެން ކަމެއް، އެނިޒާމުން ލާފައިގޮސް، ޙާޞިލް ނުކުރެވޭނެކަމެވެ. އެކަމަނާގެ ރައްޓެހި އަންހެން ކުއްޖަކު ކުރި ޖިންސީ " ކުށެއް " ގެ އަދަބެއްގެ ގޮތުން، އެއަންހެންކުއްޖާގެ ބައްޕަ، އެކުއްޖާ ޤަތުލުކުރި ޙާދިސާއިން ސުލްޠާނާއަށް ލިބިގެންދިޔަ ފިލާވަޅަކީ، ޤައުމުގައި އޮތް ނިޒާމަކީ ގެއްލުމާއި ހަލާކުނޫން އެހެން ކަމެއް ޙާޞިލްކުރެވެން އޮތް އެއްޗެއްނޫންކަމެވެ. އަދި އެވާހަކަތައް ދުނިޔެއަށް ހާމަކުރަން ޖެހޭކަމެވެ.

ޢުމުރުން އެންމެ 16 އަހަރުގައި، ސުލްޠާނާގެ ދެބެންގެ ދެދަރި، ކަރީމް އެވެކިޔާ ބޭބެއަކާ ސުލްޠާނާ ދެވަން، ސުލްޠާނާގެ ބައްޕަ ނިންމިއެވެ. ސުލްޠާނާއާއި ކަރީމްގެ އެންގޭޖްމަންޓަކީ، ސުޢޫދީ އާދަކާދަޔާ ތަފާތުކޮށް ހިނގި ކަމެކެވެ. ކަރީމް އިންނަން ބޭނުންވާ އަންހެންކުއްޖާއާ ބައްދަލުކުރަން އެދުނީ ކަރީމެވެ. އޭނާގެ އެހުށަހެޅުމަށް ހުއްދަ ލިބުނެވެ. ސުލްޠާނާއާއި ކަރީމުގެ ފުރަތަމަ ބައްދަލުވުމުންވެސް އެކަކު އަނެކަކަށް ރަނގަޅަށް ހިތްކިޔައިފިއެވެ. އަދި މާގިނަދުވަހެއްނުވެ، އެކަކު އަނެކަކުދެކެ ލޯބިވެސް  ވެވިއްޖެއެވެ. ސުޢޫދީގައި ބޭނުންކުރެވޭ ޢާންމު އާދަކާދައާ ތަފާތުކޮށް، ދެމީހުން ލޯބިވެގެން ގުޅުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.

ކައިވެނީގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި، ސުލްޠާނާ އަބަދުވެސް ބޭނުންވިފަދަ އުފާވެރި ދުވަސްތަކެއްގެ ފޮނި އިޙުސާސްތައް ލިބިގެންދިޔައެވެ. ސުލްޠާނާއާއި ކަރީމަށް ފުރަތަމަ ލިބިވަޑައިގަތީ ފިރިހެން ބޭފުޅެކެވެ. ނަމަކީ ޢަބްދުﷲ އެވެ. ދެން ލިބިވަޑައިގަތީ ދެއަންހެންބޭފުޅުންނެވެ. މަހާއާއި އަމާނީއެވެ. 1991 ގައި ހިނގި ގަލްފު ހަނގުރާމައިގާ، ސުލްޠާނާގެ ޢާއިލާ ދިރިއުޅުއްވަމުންގެންދެވީ ރިޔާޛުގައެވެ. ސުޢޫދީ އަންހެނުންނަށް ލިބެމުންދާ އަނިޔާއާމެދު ކުރައްވާ ހިތާމަޔަށްވުރެ ބޮޑު ހިތްދަތިކަމެއް، އެހަނގުރާމަޔާ ގުޅިގެން، އަމީރާ ސުލްޠާނާއަށް ތަޙައްމަލުކުރައްވަން ޖެހިވަޑައިގަތެވެ. މިފޮތް ވިދާޅުވާބޭފުޅުންވެސް ވިސްނައިވަޑައިގަންނަވަންވީ ކަމަކީ، ސުޢޫދީ އާދަކާދައިގެ މައްޗަށް ތަނުގައި އުފެދިފައިއޮތް ނިޒާމަކީ، ސުލްޠާނާ ކިތަންމެ ހަނގުރާމައެއް ކުރެއްވިޔަސް، ކިތަންމެ ރައްކައުތެރިކަމެއް ދެއްވިޔަސް، އެކަމަނާގެ ދެ ދަރިކަނބަލުންނަށްވެސް ސަލާމަތެއް އޮތްކަމެއްނޫންކަމެވެ.

ސުލްޠާނާގެ ދެދަރިކަނބަލުންނަކީ ސުޢޫދީގައި އޮތް ޘަޤާފީ ނިޒާމަށް، ތަފާތު ދެގޮތަކަށް ވިސްނުންގެންގުޅޭ ދެކުދިންނެވެ. ޖަވާބުދާރީވުމުގައި ވަރަށް ތަފާތެވެ. ދޮށީ ދަރިކަނބަލުން މަހާ އަކީ ސުޢޫދީ އަންހެނުން ދިރިއުޅޭ ޙާލަތަށް ދެކޮޅުވެރި ބޭފުޅެކެވެ. އަދި ސުލްޠާނާ ހިންގެވިމަގުން ކަސިޔާރުނުވެ ހިންގަވަމުން އަންނަ ބޭފުޅެކެވެ. ސުޢޫދީގައި އަންހެނުންނަށް ދެވޭ އަނިޔާއާއި ބޭއިންސާފުން ކުރެވޭ ކަންކަމަށް މަހާގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އެންމެފަހުން، މަހާއަށް ރިޔާޛުގައި ދިރިއުޅުއްވުނީ، ލަންޑަނަށް ގެންގޮސް، ސިކުނޑީގެ ޑޮކްޓަރަކަށް ދައްކައިގެން ފަރުވާދިނުމަށްފަހުގައެވެ.

ސުލްޠާނާގެ ހަނގު ދަރިކަނބަލުން އަމާނީއަކީ ސުލްޠާނާއެކޭ އެއްގޮތަށް ބަދަލުހިފުމުގެ ރޫޙަށް ހެއްލިގެންގޮސްފައިވާ ބޭފުޅެކެވެ. ދިމާވާ ކަންކަމަށް ކެރިގެން ކުރިމަތިލުމުގައި، ސުލްޠާނާއަށްވުރެ އަމާނީ ހުންނަވަނީ އެތައް ދަރަޖައެއް މަތީގައެވެ. ބައެއްފަހަރަށް ސުލްޠާނާއަށްވެސް އަމާނީއަކީ މައްސަލަޔަކަށް ވެއެވެ. އަމާނީއަކީ އިސްލާމީ ފަލްސަފާއަށް މެދުމިންވަރަކަށް ތަބާވާ، ވަކި ހައްދެއްގެ ތެރޭގައި ދީނީކަންކަން އޮންނަންޖެހޭކަމަށް ޤަބޫލުކުރައްވާ ބޭފުޅެކެވެ. އަންހެނުން މޫނުނިވާކުރުމާ ދެކޮޅަށް، ސުލްޠާނާ ވަކާލާތު ކުރައްވާއިރު، އަމާނީ ވަކާލާތު ކުރައްވަނީ، މޫނުނިވާކުރަން ޖެހޭނެކަމަށެވެ. މިއީ މިސިލްސިލާގެ 3 ވަނަ ފޮތެވެ. އަނެއްކާވެސް، ސުލްޠާނާމިވަނީ މިފޮތުގެ ޛަރީޢާއިން އެކަމަނާގެއަޑު، ދުނިޔެއަށް އިއްވާލަދިނުމަށް އެދިވަޑައިގެންފައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.