ކާށިދުއަކީ ދަނޑުވެރިކަމާއި ގަސް ހެއްދުމާ ގުޅިފައިވާ ޚާއްސަ ރަށެއް

ކާށިދޫއަކީ ގިނަޢަދަދަކަށް މާ ހައްދާ ރަށެއް

އެކިގޮތްގޮތުން އެކިކަންކަމަށް ޚާއްޞަ ރަށްރަށް ރާއްޖޭގައި އެބަހުއްޓެވެ. ބައެއް ރަށްރަށަކީ، ވަކިބާވަތެއްގެ ތަކެތި އުފެއްދުމަށް ޚާއްޞަ ރަށްރަށެވެ. އަނެއްބައި ރަށްރަށަކީ، ވަކިބާވަތެއްގެ ހުނަރަށް ނުވަތަ މަސައްކަތަށް ޚާއްޞަ ރަށްރަށެވެ. އަދި ވަކިބާވަތެއްގެ ދަނޑުވެރިކަމަށް ޚާއްޞަ ރަށްރަށެވެ. އަދި، ވަކި ޙާދިސާއަކާގުޅިގެން ޚާއްޞަވާ ރަށްރަށްވެސް ހިމެނެއެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް މިފަދަ ރަށްރަށް ހިމެނެއެވެ. އެންމެ އުތުރަށް، ހަމައެކަނި ބޮޑުތިލަދުންމައްޗަށް ބަލައިލިޔަސް މިފަދަ ގިނަރަށްތަކެއް ފާހަގަ ކުރެވެއެވެ. ހޯރަފުއްޓަކީ، ފަންކާއާ ގުޅުވައިގެން ޚާއްޞަ ކަމެއްދެވިފައިވާ މަޝްހޫރު ރަށެކެވެ. ދިއްދުއަކީ މަސްވެރިކަމަށް ޚާއްޞަ ވުމުގެ އިތުރަށް ބޯތައްޓާ ގުޅިފައިވާ ރަށެކެވެ. ކެލަޔަކީ، ރަންގު ކައްޓަލަޔަށް ޚާއްޞަ ރަށެކެވެ. ތަކަން މާރަންދޫ އަދި އުތީމާއި ބާރަށަކީ ބޮޑުތަކުރުފާނާ ގުޅިގެން ޚާއްޞަކަމެއްދެވިފައިވާ ރަށްރަށެވެ. މީހުން ދިރިއުޅުނުއިރު، ފަރި ހޮނޑައިދޫއަކީ ދަނޑިއަލުވި ކައްޓަލަޔަށް ޚާއްޞަ ދެރަށެވެ. ނޮޅިވަރަމަކީ ބިލެތަށް ޚާއްޞަ ރަށެކެވެ. ކުޅުދުއްފުއްޓަކީ ހާލުފޮޅި އާއި ފަތުލި ހަކުރު އަދި ހިމަރޯނަށް ޚާއްޞަ ރަށެކެވެ. ނައިވާދުއަކީ ރާގޮނޑިއާ ގުޅުވައިގެން ޚާއްޞަ ވެފައިވާ ރަށެކެވެ. މިހާރަށް ބަލާއިރު، މުރައިދުއާއި ކެލާ އަދި ވައިކަރަދުއާއި ނޮޅިވަރަންފަރާ ފޯކައިދުއަކީ ފަތްކޭލަށް ޚާއްޞަ ރަށްރަށެވެ. ނޭކުރެންދުއަކީ ކަނޑުލަށް ޚާއްޞަވެފައި ކުރިން އޮތް ރަށެކެވެ. ކުމުންދުއަކީ ގާކޮޅަށް ނިސްބަތްކޮށް ކުރިން ޚާއްޞަވެފައި އޮތް ރަށެކެވެ. ކުރިން މީހުންދިރިއުޅުނު ކުނބުރުދުއަކީ، ވާހަކަ ދެއްކުމުގައި ބައެއް ޙާލަތުގައި ފާފު ޔާޔަށް ބަދަލުވެގެން ވާހަކަ ދެއްކުމުގައި ޚާއްޞަވެފައި އޮތް ރަށެކެވެ. ހިރިމަރަދުއަކީ މަސްގޮނާ ގުޅިފައިވާ ރަށެކެވެ. އަދި ށަވިޔަނި ސުކުން ޏަވިޔަނި ސުކުނަށް ބަދަލުކޮށްގެން ވާހަކަ ދެއްކުމުގައި ޚާއްޞަ ވެފައި އޮތް ރަށެކެވެ. މަކުނުދުއަކީ ސިޔާސީމީހުން އަރުވައިލުމަށް ކުރިން ޚާއްޞަ ކުރެވިފައި އޮތް ރަށެކެވެ. ނޮޅިވަރަންފަރަކީ، ތިންބުރިކަލޭފާނުގެ ޒިޔާރަތް އޮތުމުގެ އިތުރަށް، ފަންޑިތަވެރިކަމާގުޅިފައިވާ އެދުރުކަލޭފަނަކަށް ނިސްބަތްވާ ރަށެކެވެ. ފިނެޔަކީ ދަތުރުފަތުރަށް ނިސްބަތްވާ ހަރުބަހަކަށް ޚާއްޞަވެފައިވާ ރަށެކެވެ. އަދި ތިންބުރި ކަލޭފާނުގެ ތިންބުރިން އެއްބުރީގެ ޒިޔާރަތްވެސް އޮންނަ ރަށެކެވެ. އަދި ހަމައެފަދައިން ބޮޑު ކަކުންޏަށް ނިސްބަތްވާ މާރަށެކެވެ. ނަރުދުއާއި ނެޔޮ ނޫމަރާއަކީ ކުއްޅަވަކަށް ޚާއްޞަ ރަށްރަށެވެ.

ރާއްޖޭގެ ކޮންމެ ރަށަކީވެސް، ކޮންމެވެސް ކަމަކާގުޅިގެން ނުވަތަ ކޮންމެވެސް ޙާދިސާއަކާގުޅިގެން ޚާއްޞަކަމެއް ދެވިފައިވާ ރަށްރަށަށް ވެދާނެއެވެ. މިހާރަށްބަލާއިރުވެސް، އެކިކަންކަމަށް ޚާއްޞަކުރެވޭ ބައެއް ރަށްރަށް އެބަހުއްޓެވެ. އޭގެތެރެއިން، ކާށިދުއަކީ، މިހާރަކަށް އައިސް ދަނޑުވެރިކަމާއި ގަސްހެއްދުމަށް ޚާއްޞަ ރަށެކެވެ. އެއްރަށަކުން އެންމެ ގިނަޢަދަދަކަށް ފަތްކެޔޮ ހައްދަނީ ކާށިދޫގައެވެ.

ކާށިދޫގެ ފަތްކެޔޮ ދަނޑުތަކުން ދަނޑެއް

ފަތްކޭލަކީ ގިނަޢަދަދަކަށް ރާއްޖޭގައި ހައްދާ އެއްޗެކެވެ. އަދި ރާއްޖޭގެ ހުރިހައި ރަށެއްގައިވެސް ފަތްކެޔޮ ހައްދައެވެ. އެހެންނަމަވެސް، ރާއްޖޭގެ މާރކެޓަށް ބޭނުންވާވަރަށް ފަތްކޭލެއް ނުހެއްދެއެވެ. ފަތްކޭލަކީ، ވަރުވާއަށް ލިޔެގެން އުޅޭ ފަޅުރަށްރަށުގައިވެސް ހައްދާ ބާވަތެކެވެ. ށ. މަޑިދޫއަކީ ގިނަ ޢަދަދަކަށް ފަތްކެޔޮ ހައްދާ ފަޅުރަށެކެވެ. އެހެންނަމަވެސް، ކާށިދޫގެ ފަތްކެޔޮ ދަނޑުތައް އެއީ ވަރަށްބޮޑެތި ދަނޑެވެ. އެހެންކަމުން، އެއްރަށަކުން އެންމެ ގިނައިން ފަތްކެޔޮ ހައްދާ ރަށެއްގެގޮތުގައި ކާށިދޫ ފާހަގަ ކޮށްލެވެއެވެ.

ކާށިދޫ ކުރުނބާ

މީގެއިތުރަށް، ކާށިދުއަކީ އެންމެ ގިނައިން މާލޭގެ ބާޒާރަށް ކުނރުބާ ގެންނަ ރަށެވެ. ކާށިދޫ ކުނރުބާއަކީ ފެންމީރު އަދި ބޮޑެތި އެއްޗެކެވެ. ދެކުނުގެ އަތޮޅުތަކަށް ބަލާއިރު، ހައްދުންމަތީ އިސްދުއަކީވެސް ގިނަޢަދަދަކަށް ކުނރުބާ އުފައްދާ ރަށެކެވެ. އަދި ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީއަކީވެސް އެއްރަށަކަށްބަލާއިރު، އެންމެގިނައިން ކުނރުބާ ހައްދާ އެއްރަށެވެ. އެހެނަސް، ފިޔޯރީ ކުނރުބާ އަކީ ސައިޒުން ކުޑައެއްޗެކެވެ. ރުކުގައި ގިނައިން އެޅިނަމަވެސް، ދަނބުރުއްގިނަ ރަށަކަށްވާތީ ފުދޭވަރަކަށް، ފިޔޯރީގައި ކުރުނބާ ހުރެއެވެ.

ކާށިދުއަކީ، ފަތްކޭލާއި ކުރުނބާގެ އިތުރަށް އެއްރަށެއްގައި އެންމެ ގިނަޢަދަދަކަށް ކޮޕީފަތް ހައްދާ ރަށެވެ. ކޮޕީފަތް ދަނޑު ދަނޑު ކާށިދޫގެ އެކިހިސާބުތަކުން ފެންނާނެއެވެ. ފަޅު ބައެއް ގޯތިތަކުގައިވެސް ކޮޕީފަތް ހައްދައެވެ. އެހެންނަމަވެސް، ކޮޕި ފަތަކީ ޢާންމުގޮތެއްގައި އެރަށުގައި އުޅޭ ބަންގާޅުމީހުން ހައްދާ އެއްޗެކެވެ. ގޯތީގެ ވެރިފަރާތުން ފަޅުގޯތިތައް ކުއްޔަށް ނަގައިގެން ކޮޕީފަތް ހެއްދުމަކީ ޢާންމު ކަމެކެވެ. ކާށިދުއަކީ ޤަވާޢިދާޚިލާފަށް އުޅޭ ބަންގާޅުމީހުން ގިނަ ރަށެކެވެ. ދަނޑުތަކުގައި މަސައްކަތްކުރާ ބަންގާޅުމީހުން، އެމީހުންގެ އަމިއްލަ ދަނޑުތައް ގެންގުޅެއެވެ. އަދި ދަނޑުވެރިކަން ކޮށްގެން ބަންގާޅުމީހުން އާމްދަނީ ހޯދައެވެ.

ކާށިދޫން ފަޅުގޯއްޗެއް ނަގައިގެން ބަންގާޅުމީހުން ހައްދާ ކޮޕީފަތް ދަނޑެއް

ކާށިދޫގެ އެންމެ ޚާއްޞަ އެއްކަމަކީ، މޭވާ ގަސް ހެއްދުމެވެ. މުޅި ރަށުގައި އެކީއެކައްޗަކަށް، ހުރިހައި ގެޔެއްގައިވެސް މާގަސް ހައްދައެވެ. އެންމެ ގިނައިން ހައްދާއުޅެނީ ބޯގަންވިލާއެވެ. ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް މާގަސްތައް ހައްދައި މުޅިރަށުތެރެ ޒީނަތްތެރިކޮށްފައި އޮވެއެވެ. ކާށިދުއަކީ، މާގަސް ހައްދައި ވިއްކުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ރަށެކެވެ. އެރަށުގެ ވަރަށްގިނަ ޒުވާނުން މާގަސް ހައްދާ ވިއްކައިގެން އާމްދަނީ ހޯދަމުން ގެންދެއެވެ. އަދި ފަތާއި މަލުގެ ވަރަށްގިނަ ބާވަތްތަކުގެ ގަސް ކާށިދޫން މާލެގެނެސް ވިއްކަމުން ގެންދެއެވެ.

ކާށިދޫގެ ބައެއް ގޭގޭގައި ހައްދާފައިވާ މާ ގަސްތައް

ކާށިދުއަކީ ރަށުތެރެ ސާފުކޮށް ބަލަހައްޓާ ރީތި ރަށެކެވެ. ފުރިހަމަ ބޮޑެތި ދިގުމަގުތައް ހެދިފައި ވެއެވެ. އަދި މީހުންދިރިއުޅޭ ބޮޑު ސަރަޙައްދެއްގައި، މަގުމަތީގައި މާގަސްތައް ހައްދައި މަގުތައް ޒީނަތްތެރި ކުރެވިފައި އޮވެއެވެ.

ކާށިދޫގެ އަނބުގަސްތަކުގައި މާ އަޅާފައި

ކާށިދުއަކީ، ފުދޭވަރަކަށް އަނބުގަސް ގިނަ ރަށެކެވެ. ދެކުނުގެ އަތޮޅުތަކުން އަނބުގަސް ގިނަ ރަށްރަށްކަމުގައިވާ ހުވަދުއަތޮޅު ދެބުރިއާއި ހައްދުންމަތީގެ ރަށްރަށާ ފުވައްމުލަކު ސިޓީފަދަ ރަށްރަށުގައި އަނބު އިންދައި ހައްދާގޮތަށް، ކާށިދުއަކީވެސް އަނބުގެވެސް ރަށެކެވެ. ކޮޅުމަޑުލު ކަނޑޫދޫއަކީވެސް އަނބުގަސްގިނަ ރަށެކެވެ. އެހެންނަމަވެސް އެރަށުގައި އަނބުގަސް އިންދާފައި ހުންނަނީ ހައެއްކަ ގަސް ފީންޏަކަށްވާ ގޮތަށެވެ. ކާށިދޫގައި އަނބުގަސް ހައްދާފައި ހުންނަނީ ވަކިވަކިންނެވެ.

އަނބުއަޅާ މޫސުމަށް، އަނބުގަސްތަކުގައި މާއަޅާފައި އޮންނައިރު، އަނބުގަހުގެ މަލާއެކު، މަގުމަތިން އެފެންނަ އެހެންބާވަތްތަކުގެ މާގަސްތަކުގެ މަލުގެ ނަލަ މަންޒަރަކީ ހިތްގައިމު ކަމެއްގެނެސްދޭ މަންޒަރެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.