ގެވެށި ގުޅުން ރަނގަޅު މާޙައުލަކުން ވަޑައިގެން މަސައްކަތްކުރަމުންގެންދަވާ ކަނބަލުން އެ ބޭފުޅުންނާއެކު މަސައްކަތްކުރާ އެހެން ބޭފުޅުންނަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެދިވަޑައިގެންފިއެވެ.
އެކަމަނާ ވިދާޅުވީ ސްކޫލްތަކުގައި އިސްދައުރެއް އަދާކުރެއްވި އިރު،
ގޭތެރޭގެ މިފަދަ ދަތިތަކާ ކުރިމަތިލާ ފައިވާ މުވައްޒަފުން ހިއްސާ ކުރައްވާފައިވާ ވާހަކަތައް އަޑުއެހުމުން ކުރެވުނު ތަޖުރިބާގެ އަލީގައި މިކަމުގެ މުހިންމުކަން އެންގިވަޑައިގެންފައިވާ ކަމުގައެވެ.
އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ "ގެވެށީ ގުޅުން" ކެންޕޭނުގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ތައްޔާރުކޮށް ނެރުނު މަޖައްލާ "ސާސްތުރަ" ނެރެދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި "ގެވެށިގުޅުން" ކެންޕެއިން ގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ގެވެށި ގުޅުން މުހިންމުވާ އެއް ސަބަބަކީ ހުރިހާކަމެއްވެސް ފެށެނީވެސް އަދި ނިމެނީވެސް ގެއާ ހިސާބުންކަމަށްވުމުން ކަމުގައި ވިދާޅުވިއެވެ. އަދި ހަދާ ޤާނޫނުތަކާއި ޤަވާޢިދުތަކުންވެސް އެދެވޭ މުހިންމު ބަދަލެއް އަންނާނީ، އަޑުއެހުމުގެ މުހިންމުކަމުގެ އަގުވަޒަންކުރާ، ބަދަހި ގެވެށި ގުޅުމެއްގެ ތެރެއިންކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، އޯގާތެރިކަމާއި އަޅާލުމަކީ ހަމައެކަނި އަންހެން މީހާގެ ޒިންމާއެއް ނޫންކަމަށާއި ގޭގައި އުޅޭ ކޮންމެ މީހެއްގެވެސް ދައުރެއް އެކަމުގައި އޮންނަންވާނެކަން ގަބޫލުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ގޭގައި އަންހެނުން އަދާކުރާ ދައުރު ފިރެހެނުން ބަލައިގަނެ އެކަމުގައި ބައިވެރިވާންޖެހޭނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ " ގެވެށިގުޅުން" ކެމްޕޭނުގެ ސަބަބުން ގިނަބަޔަކު ހޭލުންތެރިވެ ގިނަ ބަޔަކަށް އޭގެ ފައިދާ ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި އަޅުގަޑުމެން މިއެދޭ ހަގީގީ އަދި މާނަހުރި ބަދަލަކަށް ވާޞިލުވެވޭނީ ހަރުދަނާ ގެވެށި ގުޅުމެއްގެ ތެރެއިންކަމަށް ވިދާޅުވިއެވެ.
މިކެމްޕޭނުގެ ދަށުން ނެރުނު "ސާސްތުރަ" މަޖައްލާއަކީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ތެރޭގައި ތައްޔާރުކުރި މަޖައްލާއެކެވެ.މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޢުލޫމާތު އެކުލެވޭ އާޓިކަލް ހިމަނާފައިވެއެވެ. މީގެ އިތުރުން، ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި އަދި އޭގެ ޖަވާބު، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ޙިދުމަތްތަކާ ގުޅޭ މަޢުލޫމާތު މި މަޖައްލާގައި ހިމެނެއެވެ.