އެމެރިކާގެ ނިއުޔޯކް ސިޓީގެ އެޕާޓްމަންޓް އިމާރާތެއްގައި އަލިފާން ރޯވުމުގެ ސަބަބުން 19 މީހުން މަރުވެއްޖެއެެވެ. މަރުވި މީހުންގެ ތެރޭގައި 9 ކުޑަކުދިންވެސް ހިމެނެއެވެ. މިއީ، ފާއިތުވި 30 އަހަރުގެ ތެރޭގައި ނިއުުޔޯކުގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ.
ބްރޮންކްްސް އަވަށުގައި ހުންނަ އިމާރާތުގައި އިއްޔެ ހެނދުނު 11:00 ޖެހިއިރު (ރާއްޖޭގަޑިން ރޭ 9 ޖެހިއިރު) ރޯވި އަލިފާންގަނޑު ވަނީ އިމާރާތުގެ ދެވަނަ ފަންގިފިލާއާއި ތިންވަނަ ފަންގިފިލާއަށް ފެތުރިފައެވެ. ނިއުޔޯކް ސިޓީގެ މޭޔަރު އެރިކް އެޑަމްސް ވިދާޅުވި ގޮތުގައި އަލިފާން ރޯވިކަމަށް ލަފާކުރެވެނީ ހީޓަރެއް ޝޯޓުކޮށްގެންނެވެ.
އަލިފާން ރޯވި އިމާރާތަކީ 1972 ވަނަ އަހަރު އިމާރާތްކޮށްފައިވާ ތަނެކެވެ. އެެ އެއިމާރާތުގެ ފަޔާ އެލާމް މަސައްކަތްކުރޭތޯ ތަހުގީގުކުރަމުން ދާއިރު، މޭޔަރު އެޑަމްސް ވިދާޅުވީ މަދުވެގެން އެއް އެލާމުގެ އަޑު އިވިގެން ކައިރީ އިމާރާތެއްގައި ހުރި މީހަކު އަލިފާން ނިއްވާ މީހުންނަށް ގުޅާފައިވާ ކަމުގައެެވެ.
ފަޔާ ކޮމިޝަނާ ޑާނިޔަލް ނިގްރޯ ވިދާޅުވި ގޮތުގައި 19 ބުރީގެ އިމާރާތުގެ ހުރިހާ ފަންގިފިލާއަކަށް ދުމުގެ އަސަރުކުރި އަލިފާން ރޯވިތާ ތިން މިިނިޓުގެ ތެރޭގައި އަލިފާން ނިއްވާ މީހުން ވަނީ އެތަނަށް ގޮސްފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި އަލިފާން ނިއްވާ 200 މީހުން ހަރަކާތްތެރިވެފައި ވެއެެވެ.
މަދުވެގެން 63 މީހަކަށް އެކިވަރުގެ ގެެއްލުން ލިބިފައި ވާއިރު 32 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެެވެ. އޭގެތެރޭން ބައެއް މީހުން ހާލު ދެރަކަމަށް ވެއެވެ. ނިގްރޯ ވިދާޅުވިގޮތުގައި އިމާރާތުގެ ހުރިހާ ފަންގިފިލާއަކުން އެކިވަަރަށް ދުމުގެ އަސަރުކޮށްފައިވާ މީހުން ފެނިފައި ވެއެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި ދުން މުޅި އިމާރާތަށް ފެތުރުނީ އަލިފާން ރޯވި ދެ ފަންގިފިލާގެ ދޮރުތައް ހުޅުވާފައި ހުރުމުންނެވެ.
"(އަލިފާން ނިއްވާ ޓީމުގެ) މެންބަރުންނަށް ވަނީ ހުރިހާ ފަންގިފިލާއަކުންނާއި، ސިޑިމަތިން ދުމުގެ އަސަރުކޮށްފައިވާ މީހުން ފެނިފައި. ނޭވާލާން އުނދުގޫވެ، ހިތުގެ ހިނގުމަށް އަސަރުކޮށްފައިވާ މީހުން ވެސް ފެނުނު." ފަޔާ ކޮމިޝަނާ ވިދާޅުވިއެވެ.
ނިއުޔޯކުގައި މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާއެެއް އެންމެ ފަހުން ހިނގާފައި ވަނީ 25 މާރިޗު 1990 ގައެވެ. އެދުވަހު ބްރޮންސް އަވަށުގެ ހެޕީލޭންޑް ސޯޝަލް ކްލަބުގައި މީހަކު ގަސްތުގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން 87 މީހުން މަރުވެފައި ވެއެވެ.