ފިޔޯރީ ހާ

ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑޫން ފުރައިގެން ބާރަށްދުވާ ލާންޗެއްގައި، ރާޅެއްގެ ހިލަމެއްވެސްނެތް، ހަމަހިމޭން އަމާން ކަނޑުގައި ދަތުރުކުރަމުންދިޔައިރު، މޫނުނިވައިކޮށްލައިގެން އިރުމަތީ ބިތުގައި، ދެދަމެއްހައިތަނަށް އަރައިއިން ހަނދުގެ ކުޑަވެސް އަލިކަމެއް ނެތެވެ. އުދަރެހާއި ޖައްވުއޮތީ ކުޑަބަނަކަމަކާއެކު އަނދިރިކަމުގެ އިޙްސާސުގައި ރޭގަނޑު ނިދަން ތައްޔާރުވެއެވެ. ކަޑުގެ ރާޅުތައްވެސް ނިދީކަހަލައެވެ. އިންޖީނުގެ އަޑާއެކު، ހިންދެމިލާފައި އިސްއުފުލައި ލާންޗު ދުއްވައިގަތީ، ހަތަރުފުރޮޅުލީ އުޅަނދެއް، އޮމާން މަގެއްގައި އެއްގަމުގައި ދުވެދާފަދަ ހިތްގައިމު ގޮތަކަށެވެ. ބާރު ދުވެއްޔެއްގައި ލާންޗް ދަތުރުކުރަމުންދަނީ މަޑުމަޑުން ޖެހެމުންދާ ރޯޅިއާ ދެކޮޅަށެވެ. އެހެނަސް، ކަނޑުމަތީ ނެތްރާޅަކުން ލާންޗަށް ގުޑުމެއް ނާރާނެތީ ދަތުރުކުރަމުންގެންދިޔައީ ކުޑަމިންވަރަކަށްވެސް ދިރުނބާކޮޅުން އުފުލައިލި އިސް ވަތަށްނުޖަހައި، ހެދިހުރިގޮތަށް ހަށިސީދަލަށެވެ. ދަތުރުކުރަމުންގެންދަނީ ހުވަދުއަތޮޅު އުތުރުބުރިން ދެކުނުބުރިޔަށެވެ. އަތޮޅުގެ އިރުމަތީ ބިތުގައި މުތީތަކެއްފަދައިންއަތުރައިލެވިފައިވާ ކުދިބޮޑު ރަށްތަކުގެ އަލި ފެންނަންހުއްޓެވެ. ކަނޑުމަތީ ދުއްވަމުންދާ އެހެން އުޅަނދުފަހަރުގެ އަލިވެސް ފެނެއެވެ. އެކަތިއަނެކައްޗަށް ވާދަ ނުޖެހިޔަސް، އެކައްޗަށްވުރެބާރަށް ދުވާ އަނެކަތީގެ އަލި ފަނޑުވަމުން ދެއެވެ. ފޭވަމުން ފަހަށްދޫވަމުންދާ އަލިތަކާއި އަރާހަމަކޮށް ކުރިއަރައިގެންދާ އަލިތައްވެސް މެއެވެ. އަތޮޅުގެ ދެކޮޅުގައި ދެއެއަރޕޯރޓް އޮވެއެވެ. ހަމައެއާއެކު، ފަތުރުވެރިކަމުގެ ޞިނާޢަތަށް، ކޮންމެވެސް މިންވަރަކަށް ފައްކާވެފައި އޮތް އަތޮޅެއްކަމަށްވާތީ، ކަނޑުމަތިން ދަތުރުކުރަމުންދާ އުޅަނދުފަހަރު ގިނައެވެ. އިރުމަތީ ބިތުންފެށިގެން ހުޅަނގުބިތާހަމަޔަށް އިރުދެކުނުންނާއި ހުޅަނގު އިރުން ފެންނަ ގަދަ އަދި މަޑު އަލިތައް ބައިވަރެވެ. މީހުންދިރިއުޅޭ ރަށްރަށާއި ފަޅުރަށްރަށާ އަދި ރިސޯޓްތަކެވެ. އަތޮޅުގެ އިރުމައްޗާއި އުތުރުބުރީގެ ރަށްރަށުގެ މަލަމަތިން ވިދާލަ ވިދާލާ ފިޔަޖަހާހުރި އަލިތައް މަޑުމަޑުން ދިޔައީ ފަނޑުވެ ގެއްލެމުންނެވެ. ހަމައެއާއެކު، ދެކުނާއި ހުޅަނގުބިތުގެ ރަށްތަކުގެ އަލި މަޑުމަޑުން ފައުޅުވެ ގަދަވަމުން ދެއެވެ. ދަތުރުގެ ފުރަތަމަ މަންޒިލަކަށް ތާވަލުވެފައިއޮތީ ހޯނޑެއްދޫއެވެ. އެހެންނަމަވެސް ދަތުރުގެ މަޤްޞަދާއި ބޭނުން، އެވަގުތަށް ހޯނޑެއްދޫން ޙާޞިލްކުރެވެން ނެތުމާއެކު، ފަތުއަޑުކިޔާފައި ދުއްވަމުންދިޔަ ލާންޗްގެ އައުމަންޒިލަކަށްވީ، ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީއެވެ. ކޫއްޑޫން ފުރައިގެން ލާންޗްގެ ދަތުރު މިސްރާބުޖެހި، ފިޔޯރީއަށް އައުދެވުނީ ޢާންމުގޮތެއްގައި ރަށްފުށުގެ ގިނަރަށްރަށުގައި މީހުންނިދާ ފައިހިލަވަޅު އޮބޭ ސާޢަތުގައެވެ. ކޫއްޑޫން ފިޔޯރީއަށް އައުދެވުނީ އެއްގަޑިއިރާ ނަވާރަ މިނިޓުންނެވެ. ރޭގަނޑުން ދެދަންފަޅިއެއް ހުސްވެދިޔަނަމަވެސް، މަރުޙަބާކިއުމަށްޓަކައި ވާޓަރުމަތީ ތިބެންޖެހޭ ބަޔަކު، ހިނިމޫނާއެކު މެހެމާނުންނަށް މަރުޙަބާކިޔައި ސަލާންގަލާންކުރިއެވެ. ޒުވާންކަމުގެ ފޯރީގައި އެކިކަންކަމު ބޭރަށްނުކުމެ އުޅޭ މަދުނަމަވެސް ޒުވާނުންގެ ސައިކަލުގެ އަޑު އިވެއެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީއަކީ، މަސްވެރިރަށެއްނޫނެވެ. ކުރިންކުރި މަސްވެރިކަން މިހާރުއޮތީ، މަސްވެރި އުޅަނދުތަކާއެކު އުވި، ނެތި ގޮސްފައެވެ. ފަލަމަޑީގެ ރަށެއްވެސް ނުމެނޫންމެއެވެ. އެހެނަސް ކުރިންވެސް ކޮށްއުޅުނުގޮތަކަށް، ދަނޑުވެރިކަން ކޮށްއުޅެއެވެ. ދަނޑުވެރިކަންވެސް ކުރެވެމުންދަނީ، މޫސުމީ ދަނޑުވެރިކަމެއްގެ ގޮތުގައެވެ. ވިޔަފާރި އުޞޫލުން ނަފާލިބޭ ދަނޑުވެރިކަމެއް ނުކުރެވެއެވެ. ސަބަބުތަކެއްވެސް ހުރުމާއެކުގައެވެ. އެހެންނަމަވެސް، ފިޔޯރީއަކީ، އިންތިޒާމްކުރެވިގެން ވިޔަފާރިއުޞޫލުން ދަނޑުވެރިކަން ކުރުމަށް ފައްކާ ރަށެކެވެ. ރަށުގެ ފަސްގަނޑު ރަނގަޅެވެ. އެހެން ރަށްރަށެކޭވެސް އެއްގޮތަށް، މިހާރުވެސް ރޯދަޔަށް ކަރާ ހެއްދުންފަދަ މޫސުމީ ދަނޑުވެރިކަން ކޮށް އުޅެއެވެ. ރަށަކީ، ދަނޑުވެރި ވިސްނުމެއްހުރި، އެކަމަށް ބޭނުންވެފައިތިބި ރައްޔިތެއްއޮތް ރަށެކެވެ. ދަނޑުވެރިކަމުގެ ނަފައިން ރަށުގެ އިޤްތިޞާދަށް ދިރުންލިބި، ރައްޔިތުންގެ އަތްމަތި ތަނަވަސްވެ، ދަނޑުވެރިން އުފައްދާތަކެތި، ހެޔޮއަގުގައި، އެރަށުގެ ރައްޔިތުންނަށް ގަންނަންލިބޭނެ ފުރުޞަތު ތަނަވަސްކުރެވިދާނެ ރަށެކެވެ.

ފިޔޯރީއަށް ޚާއްޞަވެގެންވާ ކަންތައްތަކެއް، އެރަށުން މިހާރުވެސް ފެންނަން އެބަހުއްޓެވެ. އެއަތޮޅުންވެސް ފާހަގަ ކުރެވެން އެބަހުއްޓެވެ. އެންމެ ފުރަތަމަ ފިޔޯރީގެ ނަމެވެ. ބައެއްމީހުން އެރަށަށް ފިޔަވަރީ އޭވެސް ކިޔައި އުޅެއެވެ. އިހުޒަމާނުގައި، ކުރިން ބޭނުންކުރި ނަމެއްނަމަވެސް، މިހާރުވެސް އެއަޑު އެބައިވެއެވެ. ހޯދިފައި އަދި ދިރާސާކުރެވިފައިނުވާ ތާރީޚެއް އެކަމުގައިވާކަން ކަށަވަރެވެ. އިހުކިޔައިއުޅޭ ރައިވަރެއްގައިވެސް، ބައެއްރަށްރަށުގެ ނަން މިހާރުކިޔައިއުޅޭގޮތް ނޫންގޮތަކަށް ގެނެވިފައި އޮންނައިރު، ފިޔޯރީގެ ނަން ފިޔަވަރީ ގެ ގޮތުގައި، އެރައިވަރުގައި އައިސްފައި ވެއެވެ. އަދި އެއަތޮޅުގެ އެހެން ރަށްރަށުގެމީހުން، އަދިވެސް އެރަށަށް ފިޔަވަރީ އޭ އެބަ ކިޔައެވެ. އެއަޑު މިހާރުވެސް، ދުވަސްވީ މީހުންގެ ދުލުން އެބައިވެއެވެ.

ކަނާތަފަރާތުގައިވާ ފޮޓޯގެ މެދުން މުށިކުލައިގާ އެފެންނަނީ ފިޔޯރީގައި މިވަގުތުޖުރި ހާ ކޮޅެވެ. ވާތްފަރާތުން އެފެންނަނީ ކުރިން ހާ ހައްދައި އުޅުނު ސަރަޙައްދެވެ

ފިޔޯރީއަކީ، ކުނާވިޔަން ބޭނުންކުރާ ހާ އަށް ޚާއްޞަ ރަށެކެވެ. އެރަށުގެ އެ ހާ އެއީ އެހެންރަށެއްގައި ހެއްދޭ އެއްޗެއްނޫނެވެ. އަދި ފިޔޯރީގެ އެހެންތަނެއްގައިވެސް ހެއްދޭ އެއްޗެއްނޫނެވެ. ފިޔޯރީގެ ހާ އެހެން ރަށްރަށަށް ގެންގޮސްގެން ހައްދައި އާލާކުރެވޭތޯ ބެލިފައި ވެއެވެ. އެހެނަސް އެކަމެއް ނުވެއެވެ. ހިތާމަޔަކީ، ފިޔޯރީއަށް ޚާއްޞަ އެ ހާ ވެސް މިހާރު ނެތިގެން ދާން ކައިރިވެފައި އޮތްކަމެވެ. ހާ ހެދިފައި މިހާރުހުރީ ވަރަށް ކުޑަތަންކޮޅެއްގައެވެ. ހާ ހައްދަން ޚާއްޞަ، ހާ ހެދޭ ދަނޑުބިމުގައި މިހާރުހުރީ އެތައްބާވަތެއް ހައްދާ، ހާ ހެދެން ހުރަސްއެޅޭވަރުވެފައެވެ. އޭގެތެރެއިން އެކައްޗަކީ، ކަންކުން އެވެ. ހާ ދަނޑުގައި ކަންކުން ހައްދައި ހާހެދުމަށް ދަތިވެފައި ވެއެވެ. ކަޅުހުއްތު މޭވާ ހައްދާފައި އެބަހުއްޓެވެ. އަލަ ހައްދައެވެ. ފަތްކެޔޮ ހައްދާފައި އެބަހުއްޓެވެ. މީގެ އިތުރަށް އެތައްބާވަތެއްގެ ހުޔާ އަދި ދިއްގަލާ، މިނޫންވެސް އެތައްބާވަތެއްގެ ގަހުން ހާ ދަނޑުތައް މިހާރުވަނީ ފުރި ހާ ހެއްދުން ހުއްޓާލެވިފައިވާކަމުގެ އިޙްސާސް ކުރެވޭވަރަށް، ހާ ހެއްދި ދަނޑުތައް ހަލާކުވެފައެވެ. ހާ ބޭނުންކޮށްގެން ވިޔެއުޅުނު ކުނާވިޔުންވެސް ވަނީ އުވުމާ ގާތްވެފައެވެ. ފިޔޯރީ ހާ އެއީ އަތޮޅުގެ އެހެން ރަށްރަށަށް ވިކޭ އެއްޗެކެވެ. ފިޔޯރީގެ މައިމަގުން އިހުޒަމާނުގެ މަންޒަރެއް ކުރަހާލާއިރު، ކޮންމެ ގެޔެއްގެ ފާރުކައިރިން އަރިމަތީ، ހާ ހިއްކަން އަވީލާފައި ހުންނަތަން ފެންނާނެއެވެ. އެހެންނަމަވެސް، މިހާރު އެއީ ހުވަފެނުންވެސް އެރަށުން ފެންނާނެ މަންޒަރެއްނޫނެވެ. ދެރަކަމެކެވެ. ވަކިވަކި ރަށްރަށުގެ އާދަކާދައާއި ތާރީޚާއި ސަގާފަތުގެ ތެރެއިން މިހެން ހުންނަ ކަންކަން އާލާކޮށް ދިރުވުމަކީ، ކޮންމެވެސް ބަޔަކު ކުރަންޖެހޭ އަދި ކޮންމެވެސް ބަޔަކު ޒިންމާވާންޖެހޭ ކަމެކެވެ. މިހާރު ފެންނަން އެހުރި ހާ ކޮޅު ހުސްވެއްޖެނަމަ، ދެން ކުރާނެކަމެއް ނޯންނާނެކަން ޔަޤީނެވެ.

ހާ ހައްދައި އުޅުނު ދަނޑުގައި ހައްދާފައިވާ އަލަޔާއި ފަތްކެޔޮ

ފިޔޯރީއަކީ، އެހެން ރަށްރަށާ ތަފާތުކަންތައްތަކެއް ފެންނަ ރަށެކެވެ. އޭގެ ތެރޭގައި، ފެންފޯއް ރުއް ގިނަކަން ފާހަގަ ކުރެވެއެވެ. އެރަށުގެ ބައެއްމީހުން " ރަނގަޅަށް " ދުފައި އުޅެއެވެ. ދުފަން ބޭނުންކުރަނީ ޢާންމު ގޮތެއްގައި ފެންފޯކެވެ. ހިއްކައިގެންނާއި ރޮލަށެވެ. އެހެންނަމަވެސް، ބޭރުންގެންނަ ފޯއްވެސް ބޭނުންކުރެއެވެ. މީގެ އިތުރަށް، މެލޭޝިއާގެ ރުއްވެސް، އެހެން ރަށްރަށަށްވުރެ، ފިޔޯރީގައި ގިނަކަން ފާހަގަ ކުރެވެއެވެ. އެއްރަށަކަށް، ރާއްޖެއިން މެލޭޝިއާ ރުއްފެންނާނެ ރަށަކީ ފިޔޯރީއެވެ. އެއީ ދޮން ދަނބުރުއްގޮތަށް ހުންނަ، ވަރަށް އަވަހަށް ފޯދޭ ބާވަތެކެވެ. ވަރަށްކުރުކޮށް ހުއްޓައި ފޯދެއެވެ. ޢާންމުގޮތެއްގައި ދެއަހަރުބަޔާ ތިންއަހަރާދެމެދު މިރުއްރުއް ފޯދެއެވެ. ރާއްޖޭގައި ރުއްފޯދޭ އެވްރެޖް މުއްދަތަކީ ހަތަރު އަހަރެވެ.

މިރުކަކީ، އިހަލުގައި އަޅާ ޢަދަދު ގިނަވެފައި ތިރިކޮށް ހުންނަ ބާވަތެއްގެ ރުކެކެވެ. ޢާންމުގޮތެއްގައި ބޭނުންކުރަނީ ކުރުނބައެވެ.

މިއީ އަދި، މެލޭޝިއާގައި އެހުންނަ " ޓެންޑަރ ކޮކްނަޓް " އޭ އެކިޔާ، ކުރުނބާ ރުކެއްނޫނެވެ. އޭގެ ބާވަތެކެވެ. ފިޔޯރީގެ ރުއްތަކުގައި އަޅާ ތަކެތި ކުއްޖެވެ. ފެންވެސް މީރުވެފައި ފޮންޏެވެ. އެކަމަކު، ޓެންޑަރ ކޮކްނަޓް ހާ ފޮންޏެއްނޫނެވެ. އެހެންނަމަވެސް، ކުރުނބައެއް ބޯލަންބޭނުންވެފައި ހުންނަ މީހަކު އެއްފަހަރުން ބޯލަން ފުދޭނެއެވެ.

މެލޭޝިއާގެ ޓެންޑަރ ކޮކްނަޓްގެ ތާފަތް ވަރަށް ވަރުގަދަވާނެއެވެ. ރުކުގައިހުރެ ގޮބޮޅި ގަބުޅިވެގެން ކާށިވެ، ހިކިގެންދާއިރުވެސް ތާފަތްގަނޑު ވަރުގަދަކަމުން ރުކަކުން ނުވެއްޓޭނެއެވެ. ކާށީގެ ވަރި ތުނިވާނެއެވެ. ކާށިވެގެންހުރެ، ގިނަދުވަސް ވަމުންދާވަރަކަށް، އެތެރެ ހިކި ފީވަމުންދެއެވެ. އެކަން އެހެން އޮންނާތީ، އޭގެ ކޮންމެ ކޮންމެ ކާއްޓެއް ނުފަޅާނެއެވެ. ގަބުޅި ހަރުވެ ކާއްޓަށްވުމުން، ރުއްފަޅުވަން ވަޅުލިޔަސް، ފީވެދާ ކާށި ގިނަވާނެއެވެ.

ފިޔޯރީގައި ހެދޭ ފަތްކޭލާއި ފެންފޯއް ރުއް

ފިޔޯރީން އިތުރަށް ފާހަގަކުރެވުނު އެއްކަމަކީ، ރަށުގެ ފަތްކެޔޮގަސްތަކުގެ ހެދުމެވެ. ގިނަގަސްތައް ރީތިކޮށް، ވަރަށްދިގުކޮށް ހެދެއެވެ. ޢާންމުކޮށް އެހެން ރަށްރަށުގައި ފަތްކެޔޮހެދޭވަރަށްވުރެ ރީތިކޮށް ރަނގަޅަށް ހެދެއެވެ. އެހެންނަމަވެސް، ކިތަންމެ ރީތިކޮށް ގަސް ހެދުނުނަމަވެސް، ގަހުގައި އަޅާ ކެޔޮގަނޑު، ގަހާ އެއްވަރަށް ބޮޑެއް ނުވެއެވެ. އެއީ ގަހަށްބޭނުންވާ ކާނާނުލިބިގެންކަމަށް ވެދާނެއެވެ. ފަތްކެޔޮ ގަހަށްވެސް ކާނާބޭނުންވާނެއެވެ. ފަތްކޭލަކީ މޫދުލޮނުވެސް ކޮންމެވެސް ވަރަކަށް ބޭނުންވާ ގަހެކެވެ. ފަތްހެޔޮގަހަށް ކާނާ ދިނުމުން ހެދިބޮޑުވުން ރަނގަޅުވެ، ކެޔޮގަނޑު ބޮޑުވެ، އަރިގިނަވެފައި ވަށްފަލަވާނެއެވެ.

އެހުރިހައި ކަމަކަށްވުރެވެސް، ފިޔޯރީއާމެދު ވިސްނައި ފިކުރުކުރާ ކޮންމެ މީހެއްގެވެސް ކަންބޮޑުވުމަކަށްވާނީ، ކުނާވިޔަން ބޭނުންކުރާ ހާ، އެރަށުން ހުސްވުމުގެ ބިރުވެރިކަމެވެ. އެއީ އެއްވެސް ޙާލެއްގައި އެކަންވާންވާނެގޮތެއް ނޫނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.