"އިންޑިއަން އޯޝަން" އަށް އެނަން ކިޔަނީ މިޒަމާނުގެ އިންޑިއާ އާ ގުޅުވައިގެނެއް ނޫން

ފަސްމަންޒަރު

މިޒަމާނުގެ "އިންޑިއަން އޯޝަން" ނުވަތަ އިންޑިއާކަނޑޭ މިކިޔާ މާކަނޑަކީ ދުނިޔޭގެ އެންމެ ބޮޑު ފަސް ކަނޑުގެ ތެރެއިން ތިންވަނައަށް އެންމެ ބޮޑު ކަނޑެވެ. މި ކަނޑު ވަނީ އުތުރުން އޭޝިއާބައްރުން ފެށިގެން ހުޅަނގުން އެފްރިކާއާ ހަމައަށާއި، އިރުމަތީން އޮސްޓްރޭލިއާއާ ހަމައަށާއި، ދެކުނުން ސަދަން އޯޝަން ނުވަތަ އެންޓާޓިކާއާ ހަމައަށް ދެމިގެން ގޮސްފައެވެ. މި ބޮޑު ކަނޑުގެ އިމުގެ ތެރޭގައި ސަރަޙައްދީ ބައެއް އެހެން ކަނޑުތަކެއް ހިމެނެއެވެ. އެއީ ޢަރަބި ކަނޑާއި، ލަކްޝަދުވީޕް ކަނޑާއި، ސޯމާލިއާ ކަނޑާއި، ބޭ އޮފް ބެންގޯލް އާއި، އަންޑަމަން ކަނޑެވެ.

އިންޑިއާކަނޑޭ ކިޔާ ކަނޑުގެ ބައެއްގެ ގޮތުގައި ބެލެވޭ ޢަރަބިކަނޑު ނުވަތަ "ބަޙުރުލް ޢަރަބް" ގެ ސަރަޙައްދު އެކުލެވިގެންވަނީ، އެކަނޑުގެ އުތުރުން ޕާކިސްތާނާއި އީރާނާއި ގަލްފް އޮފް އޮމާން ނުވަތަ "ޚަލީޖް ޢުމާން" އާ ހަމައަށް ވަށައިލެވިފައެވެ. ހުޅަގުން ގަލްފް އޮފް އަދަން ނުވަތަ "ޚަލީޖް ޢަދަން" އާއި، "ހޯރން އޮފް އެފްރިކާ" ގެ ކޮޅާއި، އެރެބިއަން ޕެނިންސޫލާއާ ހަމައަށެވެ. ދެކުނުއިރުމަތިން ލެކެޑިވްސީ ނުވަތަ ލަކްޝަދުވީޕް ކަނޑާ ހަމައަށެވެ. ދެކުނުހުޅަނގުން ސޯމާލިއާކަނޑާ ހަމައަށެވެ. އިރުމަތީން އިންޑިއާއާ ހަމައަށެވެ. ޢަރަބިކަނޑު ރެޑްސީ އާ ގުޅެނީ ގަލްފް އޮފް އަދަނުގެ ހުޅަނގުން ބާބުލް މަންދިބު ތެރެއިންނެވެ. ޕާޝިއަން ގަލްފުއާ ގުޅެނީ އުތުރު ހުޅަނގުން ގަލްފް އޮފް އޮމާން އާ ހަމައިންނެވެ.

ލެކެޑިވްސީ ނުވަތަ ލަކްޝަދުވީޕް ކަނޑު ވަނީ އިންޑިއާގެ ސަރަޙައްދާ އިންވެފައެވެ. ލެކެޑިވްސީ ޤާއިމުވެފައި ވަނީ ކަރުނާޓަކާގެ ހުޅަނގުދެކުނުން ފެށިގެން ކެރައްލާގެ ހުޅަނގުން އައިސް ޓެމިލްނާޑޫގެ ދެކުނަށް ދެމިގެންވާ ގޮތަށެވެ. އިންޑިއާގެ ދަށުގައިވާ ލެކެޑިވް ޖަޒީރާތައް ހިމެނޭގޮތުން އެކަނޑުގެ ތެރޭގައިވާ އެހެން ގައުމުތަކަކީ ދިވެހިރާއްޖެއާއި ޝްރީލަންކާއެވެ.

ލަކްޝަދުވީޕް ކަނޑަށް އެނަން ދެވިފައިވަނީ އެކަނޑުގައި ހިމެނޭ މިހާރުގެ ލެކެޑިވް ޖަޒީރާތަކާއި ދިވެހިރާއްޖެއާއި ޗާގޮސް ގެ ރަށްތަކަކީ އެއް އާކިޕެލެގޯއެއްގެ ގޮތުގައި ކުރީޒަމާނުގެ ދަތުރުވެރިން ބަލައި އެރަށްތައް އެއްކޮށްލައިގެން "ލަކްޝަދުވީޕް" ނުވަތަ އެއްލައްކަ ޖަޒީރާ އޭ ކިޔަމުން އައިސްފައިވާތީ އެވެ. އެންމެކުރީ ޒަމާނުގައި މި ޖަޒީރާ ތަކާއި އިންޑިއާ ކަނޑުގެ އެހެން ޖަޒީރާތަކުގެ ތެރެއިން މީހުން ދިރިއުޅުނީ ހަމަ އެކަނި ދިވެހިރާއްޖޭގައެވެ. ވީމާ ފަހުން މިޖަޒީރާތަކުގެ އުތުރު ބަޔަށް ލަކްޝަދުވީޕްއޭ ކިޔަސް އަދި ތާރީޚުގައި ދިވެހިރާއްޖެއަށް ނިސްބަތްކޮށް ތަފާތު އެހެން ނަންނަން ކިޔަސް، ޙަޤީޤަތުގައި "ލަކްޝަދުވީޕް" މިނަން ނިސްބަތްވަނީ ދިވެހިރާއްޖެއަށް ކަމަށް ވެސް ބެލެވިދާނެއެވެ. ސަބަބަކީ މިޖަޒީރާތަކުގެ ތެރެއިން ފުރަތަމައަށް އާބާދުވެ މީހުން ދިރިއުޅުނީ ހަމައެކަނި ދިވެހިރާއްޖޭގައި ކަމަށްވެފައި، މި ޖަޒީރާތަކާއި އިންޑިއަން އޯޝަނުގެ އެހެނިހެން ޖަޒީރާތަކަށް ވެސް ދަތުރުކޮށް، އެ ރަށްތަކުން އިޤްތިޞާދީ މަންފާ ހޯދަމުންއައި ބަޔަކީ ކުރީޒަމާނުގައި ހަމައެކަނި ދިވެހީން ކަމަށްވާތީއެވެ. ހަމައެފަދައިން އިންޑިއަން އޯޝަންގައި އޮތް އެންމެ ޤަދީމީ، ވަކި އެއްގައުމެއްގެ ގޮތުގައި މެދުކެނޑުމެއްނެތި، އެއް ޙަޟާރަތެއް ދެމިގެން އައިސްފައިވާ، ހަމައެކަނި ގައުމަކީ ވެސް ދިވެހިރާއްޖެއެވެ. އެހެންކަމުން ލަކްޝަދުވީޕް ކަނޑަށް ނުވަތަ "އިންޑިއަން އޯޝަން" އޭ މިޒަމާނުގައި މިކިޔާ މުޅި ކަނޑަށް ދިވެހިކަނޑޭ ވެސް ކިއިދާނެއެވެ.

މިހާރުގެ އިންޑިއަން އޯޝަންގެ ޤަދީމީ ނަން

ޤަދީމީ ޒަމާނުގައި ގުރީކްމީހުން އެމީހުންގެ ޖިއޮގްރަފީ ފޮތްތަކުގައި މިހާރުގެ އިންޑިއާކަނޑަށް ކިޔާފައިވާ ނަމަކީ "އެރިތުރިއަން ސީ" އެވެ. އެގޮތުން އެންމެ ކުރީޒަމާނުގައި މުޅި އިންޑިއާ ކަނޑަށް ވެސް ކިޔާފައިވަނީ މިގޮތަށެވެ. ނަމަވެސް ތަންކޮޅެއް ފަހުން އެރިތުރިއާކަނޑޭ ކިޔައިއުޅުނީ އިންޑިއާކަނޑުގެ ވަކި ހިސާބަކަށާއި ރެޑްސީ އޮތް ސަރަހައްދަށެވެ. މިގޮތުން 18 ވަނަ ގަރުނާއި 19 ވަނަ ގަރުނު ތެރޭގައި ވެސް މިކަނޑަށް އެރިތުރިޔާކަނޑޭ ކިޔައި އުޅުނެވެ. އެފްރިކާގައި މިހާރުގެ އޮންނަ "އެރިތުރިއާ" ކިޔާ ޤައުމުގެ ނަން އުފެދިފައިވަނީ މި ކަނޑުގެ ނަމުންނެވެ. މިގޮތުގައި ޒަމާންތަކެއް ވަންދެން އޮތުމަށްފަހު މިކަނޑަށް "އީސްޓަރން އޯޝަން" ނުވަތަ އިރުމަތީ ކަނޑޭ ކިޔަން ފެށުނެވެ.

މިޒަމާނުގެ އިންޑިއާއޭ ކިޔާ ގައުމު އޮތް ބައްރުގެ މީހުން އެމީހުންގެ ޤަދީމީ ލިއުންތަކުގައި މިކަނޑަށް ނިސްބަތްކޮށް ބޭނުންކޮށްފައިވާ ނަމަކީ "ރަތުނަކާރަ" އެވެ. މާނައަކީ ޖަވާހިރުނަގާ ވަޅެވެ. މިއީ އެބައިމީހުން ކަނޑު ސިފަކުރުމަށް ބޭނުންކުރި ގޮތެވެ.

މިހާރުގެ ނަމަށް ބަދަލުވުން

ނަމަވެސް ހުޅަނގުގެ މީހުންގެ ކަނޑުދަތުރުތައް މިސަރަހައްދަށް އިތުރުވެ، އެމީހުންގެ މެދުގައި މި ކަނޑަށް ނިސްބަތްކުރެވޭ ނަމަކީ ލެޓިން ބަހުން "އޯޗޭނަސް އޮރިއެންޓާލިސް އިންޑިކުސް" ކަމުގައިވިއެވެ. އޭގެ މާނައަކީ އިންޑިއަން އީސްޓަރން އޯޝަން އެވެ. އީސްޓަރން އޯޝަނޭ ކިޔަމުން އައިސް، ޔޫރަޕްގެ ދަތުރުވެރިންގެ ނުފޫޒު ވަދެ، އިންޑިއަން އީސްޓަރން އޯޝަނޭ ކިޔަންފެށުނީ މީލާދީން ގާތްގަނޑަކަށް 1515 ވަނަ އަހަރު ހިސާބުގައެވެ. އެއީ އެދުވަސްވަރުގެ މަޝްހޫރު ސަރަހައްދެއް ކަމުގައިވާ މިހާރުގެ ޕާކިސްތާނުގައި އޮތް އިންޑަސް ކޯރުގެ ސަރަހައްދާއި ގުޅުވައިގެން ވަނަމެއްގެ ގޮތުން އެނަން ބޭނުންކުރަން ފެށުނު ހިސާބެވެ. މިގޮތަށް މިނަން 18 ވަނަ ގަރުނުގެމެދާ ހަމައަށް ވެސް ބޭނުންކުރެވެމުން އައެވެ. ފަނަރަވަނަ ޤަރުނުގެ ތެރޭގައި ޗައިނާގެ ދަތުރުވެރިންވެސް ހަމައެކަނި ވާހަކަ ދެއްކުމުގައި ބޭނުންކުރާ ވަނަމެއްގެ ގޮތުން އިންޑިއާ ކަނޑޭ ކިޔައި އުޅުނެވެ. އަދި މިދުވަސްވަރު މިހާރުގެ އިންޑިއާ ހިމެނޭ ސަރަހައްދުގެ އެކިއެކި ބަސްތަކުގައި ހިންދު މަހާސާގަރު (އިންޑިކް އޯޝަން) އޭ ކިޔައި އުޅުނެވެ. މިގޮތަށް ވަނަމެއްގެ ގޮތުގައި ބޭނުންކުރަމުން އައިސް އިނގިރޭސިބަހުން އިންޑިއަން އޯޝަނޭ ކިއުން އާއްމުވެ ރަސްމީ ނަމަކަށް ހަމަޖެހުނީއެވެ.

އިންޑިއާ، ހިންދު، ހިންދުސްތާނު، ހިންދީ، ހިންދޫ، ހިންދުއިޒަމް، މިނަންތަކުގެ އަސްލު

ބައެއްމީހުން ހީކުރާގޮތުގައި މިނަންތައް އުފެދިފައިވާ އަސްލަކީ ސާންސްކްރިތު ބަހުގެ "އިންދޫ" މި ލަފުޒެވެ. މާނަ އަކީ "ސޯމަ" (ހަނދު) ގެ އެތިކޮޅެކެވެ. އެކަމަކު މިއީ ނުބައިކޮށް ހީކުރާ ހީކުރުމެއް ކަމަށް ބެލެވެއެވެ. ޙަޤީޤަތުގައި މިލަފުޒުތަކުގެ އަސްލު އައިސްފައިވަނީ ސާންސްކްރިތު ބަހުގެ "ސިންދު" މި ލަފުޒުންނެވެ. ސިންދު އަކީ ސާންސްކްރިތު ބަހުން އިންޑަސްކޯރާއި އެކޯރު ކައިރީގައިވާ ސަރަހައްދު ނުވަތަ މިހާރުގެ ޕާކިސްތާނުގެ ސިންދު ޕްރޮވިންސަށް ކިޔާ ނަމެވެ.

"ސިންދު" އަށް މުސްކުޅި ފާރިސީބަހުގައި ބޭނުންކުރި ބަހަކީ "ހިންދޫ" އެވެ. އެހެންކަމުން ހިންދު މިބަސް އުފެދިގެން އައީ ފާރިސީބަހުގެ ތެރެއިންނެވެ. ފާރިސީންގެ ރަސްކަލެއް ކަމުގައިވާ ދާރިއަސް-1، ޢީސާގެފާނުގެ 516 އަހަރު ކުރީގައި ސިންދު ސަރަހައްދު ހިފިއެވެ. އެދުވަސްވަރު  އިންޑަސް ކޯރުގެ ދެކުނުގައިވާ ސަރަހައްދަށް ފާރިސީ ބަހުން "ސިންދު" އަށް ކިޔާ ގޮތަށް "ހިންދު" އޭ ކިޔަން ފެށިއެވެ. ފަހުން އެއްވަނަ ގަރުނުގައި "ހިންދު" ގެ ފަހަތަށް ستان އެއްކުރެވި ފާރިސީ ބަހުން އެ ސަރަހައްދުގެ ނަމަކަށް ހިންދުސްތާނުއޭ ކިޔަން ފެށީއެވެ. "ސްތާނު" އަކީ ސަރަހައްދު ނުވަތަ ރަށަށް އިޝާރާތްކުރުމަށް ލަފުޒުތަކުގެ ފަހަތަށް ލެވޭ "އިތުރު" އެކެވެ.

ފާރިސީބަހުން ބޭނުންކުރަމުން އައި "ހިންދު" މިލަފުޒު ފަހުން ގްރީކްބަހުގެ "އިންޑޮސް" އަށް ބަދަލުވެ، "އިންޑަސް ރިވާރ" ގެ ނަން އެގޮތަށް ބަދަލުވީ ކަމަށް ބެލެވެއެވެ. ގްރީކްގެ ލިއުންތެރިއެއް ކަމުގައިވާ ހޮރޮޑޯޓަސް، އިންޑަސްކޯރުގެ ދެކުނު ސަރަހައްދުން ފެށިގެން ފާރިސްކަރައިގެ އިރުމަތީގައި އުޅެމުން އައި އެންމެނަށް އާއްމުކޮށް ނިސްބަތްކޮށްފައި ވަނީ އިންޑިއަނުންގެ ގޮތުގައެވެ. އެއީ އޭނާއަށް މިސަރަހައްދުގެ ޖިއޮގްރޮފީ ރަނގަޅަށް ފިލާފައި ނުވާތީ އެވެ. އެލެގްޒެންޑަރ ދަ ގްރެއިޓް މި ސަރަހައްދަށް އައި ދުވަސްވަރު އިންޑަސް އަށް ވުރެ މާދުރު ހިސާބުތަކަށް ވެސް ވަނީ އިންޑަސްއޭ ކިޔަން ފަށާފައެވެ.

ލެޓިން ބަހުގައި "އިންޑިއާ" މިލަފުޒު ބޭނުންކުރަން ފެށީ ދެވަނަ ގަރުނުގައެވެ. ލެޓިން ބަހުން ގެނެވި މުސްކުޅި އިނގިރޭސީބަހުގައި 9 ވަނަ ގަރުނުން ފެށިގެން މި ނަން ކޮންމެވެސް ވަރަކަށް ބޭނުންކުރެވުމަށް ފަހު އަލުން ޒަމާނީ އިނގިރޭސީގައި ފާޅުކަން ބޮޑުގޮތެއްގައި މިނަން ބޭނުންކުރަން ފެށިފައިވަނި 17 ވަނަ ގަރުނުގައެވެ. އިނގިރޭސި ބަހަށް މިނަން އައީ ގުރީކްބަހުގެ "އިންޑިކާ" އިން، ލެޓިންބަހުގެ "އިންޑިއާ" އަށް ބަދަލުވެގެންނެވެ.

އަސްލުގައި "ހިންދީ" އޭ ކިޔާ ބަހެއް ކުރީޒަމާނަކު ނޯވެއެވެ. އެއީ އުތުރު އިންޑިއާގައި ވާހަކަ ދައްކަމުން އައި އިންޑޯ އާރިޔަން ބަހަށް މާފަހުން "ހިންދުސްތާނީ" އޭ ކިއަމުން އައިސް، ތަންކޮޅެއްފަހުން ބަދަލުވެ، ކުރުކުރެވިފައިވާ ނަމެކެވެ.

ހަމައެފަދައިން "ހިންދޫ" ނުވަތަ "ހިންދުއިޒަމް" އޭ ކިޔާ ދީނެއް ވެސް ނޯވެއެވެ. އަސްލު އިންޑަސް ކޯރުގެ ކައިރީގައިވާ ސަރަހައްދުތަކުގެ މީހުންނާ ދިމާއަށް، އެތަންތަން ފަތަހަކުރި ބޭރުގެ އިންވޭޑަރުން، "ހިންދޫން" އޭ ކިޔާފައިވަނީ އެމީހުންނަށް މުޚާޠަބުކުރެވޭ ދެރަބަހެއް ނުވަތަ ވަނަމެއްގެ ގޮތުގައެވެ. އެގޮތުން އެސަރަހައްދުތަކުގައި އުޅުނު ހުރިހާ ދީންތަކުގެ އަހުލުވރީންނަށް ވެސް ނިސްބަތްކުރީ ހިންދޫންއޭ ކިޔައިގެންނެވެ.

"ހިންދުއިޒަމް" ދީނެއްގެ ގޮތުގައި ބޭނުންކުރަން ފެށިފައިވަނީ 18 ވަނަ ގަރުނުގައި އިނގިރޭސިން ހެދި "އެންގްލޯ-ހިންދޫ" ޤާނޫނުގައި ސްމަރޓިޒަމް ގެ އަހުލުވެރިންގެ ދީނުގެ ނަމެއްގެ ގޮތުން އެނަން ބޭނުން ކުރީމައެވެ. އެގޮތުން ހިންދުއިޒަމް ދީނެއްގެ ގޮތުގައި ބޭނުންކުރި ސަބަބެއް ކަމުގައި ބެލެވެނީ، މިހާރުގެ ހިންދުއިޒަމްގެ ގޮފިތަކެއް ކަމަށް ބެލެވޭ ތަފާތު އެކިއެކި ސަގާފީ ދީންތައް، ވަކި ދީންތަކެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކޮށް، ބޮޑު އެއްދީނެއްގެ ދަށަށް ގެނެސް އެއީ "ހިންދުއިޒަމް" ކަމުގައި ހަމަޖެއްސުމެވެ. މިހާރުގެ ހިންދީ ދީނުގައި ހިމެނޭ މައިގަނޑު ގޮފިތަކަކީ "ވައިޝްނަވިޒަމް" އާއި "ޝައިވިޒަމް" އާއި "ޝަކްތިޒަމް" އާއި "ސްމާރޓިޒަމް" އެވެ. ހަޤީޤަގަތުގައި މި ބައިތަކަކީ "ވެއްދާސް" ތަކުގެ މައްޗަށް ބިނާވެފައިވާ ދީންތަކެވެ. އެހެންނަމަވެސް 19 ވަނަ ގަރުނުން ފެށިގެން މިހާރުގެ ހިންދީ ދީނުގެ މައިގަނޑު ޖަމާޢަތް ކަމުގައިވާ ސްމަރޓާސް އެބައިމީހުންގެ ދީނުގެ ނަމެއް ކަމުގައި ބޭނުންކުރަނީ "ސަނާޓަނަ ދަރުމަ" އެވެ. އަދި ހަމައެފަދައިން ހިންދީދީނުގެ ގިނަ އަހުލުވެރީން ވެސް އެބައިމީހުންގެ ދީނުގެ ނަމަކަށް ކިޔައިއުޅެނީ "ސަނާޓަނަ ދަރުމަ" އެވެ.

އިންޑިއާ ނުވަތަ ހިންދުސްތާނު ކިޔާ ބޮޑު ގައުމެއް އުފެދުން

ދެކުނު އޭޝިއާގެ ބޮޑު ސަރަހައްދަކަށް އިންޑިއާ ނުވަތަ ހިންދުސްތާނު ނުވަތަ ފަހުން "އަލްހިންދު" ކިޔަން ފެށުނީ މާފަހުން މި ސަރަހައްދުގެ ބިންތައް ބޭރުގެ ފަރާތްތަކުން ފަތަހަކޮށް އެފަރާތްތަކުގެ ދަށަށް ގެންދިއުމުންނެވެ. އޭގެކުރީގައި އެސަރަހައްދުގައި ހިމެނެނީ އަމިއްލައަށް ވެރިކަން ކުރަމުންދިޔަ އެތައްހާސް ކުދި ރަސްކަން ތަކެކެވެ. މި ކުދި ކިންގްޑަމްތަކުގެ އަހުލުވެރީންނަކީ ތާރީޚުގެ އެއްވެސް ދުވަސްވަރެއްގައި، މިހާރު މި އޮތްގޮތަށް އެއް ގައުމަކަށް ތިބި ބައެއް ނޫނެވެ. ހުޅަނގުގެ މީހުން އެ ސަރަހައްދަށް އިންޑިއާ އޭ ކިޔުމާއި، ފާރިސީން "ހިންދުޝް" ކިޔާފައި ވުމަކީ ކޮންމެހެން އެތާނގައި ކުރީން އިންޑިއާއޭ ކިޔާ ވަކި ގައުމެއް އޮތުމެއް ނޫނެވެ.

ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ގައުމެއްގެ ގޮތުގައި އިންޑިއާ ފެންނާންފެށީ 11 ވަނަ ގަރުނުގައި މުސްލިމުން އިންޑިޔާގެ ތަންތަން ފަތަހަކުރި ދުވަސްވަރު ދިއްލީ ސަލްޓަނޭޓް އާއި މުޣަލުންގެ ރަސްރަސްކަލުން އެބައިމީހުންގެ ވެރިކަމުގެ ދަށުގައި ދިއްލީގެ ވަށައިގެންވާ ސަރަހައްދުތަކަށް ވަކި ގައުމެއްގެ ގޮތުގައި "ހިންދުސްތާނު" އޭ ކިޔަން ފެށުމުންނެވެ. ދިއްލީ ސަލްޓަނޭޓަށް ފަހު މުޣަލް ރަސްރަސްކަލުން ވެސް އެމީހުންގެ ދަށުގައި އޮތް ސަރަހައްދަށް ބޭނުންކުރި ނަމަކީ "ހިންދުސްތާނު" އެވެ. އޭރު ހިންދުސްތާނޭ ކިޔާފައިވާ ސަރަހައްދަކީ އުތުރު އިންޑިޔާގެ އިންޑަސް ކޯރުގެ ކައިރީގެ ހިމާލަޔާ ފަރުބަދަތަކުން ފެށިގެން ދެކުނުން ވިންދުޔާ ފަރުބަދަތަކުގެ ދެމެދުގައިވާ ސަރަހައްދެވެ. ވިންދުޔާ ފަރުބަދަ ތަކުގެ ދެކުނުގެ ސަރަހައްދަށް ކިޔަމުން އައީ "ޑެއްކަން" އެވެ. އެހެން ކަމުން މުޣަލް ރަސްރަސްކަލުންގެ ޒަމާނުގައި އެބައިމީހުން ތަންތަން ހިފައި ސަރަހައްދު ފުޅާކުރަމުން ދިޔަވަރަކަށް ހިންދުސްތާނޭ ކިޔާ ސަރަހައްދުވެސް ދިޔައީ ފުޅާވަމުންނެވެ.

ބްރިޓިޝް އިންޑިއާ އިން މިނިވަން އިންޑިއާއަށް

އިނގިރޭސީން، މިހާރުގެ އިންޑިއާ އޮތް ސަރަހައްދު ކޮލޮނައިޒު ކުރުމުގެ ކުރީގައި، އެ ސަރަޙައްދަށް ކިޔަމުންއައި ނަމަކީ އިންޑިއާ ކަމުގައި ވިޔަސް، އިނގިރޭސީން އިންޑިއާގައި ވެރިކަން ކުރިއިރު ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީ އިން ކޮންޓްރޯލް ކުރި އަދި ފަހުން އިނގިރޭސި ތާޖުން ކޮންޓްރޯލްކުރި ސަރަހައްދުތަކަށް އެބައިމީހުން އާއްމުކޮށް ބޭނުންކުރި ނަމަކީ "ބްރިޓިޝް އިންޑިއާ" އެވެ.

އިނގިރޭސީން އިންޑިޔާގައި ވެރިކަންކުރަން ފެށީ އިންގްލިޝް އީސްޓް އިންޑިއާ ކޮމްޕެނީ ފަހުން ބްރިޓިޝް އިންޑިއާ ކޮމްޕެނީ، އިންޑިއާއާއެކު ވިޔަފާރި ކުރުމަށްޓަކައި 1600 އިގެ އަހަރުތަކުގެ ތެރޭގައި އުފެއްދުމަށްފަހު، އެ ކޮމްޕެނީއިން އިންޑިއާގެ މައްޗަށް 1757 ގައި ވެރިކަން ކުރަން ފެށި ހިސާބުންނެވެ. އެވެރިކަން 1858 ގައި އިނގިރޭސި ތާޖުގެ ދަށަށް ބަދަލުވާންދެން އޮތެވެ. އިނގިރޭސި ތާޖުގެ ދަށަށް ގެނެވުނީ 1857 ގައި ހިނގަންފެށި ހަޅުތާލުތަކަށް ފަހު، ވެރިކަމުގެ ނިޒާމު އަލުން އިންތިޒާމުކުރުމުގެ ގޮތުންނެވެ.  އެހެންކަމުން އީސްޓް އިންޑިއާ ކުންފުނީގެ ވެރިކަން އިނގިރޭސި ތާޖުގެ ދަށަށް ބަދަލުކުރެވި އޭރު ރަސްކަމުގައި ހުންނެވި ކުއީން ވިކްޓޯރިއާގެ ދަށަށް ގެނެވުނީ އެވެ.

އިނގިރޭސި ތާޖުގެ ދަށުންއިންޑިއާގައި ވެރިކަންކުރީ 28 ޖޫން 1858 އިން 1947 އަށެވެ. 1947 ގައި މި ވެރިކަން ނިމި އެމީހުން ކޮންޓްރޯލްކުރި ސަރަހައްދުތައް ދެބަޔަކަށް ބަހާލެވި ޕާކިސްތާނު އަކާއި އިންޑިޔާއެއް އުފެދުނީ އެވެ. ފަހުން ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ހިމެނުނު އީސްޓް ބެންގޯލް ބަގްލަދޭޝްއަކަށް ބަދަލުވީއެވެ. ބްރިޓިޝްރާޖު ފުރަތަމަ ފެށުނުއިރުވެސް ބަރުމާގެ ދެކުނު ސަރަހައްދުތައް ވަނީ ބްރިޓިޝް އިންޑިއާގެ ބައެއްގެ ގޮތުގައެވެ. ފަހުން 1886 ގައި ބަރުމާގެ އުތުރު ބައި ވެސް ބްރިޓިޝް އިންޑިއާގެ ބައެއްގެ ގޮތުގައި އިތުރު ކުރެވުނެވެ. ބަރުމާ އިނގިރޭސީންގެ އަތްދަށުން މުޅީން މިނިވަންވީ 4 ޖަނަވަރީ 1948 ގައެވެ.

އިނގިރޭސީން އިންޑިއާގައި ބްރިޓިޝްރާޖު ހިންގިއިރު އެވެރިކަމުގެ ދަށުގައި މިހާރުގެ އިންޑިއާ އާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއް އޮތެވެ. އެކަމަކު ގޯއާ އާއި ޕޮންޑިޗެރީ ފަދަ ކުދިކުދި ބައެއް ތަންތަން އެހެން ބައެއް ޔޫރަޕުގެ ގައުމުތަކުގެ ދަށުގައި އޮތެވެ. އެހެންނަމަވެސް އެވެރިކަމުގެ ދަށުގައި ހުރި ޕްރިންސްލީ ސްޓޭޓްތައް (ނޭޓިވް ސްޓޭޓްތައް) ކަމަށް ބެލެވިފައިވާ ސްޓޭޓްތަކަކީ އެބައިމީހުން އަމިއްލައަށް ވެރިކަން ހިންގުމުގެ ހުރިހާ އިޚްތިޔާރަކާއި މިނިވަންކަމެއް ލިބިގެންވާ ތަންތަނެވެ.

މިހާރު މިއޮތް ގޮތަށް އިންޑިއާ ކިޔާދައުލަތެއް އުފެދުނީ އިނގިރޭސީންގެ ދަށުގައި އޮތުމަށްފަހު، މިނިވަންކަން ލިބި ޕާކިސތާނު ކިޔާ ދައުލަތެއް 14 އޮގަސްޓް 1947 ގައި އުފެދި، އަދި އިންޑިޔާ ކިޔާ ދައުލަތެއް 15 އޮގަސްޓް 1947 ގައި އުފެދުމުންނެވެ.

ނިންމުން

ބަޔާންކުރެވުނު ސަބަބުތަކަށް ވިސްނާލުމުން އިންޑިއާ ކަނޑަކީ، އެކަނޑަށް އެނަންކިޔަސް، މިޒަމާނުގެ އިންޑިއާއޭ ކިޔާ ގައުމާ އެއްވެސް ގުޅުމެއްް އޮތް ކަނޑެއް ނޫންކަން އެނގެއެވެ. އެކަނޑަށް މިހާރު ކިޔާ ނަމާ ވަކި ގައުމަކާ ގުޅުމެއްވާނަމަ އެގުޅުޅުމެއްވާ ގައުމަކީ ޕާކިސްތާނެވެ. ސަބަބަކީ އެ ނަން ނިސްބަތްވަނީ މިހާރުގެ ޕާކިސްތާނުގެ ސަރަހައްދުގައިވާ ސިންދު ނުވަތަ އިންޑަސް ކޯރާއި އެކޯރުގެ އައްސޭރީގައި ވާ ވާދީތައް ނުވަތަ މިހާރުގެ ސިންދު ޕްރޮވިންސް ކަމަށް ވާތީއެވެ.

އެކަމަކު ޙަޤީޤަތުގައި ބަޔަކު ރަނގަޅަށް ވިސްނައިފިނަމަ އިންޑިއާކަނޑޭ ކިޔާ ކަނޑަށް ކިޔަން އެންމެ އެކަށީގެންވާ ނަމަކީ ދިވެހިކަނޑެވެ. ސަބަބީ މި ކަނޑުގައި ޒަމާނުއްސުރެ ބަދަލެއް ނައިސް އެއްގައުމެއްގެ ގޮތުގައި އޮތް ޤަދީމީ ގައުމަކީ ދިވެހިރާއްޖެ ކަމަށް  ވުމުގެ އިތުރުން މިކަނޑުގައި ދަތުރުފަތުރުކޮށް، މިކަނޑުގެ މަންފާ ޙާޞިލުކުރަމުން އައިސްފައިވާ އެންމެ ޤަދީމީ ގައުމަކީ ދިވެހިރާއްޖެއަށް ވުމެވެ. އަދި މިކަނޑުގައި ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ކިޔަމުން އައި ނަން "ލަކްޝަދުވީޕް ކަނޑު" އަކީ ވެސް ކުރީޒަމާނުގައި އެނަމުގެ ތެރޭގައި ދިވެހިރާއްޖެ ހިމަނައިގެން ކިއިފައި އޮތް ނަމެއްކަމަށް ބެލެވޭތީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.