ބޮޑު ވެއްޓުން - 1

މައުލޫމާތުގެ މަސްދަރު: ނުޢުމާން ޢަލީ ޚާން، ބައްޔިނާ ޓީވީ

ބަޤަރާ ސޫރަތުގައި އާދަމް ޢަލައިހި ސަލާމްގެ ވާހަކަ ތަފުސީލުކޮށްދެއްވާފައިވަނީ މަލާއިކަތް ބޭކަލުންގެ ނަޒަރުންނެވެ. ﷲ އެކަލޭގެފާނުގެ ވާހަކަ ފައްޓަވަނީ ބަޤަރާ ސޫރަތުގެ 29 ވަނަ އާޔަތުންނެވެ. މިއާޔަތުގައި ބިމާއި އުޑުތައް ﷲ ހެއްދެވިކަން އަންގަވައެވެ. އަދި ބިމުގައި ލެއްވި ކޮންމެ އެއްޗެއް ލައްވާފައިވަނީ އިންސާނުންނަށްޓަކައިކަން ސާފުކޮށްދެއްވައެވެ. މިއިން ލިބޭ އެއް ފިލާވަޅަކީ ދުނިޔޭގައިވާ މުއްސަނދިކަން މުޅި އިންސާނީ ދަރިފަސްކޮޅަށްޓަކައި ދަމަހައްޓަންޖެހޭކަމެވެ. އޭރަކު ދުނިޔޭގައި ތިބި ބަޔަކު މިބޮޑު މަސްއޫލިއްޔަތު އުފުލަންޖެހޭކަމެވެ. އާޚިރުގައި އުޑުންވެސް ފައިދާކުރާނީ އިންސާނާއަށްކަން މިއާޔަތުން ދޭހަވެއެވެ. އެހެނީ އުޑުގައި ﷲ ސުވަރުގެ ލައްވާފައިވުމެވެ.

ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުގައި އާދަމްގެފާނު ޚަލްޤުކުރައްވާކަމާއި އެކަލޭގެފާނު ލައްވާނީ ބިމުގައިކަން ﷲ އިޢުލާންކުރައްވައެވެ. މިކަން ﷲ އިޢުލާންކުރައްވަނީ މަލާއިކަތުންނާ މުޚާޠަބުކުރައްވައި އުޑުގައެވެ. އާދަމްގެފާނު ހައްދަވަނީ ސުވަރުގޭގައި އުޅުއްވަންނޫންކަން މިއާޔަތުން އެނގެއެވެ. ﷲ ގެ ރޭއްވެވުމުގައިވަނީ އިންސާނާ މިދުނިޔޭގައި އުޅުމަށެވެ. އެހެންވެ އޭނާއަށްޓަކައި މިދުނިޔޭގައި ގިނަގުނަ ނިޢުމަތްތައް ލެއްވިއެވެ. ދުނިޔޭގައިވާ ހުރިހާ އެއްޗެއްވަނީ އޭނާގެ ޚިދުމަތުގައެވެ. އެހެންކަމުން އެކަލޭގެފާނު މިދުނިޔެއަށް ފޮނުއްވުން އަދަބެއްގެ ގޮތުގައި ބެލުމަކީ ބުއްދީގެ މަގުން ހަމަޖެހޭ ކަމެއްނޫނެވެ.

މިވާހަކައަށް ވިސްނާލަން ހިނގާށެވެ. އެއްދުވަހަކު ރަސްގެފާނު އޭނާގެ ހުރިހާ ވަޒީރުންނާއި ބައްދަލުކުރައްވައި އިއުލާނެއްކުރެއްވިއެވެ. މިބައްދަލުވުމަށް ދައުވަތުނުދެވުނީ ހަމައެކަނި ބީރުބޮލް ވަޒީރަށެވެ. ރަސްގެފާނުގެ އިޢުލާނުގައި ވިދާޅުވީ ބީރުބޮލް އެމަނިކުފާނުގެ ޚާއްޞަ މަންދޫބަކަށް ހަމަޖައްސަވާ ވާހަކައެވެ. މިކަން ބީރުބޮލްއަކަށް ނޭނގެއެވެ. ކޮންމެއަކަސް ޖެހިގެން އައި ދުވަހު ބީރުބޮލް އޮފީހަށް ވަޑައިގަތީ ގަޑިޖެހިގެންނެވެ. ގަޑިޖެހިގެން އޮފީހަށް ވަޑައިގަތުން ރަސްގެފާނު އޮންނަނީ މަނާކުރައްވާފައެވެ. މިދުވަހު ރަސްގެފާނު ބީރުބޮލްއާ ބައްދަލުކުރައްވައި ގަޑިޖެހުމަކީ ރަސްގެފާނު އެއްގޮތަކަށްވެސް ގަބޫލުނުކުރައްވާ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ބީރުބޮލް ވަޒީރުކަމުން ވަކިކުރައްވައި ރަސްގެފާނުގެ ޚާއްޞަ މަންދޫބަކަށް ހަމަޖެއްސެވިކަން އެންގެވިއެވެ. ރަސްގެފާނު މިކަންކުރެއްވީ ކޮންމެހެން ބީރުބޮލް ގަޑިޖެހިގެން އޮފީހަށް ވަޑައިގަތުމަކުންނޫނެވެ. އެކަމަކު އެކަން އެގޮތަށް ކުރައްވަން ރަސްގެފާނު މާކުރިން ނިންމަވާފައިވާތީއެވެ.

އާދަމްގެފާނު ޚަލްޤުކުރެއްވީ ސުވަރުގޭގައެވެ. އެސުވަރުގެ މިދުނިޔެއަށްވުރެ މާބޮޑުވާނެއެވެ. އެބަގީޗާގައި ހުރި ގަސްތައް މިދުނިޔޭގައި ހުރި ގަސްތަކަށްވުރެ މާގިނަވާނެއެވެ. އެތަނުން އެންމެ ގަހަކާއި ކައިރިވެވަޑައިނުގަތުމަށް ﷲ އާދަމްގެފާނަށް އަމުރުކުރެއްވިއެވެ. އަދި އެގަހުގެ މޭވާ ފަރިއްނުކުޅައްވަންވެސް އެކަލޭގެފާނަށް ﷲ އެންގެވިއެވެ. އެކަމަކު އިބުލީސް އެކަލޭގެފާނުއަރިހަށް އައިސް އެކަލޭގެފާނަށް ވަސްވާސްދިނެވެ. އޭނާ ބުނިގޮތުގައި އެކަލޭގެފާނުގެ ދެކަނަބަލުން އެގަހުން ފަރިއްކުޅުއްވައިފިނަމަ އެދެކަނބަލުން މަލާއިކަތުންނަށް ބަދަލުވެ އެދެކަނބަލުންގެ ދާއިމީ މަންޒިލަކަށް ސުވަރުގެވާނެއެވެ. އިބުލީހަށް ހެއްލިވަޑައިގެން މަނާކުރެއްވުނު ގަހުން އެދެކަނބަލުން ފަރިއްކުޅުވުމާއެކު ﷲ އެދެކަނބަލުން ސުވަރުގެއިން މިދުނިޔެއަށް ފޮނުއްވިއެވެ. މިދުނިޔެއަށް އާދަމްގެފާނު ފޮނުއްވުމާއި ގުޅުނީ އެކަލޭގެފާނުގެ ކުށާއެވެ. އެވަގުތު ކުށަށް އަގުދައްކަވަން ޖެހިވަޑައިގަތީ ސުވަރުގެ ދޫކުރައްވައިގެންނެވެ. އެކަމަކު ދުނިޔެއަށް ފޮނުއްވުމަކީ އެއްގޮތަކަށްވެސް ﷲ އެކަލޭގެފާނަށް ދެއްވި އަދަބެއްނޫނެވެ.

ކޮންމެކަމެއްވެސް ހިނގަނީ ތަޤުދީރުގައިވާގޮތަށެވެ. އެހެންވެ ޒަމާނުއްސުރެ ފަލްސަފާވެރިންގެ މެދުގައި ބަހުޘްކުރެވޭ ބޮޑު ސުވާލަކަށް މިސުވާލުވިއެވެ. ވާނެ ހުރިހާ ކަމެއް ﷲ ގެ ދެނެވޮޑިގަތުމުގައި ނުވަތަ ޢިލްމުފުޅުގައި ވާއިރު ތިމާގެ ކުށަކީ ކޮބައިހެއްޔެވެ؟ މިސުވާލުކުރަން އެންމެ އައުލާކަން ބޮޑު ބެއިކަލަކީ އެންމެ ފުރަތަމަ އިންސާނާ އާދަމް ޢަލައި ސަލާމްއެވެ. އެކަމަކު އެކަލޭގެފާނު މިސުވާލުނުކުރައްވައެވެ. އެކަލޭގެފާނު އިސްކުރެއްވީ ޒާތީ މަސްއޫލިއްޔަތެވެ. ސުވާލުކުރެއްވުމުގެ ބަދަލުގައި އާދަމްގެފާނު އެކަލޭގެފާނުގެ ކުށް ގަބޫލުކުރައްވައި ތައުބާވެވަޑައިގަތެވެ. ދެން ﷲ އެކަލޭގެފާނުގެ ތައުބާ ގަބޫލުކުރައްވައި އެކަލޭގެފާނަށް ޢަފޫކުރެއްވިއެވެ. ރަޙުމާންވަންތަ ﷲ ގެ ލޯބި އެހެން ހުރިހައި ކަމަކަށްވުރެ ބޮޑުކަން މިކަމުން އެނގެއެވެ.

މިވާހަކައަށް ފިކުރުކޮށްލަމާތޯއެވެ! އެއް ޒަމާނެއްގައި އުޅުއްވި ރަސްކަލެކެވެ. ރަސްގެފާނު އޭނާގެ ގަނޑުވަރު ފޮޅާ ސާފުކުރުމުގެ ވަޒީފާއަށް މީހަކު ހޯއްދެވިއެވެ. ގަނޑުވަރު ސާފުކުރުމާއި ރަސްގެފާނަށް ޚިދުމަތްކުރުމުގައި އޭނާގެ ރަނގަޅުކަން ބޮޑެވެ. އެހެންވެ ރަސްގެފާނު، ސާފުކުރާ މީހާ ސަރުދާރަކަށް ބަދަލުކުރެއްވިއެވެ. މިމަގާމުގައިވެސް އޭނާގެ އިޚުލާސްތެރިކަމާއި ތެދުވެރިކަންވީ ބޮޑެވެ. ނަތީޖާއަކަށްވި ރަސްގެފާނު، ސަރުދާރުގެ މަގާމު އަނެއް ފަހަރުވެސް މަތިކުރެއްވިއެވެ. ގަނޑުވަރުގައި ރަސްގެފާނުގެ ޚިދުމަތުގައި އޭނާ އުޅެމުންއަންނަތާ ވިހި އަހަރުވީއިރު އޭނާއަކީ ގަނޑުވަރުގެ މާބަނޑޭރިއެވެ. މިއީ އޭނާގެ އަމާނާތްތެރިކަމާއި ވަފާތެރިކަމުގެ އިނާމެވެ. އެއް ދުވަހު ގަނޑުވަރުގެ މަސައްކަތު މީހަކަށް އަލަށް ވެއްދި ރަސްގެފާނުގެ ޅިޔަނު ރަސްގެފާނުގެ އެންމެ އިސް މަންދޫބަށް ހަމަޖައްސަވަން ގަސްދުކުރައްވާ ވާހަކަ ރަސްގެފާނު މާބަނޑޭރިއަށް އެންގެވިއެވެ. މިކަމުގައި މާބަނޑޭރީގެ ޚިޔާލަކީ ކޮބައިތޯ އެއްސެވުމުން އެއަކަށް ވަކި ޖަވާބެއް އޭނާ ނާރުވައެވެ. ޖެހިގެން އައި ދުވަހު ރަސްގެފާނުގެ ޅިޔަނު ގެންނަވައި މާބަނޑޭރިއަށް އަމުރުކުރެއްވީ އޭނާއަށް ސައިފޮދު އެރުވުމަށެވެ. ގަނޑުވަރުގައި މަސައްކަތު މީހަކަށް އުޅުނު މީހާއަށް ސައިފޮދު އަރުވަން މާބަނޑޭރި އުޒުރުވެރިވިއެވެ. މިއީ އިބުލީހަށްވެސް ޖެހުނު ދަތުރެވެ. މާބަނޑޭރީގެ ކިބުރުވެރިކަމަށް ހަމްދަރުދީވުމަކީ އިބިލީހަށް ހަމްދަރުދީވުން ކަހަލަ ކަމެކެވެ.

އާދަމްގެފާނާއި އިބުލީހުގެ ކިބައިގައި އެއްގޮތް ކަންތައްތަކެއްވެއެވެ. ﷲ އާދަމްގެފާނު މާތްކުރެއްވިއެވެ. އެގޮތަށް ﷲ އިބުލީސްވެސް މާތްކުރެއްވިއެވެ. އިބުލީސް މަލާއިކަތުންގެ ސަފުގައި ލެއްވިފަދައިން އާދަމްގެފާނު ﷲ ގެ ޚަލީފާއެއް ކަމުގައި ލެއްވިއެވެ. އިބުލީހަށް ކުށް ކުރެވުނުފަދައިން އާދަމްގެފާނަށްވެސް ކުށް ކުރެއްވުނެވެ. އެކަމަކު އާދަމްގެފާނާއި އިބުލީހާދެމެދު ހުރި ތަފާތު މާބޮޑެވެ. އާދަމްގެފާނު ދުނިޔެއަށް ފައިބާ ވަޑައިގަންނަވަން ﷲ އަމުރުކުރެއްވުމުން އެކަމާ އެކަލޭގެފާނު ސުވާލެއްނުކުރައްވައެވެ. ﷲ ގެ ރޭއްވެވުމުގައި އޮތީ އެކަލޭގެފާނު ދުނިޔެއަށް ފޮނުއްވާށެވެ. އެކަލޭގެފާނުގެ ކުށަކީ ކޮބައިތޯ ﷲ އަށް ދެންނެވުމުގެ އިޚުތިޔާރު އާދަމްގެފާނަށް އޮތެވެ. އެކަމަކު އެކަލޭގެފާނު ނިންމެވީ ﷲ ގެ ޙިކުމަތަށް އިތުބާރުކޮށް އެކަލޭގެފާނުގެ ކުށް ގަބޫލުކުރައްވައި އަމިއްލަފުޅަށް ޒިއްމާ އުފުއްލަވާށެވެ. އެއާޚިލާފަށް އިބުލީސް އޭނާގެ ކުށް ގަބޫލުކުރަން އިންކާރުކުރިއެވެ. އަދި އޭނާ މަގުން ކައްސާލީ އާދަމްގެފާނާހެދި ކަމަށް ބުނެ އުޒުރުދައްކައި އާދަމްގެފާނު ކުށްވެރިކުރިއެވެ. އަހަރެމެން ހުރިހާ ގޯހެއް ހަދާފައި ހުރިހާ ކަމެއްވީ ﷲ ގެ އިރާދަފުޅުންކަމަށް ބުނެ ﷲ ކުށްވެރިކުރުމަކީ އިބުލީހުގެ ސުންނަތުގައި ހިފުމެވެ. އެއާޚިލާފަށް ތިމާއަށް ގޯސް ހެދުނީމަ އެކަން ހިނގީ ތިމާގެ ކުށުންކަމަށް ގަބޫލުކޮށް ތަޤުދީރާ މަތިނުކޮށް ﷲ އަށް ފުރިހަމައަށް ކިޔަމަންވުމަކީ އާދަމްގެފާނުގެ ސުންނަތުގައި ހިފުމެވެ.

އިންސާނާއަކީ ﷲ ގެ ޚަލީފާއެވެ. ޚަލީފާގެ އެއް މާނަޔަކީ ކަމަކާ ހަވާލުވާ މީހާ (ސަކްސެސަރ) އެވެ. މިސާލަކަށް ސިފައިންގެ ވެރިޔާ ރިޓަޔަރކުރެއްވުމުން އެމާގަމަށް ދެން އަންނަ މީހާއަކީ އެމަގާމާ ހަވާލުވާ މީހާއެވެ. އެހެންކަމުން އެކަކު މަރުވުމުން އަނެކާ ޚަލީފާކަމާއި ހަވާލުވާނެއެވެ. ޚަލީފާގެ ދެވަނަ މާނަޔަކީ ވަގުތީގޮތުން ނުވަތަ ކުރު މުއްދަތަކަށް ކަމަކާއި ހަވާލުވެ ހުންނަ މީހާއެވެ. މިގޮތަށް ހުންނަ މީހާއަށް އެވަގުތީ މުއްދަތުގައި ބޭނުންގޮތަކަށް އަމަލުކުރަން އިޚުތިޔާރުއޮވެއެވެ. ޚަލީފާގެ ތިންވަނަ މާނަޔަކީ ވެރިކަން ނުވަތަ ބަލަދުވެރިކަމެވެ. މާނަޔަކީ ކަނޑައެޅޭ ވަކި މަސްއޫލިއްޔަތަކާއި ހަވާލުވެގެން މީހުންނަށް މަގު ދައްކާ އެމީހުން ގޮވައިގެން ކުރިއަށްދާ މީހާއެވެ. ޚަލީފާގެ މާނަތަކަށް ބަލާއިރު އިންސާނާއަކީ އެއްވެސް އެއްޗެއް މިލްކުކުރާ މީހެއް ނޫނެވެ. އޭނާއާ ހަވާލުވުމުން އޭނާ އަނެކުންނާ ހަވާލުކުރުމަށްފަހު މިދުނިޔެ ދޫކުރެއެވެ. އިންސާނާގެ ހަށިގަނޑުގައިވާ ގުނަވަންތަކުގެ މިލްކުވެރިކަންވެސް އޭނާއަށް ނުލިބެއެވެ. މިކަމުގެ ދަލީލަކީ ޤިޔާމަތް ދުވަހު އިންސާނާއާ ދެކޮޅަށް އޭނާގެ ގުނަވަންތައް ހެކިދޭކަމެވެ.

ޢަޙްމަދު ފަޔާޟު ޙަސަން
ޢަޙްމަދު ފަޔާޒް ޙަސަނަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަޝްހޫރު ނަމެކެވެ. ދުވަހު ނޫސްތަކުގައި ލިޔުއްވުމުގެ އިތުރަށް މަޝްހޫރު "ހުކުރު' މަޖައްލާގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރުކަން ކުރައްވައި އެ މަޖައްލާއަށް ލިޔުއްވި ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި ހިންގުމާއި ވިޔަފާރިއާއި ތަޢުލީމީ ދާއިރާއިން ބޮޑެތި މީހުންނަށް ކިޔަވާދޭ އެދުރެކެވެ. އޭނާއަކީ ތަފާތު މައުޟޫއުތަކަށް ކޮލަމް ލިޔާ ލިޔުންތެރިއެއްވެސްމެއެވެ. މިހާރު ފަޔާޒަކީ އެވިޑް ކޮލެޖްގެ ވައިސް ރެކްޓަރއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.