އިސްރާއީލުން ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް 1300 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ބިނާކުރަނީ

ފަލަސްޠީނުގެ ބިންތަކުގެ މައްޗަށް ގަދަ ބާރުން އަތްގަދަކޮށްެގެން އުޅޭ ޔަހޫދީ ދައުލަތް، އިސްރާއީލުން ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން އާބާދުކުރުމަށް އަނެއްކާވެސް ޣައިރު ގާނޫނީ ހައުސިންގ ޔުނިޓްތަކެއް ބިނާކުރަން ތައްޔާރުވެއްޖެއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމަކީ ބައިނަލްއަގުވާމީ ގަރާރުތަކާ ޚިލާފު ޣައިރު ގާނޫނީ އަމަލެއް ކަމުގައި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އާއި، ގިނަ ގައުމުތަކުން ބުނަމުން ދާއިރުވެސް އިސްރާއީލުގެ ސަރުކާރުތަކުން ވަނީ އެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މިހާރުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓްގެ ސަރުކުރާން ދަނީ، މިކަމުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސަތު ދަމަހައްޓަމުންނެެވެ.

އިސްރާއީލުގެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންްޑް ހައުސިންގއިން އިއްޔެ ވަނީ ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީ އާއިލާތައް އާބާދުކުރުމަށްޓަކައި 1355 ހަައުސިންގ ޔުނިޓް ބިނާކުރުމަށް ބީލަން ހުޅުވާލާފައެވެ.

ހުޅަނގު އައްސޭރީގެ ތަފާތު ހިސާބުތަކަށް ބަހާލާފައިވާ މި ހައުސިންގ ޔުނިޓްތަކުގެ ތެރޭން 729 ޔުނިޓް ބިނާކުރާނީ ނާބްލުސްގެ ދެކުނުން އޮންނަ ޔަހޫދީ އާބާދީ އަރައީލްގައެެވެ. ރާމަﷲގެ އިރުމަތީގައި އޮންނަ ބައިތުއީލްގައި 346 ޔުނިޓް ބިނާކުރާއިރު، އެހެން ސަރަހައްދުތަކުގައި 200 އަށްވުރެ ގިނަ ޔުނިޓް ބިނާކުރުމަށްް ވަނީ ނިންމާފައެވެ.

މިއީ ފާއިތުވި އޮގަސްޓު މަހު ހުޅަނގު އައްސޭރީގައި ބިނާކުރަން އިއުލާންކުރި 2000 ހައުސިންގ ޔުނިޓްގެ ތެރެއަށް އިތުރުވާ އަދަދަކަށް ވާއިރު، މިއީ ނަފްތާލީ ބެނެޓްގެ ސަރުކާރުން ހުޅަނގު އައްސޭރީގައި ބިނާކުރަން ނިންމި ފުރަތަމަ ހައުސިންގ ޔުނިޓްތަކެވެ.

އިސްރާއީލުން އަނެއްކާވެސް އިތުރު ޔަހޫދީންް އާބާދުކުރަން ނިންމުމާ ގުޅިގެން ޖޯޑަން (އުރްދުން) ގެ ފޮރިން މިނިސްޓްރީން ވަނީ ހިފާފައިވާ ބިންތަކުގައި ޣައިރު ގާނޫނީ އާބާދީތައް ހެދުން ހުއްޓާލުމަށް ގޮވައިލާފައެވެ.

އެމެރިިކާގެ ސްޓޭޓް ޑިޕާޓްމަންޓް (ޚާރިޖީ ވުޒާރާ) ގެ ތަރުޖަމާނު ނެޑް ޕަރައިސްވެސް ވަނީ އިތުރު ހައުސިންގ ޔުނިޓްތައް ބިނާކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެެވެ. އޭނާ ވަނީ ދެ ފަރާތް މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، އެއްފަރާތުން އެކަނި ފިޔަވަޅުތައް ނޭޅުމަށް ގޮވައިލައްވާފައެވެ.

ފަލަސްޠީނު ރައީސު މަޙްމޫދު ޢައްބާސް ވަނީ މިކަން ހުއްޓުވުމުގައި އެމެރިކާގެ މަސްއޫލިއްޔަތު ބޮޑުކަން ފާހަގަކުރައްވައި، އެ މަސްއޫލިއްޔަތު އަދާކުރުމަށް އެމެރިކާއަށް ގޮވައިލައްވާފައެވެ.

އދ.ގެ ގަރާރުތަކުން ފަލަސްޠީނުގެ ދައުލަތުގެ ބައެއް ކަމުގައި ކަނޑައަޅާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން މިހާތަނަށް 4 ލައްކަ 75 ހާސް ޔަހޫދީން އާބާދުކޮށްފައި ވެއެވެ. މިއީ ބައިނަލް އަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.