ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިޚާބު ކޮށްފި

ޕާކިސްތާން މޯލްޑިވސް ފްރެންޑްޝިޕް އެސޯސިއޭޝަން (ޕީއެމްއެފްއޭ) ގެ އަހަރީ އާއްމު ބައްދަލުވުން އިއްޔެ ޕާކިސްތާން ހައިކޮމިޝަނުގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ވަނީ ޖަމްޢިއްޔާގެ އައު ދައުރުގެ މަގާމުތަކަށް މެންބަރުން ހޮވާފައެވެ. ޕީއެމްއެފްއޭ އަކީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމްއިއްޔާއެކެވެ. މަގުސަދަކީ ޕާކިސްތާނުގެ ރައްޔިތުންނާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމެވެ.

މިއަދުގެ ބައްދަލުވުމުގައި ޕާކިސްތާނު ހައި ކޮމިޝަނަރު އަޠްހަރް މުޚްތާރާއި ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިނި އަޙްމަދު ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ ބައްދަލުވުމުގައި މަގާމުތަކަށް ހޮވިވަޑައިގަތެ ބޭފުޅުން ތިރީގައި މިވަނީއެވެ.

ރައީސް: މަސްޢޫދު ޢިމާދު (ދިވެހިރާއްޖެ)

ނާއިބު ރައީސް: ޙަމްދޫން ރަޝީދު (ދިވެހިރާއްޖެ)

ނާއިބު ރައީސް: މުޙައްމަދު ޠާރިޤް (ޕާކިސްތާން)

ނާއިބު ރައީސް (އަންހެން): ޢައްމާރާ މުރްކް (ޕާކިސްތާން)

ޖެނެރަލް ސެކްރެޓަރީ: ސަހީފާ އަޙްމަދު (ދިވެހިރާއްޖެ)

ޚަޒާންދާރު: ޖަންނަތު އަޙްމަދު (ދިވެހިރާއްޖެ)

މީޑިއާ އެގްޒެކެޓިވް: ޒަކަރިއްޔާ ޙުސައިން (ދިވެހިރާއްޖެ)

އިވެންޓްސް އެގްޒެކެޓިވް: ޑޮކްޓަރ ޖިހާދު (ދިވެހިރާއްޖެ)

ޕްރޮޖެކްޓްސް އެގްޒެކެޓިވް: މުޙައްމަދު ޢުބައިދުﷲ ސަޢިދު (ޕާކިސްތާން)

އެޑިޝަނަލް ސެކްރެޓަރީ: ޑޮޚްޓަރ ފިއާޒް ޖީލާނީ (ޕާކިސްތާން)

މި ބައްދަލުވުމުގައި ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުން ބިނާވެފައި ވަނީ އެއް ދީނަކާއި އެއް ސަގާފަތަކާއި ތާރީޚީ ގުޅުންތަކެއްގެ މައްޗަށެވެ. މި އަހަރަކީ ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނުތާ 55 އަހަރު ފުރުނު އަހަރު ކަމުގައިވެސް ވިދާޅުވިއެވެ. އަދި އަލަށް ހޮވުނު ހިންގާ ކޮމިޓީއަށް ތަހުނިޔާ ވިދާޅުވެ ޖަމްޢިއްޔާގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތީން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާ ކުރުވަނިވި ގޮތަކަށް ޖަމްޢށިއްޔާ ހިންގުމުގެ ކަންތައް ކުރިއަށް ގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިނި އަޙްމަދު ވަނީ އަމިއްލަފުޅު މަސައްކަތުގައި އުޅުއްވަމުންވެސް ޖަމްޢިއްޔާގެ މަސައްކަތަށް ވަގުތު ހުސްކޮށް ދެއްވާތީ މެންބަރުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ދޖަމްޢިއްޔާގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހި ވެގެންދާނޭ ކަމަށް ޔަގީން ކުރައްވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ޖަމްޢިއްޔާގެ އައު ރައީސް މަސްޢޫދު ޢިމާދު މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ޖަމްޢިއްޔާގެ ހަރަކާތްތަކުގެ ތެރެއިން ދެ ގައުމުގެ ސަގާފަތާއި ތައުލީމީ އަދި ކުޅިވަރުގެ ހަރަކާތްތައް ކުރިއަރުވަން މަސައްކަތް ކުރައްވާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނާއި ދިވެހިރާއްޖޭގެ އެކުވެރި ގުޅުމަކީ ސިޔާސީ ގުޅުން ގާއިމު ކުރުމުގެ މާ ކުރީއްސުރެ އޮތް ޒަމާންވީ ގުޅުމެކެވެ. އޭނާ ވަނީ ޖަމްޢިއްޔާގެ ހަރަކާތްތަކަށާއި ހިންގުމަށް ޕާކިސްތާން ހައި ކޮމިޝަނުން ވެދެއްވާ އެހީތަކަށްޓަކައި ޝުކުރު އަދާ ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.