ސާފް ޗެމްޕިއަންޝިޕް 2021: ލަންކާއާ ކުޅެ ރާއްޖެ މޮޅު ވެއްޖެ

ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދިވެހިރާއްޖެއިން ސްރީލަންކާ 1 ލަނޑު 0 ލަނޑުން ބަލިކޮށްފިއެވެ.

މި މެޗަށް ނުކުތްއިރުވެސް ސްރީލަންކާއަކަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތެއް ނެތެވެ. ލަންކާ ވަނީ ކުޅުނު 3 މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗު އެއްވަރު ވުމުގެ ސަބަބުން 1 ޕޮއިންޓުގައެވެ. އެހެންވީމާ މޮޅު ވިޔަސް ލަންކާއަކަށް މި މުބާރާތުގައި ކުރާނޭ ފައިދާއެއް ނެތެވެ. މިޔާ ޚިލާފަށް ރާއްޖެއަށް ޖެހިފައި އޮތީ މެޗުން މޮޅު ވާށެވެ. ރާއްޖެ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލި ވެފައެވެ. ބަނގްލާދޭޝްއާ ކުޅެ މޮޅު ވުމުގެ ސަބަބުން ލިބިފައި އޮތީ 3 ޕޮއިންޓެވެ.

ރާއްޖޭގެ މަދަށް ކުޅޭ އަސްހަދު ޢަލީ (އަޑުބަރޭ) މިއަދުގެ މެޗަކަށް ނާރުވައެވެ. އޭނާގެ ބަދަލުގައި އެ މަގާމަށް ކުޅުނީ އައިސްމެވެ. އަޑުބަރޭ ނޭރުވީ ބަނގްލާދޭޝްއާއެކު ކުޅުނު މެޗުގައި އަނިޔާ ވެފައި ވާތީއެވެ.

ރާއްޖެއިން މެޗު ފެށްޓީ ދިފާއީ ކުޅުމަކުންނެވެ. ވުމާއެކު ފުރަތަމަ ދެތިން މިނިޓުގެ ތެރޭގައި ބޯޅަ އޮތީ ރާއްޖޭގެ ހާފުގައެވެ. ހަތަރު ވަނަ މިނިޓުގައި ލަންކާއިން ލަނޑެއް ޖެހިއެވެ. އެހެންނަމަވެސް އެެ ލަނޑު ވެގެން ދިޔައީ އޯފްސައިޑް ލަނޑަކަށެވެ.

ދެން ފެނުނީ ކުއްލިއަކަށް ރާއްޖެއިން ހަމަލާތައް އުފައްދަން ފެށި ތަނެވެ. ނަތީޖާއަކަށްވީ މެޗުގެ ހަވަހނަ މިނިޓުގައި ރާއްޖެއިން ލަނޑެއް ޖެހުމެވެ. މިއީ ޢަލީ އަޝްފާގު (ދަގަނޑޭ) ބޮލުން ފޮނުވައިލީ ބޯޅއަކުން ޖެހި ލަނޑެކެވެ.

ތިން ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. ހަތަރެއްގައި ދެ މެޗުން ދެ ޕޮއިންޓާ އެކު އޮތީ އިންޑިއާ އެެވެ. ލަންކާ އަށް މިއަދުގެ މެޗުން މުބާރާތް ނިމުނުއިރު، އެ ޓީމަށް ލިބުނީ ހަތަރު މެޗުން އެއް ޕޮއިންޓެވެ.

އޭގެ ފަހުންވެސް ރާއްޖެއިން ލަނޑު ޖަހާނޭ ފުރުސަތު ހޯދިއެވެ. އެހެންނަމަވެސް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. ބަނގްލާދޭޝް އާ ކުޅުނު މެޗާ ޚިލާފަށް މިއަދުގެ މެޗުގައި ރާއްޖޭގެ މެދުތެރެއިން އެހައި ރަނގަޅަކަށް ނުކުޅެއެވެ. ވުމާއެކު ފަހަތަށް ބާރު ބޮޑުވަމުން ދިޔަތަން ފެނުނެވެ.

ފުރަތަމަ ހާފު ނިމުނީ 1 ލަނޑު 0 ލަނޑުން ރާއްޖެ މޮޅު ވެފައި އޮވެގެންނެވެ.

ދެވަނަ ހާފުގައިވެސް ފަހަތަށް ބޮޑަށް ސަމާލުކަން ދީގެން ލިބޭ ފުރުސަތު ތަކުގައި ކުރިއަށް އަރައި ކުޅެވޭތޯ ރާއްޖެއިން މަސައްކަތް ކުރަމުން ދިޔައެވެ.

ދެވަނަ ހާފުގެ ފުރަތަމަ ފަނަރަ މިނިޓަށް ފަހު ލަންކާގެ ހަމަލާތައް ކުރިއަށް ވުރެ ރަނގަޅު ވެގެން ދިޔައެވެ. ޚާއްސަކޮށް ރާއްޖޭގެ ފޯވަޑް ޢަލީ އަޝްފާގު ބޭލުމާއެކު ލަންކާއިން ފަހަތަށް ދެމުން ދިޔަ ސަމާލުކަން ކުޑަކޮށްލައި ކުރިއަށް އަރަމުން ގެންދިޔައެވެ. ނިމެމުން ދިޔަ ވަރަކަށް ރާއްޖޭގެ ފަހަތަށް ދިޔައީ ބާރު ބޮޑު ވަމުންނެވެ. އެހެންނަމަވެސް މެޗު ނިމިގެން ދިޔައީ 1 ލަނޑު 0 ލަނޑުން ރާއްޖެ މޮޅު ވެގެންނެވެ.

މި ނަތީޖާއާއެކު ރާއްޖެ މިހާރު އޮތީ 6 ޕޮއިންޓާއެކު ޕޮއިންޓު ތާވަލުގެ އެއް ވަނައިގައެވެ. ނޭޕާލް އޮތީ 6 ޕޮއިންޓާއެކު ދެވަނައިގައެވެ. ރާއްޖެ އެއްވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި އޮތީ 4 ޕޮއިންޓާއެކު ބަނގްލާދޭޝްއެވެ. ހަތަރު ވަނައިގައި 2 ޕޮއިންޓާއެކު އިންޑިއާއެވެ. އެންމެ ފުލުގައި 1 ޕޮއިންޓާއެކު ލަންކާއެވެ.

މިއަދުގެ މެޗާއެކު ލަންކާ ކުޅެން ހުރި މެޗުތައް ކުޅެ ނިމުނީއެވެ. މިރޭ އޮތީ ނޭޕާލާއި އިންޑިއާގެ މެޗެވެ. މިއީ ނޭޕާލާއި އިންޑިއާއާއި ރާއްޖެއަށްވެސް މުހިއްމު މެޗެކެވެ. މެޗުން ނޭޕާލް މޮޅު ވެއްޖެ ނަމަ އެ ޓީމު ފައިނަލަށް ދާނެއެވެ. އަދި ބަނގްލާދޭޝް އާއި ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތު ހުޅުވޭނެއެވެ. އިންޑިއާއާ ކުޅޭ މެޗުން ރާއްޖެ މޮޅު ވެއްޖެ ނަމަ ފައިނަލަށް ދާނެއެވެ. އެއްވަރު ވެފައި ބަނގްލާދޭޝް ނޭޕާލް މެޗުން ބަނގްލާދޭޝް މޮޅު ވެއްޖެ ނަމަ ބަލަން ޖެހޭނީ ލަނޑުގެ ތަފާތަށެވެ. އޭރުން އޮންނާނީ ބަނގްލާދޭޝްއަށްވެސް އަދި ރާއްޖެއަށްވެސް 7 ޕޮއިންޓެވެ. މިރޭގެ މެޗުން އިންޑިއާ ބަލިވެއްޖެ ނަމަ ރާއްޖެ އަތުން މޮޅު ވިޔަސް އިންޑިއާ ފައިނަލަކަށް ނުދާނެއެވެ. މިރޭގެ މެޗުން އިންޑިއާ މޮޅު ވެއްޖެ ނަމަ ރާއްޖެއާ އިންޑިއާ ކުޅޭ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.