މިއަހަރު ނޯބެލް ސުލްހައިގެ އިނާމު ދެ ނޫސްވެރިއަކަށް

މިއަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބުނު ދެ ނޫސްވެރިން: ރަޝިޔާގެ ޑްމިޓްރޫ މުރަޓޯވް (ކ) އަދި ފިލިޕީންސްގެ މާރިޔާ ރެސާ

އެ ދެ ނޫސްވެރިއެއްގެ ލިއުންތަކަށް ފިލިޕީންސްގެ ރައީސު ރޮޑްރިގޯ ޑުޓެރްޓޭއާއި ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންގެ ހިތްޕުޅުހަމަނެޖެހުން އަމާޒުވި ދެ ނޫސްވެރިއަކަށް މިއަަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ދޭން ނިންމައިފިއެވެ. އެއީ ފިލިޕީންސްގެ މާރިޔާ ރެސާއާއި، ރަޝިޔާގެ ޑްމިޓްރީ މުރަޓޯވްއެވެ.

ދެ ނޫސްވެރިންނަށް ސުލްހައިގެ އިނާމު ދޭން ނިންމީ ދުނިޔޭގެ ކަންކޮޅުތަކުގައި ނުރައްކަލާ ކުރަތިލާން ޖެހިފައިވާ "ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް އެމީހުން ކުރި ހިތްވަރުގަދަ ހަނގުރާމައަށްޓަކައި." ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ނޯވޭގެ ނޯބެލް އިނާމުގެ ކޮމިޓީގެ ޗެއާވުމަން ބެރިޓް ރީސް-އެންޑަރސަން ވިދާޅުވިއެވެ.

"ހަމަ އެހެންމެ، އެ ދެ ނޫސްވެރިންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ޑިމޮކްރަސީއަށް ދެކޮޅު އޮއިވަރު ދުނިޔޭގައި ގަދަވަމުންދާ ދުނިޔެއެެއްގައި މި ފިކުރަށްޓަކާ ތެދުވާ ނޫސްވެރިން ތަމްސީލުކުރާ ދެމީހުން." އޭނާ އިތުރަށް ވިދާޅުވިއެވެ.

"މިނިވަން، މުސްތަގިއްލު، ހަގީގަތް ބަޔާންކުރާ ނޫސްވެރިކަމަކީ، ނަހަމަގޮތުގައި ބާރުގެ ބޭނުންކުރުމާއި، ދޮގާއި، ހަނގުރާމައިގެ ޕްރޮޕެގެންޑާއާ ދެކޮޅަށް ރައްކާތެރިކަން ހޯދައިދޭ އެއްޗެއް." ނޯބެލް ކޮމިޓީގެ ޗެއާވުމަން ވިދާޅުވިއެވެ.

މުރަޓޯވްއަކީ ރަޝިޔާގައި ތަހުގީގީ ނޫސްވެރިކަމެއް ކުރިއަށް ގެންދާ 'ނޯޔާ ގަޒެޓާ' ނޫހުގެ އެޑިޓަރ-އިން-ޗީފް އެވެ. އެ ނޫހުން ވަނީ ރައީސު ޕުޓިންގެ ސަރުކާރުން ގޮސްފައިވާ ކަންކަމާއި، ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާ ގުުޅޭގޮތުންނާއި، ޔުކްރޭން ހަނގުރާމައިގެ ވާހަކަ ވަރަށް ގިނައިން ލިޔެފައެވެ.

އުމުރުން 59 އަހަރުގެ މުރަޓޯވްއަކީ ކުރީގެ ސޮވިއެޓް ޔުނިއަންގެ ލީޑަރު މީޚާއީލް ގޮރްބަޗޭވްއަށްފަހު ނޯބެލް ސުލްހައިގެ އިނާމު ލިބުނު ރަޝިޔާގެ ފުރަތަމަ މީހާއެވެ. ނޯޔާ ގެޒެޓާ ނޫސް އިތުރަށް ތަރައްގީކުރުމަށް ގޮރްބަޗޭވް ވަނީ 1990 ވަނަ އަހަރު އޭނާއަށް ލިބިވަޑައިގަތް ނޯބެލް އިމާނުގެ ފައިސާއިން ބައެެއް އެނޫހަށް ހަދިޔާކުރައްވާފައެވެ.

އުމުރުން 58 އަހަރުގެ ރެސާއަކީ ނޯބެލް ސުލްހައިގެ އިނާމު ލިބުނު ފިލިޕީންސްގެ ފުރަތަމަ މީހާއެވެ. އޭނާއަކީ ޑިޖިޓަލް މީޑިޔާ ކުންފުނި ރެޕްލާގެ ވެރިޔާއެވެ. އަދި 2012 ވަނަ އަހަރު އެކުންފުނި އުފެއްދި އެއް ބާނީއެވެ. އޭނާގެ މީޑިޔާ ވަނީ ތަހުގީގީ ނޫސްވެރިކަމުގެ ސަބަބުން އަދި ވަކިން ޚާއްސަކޮށް ފިލިޕީންސްގައި ޑްރަގް ބޭނުންކުރާ މީހުން މެރުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ޚަބަރުތައް ގެނެސްދިނުމުގެ ސަބަބުން  އާއްމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެފައެވެ.

މިއަހަރަކީ ޖަރުމަނުގެ ނޫސްވެރިޔާ ކާލް ވޮން އޮޒެއިޓްޒްކީއަށް 1935 ވަނަ ނޯބެލް ސުލްހައިގެ އިނާމު ދިން ފަހުން ނޫސްވެރިއަކަށް އެ އިނާމު ދިން ފުރަތަމަ އަހަރެވެ.

ނޯބެލް ސުލްހައިގެ އިނާމު އޭގެ ހައްގުވެރިންނަށް ދިނުން އޮންނާނީ އޭނާގެ ވަސިއްޔަތުގައި 1895 ވަނަ އަހަރު އެ އިނާމު އުފައްދަން ވަސިއްޔަތްކުރި ނޯވޭގެ އުފެއްދުންތެރިޔާ އަލްފްރެޑް ނޯބެލްގެ އުފަން ދުވަސް ކަމުގައިވާ 10 ޑިސެންބަރުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.