މިޔަހެލި 2021 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިޔަހެލި 2019 - ސޯޝަލް އިނޮވޭޝަން ކޭމްޕް (ފޮޓޯ: ޔޫއެންޑީޕީ)

މިޔަހެލި 2021 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއަހަރުގެ ޝިޢާރަކީ 'މީހުން، ދުނިޔެ އަދި ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަން' މިއެވެ.

މިޔަހެލި އަކީ  2016 ވަނަ އަހަރުން ފެށިގެން ޔޫއެންޑީޕީ މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސް ގުޅިގެން އަދި އޮސްޓްރޭލިޔާ ސަރުކާރާއި އަދި އެހެނިހެން ފަރާތްތަކުގެ އެހީގައި ބާއްވާ ސޯޝަލް އިނޮވޭޝަން ކޭމްޕެކެވެ. މި ކޭމްޕްގެ މަޤްޞަދަކީ މުޖްތަމަޢުގައި ފައިދާ ކުރަނިވި މަސައްކަތް ކުރަން ޒުވާނުންނަށް އެއްބާރުލުންދިނުމެވެ. މިޔަހެލި އަކީ މުހިންމު އިޖްތިމާއީ ކަންކަމަށް ބޭނުންވާނެފަދަ ޓެކްނޮލޮޖީ ހިމެނޭ އަދި ނުހިމެނޭ އިޖްތިމާއީ އީޖާދުތައް އުފެއްދުމަށް އީޖާދުކުރާ މީހުންނާއި، މެންޓަރުން އަދި ޚިޔާލުތައް އެއްތަނަކުން ގުޅުވާލަދޭ ގޮތަށް ހިންގާ މަންސައެކެވެ. މިއަހަރު، މިޔަހެލި އިންތިޒާމްކުރަނީ ބަދަލުތައް ގެންނާނެ މީހުންނާއި، ތަޖުރިބާކާރުންނާއި، މީހުން ދުނިޔެ އަދި ތަރައްގީގެ ރޮނގުތަކުން ބަދަލުތައް ގެންނާނެފަދަ އީޖާދީ ޚިޔާލުތައް އެއްތަންކުރުމުގެ ނިޔަތުގައެވެ. 2016 ވަނަ އަހަރުން ފެށިގެން 90 އަށް ވުރެ ގިނަ ޒުވާނުން ވަނީ މިޔަހެލީގައި ބައިވެރިވެ, އައު އީޖާދުތަށް އުފައްދާފައެވެ.

ޔޫއެންޑީޕީ އާއި އުރީދޫގެ އިތުރުން, 2019 ވަނަ އަހަރުން ފެށިގެން މިޔަހެލި ބާއްވަމުން ދަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަދި ޔޫއެންޑީޕީ ޔޫތު ކޯ:ލެބްގެ އެއްބާރުލުމާއިވެސް އެކުގައެވެ. މީގެ އިތުރުން މިއަހަރުގެ މިޔަހެލި ކުރިއަށް ދާނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ގުޅިގެންނެވެ.

މިއަހަރުގެ މިޔަހެލި އަމާޒުކުރެވިފައިވަނީ ތިން ޝިއާރެއްގެ މައްޗަށެވެ. ފުރަތަމަ ޝިއާރަކީ "ދުނިޔެއަށްޓަކައި އުފެއްދުންތެރިކަން" އެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާއި އޭގެ ސަބަބުން ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކަށް ހައްލުތައް ހޯދުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭ ޝިއާރެކެވެ. މި ޝިއާރުގެ ދަށުން ހުށަހެޅޭނީ ޓެކްނޮލޮޖީގެ އެހީގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހައްލު ކުރެވިދާނޭ ގޮތްގޮތާއި ސާރކިއުލާރ އެކޮނޮމީ އަދި ވޭސްޓް-ޓު-ވެލްތް ހައްލުތައް ބޭނުންކުރަން ފެށިދާނޭ ގޮތްގޮތާއި ތިމާވެއްޓަށް ރައްކާތެރިވުމާއި ތިމާވެއްޓާއި ރައްޓެހި ވިޔަފާރިތައް ފަށާ އާންމު ކުރާނޭ ގޮތްގޮތެވެ.

ދެވަނަ ޝިއާރަކީ "މީހުންނަށްޓަކައި އުފެއްދުންތެރިކަން" އެވެ. މިއީ މިހާރު ހުރި އިޖްތިމާއީ ކަންކަމަށް ހައްލުތައް ހޯދައި، އެންމެ ބޮޑަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭ ޝިއާރެކެވެ. މި ޝިއާރުގެ ދަށުން ހުށަހެޅޭނީ ޒުވާނުންގެ ބާރު އަދި ހިތްވަރު ވިސްނައިދީ އެއްބައިވަންތަ، ވަރުގަދަ މުޖްތަމައެއް ބިނާކުރެވުދާނޭ ގޮތްގޮތާއި މުޖްތަމައުގައި އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް އަސާސީ ބޭނުންތަކާއި ވަސީލަތްތައް ފޯރުކޮށްދެވިދާނޭ ގޮތްގޮތާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މުޖްތަމައުން އެކަހެރިކުރެވިފައިވާ ފަރާތްތަކުގެ ދިރިއުޅުން ފަސޭހަކޮށް އިތުރު މަގުތައް ފަހިކޮށްދެވިދާނޭ ގޮތްގޮތެވެ.

ތިންވަނަ ޝިއާރަކީ "ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަން" އެވެ. މިއީ އާންމު ދިރިއުޅުމުގެ ކަންތައްތައް ފަސޭހަކޮށްދޭނެ ހައްލުތައް ހޯދައި، އެކަށޭނަ މަސައްކަތުގެ މާހައުލެއް ޕްރޮމޯޓްކުރުމަށް ކުރެވިދާނޭ މަސައްކަތްތަކާ ބެހޭ ޝިއާރެކެވެ. މި ޝިއާރުގެ ދަށުން ހުށަހެޅޭނީ ލިބޭ ފުރުސަތްތައް އިތުރުކޮށް އާންމު ދިރިއުޅުން އިތުރަށް ރަނގަޅުކުރާނޭ ގޮތްގޮތާއި ލިބެން ހުރި ވަސީލާތްތައް ބޭނުންކޮށްގެން ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ ހޯދުމުގެ މަގުތައް އިތުރުކުރާނޭ ގޮތްގޮތާއި ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާނޭ ގޮތްގޮތެވެ.

މިޔަހެލީގެ އަމާޒަކީ ޒުވާނުންގެ ބޭނުންތެރި ޚިޔާލުތައް ޙަޤީޤަތަކަށް ހަދައިދުނުމަށް އެހީތެރިވުމެވެ. މިގޮތުން ކޭމްޕަށް ހޮވޭ ބައިވެރިންނަށް ކަނޑައެޅިފައިވާ ޝިޢާރުގެ ދަށުން ހުރި ތަފާތު ދާއިރާތަކާއި ގުޅޭ ކަންކަމަށް ހައްލެއް ހޯދަން މަސައްކަތްކޮށް އެ ޕިޗް ހުށައެޅުމުގެ ފުރުޞަތުދެވޭނެއެވެ. މީގެ އިތުރުން މޮޅުވާ 5 ޓީމަކަށް އެ ޓީމުތަކުން ހުށައެޅި ހައްލަށް އަމަލީ ސިފަގެނައުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފައިސާގެ އެހީތެރިކަން ލިބޭނެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިއަހަރުގެ 'މިޔަހެލި' ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި ކ. އަތޮޅުގައި ދިރިއުޅޭ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ހުރިހާ ގައުމެއްގެ ރައްޔިތުންނަށެވެ. ބައިވެރިވެވޭނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ.

'މިޔަހެލި' 2021 ސޯޝަލް އިނޮވޭޝަން ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މިއަހަރުގެ ޝިޔާރަކީ 'މީހުން, ދުނިޔެ އަދި ފާގަތިކަމަށްޓަކައި އުފެއްދުންތެރިކަން' މިއެވެ. ބައިވެރިވުމަށް ފޯމު ހުށައެޅޭނެ އެންމެ ފަހު ތާރީޚަކީ 7 އޮކްޓޫބަރު 2021 އެވެ. ކޭމްޕް ބާއްވާނީ އޮކްޓޯބަރު މަހުގެ 21 އިން 23 އަށެވެ. އޮންނަނަތަން ހާމަކުރާނީ ފަހުގެ ތާރީޚެއްގައި ބައިވެރިންނަށެވެ.

މިޔަހެލީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައި މިވާ ލިންކުތަކުން ބައިވެރިވާ ފޯމު ހުށައެޅޭނެއެވެ.

 މިޔަހެލި 2021 (google.com)

MIYAHELI 2021: Application form (google.com)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.