ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އުނިކަން ލިބޭފަދަ މާއްދާއެއް ހިމަނާފައިވާތީ ކަންބޮޑުވާކަމަށް މޯލްޑިވްސް މިޑިއާ ކައުންސިލް (އެމްއެމްސީ)އިން ބުނެފިއެވެ.
އެކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޤާނޫނު އަސާސީގެ 28ވަނަ މާއްދާގައި، "ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށާއި މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނޭކަމަށެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެކަން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަން އެމްއެމްސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި މިހާރު އޮތް ހެއްކާ ބެހޭ ބިލުގެ 136ވަނަ މާއްދާގެ (ށ)ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް، ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ 2 ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާކަން އެމްއެމްސީން ފާހަގަކުރެއެވެ. އެކައުންސިލުން ދެކޭގޮތުގައި، މި މާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެނަމަ، ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މިމާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މިއީ އެ ކައުންސިލުން ނުހަނު ކަންބޮޑުވާކަމެއްކަމަށްވެސް އެމްއެމްސީގެ ނޫސްބަޔާނުގައި ވެއެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅިގެންދާގޮތަށް ޤާނޫނެއް ފާސްވުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ، އަދި އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަޤުވާމީ އެތައް ގޮންޖެހުމެއް ކުރިމަތިވެދާނެކަމެކެވެ. އެހެންކަމުން، އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ވުޖޫދަށް އައުމުގެ ސަބަބުން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ލިބިގެންދިޔަ ގެއްލުންތަކުން ފިލާވަޅު ލިބިގަނެ، ހެއްކާއި ބެހޭ ބިލުންވެސް މި ފާހަގަކުރެވުނު ބައިތައް އުނި ކުރުމަށް މި ކައުންސިލުން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލަމެވެ." އެމްއެމްސީގެ ބަޔާނުގައި ވެއެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާ ބައްދަލުކުރުމަށާއި، އަދި މިކަން އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެހައިކަމެއް ކުރުމަށް އެމްއެމްސީގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވާކަމަށްވެސް އެކައުންސިލުން ބުނެއެވެ.