ފާއިތުވި ހަފުތާ ބަންދުގައި އުތުރު ކޮރެޔާއިން ކާމިޔާބުކަމާއެކު ދުރު ރާސްތާގެ ކްރޫޒް މިސައިލެއް ޓެސްޓުކޮށްފިކަމަށް އެގައުމުގެ ރަސްމީ ޚަަބަރު ފަތުރާ، ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ބުނެފިއެވެ. މި ޓެސްޓު ކުރިއަަށް ގެންގޮސްފައިވަނީ އުތުރު ކޮރެޔާގެ ނިއުކުލިޔާ ޕްރޮގްރާމު ހުއްޓާލުމުގެ މައްސަލައިގައި އެމެރިކާއާ އެ ގައުމާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެފައިވާ ދުވަސްވަރެއްގައެެވެ.
ކޭސީއެންއޭއިން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހާއި، އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ ޓެސްޓުތަަކުގައި ފޮނުވާލި މިސައިލްތައް ވަނީ 1500 ކިލޯމީޓަރު (932 މޭލު) ގެ ރާސްތާއެއް ކަޑައްތުކޮށް އޭގެ އަމާޒަށް ވާސިލުވެފައެވެ. މިސައިލަތް ވެއްޓިފައިވަނީ އުތުރު ކޮރެޔާގެ ސަރަހައްދުގެ ތެރެއަށެވެ.
އުތުރު ކޮރެޔާއިން ބުނެފައިވާ ގޮތުގައި މި މިސައިލްތަކަކީ އުފައްދަައި ތަރައްގީ ކުރުމުގައި ދެ އަހަރު ހޭދަވެފައިވާ، ޒަމާނީ، އާ މިސައިލްތަކެކެވެ. އަދި އެއީ އެ ގައުމުގެ އަސްކަރިއްޔާގެ ބާރު އިތުރަށް ގަދަކުރެއްވުމަށް ޒައީމު ކިމް ޖޮންްގް އޮން ގޮވާލައްވާފައިވާ ގޮވާލެއްވުމަށް އިޖާބަދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ "މުހިއްމުކަން ބޮޑު އިސްތިރާތީޖީ (ސްޓްރެޓީޖިކް)" ހަތިޔާރެކެވެ.
މި މިސައިލް ޓެސްޓުތަކާ ގުޅިގެން ދެކުނު ކޮރެޔާގެ ސިފައިންގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ބުނެފައި ވަނީ އެ ގައުމާއި އެެމެރިކާގެ ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށް އުތުރު ކޮރެޔާގެ މިސައިލް ޓެސްޓުތައް ވަޒަންކުރަމުން ދާކަމުގައެވެ.
އެމެރިކާގައި ހުންނަ ދުނިޔޭގެ ސިޔާސީ އަދި އަސްކަރީ މަސްރަހު ދިރާސާކޮށް ސުލްހައަށް މަސައްކަތްކުރުމުގައި މަޝްހޫރު އިދާރާއެއް ކަމުގައިވާ ކާނަގީ އެންޑޯމަންޓް ފޯ އިންޓަނޭޝަނަލް ޕީސްގެ ސީނިޔާ ފެލޯ އަންކިތު ޕަންޑާ ވިދާޅުވި ގޮތުގައި މިއީ އުތުރު ކޮރެޔާއިން އިސްތިރާތީޖީ ދައުރެއް އަދާކުރާ މިސައިލެއްކަމަށް ފާޅުގައި ބުނެ މިފަދަ މިސައިލެއް ޓެސްޓުކުރި ފުރަތަމަ ފަހަރެވެ.
"މި އިބާރާތަކީ އާއްމު ގޮތެއްގައި ނިއުކުލިޔާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ (މިސައިލް) ސިސްޓަމްތަކަށް ބޭނުންކުރާ އިބާރާތެއް." އޭނާ ވިދާޅުވިއެވެ.
އުތުރު ކޮރެޔާއިން މިސައިލް ޓެސްޓުތައް މިވަގުތު ކުރިއަށް ގެންދިޔައީ މުހިއްމު މެސެޖެއް ދިނުމަށް ކަމުގައި ބެލެވެއެވެ. އެއީ، އުތުރު ކޮރެޔާއާކު ކުރިއަށް ގެންދާ ނިއުކުލިޔާ މަޝްވަރާތައް ކުރިއަށް ނުގެންދެވި އެކަމުގެ މަގު ބަންދުވެފައިވާތީ، މަޝްވަރާތައް އަލުން ފަށާނެ ގޮތަކާމެދު ވާހަކަދެއްކުމަށް އެމެރިކާއާއި، ދެކުނު ކޮރެޔާއާއި، ޖަޕާނުގެ ނިއުކުލިޔާ މަޝްވަރާތަކާ ބެހޭ މަންދޫބުން ޓޯކިޔޯގައި ބައްދަލުކުރެއްވުމުގެ އެއް ދުވަސް ކުރިން މި ޓެސްޓު ކުރިއަށް ގެންގޮސްފައި ވާތީއެެވެ.