
މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރި ކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމްޓީސީސީގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ޕްރޮގްރާމަކީ ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެވޭ ބަސްދަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރައްކާތެރިކަން ގާއިމުކުރުމުގެ ގޮތުންނާއި، ހިދުމަތް ދިނުމުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، ޑްރައިވަރުންގެ މަސައްކަތުގެ މާހައުލުގައި ރައްކާތެރި ވެއްޓެއް ގާއިމުކުރުމަށް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
އެގޮތުން، އޮގަސްޓް މަހުގެ 21 އިން 31 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނު އަދި ގަވާއިދުތަކަށް އެންމެ ފަހުން ގެނެސްފައިވާ އިސްލާހުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ބަސް ދަތުރުގެ ގަވާއިދުތަކާއި، ދަތުރަށް ތައްޔާރުވުމުގެ ގޮތުން ކުރަންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެކްސިޑެންޓުތައް މަދުކުރުމަށް އޮފީސްތަކުގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާއި، މަގުމަތީގެ ބައެއް އަދަބުތައްވެސް ކިޔައިދީފައިވެއެވެ.
އެމްޓީސީސީގެ 74 މުވައްޒަފުން ބައިވެރިވި އެ ޕްރޮގްރާމުގައި މައުލޫމާތު ދީފައި ވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑް ސޭފްޓީ ޔުނިޓުގެ މުވައްޒަފުންނެވެ.