ސައޫދީ އެއާޕޯޓަކަށް ދިން ޑްރޯން ހަަމަލާއެއްގައި 8 މީހުން ޒަޚަމްވެ މަތިންދާބޯޓެއް ހަލާކުވެއްޖެ

ސައޫދީ އަރަބިއްޔާގެ ހުޅަނގެ ދެކުނުގައި އޮންނަ އަބްހާގެ އެއާޕޯޓަށް ބޮން ހަރުކޮށްފައިވާ ޑްރޯނަކުން ދިން ހަމަލާގައި 8 މީހަކު ޒަޚަމްވެ، މަތިންދާބޯޓެއް ހަލާކުވެއްޖެއެވެ.

މިއީ 24 ގަޑިއިރުގެ ތެރޭގައި އެ އެއާޕޯޓަށް ދެވުނު ދެވަނަ ހަމަލާއެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް، މިފަދަ ހަމަލާތައް ކުރިން ދީފައިވަނީ ޔަމަނުގައި ހަނގުރާމަކުރަންދާ ޝީޢީ ޙޫޘީ ޖަމާއަތުންނެވެ.

ފާއިތުވި 24 ގަޑި އިރުުގެ ތެރޭގައި ދިން ފުރަތަމަ ޑްރޯން ހަމަލާގައި ގޮވި ތަކެތި އެއާޕޯޓުގެ އޭޕްރަން މައްޗަށް ބުރައިގެން ދިޔަ ނަމަވެސް، އެ ހަމަލާގައި މީހަކަށް ވެސް އަދި މަތިންދާބޯޓަކަށްވެސް ގެއްލުން ވެފައި ނުވެއެވެ.

ސައޫދީ އަރަބިއްޔާ އިސްވެ އޮވެ ޔަމަނުގައި ހަނގުރާމަކުރަމުންދާ އަރަބި ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއާޕޯޓަށް ދިން ހަމަލާ ބެލެވޭނީ ހަނގުރާމައިގެ ޖަރީމާއެއް ކަމުގައެވެ. ކޯލިޝަނުގެ ބަޔާނުގައި ހަަމަލާދިން ޑްރޯންއަށް ހުރަސްއެޅިކަމަށް ބުނުން ފިޔަވައި، ހަމަލާާާއާ ބެހޭ އިތުރު ތަފްސީލެއްވެސް އަދި ޒަޚަމްވި މީހުންނާ ބެހޭ ތަފްސީލެއްވެސް ހާމަކޮށްފައި ނުވެއެވެ.

އަބްހާ އެއާޕޯޓަށް މިއަދު ހަމަލާދީފައި ވާއިރު، ފާއިތުވި އާދިއްތަ ދުވަހު ޔަމަނުގެ އެންމެ ބޮޑު ވައިގެ މަރުކަޒަށް ޙޫޘީން ދިން ހަމަލާއެއްގައި ޔަމަނު ސަރުކާރު ސިފައިންގެ 30 މީހުން މަރުވެ، 60 މީހުން ޒަޚަމްވެފައި ވެއެވެ. މި ހަމަލާދީފައި ވަނީ ބެލިސްޓިކް މިސައިލުންނެވެ.

2015 ވަނަ އަހަރުން ފެށިގެން ޙޫޘީން އަރަބި ކޯލިޝަނާ ހަނގުރާމަކުރަމުން ދާއިރު، އެ ޖަމާއަތުން ވަނީ ސައޫދީ އަރަބިއްޔާގެ ބައިނަލްއަގުވާމީ އެއާޕޯޓުތަކާއި، އަސްކަރީ މަރުކަޒުތަކާއި، މުހިއްމު އިގްތިސާދީ ވަސީލަތްތަކަށް އެތަައް ހަމަލާއެއް ދީފައެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށިފައިވަނީ ޙޫޘީ ހަނގުރާމަވެރިން ޔަމަނުގެ ވެރިރަށް ސަންޢާއާއި، ގައުމުގެ އުތުރުގެ ބޮޑު ބައެއް ހިފުމުން، ސަރުކާރުގެ ދިފާއުގައި އަރަބި ކޯލިޝަނުން ޙޫޘީންނާ ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ. މަދު މަސްތަކެއްގެ ތެރޭގައި ޙޫޘީން ބަލިކޮށްލަން ފެށި ހަނގުރާމައަށް އަހަރުތަކެއް ވެގެން ދިޔަ އިރުވެސް، ޙޫޘިން ބަލިކުރެވިފައި ނުވެއެވެ.

މި ހަނގުރާމައިގައި މިހާތަނަށް 1 ލައްކަ 30 ހާާސް މީހުން މަރުވެފައި ވާއިރު، ހަނގުރާމައިގެ ސަބަބުން ޔަމަނުގައި މިއަދު ކުރިމަތިވެފައިވަނީ އަދުގެ ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.