ފުލުހުންގެ ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް، 5 ސަރަޙައްދަކަށް ބަހާލަނީ

ކުރިއަށް އޮތް މަހެއްހައި ދުވަހުގެ ތެރޭގައި ފުލުހުންގެ ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް ނެގެސް، 5 ސަރަޙައްދެއް ކަނޑައަޅައި ސަރަޙައްދީ ކޮމާންޑަރުން ލައްވާނެކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މަހެއްހައި ދުވަހުގެ ތެރޭގައި މިހާރު މިޚިދުމަތްދެމުންދާ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނެސް, މިހާރު ޤާއިމްކުރެވިފައިވާ 7 ޑިވިޝަންގެ ބަދަލުގައި 5 ރީޖަން ކަނޑައަޅުއްވާނެކަމަށެވެ. އަދި އެރީޖަންތަކަށް ކޮމާންޑަރުން ލައްވައި އެކޮމާންޑަރުންނަކީ އިތުރު ބާރާއި, ވަޞީލަތްތަކާއި, ޚިދުމަތް ދިނުމަށް ފަހިކުރެވިފައިވާ އިސްބޭފުޅުންކަމުގައި ހަމަޖެހިގެންދާނެކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަވާ މަދސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރުޝާދަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުގެ އިރުޝާދު. އާދެ, ވަރަށްވެސް ބޮޑުކަމެއް. އެކަމަށްޓަކައި ވަރަށްބޮޑު ހޭދައެއް ދައުލަތުން ކުރަންޖެހޭކަމެއް. އެހެންނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި, ރައްޔިތުންގެ ހަމަޖެހުން ޤާއިމްކުރުމަށްޓަކައި ރައްޔިތުންގެ އިޖުތިމާއީ ގުޅުންތަކާއި, އިޤްތިޞާދު ސަލާމަތްކުރުމަށްޓަކައި މިއަދުގެ ހާލަތުގައި ކޮންމެހެން ބޭނުންވާތީވެ, އެކަން ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން." މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނާ ގާތުން ފުލުހުން ޚިދުމަތް ދިނުމުގައި ފަސޭހަކަމާއި, އަވަސްކަމާއެކުގައި ނިންމަންޖެހޭ މުހިއްމު ނިންމުންތައް ނިންމާއި ކުރިއަށްގެންދަންޖެހޭ މުހިއްމު މަސައްކަތްތަކުގައި ފުލުހުންގެ ހުނަރުވެރިކަމާއި, ޤާބިލްކަމާއެކުގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދިއުންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. ހުރިހާކަމެއްގައި މައިއިދާރާގެ މައްޗަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ކަންކަން އަވަހަށް ނިންމުމުގައި ފަސޭހަތަކެއް ލިބިގެން ދާނެކަމަށާ، ހަޤީޤީ ނަތީޖާއަކަށްވާނީ ފުލުހުންގެ ފަރާތުން ރައްޔިތުން އުއްމީދުކުރާ ހަޤީޤީ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދިއުންކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.