ފަލަސްޠީނުގެ ޣައްޒާ (ގާޒާ) ގައި ދިރިއުޅޭ ފަގީރު އެއްލައްކަ އާއިލާއަށް ޤަޠަރުން އެހީގެ ގޮތުގައި މަހަކު ވަކިވަރަކަށް ފައިސާގެ އެހީ ދިނުމާބެހޭ އެއްބަސްވުމެއްގައި އެ ގައުމުން އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އާއެކު ސޮއިކޮށްފިއެވެ. މި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ގައި ޤަޠަރުގެ ފަރާތުން ސޮއިކުރެއްވީ ޣައްޒާއަށް ޤަޠަރުން ކަނޑަަައަޅާފައި ހުންނަވާ މަންދޫބު މުޙައްމަދު އަލްޢިމާދީއެވެ. އދ. ފަރާތުން ސޮއިކުރެއްވީ އދ. ގެ ސްޕެޝަލް ކޯޑިނޭޓަރ ފޯ މިޑްލް އީސްޓް ޕީސް ޕްރޮސެސް ޓޯރ ވެނެސްލޭންޑްއެވެ.
މި އެއްބަސްވުމުގެ ދަށުން ޤަޠަރުން އދ. އާއި އެ ޖަމްއިއްޔާގެ ވާލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) ޣައްޒާގެ ފަގީރު އާއިލާތަކުގެ ތެރޭން އެއްލައްކަ އާއިލާއަށް މަހަކު 100 އެމެރިކާ ޑޮލަރު ދޭނެއެވެ. އައްޢިމާދީ ވިދާޅުވިގޮތުގައި މި އެއްބަސްވުމުގައި މިފައިސާ ބަހާނެ އުސޫލުތައް ހިމަނާފައި ވާނެއެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒް ބުނިގޮތުގައި މި ފައިސާ ޣައްޒާއަށް ފޯރުކޮށްދޭން އިސްރާއީލުން ވަނީ އެއްބަސްވެފައެވެ. އަދި އެކަންކުރާނެ ގޮތަކާމެދު އިސްރާއީލާއި، އދ.އާއި ޤަޠަރުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.
ގަންޓްޒް ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޤަޠަރުން އދ، އާއި ފައިސާ ހަވާލުކުރުމުން އދ.ން އިސްރާއީލުގެ ބެލުމުގެ ދަށުން އެ ފައިސާ ޖަމާކުރާނީ ޣައްޒާގައި ތިބި ފައިސާ ލިބޭ އާއިލާތަކުގެ ބެންކު އެކައުންޓަށެވެ.
މިކަން މިއުސޫލުން 2021 ނިޔަލަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށް އިސްރާއީލުން ވަނީ އެއްބަސްވެފައެވެ.
ޤަޠަރަކީ ޣައްޒާއަށް އެންމެ ގިނަ އެހީދޭ ގައުމެވެ. 2012 އިން ފެށިގެން މިހާތަނަށް ޤަޠަރުން ވަނީ ޣައްޒާއަށް 1.2 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އެހީ ދީފައެވެ.
އިސްރާއީލުން ފާއިތުވި މޭމަހުގެ ތެރޭގައި ޣައްޒާއަށް ދިން އުދުވާނީ ހަމަލާގައި ޣައްޒާގެ 4000 އަށްވުރެ ގިނަ ގެ ސުންނާފަތިވެ 380 ވަރަކަށް މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާއިރު، ޤަޠަރުން ވަނީ ޣައްޒާ އަލުން ބިނާކުރަން 500 މިލިއަން ޑޮލަރު ދޭނެކަަަމަށް ބުނެފައެވެ. ދެން މި އަދަަަދަށް ފައިސާ ދޭން ބުނެފައި ވަނީ މިސްރުންނެވެ.