
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހަވީރު ފުރާވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ކޮޅުމަޑުލުގެ ހަތް ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި، މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިން އަދި، ވިޔަފާރިވެރިންނަަާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތިމަރަފުށްޓަށެވެ. އަދި އެއައްފަހު ކިނބިދޫއަށާއި، އޮމަދޫއަށާއި، ވޭމަންޑޫއަށް ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ވެސް، ވަންދޫއަށާއި، ކަނޑޫދޫއަށާއި، ގާދިއްފުށްޓަށް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެޔެވެ.