
މިދިޔަ އަހަރުގެ ޖޫންމަހާ އަޅާއި ބަލާއިރު މި އަހަރުގެ ޖޫންމަހު ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު 44 އިންސައްތައަށް އިތުރު ވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ. 2020 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް އެތެރެކޮށްފައިވާ މުދަލުގެ އަގަކީ 2.1 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ޖޫންމަހު ވަނީ 3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. މިއީ ސީއައިއެފް އަގެވެ.
ދައުލަތަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި 2020 ވަނަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީއަކީ 156 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ޖޫން މަހު ލިބުނީ 247 މިލިއަން ރުފިޔާއެވެ. މިއީ 59 އިންސައްތައިގެ އިތުރުވުމެކެވެ.
ރާއްޖެއަށް މި އަހަރުގެ ޖޫން މަހު އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވާ ގައުމުތަކަކީ އޮމާނާއި ޗައިނާއާއި ސިންގަޕޫރެވެ. މި ތިން ގައުމުގެ އިތުރަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ޔޫއޭއީއާއި އިންޑިއާއިންނެވެ.