އިންޑިޔާގެ ދެކުނުގައި އޮންނަ އެ ގައުމުގެ ޔުނިއަން ޓެރިޓަރީ ލަކްޝަޑްވީޕް (ލަކްޝަދީބު) ގެ ސަރުކާރު މަދަރުސާތަކުގައި ދަރިވަރުންނަށް ދޭ މެންދުރު ކެއުމާއެކު އެއްގަމު މަސް ދިނުން މަނާކޮށްފިއެވެ.
އިންޑިޔާގައި ވެރިކަންކުރާ ހިންދޫ ވަޠަނީ ޕާޓީ ބާރަތިޔާ ޖަަނަތާ ޕާޓީ (ބީޖޭޕީ) އިސް މީހެއް ކަމަށްވާ ޕްރަފުލް ޕަޓޭލް ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަކަށް އައްޔަކުރި ފަހުން އޭނާ ދަނީ އެ ރަށްތަކުގެ ސަގާފަތާ ފުށުއަރާ އެތައް ކަމެއް ތައާރަފުކުރަމުންނެވެ. ޕަޓޭލްއަކީ އެ ރަށްތަކުގެ އެޑްމިނިސްޓްރޭރަކަށް އައްޔަންކުރި ފުރަތަމަ ސިޔާސީ ބޭފުޅާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. 1947 ވަނަ އަހަރު އިންޑިޔާ މިނިވަން ވީއްސުރެ ލަކްޝަދީބުގެ އެޑްމިނިސްޓޭޓަރުކަން މުޅިންވެސް ކުރައްވާފައި ވަނީ ސިޔާސީ ނޫން، ހިންގުމުގެ ދާއިރާގެ ބޭފުޅުންނެވެ.
ޕްރަފުލް ޕަޓޭލް ގެ އެޑްމިނިސްޓްރޭޝަނުވަނީ ގެރިމަހާއި، ބަކަރިމަހާއި، ކުކުޅުމަސް ފަދަ އެއްގަމު މަސް ދަރިވަރުންނަށް ދިނުން މަނާކުރުމުގެ އިތުރަށް ލަކްޝަދީބުގައި ގެރިބަކަރި ގެންގުޅޭ ޑައިރީ ފާމްތައް ބަންދުކުރަންވެސް ނިންމާފައެވެ. އަދި މިހާރު ސަރުކާރު މަދަރުސާތަކަށް އަންގާފައި ވަނީ ދަރިވަރުންނަށް ތާޒާ މޭވާއާއި، ހިކި މޭވާ ދިނުމަށް އަންގާފައެވެ.
ލަކްޝަދީބުގެ ގިނަ ބަޔަކު ދަނީ މިނިންމުމަކީ އެމީހުންގެ ސަގާފަތާ ދެކޮޅު ނިންމުމެއް ބުނެ އެކަމަށް ފާޑުކިޔަމުންނެވެ.
"ދަރިވަރުންނަށް ތަރުކާރީ ނޫން، ޕްރޮޓީން މަތި ކެއުން ދެމުން އަންނަތާ އެތައް އަހަރެއް ވެއްޖެ. މިކަން ކުރަނީ ބަޖެޓުގައި ހިމެނިގެން. ދެން ކީއްވެ މިކަން މަނާކުރަންވީ." ލަކްޝަދީބުގެ ކުރީގެ ޕްރޮވިންޝަލް ކޮމިޝަނާ އަދި 'ސޭވް ލަކްޝަޑްވީޕް ކެމްޕޭން' ގެ ލީޑަރު ޑރ. ޕީ. ކޯޔާ ވިދާޅުވިއެވެ.
"މިކަމުގެ ފަަހަތުގައި ކޮންމެވެސް މަގުސަދެއް އެބަވޭ. މި ރަށްތަކުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާނުކޮށް މިކަން ކުރީ ކީއްވެ؟ މިއީ ޑިމޮކްރަސީއަށްވެސް އިހުތިރާމުނުކުރުން ޑރ. ކޯޔާ ވިދާޅުވިއެވެ.
ޕްރަފުލް ޕަޓޭލް ލަކްޝަދީބުގެ ވެރިކަމާ ހަވާލުވީއްސުރެ އެރަށްތަކުގެ ރައްޔިތުންނަށް ދަތިކުރުމަށް އެތައް ނިންމުމެއް ވަނީ ނިންމާފައެެެވެ. މީގެތެރޭގައި، ގެރި ކަތިލުމާއި، ގެރިމަސް ކެއުން މަނާކުރުމާއި، ދެ ދަރިންނަށް ވުރެ ގިނަ ދަރިން ތިބޭ މީހުންނަށް އިންތިޚާބުތަކުގައި ވާދަކުރުން މަނާކުރުން ފަަދަ ކަންކަން ހިމެނެއެވެ. އަދި 'ތަރައްގީގެ ބޭނުންތަކަށް' ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި އާއްމުންގެ ގެދޮރު އަތުލައި އެމީހުން އެހެން ރަށްރަށަށް ބަދަލުކުރުމުގެ އިޚްތިޔާރު އެޑްމިނިސްޓްރޭޓަރަށް ލިބިދޭ ގޮތަށްވެސް ވަނީ ނިންމާފައެވެ.
ދިވެހި ބަަހުން ވާހަކަ ދައްކާ އަދި ދިވެހި ސަގާފަތެއް އޮންނަ މިނިކޮއި (މަލިކު) އަކީވެސް އާބާދީގައި %95 އަށްވެރު ގިނަ މުސްލިމުން ދިރިއުޅޭ މިރަށްތަކުގައި ހިމެނޭ ރަށެކެވެ. ލަކްޝަދީބުގެ އާބާދީއަކީ 70 ހާހެވެ. އަދި އެ ޓެރިޓަރީގެ 36 ރަށުގެ ތެރެއިން މީހުން ދިރިއުޅެނީ 10 ރަށުގައެވެ.