ސައޫދީ އަރަބިއްޔާއަކީ ސަރަހައްދުގެ ލޮޖިސްޓިކްސްގެ ނާރެހަކަށް ހެދުމަށް ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އެކުލަވާލައްވާފައިވާ މަޝްރޫއުގެ ތެރޭން ގައުމީ ދެވަނަ އެއާލައިނެއް އުފައްދަން ނިންމާފައިވާކަން އެ ގައުމުން ހާމަކޮށްފިއެވެ.
ދެެވަނަ ގައުމީ އެއާލައިނެެއްގެ ޚިދުމަތް ފެށުމުން ދުނިޔޭގެ ވައިގެ މަގުން ތަކެތި އެއްތަނުން އަނެއްތަނަށް އެންމެ ގިނައިން މީހުން އުފުލާ ގައުމުތަކުގެ 5 ވަނައަށް ސައޫދީ އަރަބިއްޔާ އަރާނެކަމަށް އެ މަޝްރޫއުގައި ލަފާކޮށްފައި ވެއެވެ. މި އެއާލައިނުގެ ސަަބަބުން ސައޫދީ އަރަބިއްޔާއިން ފުރަައިގެން ދަތުރުުކުރެވޭ މަންޒިލްތައް 250 އަށް އިތުރުވެ، އުފުލާ މުދަލުގެ އަދަދު ދެގުނަވެ، 4.5 މިލިއަން ޓަނަށް އަރާނެއެވެ.
ގައުމުގެ އިގުތިސާދު ތެލަށް ބަރޯސާވުން ކުޑަކޮށް، އިގުތިސާދީ އިތުރު ވަސީލަތްތައް އުފެއްދުމަށް އެކުލަވާލައިފާ މަޝްރޫއު އިއުލާން ކުރެއްވި ނަމަވެސް، އެކަން ހާސިލުކޮށް ގައުމީ ދެވަނަ އެއާލައިން އުފައެްދާނީ ކޮން ދުވަހެއްގައިކަން ސައޫދީން ހާމަކޮށްފައި ނުވެއެެވެ.
އާ އެއާލައިން އުފެއްދުމަށް އިންެވެސްޓްކުރާނީ 430 ބިލިއަން ޑޮލަރުގެ ސައޫދީ ޕަބްލިކް އިންވެސްޓު ފަންޑުން ކަމަށްވާއިރު، އެ އެއާލައިނާއެކު ވެރިރަށް ރިޔާޟުގައި ޒަމާނީ އެއާޕޯޓެއްވެސް ބިނާކުރެވޭނެއެވެ.
2030 ވަނަ އަހަރާއި ހަމައަށް ސައޫދީ އިގްތިސާދަކީ ތެލުގެ އިތުރަށް އެހެން އިގްތިސާދީ ވަސީލަތްތަކުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދަކަށް ހެދުމަށް ވަލީއަހުދު ކުރައްވާ މަސައްކަތްޕުޅު ނިމޭއިރު، ތެޔޮ ނޫން އެހެން ވަސީލަތްތަކުން ސައޫދީ އިގުތިސާދަށް ވަންނަ ފައިސާ 2030 ވަނަ އަހަރު 45 ބިލިއަން ރިޔާލަށް (12 ބިލިއަން އެމެރިކާ ޑޮލަަރަށް) އިތުރުކުރުމަކީ މި މަޝްރޫއުގެ އަަމާޒެވެ. އަދި މި މަޝްރޫއުގައި އަމާޒުހިފާފައި ވަނީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ގައުމީ އުފެއްދުންތެރިކަމުގައި ދަތުރުފަތުރާއި ލޮޖިސްޓިކްްސް ހިއްސާވާ މިންވަރު %6 އިން %10 އަށް އިތުރުކުރުމަށެވެ.
ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައޫދީ އަރަބިއަން އެއާލައިންސް (ސައޫދިއްޔާ) ކީ މިހާރަށް ބަލާއިރު، އެ ގައުމުގެ ބޮޑުމިނާއި ބަަލައި ސަރަަހައްދީ ދަތުރުފަތުރާއި އެތެރޭގެ ދަތުރުފަތުރުގެ އެންމެ ކުޑަ ވިއުގައެއް އޮތް އެއާލައިނެވެ. އާ ގައުމީ އެއާލައިނާއި، ވެރިރަށް ރިޔާޟުގައި ހަދާ އާ އިންޓަނޭޝަނަލް އެއާޕޯޓުން މިކަން ބަދަލުކުރުމަކީ ސައޫދީ ވަލީއަހުދުގެ މަޝްރޫއުގެ އެއް އަމާޒެވެ. ސައޫދީ އަރަބިއްޔާގެ އެތެރޭގެ ދަތުރުތަކުގައި ސައޫދިއްޔާގެ އިތުރަށް މިހާރު ހަރަކާތްތެރިވާ އެއާލައިންތަކަކީ ސައޫދިއްޔާއިން ހިންގާ ބަޖެޓް އެއާލައިން، ފްލައިޑީލްއާއި، ޕްރިންސް އަލްވަލީދު ބިން ޠަލާލްެ ބިން ޢަބްދުލްޢަޒީޒުގެ ކިންގްޑަމް ހޯލްޑިންގްސްއިން ހިންގާ އެއާލައިން ފްލައިނާސްއެވެ.