ދިވެހި އިޤްތިޞާދުގައި ބިދޭސީންގެ ނުފޫޒެއް ފެތުރެންފެށިކަމަށް ބެލެވެނީ، ރާއްޖެއަށް ވޯރާ ވިޔަފާރިވެރިން އައިސް، ރާއްޖޭގައި އުފައްދާތަކެތި ބޭރުކޮށް، ރާއްޖެއަށް ބޭނުންވާ ތަކެތި އެތެރެކުރުމުގެ ވިޔަފާރިފެށި ހިސާބުންނެވެ. މިމީހުން، ސިލޯނުގެ އިޤްތިޞާދުގެ ތެރެޔަށްވަނީ، ރާއްޖޭގައި ވިޔަފާރީގެ ޙަރަކާތްތައް ފެށުމުގެ ފަހުންނެވެ. ވޯރާވިޔަފާރިވެރިން ސިލޯނުގައި ހަރުހެދީ 1831 އިން ފެށިގެންނެވެ. ވޯރާވިޔަފާރިވެރިން ރާއްޖޭގައި ޤާއިމްވެތިބެ، ވިޔަފާރިކުރުމުގެ ހުއްދަދެވުނީ 1920 ހާ ތާނގައެވެ. އެހެންނަމަވެސް، އޭގެކުރިންވެސް، ރާއްޖެޔަށް އައިސް ވިޔަފާރީގެ ޙަރަކާތްތައް ހިންގައިފައި ވެއެވެ. މީގެއިތުރަށް މޮރިސަސްގައިވެސް ހަމައެދުވަސްވަރު، ވޯރާވިޔަފާރިވެރިން ޙަރަކާތްތެރިވިއެވެ. ފައިސާ ބޭނުންނުކޮށް، މުދަލުން ނުވަތަ ތަކެތިން ވިޔަފާރިކުރުމަށް ބޭނުންކުރެވުނު ބާރޓަރ ޓްރޭޑް، މިސަރަޙައްދަށް ތަޢާރުފް ކުރީ ވޯރާ ވިޔަފާރިވެރިންނެވެ. ސިލޯނުގެ ސައިފަތާއި ރަބަރު ބޭރުކޮށް، ހަނޑުލާއި ހަކުރު އަދި މިރުސްފަދަ ބާވަތްތައް ސިލޯނަށް އެތެރެކުރެއެވެ. ރާއްޖޭގެ ކަނޑުމަހާއި ކަށިކުނޑި އަދި ރޯނާއި ބޮލިފަދަ ބާވަތްތައް ބޭރުކުރިއެވެ. އަދި ރާއްޖެޔަށް ބޭނުންވާ ހަނޑުލާއި ހަކުރުފަދަ ކާބޯތަކެތި އެތެރެ ކުރެއެވެ.
ތަންކޮޅެއްކުރީގެ އަހަރުތަކަށް ބަލައިލާއިރު، 18 ވަނަ ޤަރުނުގެ ކުރީކޮޅު، ބަންގާޅުގައި އުފެދިފައިއޮތް މުޣަލް އެމްޕަޔަރުގެ ޝިޕިންގ ވިޔަފާރީގެ ޙަރަކާތްތައް ހުއްޓާލައިފައި ވެއެވެ. އެދުވަސްވަރު، ބަންގާޅުގައި ހަރުހަދައިގެން ތިބި ވިޔަފާރިވެރިން، ރާއްޖެޔަށް ދަތުރުކޮށް، ރާއްޖޭގެ ވިޔަފާރީގެ ތެރެޔަށް ވަދެފައި ވެއެވެ. އެހެންނަމަވެސް، މިސަރަޙައްދުގައި ވޯރާވިޔަފާރިވެރިންގެ ޙަރަކާތްތައް ފުޅައުވުމާގުޅިގެން، ބަންގާޅުމީހުން އެމަސައްކަތުން ދުރުހެލިވެފައި ވެއެވެ. އޭގެ ބަދަލުގައި ރާއްޖޭގެ އިޤްތިޞާދަށް ވަދެގެންދިޔައީ ވޯރާވިޔަފާރިވެރިންގެ ނުފޫޒެވެ. އެމީހުންގެ ނުފޫޒުގަދަވެގެންގޮސް، ރާއްޖޭގެ ސަރުކާރު ނުވަތަ އެއިރު ހުންނެވި ރަސްގެފާނު، ވޯރާވިޔަފާރިވެރިންނަށް ދަރަނިވެރިވާ ހިސާބަށް، އެމީހުންގެ ނުފޫޒު ފެތުރިގެން ދިޔައެވެ.
ވޯރާ ވިޔަފާރިވެރިންގެ 6 ޖަމާޢަތެއް، ސިލޯނުގައި ޙަރަކާތްތެރިވިއެވެ. އޭގެތެރެއިން، އެންމެ ފުރަތަމަ ސިލޯނަށް އައި ބަޔަކީ، ކަރީމްޖީ ޖާފަރުޖީ ޢާއިލާއެވެ. މިބައިމީހުން ސިލޯނަށް އައީ 1831 ގައެވެ. އެދުވަސްވަރު، ސިލޯނުގައި އެންމެ ބާރުގަދަ ވޯރާވިޔަފާރިވެރިންގެ ގޮތުގައި ތިބީ، އީޖީ އާދަމް ޢަލީގެ ޢާއިލާއެވެ. ކޮޅުނބާއި ކެންޑީ އަދި ނޫރަލިއާއިން، އަގުބޮޑު ގެދޮރާއި ބިންތައް މިބައިމީހުން ގަނެފައި ވެއެވެ. އަދި، ސައިފަތް ދަނޑާއި ރަބަރު ދަނޑުތައްވެސް ގަނެފައި ވެއެވެ. ހަބްތުﷲ ބާރީއަކީވެސް ނަން އަރާހުރި، ވޯރާ ވިޔަފާރި ވެރިއެކެވެ. މީނާގެ މަސައްކަތަކީ، ވޯރާވިޔަފާރިވެރިންގެ މުދައު ލަކުޑިބޯޓު ފަހަރުގައި އުފުލައި ދިނުމެވެ. އިންޑިއާގެ ބޮމްބޭއާއި ސިލޯނުގެ ގާލީ އަށް އަދި ރާއްޖޭގެ މާލެއާ ދެމެދު، މުދައު ހިފައިގެން މިބޯޓުތައް ދަތުރު ކުރިއެވެ. ސިލޯނާއި ރާއްޖެއާ ދެމެދު، މުދައު ހިފައިގެން ގަތުރުކުރާ އިންޖީނު ބޯޓު ދުއްވަން ފެށީވެސް، ވޯރާވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ، ނޫރުބާއީ ކިޔާ މީހެކެވެ.
އޭއެޗްއެސް ޖީވަންޖީއަކީ، ރާއްޖެއާއި އިންޑިއާގައި ވިޔަފާރި ފުޅައުކުރި ވޯރާވިޔަފާރި ވެރިއެކެވެ. އިންޑިއާގައިވެސް އަދި ރާއްޖޭގައިވެސް އޭނާގެ ފިހާރަތައް ހުޅުވައިގެން، ބާރޓާ އުޞޫލުން އޭނާގެ ވިޔަފާރި ފުޅައުކުރިއެވެ. އިންޑިއާއިން ރާއްޖެޔަށް ގެނައީ ސައިފަތާއި ފޯކާއި ކާބޯތަކެއްޗެވެ. ބަދަލުގައި ރާއްޖެއިން ބޭރުކުރީ، ހިކި ކަނޑުމަހާއި ކަށިކުނޑި އަދި ރޯނުފަދަ، ރާއްޖޭގައި އުފައްދާ ބާވަތްތަކެވެ. ރާއްޖޭގައި ވަށާ އުފައްދާ ރޯނަކީ އެޒަމާނުގައިވެސް ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މަޤްބޫލު އަދި މަޝްހޫރު އެއްޗެކެވެ. އިންޑިއާގެ އަންޑަމަން ކަރަ ނުވަތަ، އަންޑަމަން އައިލޭންޑްސް އޭ ކިޔޭ ސަރަޙައްދުގައިވެސް، ވޯރާ ވިޔަފާރިވެރިންގެ ޙަރަކާތްތައް، ހަމަ އެދުވަސްވަރު ހިންގާފައި ވެއެވެ. އެއިރު، އަންޑަމަން ކައިރީއޮންނަ މަލިކަކީ ރާއްޖޭގެ ރަށެކެވެ. ރާއްޖެފިޔަވައި، ސަރަޙައްދުގެ އެހެން ޤައުމުތަކުގައި، ވޯރާވިޔަފާރިވެރިންގެ ނުފޫޒު އޮތްމިންވަރު، މިލިޔުމުގައި ގެނެސްދީފައި އެވަނީ، ރާއްޖެފަދަ ކުޑަ އަދި އަމްދުން ޖަޒީރާވަންތަ ތަނަކަށް، އެމީހުންގެ ނުފޫޒު ފެތުރިގެންދިޔައީ ކީއްވެގެން ކަމާއި އެނުފޫޒުގެ ތެރެޔަށް ރާއްޖެވަންނަން ޖެހުނުގޮތުގެ ތަޞައްވުރެއް ގެނެސްދިނުމަށްޓަކައެވެ. ރާއްޖެއަށްވުރެ އާބާދީ ގިނަ، ބޮޑެތި ޤައުމުތަކަށް، ވޯރާވިޔަފާރިވެރިންގެ ނުފޫޒު ފެތުރިގެންދިޔައިރު، ރާއްޖޭގެ ޢާންމު ޙާލަތަކީ އެފަދަ ނުފޫޒަކުން ސަލާމަތްވާން އުނދަގޫވެދާނެ ޙާލަތެއްކަން ބަޔާންކޮށްދިނުމަށްޓަކައެވެ.
ވޯރާއިންނަކީ ކޮބައިތޯއެވެ؟ އެންމެ ފުރަތަމަ، ވޯރާ މިބަހަށް ބަލައިލަމާތޯއެވެ؟ ދިވެހިބަހުން ކިޔާ ވޯރާގެ އަޞްލު ބަހަކީ، އިންޑިއާގެ ގުޖްރާތީ ބަހެއްކަމުގައިވާ "ބޯރާ" އެވެ. މާނައަކީ، ވިޔަފާރިވެރިޔާ އެވެ. އެހެންކަމުން، ވިޔަފާރިއަކީ އެބައިމީހުންގެ ލެޔާގުޅިފައިވާ މަސައްކަތެކެވެ. އެބައިމީހުން ދިރިއުޅޭ ސަރަޙައްދުނޫން، ދުނިޔޭޣެ އެހެން ސަރަޙައްދުތަކަށް ގޮސް ވިޔަފާރިކޮށް، އޭގެ ނަފާހޯދަމުން ގެންދިއުމަކީ ވޯރާއިންގެ ލެޔާގުޅިފައިވާ މަސަކްތެކެވެ، ވޯރާއިންނަކީ ވަރަށް ވިސްނުންތޫނު، އަދި ވިޔަފާރީގެ އުކުޅުތަކަށް އަހުލުވެރި ބައެކެވެ. ފައިދާހުރި ވިޔަފާރިއަކަށްޓަކައި ކޮންމެފަދަ ބުރައެއްވެސް އުފުއްލަފާނެއެވެ.
ވޯރާއިންނަކީ، ޝީޢީ މުސްލިމުންނަށް ނިސްބަތްވާ ބައެކެވެ. މިނަސްލު އުފެދިގެންއައީ މެދުއިރުމަތިން، މިޞްރުންނެވެ. މިނަސްލު ނިސްބަތްވަނީ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަގެ ލޮބުވެތި ދަރިކަނބަލުން، ސިއްތުނާ ފާތިމަތުގެ ފާނަށެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނާ، ސިއްތުނާ ފާތިމަތުގެފާނު ކައިވެނިފުޅު ބައްލަވައިގެން ލިބިވަޑައިގެންނެވި، ޙުސައިނުގެ ފާނުގެ ދަރިކޮޅަށެވެ. ވޯރާއިންނަކީ، އިމާމް ޙުސައިނުގެ ފާނު، ކަރުބަލާގައި އަވަހާރަކޮށްލެވުނު ޙާދިސާ، ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަ ކުރަމުން އަންނަ ބައެކެވެ. މުޙައްރަމްމަހުގެ ފުރަތަމަ 10 ދުވަހު، "ޢާޝާރާ މުބާރަކާ" ގެ ނަމުގައި ދީނީ އިޙުތިފާލުތައް ބާއްވާނެއެވެ. އިމާމް ޙުސައިނުގެފާނު، ކަރުބަލާގައި ޝަހީދުކޮށްލެވުނީ، މުޙައްރަމްމަހުގެ 10 ވަނަދުވަހުއެވެ. އެމީހުން، އެދުވަހު ރޯދަޔަށް ތިބޭނެއެވެ. ވޯރާއިންނަކީ، ހުކުރުދުވަހު ޚުތުބާ ކިޔައިގެން ހުކުރުނަމާދު ކުރާ ބައެއްނޫނެވެ.
ވޯރާއިންގެ ޙަރަކާތްތައް ފެށިގެން އައީ މިޞްރުންނެވެ. އެސަރަޙައްދުގައި އުފެދިގެންއައި އިމާމުންގެ ޚިލާފަތުގެ ވެރިކަމުގެ ތެރެއިންނެވެ. ނަސަބުގެ ގޮތުން، ކައުއިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި ދަރިކަނބަލުން، ފާތިމަތުގެފާނުގެ ދަރިފަސްކޮޅަށް ލޯބިކުރާ ދީނީވިސްނުމެއްގެ ތެރެއިންނެވެ. މިޞްރުގެ ވެރިރަށް ޤާހިރާ އުފެދިގެންދިޔައީވެސް، މިޙަރަކާތާއި ވިސްނުމުގެ ތެރެއިންނެވެ. އިސްލާމްދީނުގެ އެންމެމަތީ ދީނީ މަރުކަރު އަލްއަޒުހަރު ޔުނިވަރސިޓީއަކީވެސް، ސިއްތުނާ ފާތިމަތުގެފާނަށް، ނުވަތަ ފާތިމަތުއްޒަހުރާއަށް ނިސްބަތްވާގޮތަށް އުފެއްދިފައިވާ ދީނީ މަރުކަޒެކެވެ. މިޔުނިވަރސިޓީ އުފެއްދީވެސް، އެދުވަސްވަރު ހިނގި ޢިލްމީ ޙަރަކާތްތަކުގެ ތެރެއިންނެވެ. އެއިރުވެސް، ވޯރާއިންނަކީ ވިޔަފާރީގެ ޙަރަކާތްތަކުގައި ދުނިޔެއަށް މަޝްހޫރު ބަޔެކެވެ. ފަހުގެ ތާރީޚެއްގައި ޔަމަނުގައި ރަނިކަން ކުރެއްވި ރާނީ، އަރުވާގެ ނިންމެވުމެއްގެ މަތިން، ޔަމަނުގައި ވޯރާއިންގެ އޮފީހެއް ޤާއިމްކުރެވުނެވެ. މިއޮފީސް ފަހުން ވަނީ، އިންޑިއާގެ މުމްބާއީއަށް ބަދަލުކުރެވިފައެވެ. ވޯރާއިންގެ ވިޔަފާރީގެ ރަން ޒަމާން ފެށިގެންދިޔައީ މިހިސާބުންނެވެ. އިންޑިއާގެ އިތުރަށް، އަވަށްޓެރި ޤައުމުތަކަށް، އެމީހުންގެ ވިޔަފާރި ފުޅައުކުރިއެވެ. އިންޑިއާ ފިޔަވައި، ވޯރާވިޔަފާރިވެރިންގެ ވިޔަފާރި އެންމެ ފުޅައުކުރީ ސިލޯނުގައެވެ. ސައިފަތާއި ރަބަރުގެ އަގުބޮޑު ބިންތަކާއި ޢިމާރާތްތައް ގަނެ، އަންޑަމަން، ބަންގާޅު، މޮރިސަސް އަދި ރާއްޖެފަދަ ޤައުމުތަކާއި ސަރަޙައްދަށް، އެވިޔަފާރި ފަތުރައި، ކަނޑުމަގުން މުދައު ބަދަލުކޮށް، ބާރޓަރ ޓްރޭޑް ތަޢާރުފް ކުރިއެވެ. ވޯރާއިން އުފެއްދި ވިޔަފާރި ސިލޯނުގައި މިހާރުވެސް ހިނގަމުން އެބަދެއެވެ.
ވޯރާއިންގެ ތާރީޚު ލިޔުއްވާ ލިޔުންތެރިއެއްކަމުގައިވާ، ޔޫސުފު މާމޫޖީ ހާމަކުރައްވާގޮތުގައި، ސިލޯނުގައި ވޯރާއިންގެ ވިޔަފާރި ފެށުމަށް މެދުވެރިވީ، ރާއްޖެއާއި އިންޑިއާއާދެމެދު ކުރިދަތުރެއްގެ ތެރެއިންނެވެ. ރާއްޖެއިން އިންޑިއާއަށް ދަތުރުކުރި ބޯޓެއް، މޫސުން ގޯސްވެގެން، ސިލޯނުގެ ގާލީގައި މަޑުކުރަންޖެހުނެވެ. ބޯޓުން ދަތުރުކުރި ވޯރާވިޔަފާރިވެރިންގެ ތެރޭގައި ޖައުފަރުޖީ ޢީސާޖީ ދަތުރުކުރިއެވެ. ސިލޯނުގެ ގާލީގައި މަޑުކޮށްލައިގެން ތިބިއިރު، ސިލޯނުގައި ވިޔަފާރިއަށް އޮތް ރަނުގެ ފުރުޞަތު، އޭނާ ވަޒަންކޮށް، ސިލޯނުގައި ވިޔަފާރި ޤާއިމްކުރަން ނިންމިއެވެ. އިންޑިއާގައި ތިބި ވޯރާވިޔަފާރިވެރިންނަށް މިޚަބަރު ލިބުމާއެކު، އިންޑިއާގެ އެތަންމިތަނުން، ވޯރާއިން ސިލޯނަށް އައިސް، އެމީހުންގެ ވިޔަފާރި ޤާއިމްކުރިއެވެ. ސްރީލަންކާގެ ގޯލްފޭސް އާއި ޕެޓާއާ ދެމެދުގެ ބާޒާރުމަތިން، މިހާރުވެސް ވޯރާވިޔަފާރިވެރިންގެ އަސަރު ފެންނަން އެބަހުއްޓެވެ. ޚާއްޞަކޮށް، އެދެމެދުގައި، ޕެޓާއާ ކައިރިން ވޯރާއިން ބިނާކޮށްފައިހުރި ޢިމާރާތްތަކެވެ. އެހިސާބުގައި ހިންގާ ބައެއް ފިހާރަތަކުގެ ނަންތަކަށް ބަލައިލިޔަސް، ވޯރާވިޔަފާރީގެ އަސަރުތައް އަދިވެސް ފެންނަން އެބަހުއްޓެވެ. އަދި އެބައިމީހުންގެ ދަރިސަފްކޮޅުވެސް ދިރިއުޅެމުން އެބަގެންދެއެވެ.
ބާރޓާރ ޓްރޭޑްގެ އުޞޫލާއެކު، ސިލޯނަށް، ދިވެހި ހިކިކަނޑުމަސް ތަޢާރުފްކުރީ، ވޯރާވިޔަފާރިވެރިންނެވެ. ރާއްޖެއިން ހިކި ކަނޑުމަސް ގެންގޮސް، ސިލޯނުގައި ހަނޑުލާއި ސައިފަތާ އަދި ރަބަރަށް ވިއްކައިގެންނެވެ. އަދި ރާއްޖެއަށް ސިލޯނުގެ ސައިފަތާއި ހަނޑޫ ގެނެސް، ހިކިކަނޑުމަހަށް ވިއްކައިގެންނެވެ. މިޒަމާނުގެ ސްރީލަންކާގައި، ބޮޑެތި ވިޔަފާރިތައް އަދިވެސް ވޯރާއިން ކޮންޓްރޯލް ކުރެއެވެ. އޭގެ ތެރޭގައި މަޝްހޫރު އަކުބަރު ސައިފަތްފަދަ ބޮޑެތި ވިޔަފާރިތައް ހިމެނެއެވެ. އެންމެ ފުރަތަމަ ސިލޯނަށް އައި ވޯރާވިޔަވާރިވެރިޔާ ޖައުފަރުޖީ ޢީސާޖީގެ ޢާއިލާއަށް ނިސްބަތްވާ ކުންފުނި، ޖާފަރުޖީ ބްރަދާސް އަކީ، ސައިފަތާއި ރަބަރުގެ ވިޔަފާރީގައި ފުންނާބު އުސް ކުންފުންޏެކެވެ. އަދި ހޮސްޕިޓަލްތަކާއި ބޭސްފިހާރަތައް ހިންގުމުގައި، ޔޫސުފު ޢަލީގެ ޢާއިލާއަށް ނިސްބަތްވާ ހެމާސް ގްރޫޕަކީވެސް ވޯރާއިންގެ މަޝްހޫރު ކުންފުންޏެކެވެ. މީގެ އިތުރަށް، އައިޓީގެ ވިޔަފާރއަށް ބަލާނަމަ، ލުކްމަންޖީގެ ޢާއިލާއަށް ނިސްބަތްވާ މެންކޯ ގްރޫޕާއި، ބޮމްބޭ ސްވީޓްގެ ވިޔަފާރިތައް ހިންގާ ދާއޫދު ބާއީސް އަކީ މިހާރުވެސް ސްރީލަންކާގެ އިޤްތިޞާދުގައި މުހިންމު ދައުރެއް އަދާކުރަމުންގެންދާ ބޮޑެތި ކުންފުނިތަކެވެ.
ނަގަރިއާ ޙަސަންކަލޭފާނަކީ، ރާއްޖޭގައި މަޝްހޫރު ބޭކަލެކެވެ. އެއީ، ވޯރާވިޔަފާރިވެރިންގެ ޖަމާޢަތުގެ އިސް ލީޑަރެކެވެ. ނަގަރިއާ ޙަސަންކަލޭފާނު ރާއްޖެއިން ދުރުވީ 1960 ގެ އަހަރުތަކުގެ ކުރީކޮޅުއެވެ. އެހެންނަމަވެސް، 1967 ގައި ރާއްޖެޔަށް ޒިޔާރަތް ކުރެއްވިއެވެ. ރާއްޖޭގައި ދިރިއުޅުނު، ބޯރާވިޔަފާރިވެރިންގެ އެންމެފަހު މެންބަރުންނަކީ، އެފް މުޙައްމަދު ޢަލީއާއި ތާހިރު ޢަލީ ޣުލާމް ޙުސައިނެވެ. މިދެބޭކަލުންވެސް 1980 ގެ ފަހުގެ އަހަރުތަކާ ހަމަޔަށް ދިރިތިއްބެވިއެވެ.
ރާއްޖޭގެ ވިޔަފާރީގެ ޙަރަކާތްތައް، ޤަރުނެއްހައި ދުވަހު، ވޯރާވިޔަފާރިވެރިން ކޮންޓްރޯލް ކޮށްފައި ވެއެވެ. އެއީ 1857 އިން ފެށިގެން 1962 އާ ހަމަޔަށެވެ. ތާރީޚީ ޢިލްމުވެރިން ލިޔުއްވާ ގޮތުގައި، އެދުވަސްވަރުގެ ސިޔާސީ ޙަރަކާތްތައް އޮތްގޮތުން، ކާކާގޭ ޢާއިލާއާއި އަތިރީގޭ ޢާއިލާއަކީ އަބަދުވެސް ސިޔާސީ ކޯޅުން އޮންނަ ދެ ޢާއިލާއެވެ. އަތިރީގޭ ޢާއިލާއަކީ، އަބަދުވެސް، އިނގިރޭސީންނާ ދޯޅު އަދި އިނގިރޭސީންނަށް ވާގިވެރިވާ ބައެކެވެ. ވޯރާވިޔަފާރިވެރިން ރާއްޖޭގައި ވިޔަފާރިކުރުމަށް، ހުއްދަ ދެއްވީ، އަތިރީގޭ ޢަލީ ދޮށިމޭނާކިލެގެފާނު އިސްވެ ހުންނަވައި، އެކިލެގެފާނަށް ވާގިވެރިވާ ސިޔާސީ ވާގިވެރިންގެ އެހީތެރިކަމާއެކުގައެވެ. މިހުއްދަ ދެވިފައިވަނީ، އިބްރާހީމް ނޫރައްދީނުގެ ރަސްކަމުގައެވެ. ރާއްޖޭގައި ޤާއިމްވެތިބި، ވޯރާވިޔަފާރިވެރިންގެ ފިހާރަތަކާއި ގުދަންތަކުގައި ރޯކޮށް އަންދައިލެވުނު، މަޝްހޫރު ބޮޑުހުޅުގެ ހާދިސާވެސް ހިނގާފައިފަނީ އެދުވަސްވަރުއެވެ. މިކަމާގުޅިގެން، ރާއްޖޭގައި އުފެދިގެންދިޔަ ސިޔާސީ ހަމަނުޖެހުންތައް މައިތިރިކުރުމުގެ ނަމުގައި، އަދި ރާއްޖޭގައި އޮތް އިނގިރޭސީންގެ މަޞްލަޙަތު ނުދެމެހެއްޓޭކަމުގެ އިލްޒާމު އަޅުވައި، 1887 ގައި އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ގެންދެވުނެވެ.
މިކަމާބެހޭގޮތުން ތައްޔާރު ކުރެވުނު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ، އިނގިރޭސި މަނަވަރެއް މާލޭގެ ބަނދަރަށް ގެނެސް، މާލެއާ ދިމާއަށް ބަޑިދިއްކޮށް، ބިރުވެރިކަމުގެ ޙާލަތެއްގައި ގަދަކަމުން ކަމުގައި، ތާރީޚީ ޢިލްމުވެރިން ލިޔުއްވައެވެ. ރާއްޖެ އަޅުވެތިކޮށް އިނގިރޭސީންގެ ބާރުގެ ދަށުގައި ބޭއްވުމުގައި، އިނގިރޭސީންގެ އެއް ބޭނުމަކީ، ހޮލޭންޑާއި ފަރަންސޭސިވިލާތްފަދަ ބާރުގަދަ ބައެއްގެ އަތްދަށަށް ރާއްޖެ ދިއުމުގެ ފުރުޞަތު ނައްތައިލުމެވެ. އިނގިރޭސީން ކަނޑުދަތުރުކުރުމުގައި ހުރަސްކުރާ ތަނަކަށް ރާއްޖެ ވެފައިއޮތުމާއެކު، އެކަމަށް މަގުފަހިކުރުމެވެ. އަތިރީގޭ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އެހީތެރިކަމާއެކު، ރާއްޖޭގެ ޗާޓެއް ކުރަހައި، ފަޅުތަކާއި ފަރުތައް ދެނެގަނެ، ރައްކައުތެރިކަމާއެކު ރާއްޖޭގައި ދަތުރުކޮށް، ކަނޑުދަތުރުތަކަށް މަގުފަހިކުރީވެސް އެދުވަސް ވަރުއެވެ. އެބޭނުން ފުރިހަމަވަނިކޮށް އިނގިރޭސީންނަށް ފުދެއެވެ. ދާޚިލީ އެއްވެސްކަމެއްގައި ބެހުމެއްނެތިއެވެ. އަތިރީގޭ ޢާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، އަލްއަމީރު މުޙައްމަދު އަމީނަކީވެސް އަތިރީގޭ އެހެން ބޭފުޅުންނެކޭ އެއްގޮތަށް، އިނގިރޭސީންނާ ގުޅުން ބަދަހި ބޭފުޅެކެވެ.
ވޯރާވިޔަފާރިވެރިން ޙިޞާރު ކޮށްފައި އޮތް ރާއްޖޭގެ ޢިޤްތިޞާދު ސަލާމަތް ކޮށްދެއްވައި، ރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ހޯއްދަވައިދެއްވައި، ވޯރާވިޔަފާރިވެރިން ރާއްޖެއިން ބޭރުކުރެއްވީ، އިނގިރޭސީންގެ އަތުން ރާއްޖެ މިނިވަންކޮށްދެއްވި، މިނިވަންކަމުގެ ބާނީ، އަދި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، އަލްމަރުޙޫމް އަލްފާޟިލް އިބްރާހީމް ނާޞިރު، ރަންނަބަނޑޭރި ކިލެގެފާނު، ނޣޢވ، ކޭސީއެމްޖީ އެވެ. ވޯރާއިން ރާއްޖެއިން ބޭރުކުރެވުނީ 1 އޯގަސްޓް 1962 ގައެވެ.